ކ. މާލެ
|
14 އޯގަސްޓް 2020 | ހުކުރު 15:24
ހަމްދާ އަބްދުﷲ، ވިޔަފާރި ވަރަށް ކާމިޔާބު ކަމަށް އޭނާ ބުނޭ
ހަމްދާ އަބްދުﷲ، ވިޔަފާރި ވަރަށް ކާމިޔާބު ކަމަށް އޭނާ ބުނޭ
ފާތިމާސް ވާޑޮރަބް
ހެދުން ފެހުމަށް ހުނަރުވެރި ޒުވާނެއް
ރަންކޮކާލާ ބަރަވެލި ކަލެކްޝަންގެ ތެރެއިން ހަމްދާ!
 
''ފާތިމާސް ވޯޑްރޯބް'' ރާއްޖޭގެ ބްރޭންޑަކަށް ހެދުމަކީ ހަމްދާގެ އަމާޒެއް.
 
މިއީ ރަނގަޅު އާމްދަނީ ލިބޭ ކަމެއް
 
ހުނަރުހުރި ކޮންމެ މީހަކަށް ވެސް މިމަސައްކަތް ކުރެވޭނެ

ރަންކޮކާލާ ބަރަވެލި ކަލެކްޝަންގެ ތެރެއިން އައީ މޮޑެލްއެއް ހެއްޔެވެ؟ ނޫނީ ފަންނުވެރި މޮޅު ފެހުންތެރިއެއް ހެއްޔެވެ؟ އިލްމާއި ހިލްމީ ގާބިލުކަން ހުރި ޒުވާނުންގެ ތެރެއިން މި ޒުވާނާ ފާހަގަކުރެވެނީ އަމިއްލައަށް ހެދުންތައް ޑިޒައިންކޮށް، ހެދުންތައް ފަހައިގެން މޮޑެލް ވެސް ކުރާތީއެވެ. އެހެންކަމުން އޭނާ އަކީ މޮޑެލްއެކޭ ވެސް ފެހުންތެރިއެކޭ ވެސް ބުނުމުގެ ޖާގަ އެބައޮތެވެ. މި ޒުވާނާ އަކީ ހދ. މަކުނޫދޫ އަށް އުފަން ހަމްދާ އަބްދުﷲ އެވެ.

ހަމްދާ 2012 ވަނަ އަހަރު މާލެސިޓީއަށް ދިރިއުޅުން ބަދަލުކުރީ މަތީ ތައުލީމު ހާސިލު ކުރުމަށެވެ. މިހާރު ސައިކޮލޮޖީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރަމުންދާއިރު، މުޅި ދުވަސް ހޭދަކުރަމުން ދަނީ ހެދުންތައް ފެހުމުގައެވެ. ތަފާތު އެކި ޑިޒައިންތަކުން ޚާއްސަކޮށް އަބާޔާ އަދި އަބާޔާ ސްޓްއިލްގެ ވެޑިން ޑްރެސް ވެސް މި ޒުވާނާ ފަހައެވެ. ތަފާތު ވައްތަރުގެ ހެދުންތައް ފަހަމުންދާއިރު، ގިނަ ބައެއްގެ ލޯބި ހަމްދާ މިހާރު ވަނީ ހޯދާފައެވެ.

ބައެއް މޮޑެލުންނާއެކު ހަމްދާ، އޭނާ ފަހާފައިވާ ހެދުންތައް ދައްކާލަނީ

ކުޑައިރުއްސުރެ ރީތި ހެދުން ލުމަށް ޝައުގުވެރިކަން ހުންނަ ހަމްދާ ފެހުމުގެ ދާއިރާއަށް ނުކުތީ 2018 ވަނަ އަހަރު މަޝްހޫރު ޑިޒައިނަރ ރަޒީނާ ތައުފީގު (ރަޒީ) ހިންގި ފަހާ ކޯހެއް ފުރިހަމަ ކުރުމަށް ފަހުގައެވެ. މި ކޯހަކީ ވަރަށް ފުރިހަމަ ކޯހެއްގެ ގޮތުގައި ހަމްދާ ސިފަކުރެއެވެ.

ހަމްދާ ކިޔާދިން ގޮތުގައި ފުރަތަމަ ފަހަން ފެށީ އަމިއްލަ ހެދުންތަކެވެ. ތަޖުރިބާއަކަށް ހެދުންތައް ލައިގެން ފޮޓޯ އިންސްޓަގްރާމް ކުރުމުން ބައެއް ރައްޓެހިންނަށް ކަމުދިޔަ ކަމަށާއި، ހެދުން ފަހައި ދިނުމަށް ރިކުއެސްޓް ކުރި ހިސާބުން ''ފާތިމާސް ވޯޑްރޯބް'' ވުޖޫދުވެގެން ދިޔައެވެ. ''ފާތިމާސް ވޯޑްރޯބް'' ނަންދީފައިވާ އިންސްޓަގްރާމް އޮންލައިން ޕޭޖުން ހެދުން ފެހުމަށް ފެށި ވިޔަފާރި މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވާން ފަށާފައެވެ.

ޔޫޓިއުބް ބަލައިގެން ވަރަށް ގިނައިން ދަސްކުރަން ޑިޒައިންތައް. މިދާއިރާގަ އުޅޭ ކުދިން ފެނުނީމަ ވަރަށް އިންސްޕަޔަރވޭ. މިހާރު މުޅި ދުވަސް ކަހަލަ ގޮތަކަށް ހޭދަކުރަމުންދަނީ މިމަސައްކަތުގައި. އެއީ ކޮންމެ ދުވަހަކު ވެސް އޯޑަރުތައް ލިބޭ. ދެން އެޑިޒައިނަކަށް ހެދުން ފެހުމަށް ފޮތި ގަތުމުގެ އިތުރުން އެހެނިހެން ސާމާނު ގަންނަން ވެސް އަސްލު ވަރަށް ވަގުތުދޭ. މިހާރު ނެތް ކިޔެވިކަމުގައި ވިޔަސް މިނޫން ދާއިރާގައި މަސައްކަތް ކުރާ ވިސްނުމެއް
ހަމްދާ އަބްދުﷲ

ހެދުން ފެހުމަކީ ޝައުގުވެރިކަން ހުރި ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށް ހަމްދާ ބުނެއެވެ. މި މަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބޭއިރު، މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްގެ ގޮތުގައި ހަމްދާ ސިފަކުރިއެވެ.

ހަމްދާ، ހެދުންތަކަށް ގިނަ ބައެއްގެ ތައުރީފް ލިބެމުންދޭ

ވިޔަފާރިއެއްގެ ގޮތުގައި ހަމްދާ މި މަސައްކަތްކުރާއިރު، ކަސްޓަމަރުން އެދޭ ގޮތަށް ހެދުން ފަހާދިނުމަށް ހަމްދާ ޚާއްސަ އިސްކަމެއްދެއެވެ. ކަސްޓަމަރަކު ނުރުހުންވި ނަމަވެސް އެމީހަކާ މައްސަލަ މަޝްވަރާ ކުރުމަށްފަހު ވަރަށް ރަނގަޅަށް ވާހަކަ ދައްކައިގެން ހައްލު ކުރެއެވެ.

ހުންނާނެ އަޅާ ނުލާ ދޫކޮށްލަން ޖެހޭ ކޮމެންޓްތައް ވެސް. އެކަހަލަ ކޮމެންޓްތަކަށް އަޅާނުލަން. އެހެން ބުނަންޏާ 95 އިންސައްތަ ކަސްޓަމަރުން ވަރަށް ސަޕޯޓިވް ކޮމެންޓް ދޭ. އެންމެ ދަތިވާ ކަމަކީ އަތޮޅުތެރޭގެ ރަށްރަށުން އަންނަ އޯޑަރުތަކަށް ފަހަން. އެއީ ދެން ނުފެނި ހަމައެކަނި މިނަށް ބަލައިގެން މަސައްކަތް ކުރަންޖެހޭތީ.
ހަމްދާ އަބްދުﷲ

ހަމްދާ މަސައްކަތްތައް މިހާރު އިޝްތިހާރު ކުރަމުންދަނީ ފޮޓޯތަކާއެކު ކުދިކުދި ވީޑިއޯ ކްލިޕްތަކުންނެވެ. މި ވީޑިއޯތަކުން ހަމްދާ ފެނިގެންދާއިރު، ކެމެރާކޮށް، އެޑިޓްކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްލަނީ ހަމްދާގެ ފިރިމީހާއެވެ. ހަމްދާގެ ފިރިމީހާގެ އިތުރުން އާއިލާ މީހުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން އޭނާ ފާހަގަކުރިއެވެ.

މީގެ ކުރިން މޮޑެލް ބޭނުންކޮށްގެން މިމަސައްކަތް ކުރިން. އެކަމަކު މިހާރު އަމިއްލައަށް ހެދުންތައް ލައިގެން މޮޑެލް ކުރަނީ. ދެން ފިރިމީހާ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. ކެމެރާއިންނާއި ފޯނުން ވީޑިއޯތައް ހަދަނީ. ވީޑީއޯއިން ހެދުންތައް މާރީތިކޮށް ދައްކާލެވޭ. މާބޮޑަށް އިޝްތިހާރު ކުރެވޭ ކަމަށް ގަބޫލުކުރެވޭ އެހެން ވީޑިއޯ ކްލިޕެއް ދޫކޮށްލީމަ.
ހަމްދާ އަބްދުﷲ

ކަނބުލޮ، ކަޅުދިރި، މަރިޔަމްމާ އަދި ހިންދޫރާ ފަދަ ނަންތަކުން ނަންދީގެން ކޮންމެ މަހަކު ވެސް އެކި ޑިޒައިންތަކުން ނެރެމުންދާ ހެދުންތަކަށް ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރެއެވެ. ކުރިއަށް އޮތްތާނގައި ވެސް ރީތި ކަލެކްޝަންތަކެއް ނެރޭނެ ކަމަށް ހަމްދާ ބުނެއެވެ.

ވީޑިއޯ ޝޫޓު ކުރުމުގެ ތެރެއިން، ހަމްދާ އާއި އޭނާގެ ފިރިމީހާ

ހަމްދާ ނެރެމުންދާ ހެދުންތަކުގެ އިތުރުން ހެދުމުގެ ކަލެޝަންތަކަށް ދޭ ނަންތައް ވެސް ވަރަށް ތަފާތެވެ. މިނަންތަކާ ބެހޭ ގޮތުން ހަމްދާ ބުނެފައިވަނީ އަބަދުވެސް ނަން ދިނުމުގައި ދިވެހިވަންތަ ނަންތައް ދިނުމަށް ޚާއްސަ ސަމާލުކަމެއްދޭ ކަމަށެވެ.

https://www.instagram.com/fatimas_wardrobe/
ހަމްދާ، މިމަސައްކަތުގައި އާއިލާ މީހުންގެ އެއްބާރުލުން ލިބޭ ކަމަށް އޭނާ ބުނޭ

ކުޑައިރުއްސުރެ ރީތި ހެދުންލުމަށް ޝައުގުވެރިކަން އުފެދުނު ހަމްދާ މިއަދު އޭނަގެ ހުވަފެން ހަގީގަތަކަށް މިވަނީ ހަދާފައެވެ. ފަހަން ދޭ ފޮތިގަނޑު ބޭނުންވާ ގޮތަށް ނުފެހިގެން އެކަމާ ހިތްހަމަ ނުޖެހިގެން މިއަދު ހަމްދާ އުޅޭކަށް ނުޖެހެއެވެ.

ހެދުންތައް ނިންމާ ޑެލިވަރީ ކުރަން ތައްޔާރުވެފައި

މި ވިޔަފާރި ފުޅާކޮށް ''ފާތިމާސް ވޯޑްރޯބް'' ރާއްޖޭގެ ބްރޭންޑަކަށް ހެދުމަކީ ހަމްދާގެ އަމާޒެކެވެ. އަދި އޭނާ ދެކެމުން އަންނަ ހުވަފެނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
14%
78%
1%
3%
2%
1%
ކޮމެންޓް