ކ. މާލެ
|
24 އޯގަސްޓް 2020 | ހޯމަ 14:08
ހިޔާ މަޝްރޫއުގެ ދަށުން އިމާރަތް ކޮށްފައިވާ ފްލެޓްތައް- މި ފްލެޓްތަކާ ގުޅިގެން ބޮޑެތި މައްސަލަތަކެއް ދަނީ ފެންމަތިވަމުން
ހިޔާ މަޝްރޫއުގެ ދަށުން އިމާރަތް ކޮށްފައިވާ ފްލެޓްތައް- މި ފްލެޓްތަކާ ގުޅިގެން ބޮޑެތި މައްސަލަތަކެއް ދަނީ ފެންމަތިވަމުން
މުހައްމަދު ފަޒީން
ހިޔާ މަޝްރޫއުގެ ހިޔާނަޔް
ކުރީ ސަރުކާރުން ވަކި ބަޔަކަށް ފްލެޓް ދިނުމަށް މަކަރާ ހީލަތް ހަދާފައިވާ ކަމުގެ އެތައް ހެއްކެއް!
 
މާލޭ ރަށްވެހިންގެ ގިންތިއާ ގުޅޭ ކަންބޮޑުވުމެއްވެސް ކޮމިޓީން ފާހަގަކުރި
 
އެއްވެސް ބަޔާނެއް ދީފައިނުވާ ފަރާތްތަކަށްވެސް ޕޮއިންޓް ލިބިފައިވޭ
 
ދިރިއުޅުމުގެ ޙާލަތު ބަލާފައިވާކަން ލިއެކިއުމުން އެނގޭކަށް ނެތް

ހިޔާ މަޝްރޫއުން ފްލެޓް ދޫކޮށްފައިވަނީ ބޭއިންސާފުންކަމަށާއި، އުސޫލުން ބޭރުން ކަންކަން ކުރިއަށް ގެންގޮސްފައިވާކަމުގެ ޝަކުވާތަކާއެކު، އެކަންކަން ބަލައި ވިލަރެސް ކުރުމަށް މި ސަރުކާރުން ވަނީ ފްލެޓް ކޮމިޓީއެއް ޤާއިމުކޮށް އެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ފްލެޓުތައް ދީފައިވާ އުސޫލުތައް ބަލައި، އެކަން ހިނގާފައިވާ ގޮތް ދިރާސާކޮށް، ހައުސިން ލިސްޓުތައް އަލުން ރިވިއުކޮށްފައިވާއިރު، ފްލެޓް ދީފައިވާ ގޮތާމެދު ކޮމިޓީން ފާހަގަކުރި ކަންކަމުން ލިބިގެން ދިޔައީ ބޮޑު ޝޮކެކެވެ. ވަކި ބަޔަކަށް ފްލެޓް ދިނުމަށްޓަކައި، ރޭވި އިންތިޒާމް ވެގެން ނާއިންސާފުން ކޮށްފައިވާ އެތައް ކަމެއް ކޮމިޓީން ފާހަގަކުރި ކަންކަމުން ދަނީ ފެންމަތިވަމުންނެވެ. އެހެން ކަމުން އޭރުގެ ސަރުކާރުން ފްލެޓުތައް އެވޯރޑް ކޮށްފައިވަނީ އޭގެ ޙަޤީޤީ ޙައްޤުވެރިންނަށް ކަމާމެދު، އުފެދުނު ސުވާލުތަކުގެ ޖަވާބު ކިތަންމެ ރަނގަޅަކަށްވެސް ލިބިގެން ހިނގައްޖެއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީން ވަނީ އާންމު ކޮށްފައިވާ ކެޓެގަރީ ތަކުގެ ތެރެއިން ކޮންމެ ކެޓަގަރީއެއްގެ ވެސް ޝަރުތު ހަމަވެފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާއި، ޝަރުތުހަމަނުވާ ފަރާތްތައް ޝަރުތު ހަމަވެފައިނުވާ ސަބަބު އަދި ކޮންމެ ފޯމަކަށްވެސް 2018 ވަނަ އަހަރު ހައުސިންގ މިނިސްޓްރީން ދީފައިވާ ޕޮއިންޓްތައް ހާމަކޮށްފައެވެ. އެއާއެކު ފާހަގަ ވެގެން ދިޔަ ކަމަކީ ކޮންމެ ކެޓެގަރީއަކުންވެސް ދިރިއިޅުމުގެ ޙާލަތު ބެލުމަށްފަހު ޕޮއިންޓް ދިނުމަށް (30 ނުވަތަ 40) ކަނޑައަޅާފައި ވާއިރުވެސް، ދިރިއުޅުމުގެ ޙާލަތު ބަލާފައިވާކަން ލިއެކިއުމުން އެނގެން ނެތްކަމެވެ.

އެއާއެކު އުފެދޭ ސުވާލަކީ އެންމެ އެކަށީގެންވާ ގޮތެއްގައި ދިރިއުޅުމުގެ ޙާލަތު ބެލިފައިނުވާއިރު، އޭރުގެ ސަރުކާރުން ފްލެޓް ޙައްޤުވާ މީހުން ކަނޑައެޅިގެން ދިޔައީ ކިހިނެއް ހެއްޔެވެ؟ ނުވަތަ ދިރިއުޅުމުގެ ޙާލަތު ވަޒަން ކުރާ ބަޔަށް މާކުސް ދިނީ ކިހިނެއް ހެއްޔެވެ؟

ދިރިއުޅުމުގެ ޙާލަތު ބަލާފައިވާކަން ލިއެކިއުމުން އެނގޭކަށް ނެތް!

ފްލެޓަށް އެދި ހުށަހެޅި ފޯމުތައް އޭރު ބެލެހެއްޓި އިދާރީ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެއެމްވީ އަށް ކިޔައިދީފައިވާ ގޮތުގައި، ހައުސިންގި މިނިސްޓްރީ ބަލައިގަތް 22 ހާހެއްހާ ފޯމުތައް ހުރީ މިނިސްޓްރީގައި ބަހައްޓާފައެވެ. އޭގެ ތެރެއިން އިވެލުއޭޓް ކުރުމަށް "ކޮމިޓީ" އަށް ގެންދިޔައީ، ކޮމިޓީން ގުޅާފައި ގެންނަން ބުނާ ފޯމުތަކެކެވެ. އޭގެ މާނައަކީ ހުރިހާ ފޯމެއް އެއް މިންގަނޑަކުން އިވެލުއޭޓް ކުރުމުގެ ބަދަލުގައި އެ ކޮމިޓީއަށް ފެންނަ ފޯމުތަކެއް ގެންގޮސް އެ "ހަދާ އެއްޗެއް ހަދާ" ފްލެޓް އެވޯޑް ކުރީއެވެ.

އޭގެ އިތުރުން، ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ ދިރިއުޅުމުގެ ޙާލަތަށް ޕޮއިންޓް ދީފައިވަނީ ފޯމު ހުށައެޅި ފަރާތުން ފޯމުގައި ލިޔެފައިވާ ބަޔާނެއްގެ މައްޗަށް ކަމަށް ކުރީގެ ހައުސިންގ މިނިސްޓްރީން މަޢުލޫމާތު ދީފައިވީނަމަވެސް، އެއްވެސް ބަޔާނެއް ދީފައިނުވާ ފަރާތްތަކަށްވެސް ޕޮއިންޓް ލިބިފައިވާކަން ކޮމިޓީން ފާހަގަ ކުރި ކަމެވެ. އެގޮތުން ފްލެޓް ދީފައިވާއިރު، ޕޮއިންޓް ދިނުމުގެ އެއްވެސް ޢުޞޫލެއް ނެތްކަން ކޮމިޓީން ވަނީ ފާހަގަ ކޮށްފައެވެ. އެކަން ކޮމިޓީގެ މެމްބަރު ތޯހާ މުޙައްމަދުވެސް ފާހަގަ ކުރެއްވިއެވެ.

އޭރު ފްލެޓް ދީފައިވާއިރު، ދިރިއުޅުމުގެ ޙާލަތު ބެލޭނެ ރަނގަޅު އުސޫލެއް ޤާއިމުވެފައެއް ނެތް، އެހެންވެ ހައުސިންގ މިނިސްޓްރީގެ ލަފާގެ މަތިން ކޮމިޓީން ވާނީ ދިރިއުޅުމުގެ ޙާލަތު ކަށަވަރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި، ދިރިއުޅުމުގެ ޙާލަތު ބަަލައި ނިންމުމަށްފަހު ވާނީ ލިސްޓު ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި،
ފްލެޓް ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދު
ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މާާލެއިން 600 އަކަފޫޓަށް ވުރެ ބޮޑެތި ބިން ހުރި ފަރާތްތަކަށްވެސް ފްލެޓް!

ފްލެޓު ދޫކޮށްފައިވާއިރު ބިންވެރިކަން އެއްވެސް ވަރަކަށް ކަށަވަރު ކޮށްފައި ނެތުންވެސް މިއީ ކޮމިޓީން ފާހަގަކުރި ބޮޑު ކަންބޮޑުވުމެކެވެ. އެގޮތުން މާލެއިން 600 އަކަފޫޓަށް ވުރެ ބޮޑެތި ބިން ނުވަތަ ފުލެޓު ހުރި ފަރާތްތަކަށްވެސް ފްލެޓް ދިނުމަށް ލިސްޓްގައި ހިމެނިފައިވާކަމަށް ކޮމިޓީން ބުނެއެވެ. ނުހަނު ދަތި ޙާލުގައި މާލޭގައި ދަރިންނާއި އާއިލާ ގޮވައިގެން ތޮއްޖެހިގެން އުޅެމުންދާއިރު، 600 އަކަފޫޓަށްވުރެ ބޮޑެތި ބިމާއި ފްލެޓް ހުރި ފަރާތްތަކަށްވެސް މި ލިސްޓުން ފްލެޓް ދޫކުރެވިފައިވުމަކީ، ފްލެޓް އެވާރްޑް ކޮށްފައިވާ ގޮތާމެދު އިތުރު ސުވާލުތަކެއް އަދި ތުހުމަތުތަކެއް ކުރެވޭނެ ޖާގަ އޮތް ކަމެކެވެ. މިސާލެއްގެ ގޮތުން އަމީން އެވެނިއު ގައި ފުލެޓު ހުރި ފަރާތްތައްވެސް ރައީސް ޔާމީން ސަރުކާރުން އެކުލަވާލި ފްލެޓް ލިބުނު މީހުންގެ ލިސްޓުގައި ހިމެނިފައިވާކަން ކޮމިޓީން ފާހަގަކުރިއެވެ.

މާލޭ ރަށްވެހިންގެ ގިންތިއާ ގުޅޭ އިތުރު ކަންބޮޑުވުމެއްވެސް ކޮމިޓީން ފާހަގަކުރިއެވެ. އެއީ ބައެއް މިންގަނޑުތަކުން މަތިން ޕޮއިންޓް ދީފައިވާއިރު، ޕޮއިންޓް ދީފައިވަނީ އޮންނަ އުސޫލުގެ ދަށުން ނޫން ކަމުގައި ވުމެވެ. މިސާލަކަށް ދަރިންގެ ޢަދަދު ހަމައެކަނި އައި.ޑީ ކާޑުން ބެލުމަށްފަހު ޕޮއިންޓް ދީފައިވާއިރު، އެކަމުގެ ސަބަބުން ދޮންދަރީންނަކީވެސް ދަރިންގެ ގޮތުގައި ގުނި ދަރިންގެ ބަޔަށް ބައެއް ފަރާތްތަކަށް މަތިން ޕޮއިންޓް ލިބިފައިވެއެވެ. އަދި އެފަދަ 120 މައްސަލައެއް ފާހަގަ ކުރެވުނު ކަމަށް ފްލެޓް ކޮމިޓީގެ މެމްބަރު ތޯހާ މުޙައްމަދު ވިދާޅުވިއެވެ.

އަދި ހަމަ އެއާއެކު، ފޯމު ހުށައެޅި ދުވަހާ ހަމައިން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީ ކޮށްފައި ނުވާ ފަރާތްތަކަށްވެސް ނުކުޅެދުންތެރިކަން ހުންނަ ބަޔަށް ޕޮއިންޓް ލިބިފައިވާކަން ކޮމިޓީން ވަނީ ފާހަގަ ކޮށްފައެވެ.

ދަފްތަރުގެ ބައިން ޕޮއިންޓް ދިނުމުގައިވެސް އޮތީ މަކަރާ ހީލަތް!

ކޮމިޓީން ބެލި ބެލުންތަކުން އެނގޭ ގޮތުގައި ދަފްތަރުގެ ބައިން ޕޮއިންޓް ދިނުމުގައިވެސް އޮތީ މަކަރު ހީލަތް ހަދާފައެވެ. އެގޮތުން ފޯމު ހުށައެޅި ދުވަހު ދަފްތަރުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކަށްވެސް ދަފްތަރު ކެޓެގަރީން ފުލެޓު އެވޯޑް ކޮށްފައިވެއެވެ. ނުވިތާކަށް ދަފްތަރުގައި އަލަށް ރެޖިސްޓްރީކުރާ ފަރާތްތަށް، ފޯމާއިއެކު ހުށައަޅާ 2 ހެކިވެރިންގެ ބަޔާނެއްގެ މައްޗަށް ބިނާކޮށް އެތައް އަހަރަކު ދަފްތަރު ރެޖިސްޓްރީގައި ޖެހި ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށްވުރެ މަތިން ފޯމުލީ ދުވަހު ދަފްތަރުގައި ޖެއްސި ބައެއް މީހުންނަށް ޕޮއިންޓް ލިބިފައިވާކަމަށް ކޮމިޓީން ބުނެއެވެ. މިއީ ކަނޑައެޅިގެން ވަކި ފަރާތަކަށް ފްލެޓް ދިނުމަށް ގަސްދުގައި ބަޔަކު ހިންގާފައިވާ ކަރަޕްޝަންގެ އަމަލެއް ކަމަށް ބެލޭނެ ޖާގަ އޮތް ކަމެކެވެ.

ފްލެޓް ކޮމިޓީން ކުރި ދިރާސާތަކުން އިތުރަށް ހާމަވެގެން ދިޔަ ގޮތުގައި ކުރިން ހައުސިންގ މިނިސްޓްރީން ހިޔާ މަޝްރޫޢުގެ ފޯމުތައް ދިރާސާ ކުރިއިރު، ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓް ދެނީ މިނިސްޓަރުގެ ބިއުރޯގެ ތެރެއިން ކަން އެނގިގެން ގޮސްފައިވާކަމަށް ބުނެފައިވެއެވެ. މިނިސްޓްރީގެ ތެރެއިން އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހިޔާ ފޯމުތަކުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނާ ހިސާބަށް އަންނަނީ ހަމައެކަނި ފޯމު ނަންބަރުތަކެއް ޖަހާފައިވާ ލިސްޓެއް ކަމަށް ވެއެވެ.

އަދި މި ފޯމުތައް ވަކިން ނަގައިގެން ބިއުރޯއަށް ގެންދަންޖެހޭކަމަށް މައުލޫމާތު ލިބިފައިވާކަމަށްވެސް ކޮމިޓީން ފާހަގަކުރިއެވެ. އެހެން ކަމަށް ވާނަމަ ސީދާ ހައުސިންގ މިނިސްޓަރު މަގާމުގެ ނުފޫޒް ވަކި ބަޔަކަށް މަންފާއެއް ހޯދައި ދިނުމަށް މަސައްކަތް ކޮށްފައިވާކަން މިއޮތީ ސާފުކޮށް އެނގޭށެވެ. އެކަމަށް ހެކިވާ މުވައްޒަފުން މިއަދުވެސް މަސައްކަތުގައި އެބަތިއްބެވެ.

ހައުސިންގ މިނިސްޓްރީގެ އޭރުގެ ބޭފުޅުންނަށް ކުރެވުނު މަޝްވަރާއިން އެނގުނީ އޭރު ދިރިއުޅުމުގެ ހާލަތު ބަލާފައިވަނީ އެޕްލިކެންޓުގެ ބަޔާނުގެ މައްޗަށް ބިނާ ކޮށްފައިކަން، އެހެން ނަމަވެސް އަޅުގަނޑުމެންނަަށް ބެލި ބެލުމުން ފާހަގަ ވެގެންދިޔަ ކަމަކީ އެފަދަ ބަޔާނެއް ނެތިވެސް ޕޮއިންޓް ދީފައިވާކަން، އެގޮތުން ޕޮއިންޓް ދިނުމުގެ އެއްވެސް އުސޫލެއް ނެތްކަން ފާހަގަވި
ފްލެޓް ކޮމިޓީގެ މެމްބަރު ތޯހާ މުޙައްމަދު

ފްލެޓް ލިބުނު މީހުންގެ ލިސްޓު އެކުލަވާލުމުގައި ނިމިދިޔަ ސަރުކާރުން އަމަލު ކޮށްފައިވާ ގޮތް ސާފުވެގެން ދިޔައިރު، މިކަމުގައި އޮޅުވާލުމާއި، މަކަރު ހީލަތް ހެދުމާއި، މަގާމުގެ ނުފޫޒް ބޭނުންކޮށްގެން ވަކި ބަޔަކަށް މަންފާއެއް ހޯދައި ދިނުމަށް މަސައްކަތް ކޮށްފައިވާކަން ކިތަންމެ ސާފުކޮށްވެސް ފެންނާން އެބައޮތެވެ. ރައްޔިތުންގެ ނަމުގައި ބޮޑު ލޯނެއް ނަގައިގެން ނިކަމެތިންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގައި ހިންގި މަޝްރޫއުގެ ކަންކަން ބެލި ވަރަކަށް ފެންނަމުންދަނީ ކަރަޕްޝަނާއި ފަސާދަ ނޫން އެހެން އެއްޗެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
12%
8%
8%
62%
0%
12%
ކޮމެންޓް
12 އޮކްޓޯބަރ 2020 | ހޯމަ 07:45
ހޮޅި މުއިއްޒު
ތީ އެއްމެނަށް އިނގޭ ހަގީގަތެއް.... ސުވާލަކީ ތިޖަރީީމާ ހިންގި ބައިގަނޑު ހައްޔަރުކޮށް ތަހުގީގު ހިންގަނީ ކޮންއިރަކުންތޯ؟؟؟؟؟
5 އޮކްޓޯބަރ 2020 | ހޯމަ 00:22
އައި ފާނު
މިހާރުންމިހާރަށް މުއިއްޒު ހައްޔަރުކޮށް ތަހްގީގް ހިންގަންޖެހޭ.