ކ. މާލެ
|
15 އޯގަސްޓް 2020 | ހޮނިހިރު 15:43
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު
ރައީސް އޮފީސް
ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ މެސެޖެއް
އަލީ ޒާހިރުގެ މާނަފުން މެސެޖެއް ޓުވީޓަކުން
 
ސީދާ ކޮންވާހަކައެއްކަން ޔަގީންކޮށް ބުނަން ނޭނގޭ

ރާއްޖޭގެ ސިޔާސީ މައިދާނަށް ބޮޑު ރާޅެއް ބިންދާލައި، ރައީސް އިބްރާހިމް ސޯލިހުގެ އެންމެ އަރިސް އަދި އެންމެ އިތުބާރު ކުރައްވާ އެއް ވަޒީރުކަމަށްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުއްލި ހައިރާންކަމަކާއެކު ފެންމަތިކޮށްފި އެވެ.

މިވަނީ ކިހިނެއްކަން އެއްވެސް ބަޔަކަށް ސާފުކޮށް ނޭނގުނެއްކަމަކު، މިއީ ފައްޔާޒްގެ އިތުބާރުގެ މައްސަލައަކަށް ވުރެ ބޮޑަށް އެމްޑީޕީގެ އެތެރޭގައި ޖެހިގެން އުޅޭ މައްސަލައެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިމައްސަލައިގައި ރައީސްގެ އަރިސް ބޭފުޅުން އެއްޗެއް ވިދާޅުނުވެ އުޅެނިކޮށް މިއަދު ފެނުނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ މާނަ ފުން ޓްވީޓެކެވެ.

އިހުގެ ދިވެހި އާދަކާދައާއި ސިޔާސީ ވާދަވެރިކަމުގައި ބުނެއުޅޭ "ގުރުސް" ފެންމަތިވާ އިރުވަރުގެ ވާހަކައާ ގުޅުވާގެން ދެކެވޭ ބައެއް ފުލޯކު ވާހަކަތަކުގެ މައްޗަށް ބިނާކޮށް ކިޔާފައިވާ "ނަނާހުވަފެން" ފަރިހީގެ ބައެއް ބައިތައް ހިމަނުއްވައިގެން އަލީ ޒާހިރު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ

"..މަފިސާރި ތެދެއް ބުނަންތާ އަފިލާ ގަސްގަހުގެ ކުރިއަށް ކަފިހިބޮލި މަސްލާ ދުވާތީއޭ ތަފާތެއްނުވެ ހުރެފައި، ބަފާގާތުގައި ބުނަންތާ ލަފާކަމަކަށް ވެދާނޭހޭ؟ ހަފާ މާރިނދަ ގޮވާތީއޭ އައިބެއްނުވެ ދެން މިތުރާ، ހައިކޮށް ނުމެލާ ބުނަންތާ ގައިމުކޮށް އަދު މަ ބެލިއިރު، ދާޔަކަށް ކަޅުވަޅި ވަނީތީއޭ.."

މި ފަރިހީގެ ޝާއިރަކީ ސީދާ ކާކުކަން ކަނޑައެޅިގެން ބުނަން ނޭގުނަސް މި އީ ފަހުން މަޝްއޫރު ލަވަކިޔުންތެރިއާ މަރްހޫމް ނައިފަރު ދޮހޮއްކު ކިޔާފައިވާ ލަވައެއްވެސް މެއެވެ. ސިޔާސީ ގޮތުން މާނަފުން މި ފަރިހީގައި ކިޔާ ވާހަކަތަކަކީ އިހުގެ ދިވެހި ސަގާފަތުގެ ތެރޭގައި ކިޔާއުޅުނު ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު އަންނަ ކަމަށްބުނާ މޮޅު އިރުވަރެއްގައި ހިނގާ ވަރަށް އާދަޔާ ޚިލާފު ކަންތައް ތަކެއްގެ ވާހަކައެވެ.

އިހުގެ ބުނުންތަކުގައި ވާގޮތުން މިއީ ވަރަށް މަދު ފަހަރަކު ނޫނީ މީހަކަށް ދިމާނުވާ އެހެނަސް އެ އިރުވަރު ދިމާވުމުން ވެރިކަމުގެ އާދަޔާ ޚިލާފު ބާރުތަކާއި މުދަލާއި ފައިސާވެރިކަން ލިބުންވާ ހިނދުކޮޅެކެވެ.

މި ހާލަތަށް ދިވެހި އަދަބިއްޔާތުގައި ގުރުސް ފެންމަތިވުމޭ ކިޔާ އުޅޭއެވެ. މިއީ ދިވެހި "ޕޮލިޓިކަލް ކޮންޓެކްސްޓް" ގައި "ގުރުސް" ފެންމަތިވުމޭ ބުނެވެނީ ގިނަފަހަރަށް ސިޔާސީ ކުޅިގަނޑެއްގައި ކުޅިފަސް ލިބުނު ކަންޔަގީންވުމުންނެވެ. ނުވަތަ އާދަޔާ ހިލާފު ސިޔާސީ ބާރުވެރިކަމެއް ހާސިލުކުރެވުމުންނެވެ.

ނަނާހުވަފެން ލަވަޔަކީ އެމްޑީޕީގެ ކެމްޕޭންތަކުގައި އަބަދުވެސް ބޭނުންކުރަމުން އަންނަ، ލެޔާ ކުޅެލާ ޒާތުގެ މަޑުމަތިރި ލަވައެކެވެ. ގިނަ ބަޔަކަށް، ހާއްސަކޮށް މިހާރުގެ ޒުވާނުންނަށް މި ލަވައިގެ ފަހަތުގައި ފޮރުވިފައިވާ މާނަފުން ސިޔާސީ ވާހަތައް ދޭހަނުވިޔަސް އެމްޑީޕީން މި ލަވަ ސިޔާސީ ކެމްޕޭންތަކުގައި ބޭނުންކުރަނީ މި ލަވާގައި ފަސްމަންޒަރުގައި ކިޔާއިދޭ ސިޔާސީ ވާހަކަތަކުގެ ސަބަބުންކަމަށް ބެލެވެއެވެ.

އަލީ ޒާހިރުގެ ޓުވީޓުގައި އެ ވިދާޅުވަނީ ސީދާ ކޮންވާހަކައެއްކަން ޔަގީންކޮށް ބުނަން ނޭގުނަސް ނުސީދާގޮތުން އެ ދެއްވާ މެސެޖަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ މެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުމާއި ދެބަވސްވުންތަކުން ރައީސް ސޯލިހަށް ކާމިޔާބު ކުރެއްވޭކަން ކަށަވަރުވި ވާހަކަ ކަމަށް ވަރަށްބޮޑަށް ބެލެވެއެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވެސް ވަނީ މިއީ އޭނާގެ "ފައިޓެއް ނޫން" ކަމަށް ވިދާޅުވެފައެވެ. މި މައްސަލަ ހޫނުވެ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ރައީސް ނަޝީދު މިނިސްޓަރު ފައްޔާޒަށް އިންޒާރު ދެއްވާ ވިދާޅުވި ބައެއް ވާހަކަފުޅުތައް ކަމަށް ބުނާ ޗެޓްކޮގް ތައް ލީކުވެ، މީޑިއާގެ ސުރުހީތަކުން މިވާހަކަތައް ޖާގަހޯދާ އަދި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ބަސްމަގު ދެކަފިވެ ސޯޝަލް މީޑިއާގައި ބައެއް މެންބަރުން ބަހުގެ ހަމަލާތައް ވެސް ބަދަލުކޮށްފައިވާއިރު މިނިސްޓަރު ފައްޔާޒަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އިތުބާރު ގެއްލުނީ ސީދާ ކޮންކަމަކާ ގުޅިގެންކަން އަދިވެސް ސާފެއް ނޫނެވެ.

ކޮންމެއަކަސް، އަލީ ޒާހިރު މިގޮތަށް ރައްދުދެއްވާފައިވިޔަސް ރައްޔިތުންނަށް މަންޒަރު ސާފުވާނީ މައްސަލަ އެޖެންޑާކޮށް، ބަހުސްކޮށް، ވޯޓަށް އަހައި ވޯޓު ނަގައި ވޯޓުގެ ނަތީޖާ އިއުލާންކުރުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
45%
18%
5%
13%
5%
14%
ކޮމެންޓް
19 އޯގަސްޓް 2020 | ބުދަ 13:44
ޓިމިހަ
ކޮންކަމެއްތަ މިމީހާ ރައިސް އޮފީހުގަ ކުރަނީ؟
15 އޯގަސްޓް 2020 | ހޮނިހިރު 20:39
ޒެޑޭ
ކޮރަޕްޓް މީހެއް. ރައީސް އޮފީހުގައި ހުރެގެން ހިންގަނީ ޖަރީމާ