ކ. މާލެ
|
12 އޯގަސްޓް 2020 | ބުދަ 19:28
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
ރައްޔިތުންގެ މަޖިލިސް
މާސްކު އެޅުން މަޖުބޫރުކުރުން
މާސްކު އެޅުން މަޖުބޫރުކުރީ ބޯޑަރުތައް އަލުން ބަންދުކޮށް، އިތުރު ލޮކްޑައުންއަކަށް ދާން ބޭނުންނުވާތީ: އަމީން
 
ކޮވިޑްގެ ހާލަތުގައި މިހާތަނަށްވެސް އަމަލުކުރަމުން އަންނަނީ ފަންނީ ބޭފުޅުންގެ ލަފަޔާއެކު

ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކުރީ ރާއްޖޭގެ ބޯޑަރުތައް އަލުން ބަންދުކޮށް އިތުރު ލޮކްޑައުން އަކަށް ދާން ބޭނުންނުވާތީ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ދަށުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ވަނީ މާސްކު އެޅުން މަޖުބޫރުކޮށްފައިވާތީ އެކަމާއި ގުޅޭގޮތުންނާއި ކޮވިޑް-19 އާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައިވަނީ ކީއްވެތޯ ސުވާލުކުރައްވާފަ އެވެ. އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ ކޮވިޑާއި ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އިގްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސް އަދި އާންމު ދިރިއުޅުމަށް އައިސްފައިވާ ގޮންޖެހުންތަކަކީ ބޮޑެތި ގޮންޖެހުން ތަކެއްކަމަށެވެ. މިކަމުގައި އަޅާ ފިޔަވަޅިތައް ބިނާވަނީ އެކި ކަންކަމުގެ މައްޗަށް ކަަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެގޮތުން ފުރަތަމަ ކަމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ދުނިޔޭގެ ގައުމުތަކުން ފިޔަވަޅު އެޅުމުގައި ކުރާ ތަޖުރިބާ އާއި ދޭ އިރުޝާދުތައް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ދެވަނަ ކަމަކީ ރާއްޖޭގެ ހާލަތު ކޮންޓްރޯލްކުރުމަށާއި ރާއްޖޭގައި ކޮވިޑް ފެތުރިގެން ގޮސް ނުކަތާ ހިސާބަށް ނުގޮސް ކުރިޔަށް ދެވޭނެ މަގެއް ފަހިކުރުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ތިންވަނަ ކަމަކީ ފުރާނަ ސަލާމަތްކުރުމަށާއި ގިނަ ބަޔަކު ބީވެގެން ނުދިޔުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެގޮތުން މާސްކު އެޅުމަކީ ދުނިޔޭގެ ކުރެވޭ ހުރިހާ ދިރާސާތަކާއި ފަންނީ ބޭފުޅުންނާއި އަދި ސިއްހަތު ޖަމިއްޔާ އާއި އަދި ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރާ ގޮތުގައި މިފެތުރުން ލަސްކުރުމަށާއި މީހުން މިބަލިން ސަލާމަތްކުރުމަށް އެޅޭނެ މުހިންމު އެއް ފިޔަވަޅު. ބޯޑަރުތައް ބަންދުކުރުމާއި ލޮކްޑައުންގެ ހާލަތު މިފަދަ ހާލަތަކަށް ކޮވިޑްގެ ފުރަތަމަ މަރުހަލާ އެއީ
އަބްދުﷲ އަމީން/ ހެލްތު މިނިސްޓަރ

މާސްކު ނާޅާ އުޅޭމީހުން ޖޫރިމަނަކުރާ ހިސާބަށް ނިންމީ މާސްކު ނާޅާ ހުންނަ މީހާ މާސްކު ނޭޅުމުގެ ސަބަބުން ގެއްލުންވަނީ އޭނާގެ ސިއްހަތަށް އެކަނި ނޫންކަމަށްވާތީއާ އޭގެ ނުރައްކާ ވަށައިގެން ތިބޭ މީހުންނަށްވެސް ކުރާތީ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ހެޔޮނިޔަތުގައި މިދަންނަވަނީ މާސްކު އެޅުން މަޖުބޫރުކުރީ އިތުރު ލޮކްޑައުންއަކަށް ދާން ބޭނުންނުވާތީ. ރާއްޖޭގެ ބޯޑަރު އިތުރަށް ބަންދުކުރަން ބޭނުންނުވާތީ. އަދި ރާއްޖޭގެ އެހެން ރަށްރަށަށް އެއްފަހަރާ މިބަލި ފެތުރެން ބޭނުންނުވާތީ. އެހެންވެ މާސްކު އަޅަން މަޖުބޫރުކުރީ. ހުޅުވާލުމަށްފަހު ފުރަތަމަ ކޮޅުގައި މާސްކު އެޅުން ރަނގަޅު ކަމަށް ފާހަގަކުރެވުނު އެހެންނަމަވެސް މާސްކު ނާޅާ މީހުން އިތުރު ވަމުންދިޔުމާއި ބަލި އިތުރުވަމުންދާތީ އެކަންކަން ކޮންޓްރޯލް ކުރުމަށްޓަކައި އެފިޔަވަޅު އެޅީ.
އަބްދުﷲ އަމީން/ ހެލްތު މިނިސްޓަރ

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ކޮވިޑްގެ ހާލަތުގައި މިހާތަނަށްވެސް އަމަލުކުރަމުން އަންނަނީ ފަންނީ ބޭފުޅުންގެ ލަފަޔާއި ބައިނަލްއަގްވާމީ ފަރާތްތަކުން ދޭ އިރުޝާދާއި އަދި ކޮވިޑްގެ ކަންކަމުގައި ކުރަމުންދާ ތަޖުރިބާގެ މައްޗަށް ކަމަށެވެ. އަދި މިހާރު ނިންމުންތައް ނިންމަނީ ކޮވިޑްގެ ހާލަތުގައި ހަފްތާއަކު އެއްފަހަރު ދިރާސާކުރެވިގެން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ދިރާސާތައް ބިނާވެފައިވަނީ ވަކި އިންޑިކޭޓަރސް ތަކެއްގެ މައްޗަށްކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން ކޮވިޑް ފެތުރޭ މިންވަރާއި ކޮވިޑަށް މީހުން ޕޮޒިޓިވްވަމުންދާ ގޮތާއި އަދި އެކަކު ބަލި ފަތުރާ ނިސްބަތާއި އަދި ހޮސްޕިޓަލްތަކުގައި ފަރުވާ ދިނުމުގެ ކެޕޭސިޓީ ހުރި މިންވަރަށް ބައްލަވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެއިތުރުން ކޮންމެ ހަފްތާއަކު ޕޮލިސީ ލެވެލްގައި ކަމަބެހޭ ފަރާތްތަކުގެ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޓެކްނިކަލް ލެވެލެއްގައިވެސް މަޝްވަރާތައް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް