ކ. މާލެ
|
27 އޯގަސްޓް 2020 | ބުރާސްފަތި 10:29
ގްރޭޓަރ މާލެ ސަރަޙައްދުގައި، މިވަގުތު ކޮވިޑް19ގެ ޙާލަތު މިވަނީ ކޮންޓްރޯލުން ނެއްޓިފައި
ގްރޭޓަރ މާލެ ސަރަޙައްދުގައި، މިވަގުތު ކޮވިޑް19ގެ ޙާލަތު މިވަނީ ކޮންޓްރޯލުން ނެއްޓިފައި
ރާއްޖެއެމްވީ
ކޮވިޑް-19
ފޮއި ވެއްޓެން މިދަނީ، ދެފައި މައްޗަށެވެ!
 
ގްރޭޓަރ މާލެ ސަރަޙައްދުގައި، ކޮވިޑް19ގެ ޙާލަތު މިވަނީ ކޮންޓްރޯލުން ނެއްޓިފަ
 
މާލެ ސަރަޙައްދުގައި ފަރުވާދޭން ހުރި އެނދުތަކުގެ 62 އިންސައްތަ އެނދުތައް ފުރިއްޖެ
 
ގްރޭޓަރ މާލެ ސަރަޙައްދުގައި، މިވަގުތު ކޮވިޑް19ގެ ޙާލަތު މިވަނީ ކޮންޓްރޯލުން ނެއްޓިފައި

ކޮވިޑު19އަށް ފައްސިވެގެން، ރާއްޖެއިން، މިވަގުތު ފަރުވާ ހޯދަމުން ގެންދާ، 2000 އަށްވުރެ ގިނަ މީހުންގެ ތެރެއިން، އޮގަސްޓު މަހުގެ 26 ވަނަ ދުވަހާ ހަމައަށް 28 މީހުން މިބަލީގައި ނިޔާވެފައިވާއިރު، މާލެ ސަރަޙައްދުގައި ފަރުވާދޭން ހުރި އެނދުތަކުގެ 62 އިންސައްތަ އެނދުތައް ފުރިއްޖެއެވެ. ނަރުހުންނާއި ސިއްޙީ ޚިދުމަތްތެރިން ވަރުބަލި ވެއްޖެކަމަށް ބުނާން ފަށައިފިއެވެ. ޚިދުމަތް ދޭންތިބި މީހުންނަށާއި ފެސިލިޓީތަކަށް އޮބި ނޯންނަ ހިސާބުން، ކިރިޔާވެސް އުންމީދެއް އޮތް މީހަކަށް ފަރުވާދީ، އުންމީދުނެތް މިހާ ދޫކޮށްލަންޖެހުމަކީ، މިފަދަ ޙާލަތެއްގައި، އިޓަލީފަދަ ގައުމުތަށްވެސް މަޖުބޫރުވި ކަމެކެވެ. ނަތީޖާއަކަށްވީ ސަހަރާތަކަށް ގެންދެވޭ ސަންދޯއްތައް އިތުރުވުމެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގައި، މިވަގުތު ކޮވިޑް19ގެ ޙާލަތު މިވަނީ ކޮންޓްރޯލުން ނެއްޓިފައެވެ. މާލޭގެ ތޮއްޖެހުން އޮތް މިންވަރަށް ބަލާއިރު، މިއީ، މިފަދަ ކޮންމެ ރޯގާއެއް އެންމެ އަވަހަށް ފެތުރުމުގެ ފުރުސަތު އެންމެ ބޮޑު ތަނެވެ. މިހާރުން މިހާރަށް ފެންނަން އޮތީވެސް މިދެންނެވި މަންޒަރެވެ.

މިދިޔަ ހަފްތާގައި ޖުމްލަކޮށް ކޮންމެ ދުވަހަކުހެންމެ، އެވްރެޖް ގޮތެއްގައި 140 މީހުން ޕޮޒިޓިވް ވަމުންދިޔައިރު، ހަފްތާ ނިމުނު އިރު ދެއްކި ނަތީޖާއަކީ، އެ ހަފްތާގައި 980 މީހުން، ކޮވިޑަށް ޕޮޒިޓިވް ވުމެވެ. މިއީ ރާއްޖެފަދަ ކުޑަކުޑަ އާބާދީއެއްގެ ނިސްބަތުގައި، ބޮޑު މިންވަރެކެވެ. ސިއްސައިގެންދާ މިންވަރެކެވެ.

މިއަހަރުގެ މާރޗް މަހުގެ 7ން ފެށިގެން، އޭގެ ފަހަތަށް ހިނގި، 56 ދުވަސް ތެރޭގައި 500 މީހުން، ކޮވިޑަށް ފައްސިވިއެވެ. އޭގެ ފަހުން އިތުރު 500 މީހުން ޕޮޒިޓިވް ވާންނެގީ، އެންމެ 13 ދުވަހެވެ. މިހާރު މި ފެންނަނީ އެންމެ ތިން ހަތަރު ދުވަހުގެ ތެރޭގައި 500 މީހުން ކޮވިޑަށް ފައްސިވާ މަންޒަރެވެ. އެހެން ކަމުން މި ފެންނަނީ ވަރަށް ނުރައްކައުތެރި ޙާލަތަކަށް، ގްރޭޓަރ މާލެ ސަރަޙައްދު ގޮސްފައި އޮތް މަންޒަރެވެ.

އޯގަސްޓު މަހުގެ 11 ވަނަ ދުވަހު ނޫސްތަކުގެ ސުރުޚީގައި އޮތީ، "ކޮވިޑުގައި 20ވަނަ މީހާ މަރުވެއްޖެ" މިހެންނެވެ. އެއީ މާރޗް 7ން ފެށިގެން، އެހާތަނަށެވެ. އެހެން ނަމަވެސް، އޭގެ ފަސް ދައްކަންފެށީ އެހެނެއް ނޫނެވެ. އޯގަސްޓު 12 ގައި ނޫސްތަކުގެ ސުރުޚީގައި އޮތީ "ކޮވިޑުގައި އިތުރު މީހަކު މަރުވެއްޖެ" މިހެންނެވެ. ދެން އައީ އޯގަސްޓު ތޭރައެވެ. އެދުވަހުގެ ސުރުޚީއަކީ، "ކޮވިޑަށް ޕޮޒިޓިވްވި މީހަކު މަރުވެއްޖެ" އެވެ. ދެން އޯގަސްޓު 17ށް ޖެހިލާއިރު، ސުރުޚީ ތަފާތެވެ. ފެންނާން އޮތީ، "އަނެއްކައިވެސް މަރެއް! ޖުމްލަ23 " މިހެންނެވެ. މިއަދާއި ހަމައަށް އައިރު، 28 މީހަކު، މިވަނީ ކޮވިޑުގައި މަރުވެފައެވެ. 28 ސަންދޯއް، ސަހަރާއަށް ގެންދެވިފައެވެ.

މިހައިތަނުން ދެން ފެންނާން އޮތީ، ފިކުރު ބޮޑުވާންޖެހޭ ވަރުގެ މަންޒަރެކެވެ. ހުޅުމާލެ ފެސިލިޓީގައި ކޮވިޑަށް ފަރުވާދޭންހުރި 200 އެނދުން، މިހާރު 150ށް ވުރެން ގިނަ އެނދު ފުރިފައިވާތީއެވެ. މީގެ ކުރީންނަމަ، ކޮންމެ 5 އެނދަކަށް ނަރުހެއްލައިގެން އުޅުނުދުވަސް، މިއަދަކު ފެންނާކަށް ނެތެވެ. މިއަދު ފެންނާން އޮތީ، ކޮންމެ 30 އެނދަކަށް ނަރުހެއް ލައިގެން އުޅެން ޖެހިފައި އޮތް ތަނެވެ. އަދި މިތަންތާނގައި ތިބި، ބަލިމީހުންނަށް ޑޮކްޓަރުން ޒިޔާރަތްކުރާ ކޮންމެ ރައުންޑެއް، ނިންމާލަން 10 ގަޑީއިރު، ހޭދަކުރަން ޖެހިފައި އޮތް މަންޒަރެވެ.

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އެނބުރި ގައުމަށް ފޮނުވާލުމުގެ ތިން ވަނަ ދަތުރުގެ ތެރެއިން

ދެން މި އިވެނީ، އެއަށްވުރެން ހާސްވާންޖެހޭ އަޑެކެވެ. ޚިދުމަތްދޭންތިބި ނަރުހުންވެސް ކޮވިޑަށް ޕޮޒިޓިވް ވަމުން އައުމާއެކު، ޙާލަތަށް ލުޔެއް ލިބެމުން ނުދާނަމަ، ސިއްޙީ އެހީތެރިންގެ "ޝޯޓޭޖް" އެބަ އޮތޭ، ބުނާ އަޑެވެ. ހަމައެކަނި ޝޯޓޭޖެއް ނޫނެވެ. "ނަރުހުން ވަރުބަލިވެއްޖެއޭ" މި އަޑުވެސް އިވެން ފަށައިފިއެވެ.

ބައެއް ނަރުހުން، ރެއާދުވާލު، އަރާމެއްނެތި މަސައްކަތް ކުރަމުންގޮސް، އެތައްތަނެއް ލުއިވެއްޖެއެވެ. ހަމައެކަނި ލުއި ވީއަކީ ނޫނެވެ. މާބޮޑަށް ވަރުބަލިވެސް ވާން ފެށިއެވެ. އެއީވެސް އިންސާނުންނެވެ. އިންސާނަކަށް 24 ގަޑީ އިރުގެ ތެރޭގައި، މަސައްކަތް ކުރެވޭނީ ކޮންމެވެސް ވަރަކަށެވެ. ރޭގަނޑުގެ ނިދިވެސް، އެމީހުންނަށް، އެހެން މީހުންނެކޭ އެއްގޮތަށް ބޭނުންވާނެއެވެ. ޢާއިލާއާއިއެކު، އެހެން މީހުންނަށް އުޅެވޭއިރު، ނަރުހުން އާއިލާއާއި ދުރުގައި އެކަހެރިވެގެންތިބެ، އެ އުފުލަނީ، ވަރުބަލި ނުވާވަރުގެ ބުރައެއް ނޫނެވެ.

ކުށްލިއަކަށް އިވޭން މި ފަށަނީ، "ނުތަކާ" މި ލަފުޒުގެ އަޑެވެ. މި އަޑު އިޓަލީ ވިލާތުން އިވެންފެށީ، ވައިރަހަށް، ފައްސިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، ފަރުވާ ހޯދަން އަންނަ މީހުންނަށް، ޚިދުމަތްދޭނެހާ ނަރުހުންނާއި، ފެސިލިޓީއާއި، ޑޮކްޓަރުން މަދުވި ދަނޑިވަޅުގައެވެ.

އެހައިތަނުން، މިސާލަކަށް ތޮއްޖެހުމެއް އޮތް ރެސްޓޯރެންޓަކުން، އޯޑަރު ނަގަން އަންނާނެ ވެއިޓަރުނ ނެތިގެން ކިއުގައި އެތައް އިރަކު ތިބެންޖެހޭ ގޮތަށް، ހޮސްޕިޓަލްތައްވެސް ބަދަލުވެގެން ދާނެއެވެ. ޕޭޝަންޓުންތައް ތޮއްޖެހުމުންނެވެ. އެވަރަށް ޚިދުމަތްދޭނެ މީހުންނާއި އެނދު ނެތީމައެވެ. ވެންޓިލޭޓަރުވެސް ނެތީމައެވެ.

އެ ޙާލަތުގައި އިވޭނީ، މިބުނާ ލަފުޒެވެ. "ނުކަތާ" އެވެ. މާނައަކީ، އެ އޮތީ، ފުރަތަމަ އިސްކަން ދޭންވީ ކެޓެގެރީ ދެނެގަތުމުގެ ވަގުތު ޖެހިފައެވެ. ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު އޮތް މީހާއަށް އަޅައިލަން ޖެހިފައެވެ. މިދެންނެވީ ރާއްޖޭގެ ވާހަކައެއް ނޫނެވެ. ދުނިޔެ، ކޮވިޑް19ގައި ކޮށްފައި އޮތް ތަޖުރިބާގެ ވާހަކައެވެ. ޚިދުމަތްދޭންތިބި މީހުންނަށް ނުކަތާ ވަރަށް ތޮއްޖެހެން ފެށުމުން، ކަން ވަމުން ދިޔަ ގޮތުގެ ވާހަކައެވެ.

ރާއްޖެއިން ކޮންމެ ދުވަހަކު ކޮވިޑް ޖެހޭ މީހުންގެ ޢަދަދު މި ދަނީ އިތުރުވަމުން

މި ފަހަކަށް އައިސް، ރާއްޖޭގެ މި ކުޑަ އާބާދީގެ ތެރެއިން، ކޮންމެ ދުވަހަކުހެން ކޮވިޑް ޖެހޭ މީހުންގެ ޢަދަދު މި ދައްކަނީ ތިން އަކުރުންނެވެ. 26 ވަނަ ދުވަހު 178 މީހުން ޕޮޒިޓިވް ވިއެވެ. އޭގެ ތެރެއިން 103 ދިވެހީން ހިމެނުނެވެ. މިހެން މި ޢަދަދުތައް ދައްކަމުންދާއިރު، ބަލިވެގެން އަންނަހާ ބަޔަކަށް ފަރުވާ ނުދެވިގެން އުޅެންޖެހޭ ދުވަސް އޮތީ ދާދި ގާތުގައެވެ. އެ ޙާލަތުގައި ރާއްޖެއިން މަރުވާ މީހުންގެ ޢަދަދު ބޮޑުތަނުން މަތިވެގެން ދާނެއެވެ.

ދިވެހިރާއްޖެއަށް ކޮވިޑުން އަރައިގަތުންވެސް މުހިންމެވެ. ހަމަ އެހެންމެ އިގްތިސާދު ކުރިއަށް ގެންދަންވެސް އެހާމެ މުހިންމެވެ. އަނެއްކައި އަލުން ލޮކްޑައުނަކަށް ހިނގައްޖެނަމަ، ވަޒީފާގެއްލި، ޖީބުހުސްވެ، އެއްޗެއް ލިބޭނެ މަގުވެސް ފެންނާންނެތް، އެތަކެއްހާސް ބަޔަކު، ބަނޑަށް ޖެހެން ފަށާނެއެވެ. މަޖާޒީ ގޮތަކަށް ބުނާނަމަ، "އެވެސް މަރެވެ. މިވެސް މަރެވެ" މާނައަކީ ސަހަލު އެއްގޮތެއްވެސް ނެތެވެ!

ދެ މަސްދުވަހުގެ ލޮކްޑައުނަކަށްފަހު، ޖުލައި 15ގައި، ރާއްޖޭގެ ބޯޑަރު ހުޅުވާލިއިރު، ރާއްޖެއަކީ، މިއަދު މި ފެންނަހާ ގިނަ ޢަދަދަކަށް ކޮވިޑު19އަށް، މީހުން ފައްސިވަމުން ދިޔަ ގައުމެއް ނޫނެވެ. އެހެންކަމުން، ފަތުރުވެރިކަމަށް ދިރުން ލިބުމުގެ އުންމީދު އޭރު އޮތެވެ. އޭރަކު، ރާއްޖެއިން ކޮވިޑަށް ފައްސިވާ މީހުންގެ ޢަދަދު ފެންނާންއޮތީ ތިން އަކުރަކު ނޫނެވެ. ނަމަވެސް، މިއަދު މި ވައިރަސް ފެތުރުމުގައި، ރާއްޖޭގެ ޙަގީގީ މަންޒަރު، ދުނިޔެ އޮތީ ބަލާށެވެ. ރާއްޖެއަށް އަންނާން ބޭނުންވެފައިބި ފަތުރުވެރީން ތިބީ، މިދައްކާ މަންޒަރު ބަލާށެވެ. ރާއްޖެއިން ފެންނާންފެށި ތިންއަކުރުގެ ޢަދަދު ތަކަށްފަހު، ފަތުރުވެރިކަމުގެ އުންމީދުގެ ހުޅިކޮޅު ކަނިވާން ފެށީ، ކުރިން ލަފާކުރި ގޮތާ މުޅިން ޚިލާފަށެވެ.

މިއަދުގެ ޙަގީގަތަކީ، ރާއްޖެއަށް އަންނަން ކުރިން ހަދާފައި ހުރި، ބައެއް ބުކިންތައް ކެންސަލްވާން ފެށުމެވެ. އެއީ، ރާއްޖެއިން މި ފެންނަ ކޮވިޑު19ގެ އަސަރެވެ. މި ފެށޭ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ބައެއް ރިސޯޓުތައް ހުޅުވަން ތައްޔާރުވަމުން ދިޔައިރު، ބުކިންތައް ދައްކަމުން ދިޔަ މިންވަރާއި، މިއަދާއި ތަފާތެވެ. ބައެއް ރިސޯޓުތަކުގެ ބުކިންތައް ކެންސަލް ވަމުން ގޮސް 10 އިންސައްތަ އަށްވުރެ ދަށަށް ހިނގައްޖެއެވެ!

ކޮވިޑް19 އާއި ގުޅިގެން، ޖީ.ޑީ.ޕީ އެންމެ ބޮޑަށް، ދަށަށް ދިޔަ 5 ވަނަ ގައުމަކީ ރާއްޖެ

ރާއްޖެއަކީ، އިގްތިސާދުގެ ބޮޑުބައި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ގައުމެކެވެ. މާރޗް މަހުގެ ތެރޭގައި ފަތުރުވެރިކަން ހުއްޓުމާއި އަދި ރާއްޖެ ލޮކްޑައުނަކަށް ދިއުމާއި ވިދިގެން، އިގްތިސާދީ ގަޑީގެ ކަށި ހިނގަމަކުންނެއް ނުދެއެވެ. އޭގެ ހެއްކަކީ، މީރާއަށް ދައްކަމުންދިޔަ ޓެކްސަށް އައި ބަދަލެވެ. އަހަރުގެ ފުރަތަމަ ކުއާޓަރގައި ޓެކްސްގެ ގޮތުގައި 4.35 ބިލިއަން ރުފިޔާ ލިބިފައި ވީނަމަވެސް، ދެވަނަ ކުއާރޓަރގައި ޓެކުހަށް ދެއްކި ވަރު، 75 އިންސައްތަ ދަށަށް ދިއައެވެ. މިއަހަރުގެ 3 ވަނަ ކުއާޓަރުގެ ހާލަތު ފެންނާނީ، އޯގަސްޓު މަހަށް ފަހުގައެވެ.

މިހާތަނަށް ދީފައިވާ ޓެކުހުގެ ލުއިތަކާއި، ފަސްކޮށްދީފައިވާ ކުލިތަކާއި، މި ކަންކަމަށް ބަލާއިރު، ދެންވެސް ފެންނާން އޮންނާނީ، އިގްތިސާދު ނުމިޔަނުދިރި އޮތް ތަނެވެ. ސަބަބަކީ، މީރާއަށް ލިބޭ ޓެކުހުގެ ބޮޑު އިންސައްތަކީ،( ގާތްގަނޑަކަށް 46 އިންސައްތަ) ޖީ.އެސްޓީއަށްވެފައި، ޖީ.އެސްޓީގެ ބޮޑުބައެއްވެސް، ބަރޯސާވެފައި އޮންނަނީ ފަތުރުވެރިކަމަށް ވީތީއެވެ.

ކޮވިޑް19 އާއި ގުޅިގެން، ގައުމީ އުފެއްދުން ތެރިކަން (ޖީ.ޑީ.ޕީ) އެންމެ ބޮޑަށް، ދަށަށް ދިޔަ 5 ވަނަ ގައުމަކީ ރާއްޖެއެވެ. ވޯލްޑްބޭންކާއި، ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން، އެއްކުރި މަޢުލޫމާތުގެ އެހީގައި މިދިރާސާކޮށް، ޢާންމު ކޮށްފައިވަނީ، އެމެރިކާގެ "ވިސާ ވެއިވާ" ފާމުންނެވެ. މި ދިރާސާއިން އެމީހުންނަށް ދެއްކި ގޮތުގައި، ރާއްޖޭގެ ޖީޑީޕީގެ 6.9 އިންސައްތަވަނީ ދަށަށް ގޮހެވެ. މި ދެންނެވި ދިރާސާ އަމާޒު ކޮށްފައިވަނީ އެންމެ ބޮޑަށް ޓޫރިޒަމަށް ބަރޯސާވެފައި އޮތް ގައުމު ތަކަށެވެ. މިއިން އެ ދައްކަނީ، ހީނަރުވެފައިވާ ޓޫރިޒަމްގެ ސަބަބުން، ރާއްޖޭގެ ޖީ.ޑީ.ޕީއަށް ކޮށްފައިވި ނުރަނގަޅު އަސަރެވެ. ކޮވިޑް19 ކޮންޓްރޯލް ނުކުރެވި މިހެން ދާނަމަ، ރާއްޖޭގެ ޖީ.ޑީ.ޕީ މައިނަސް 11ށް، ވެއްޓޭނެ ކަމަށް ، އިކޮނޮމިކް މިނިސްޓްރީންވެސް، މީގެކުރީން ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން، ދިވެހިރާއްޖެއިން، މިއަދު ފެންނާން މިއޮތީ، ވަރަށް ތަފާތު މަންޒަރެކެވެ. މިއަދު މި ފެންނަނީ، އެންމެ ރިހޭފައެއް ނޫނެވެ. ދެފައެވެ. ރިހޭފައިމައްޗަށް ފޮއި ވެއްޓުމޭ ބުނާހެން، މިއަދު ފޮއި ވެއްޓެން މިދަނީ، އަހަރެމެން ދިވެހީންގެ ދެފައި މައްޗަށެވެ! މި ޙާލަތުގައި، އިގްތިސާދަށް ދިރުން ގެނެސްދޭންވެސް އަދި މި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރަންވެސް މިތިބީ، ހަމަ ދިވެހީންނެވެ. ވައިރަސް ފެތުރޭ އަދަދު 3 އަކުރުގައި ހުރެގެން، އިގްތިސާދަކަށްވެސް، ދިވެހީންގެ ފުރާނަތައް ސަލާމަތް ކުރުމަކަށްވެސް، ސިއްޙީ ޚިދުމަތް ދޭންތިބި ބަޔަކަށްވެސް، ރައްކަލެއް ނެތެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
5%
21%
53%
0%
0%
21%
ކޮމެންޓް
27 އޯގަސްޓް 2020 | ބުރާސްފަތި 19:15
ފުރަތަމަ ރާއްޖެގަ އޮތް ލޮކްޑައުން މިހާހިސާބަށް ބޭވިނަމަ މި ބަލި މި ރާއްޖޭއިން އެއްކޮށް ދިޔައީސް އަދި އާމު ދިރިއުޅުމަށް(ނޯމަލް) ރުޖޫއަ ވެވުނީސް. ނަމަވެސް ރައްޔިތުން ތަމްސީލުކުރުމުގެ ނަމުގަ މަޖިލީހަށް ވަދެ ތިބި މީހުންނަށް މި އާދައިގެ ކަމަކަށް ވީމަ ވާނެގޮތް މީ
27 އޯގަސްޓް 2020 | ބުރާސްފަތި 15:48
ތޯތޯ
ދެންވެސް ތިބިއްޔާތިބި ސިއްހީ މީހެއް ބަދުނާމުކޮށް ޑީމޯޓިވޭޓް ކޮށްލާ