ކ. މާލެ
|
12 އޯގަސްޓް 2020 | ބުދަ 18:39
ކަނޑުމަތީގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ތެރެއިން
ކަނޑުމަތީގައި ހިނގި އަލިފާނުގެ ހާދިސާއެއްގެ ތެރެއިން
ކިއުންތެރިއެއް
އެއްގަމާއި ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާ
އެއްގަމާއި ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި
 
ހެދިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކުގައި ވާކަންކަން ރަނގަޅަށް ތަންފީޒުކުރެވެމުންދާކަން ކަށަވަރު ކުރެއްވުމަށް އެދިވަޑައިގެންނެވި
 
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ނައިބް ރައީސް ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އެއްގަމާއި ކަނޑުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމާއި، އެކަމާމެދު ހޭލުންތެރިކަން އިތުރުކުރުމާއި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ވަރޗުއަލްކޮށް ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ކަނޑުމަތީގެ ހާދިސާތަކާއި އަލިފާނުގެ ހާދިސާތައް ފަދަ ކަންކަން މަދުކުރުމާއި، އަދި ވަކިން ޚާއްޞަކޮށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރެއްވިއެވެ. އަދި ތެލާއި ގޭސް ފަދަ ނުރައްކާތެރި ތަކެތި ގެންގުޅެންޖެހޭ ފަރާތްތަކުން އެތަކެތި ގެންގުޅެނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުމާއި، އެ ކަންކަން ޤަވާޢިދުން ބަލަމުން ގެންދިއުމަށް ވެސް މި ބައްދަލުކުރެއްވުމުގެ ބައިވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.

ހަމައެއާއެކު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ކަންކަމުގައި ހެދިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކުގައި ވާކަންކަން ރަނގަޅަށް ތަންފީޒުކުރެވެމުންދާކަން ކަށަވަރު ކުރެއްވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ޚާއްޞަކޮށް ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ކަންކަމާއި، އަލިފާނުގެ ހާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބުތަކާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ޕްރޮގްރާމްތައް ހިންގަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ކަމާގުޅޭ އެކިއެކި އިދާރާތަކުގެ އިސްވެރިން ވަނީ މި ކަންކަން ޙައްލުކުރުމުގައި އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ފާހަގަކޮށް، އެ ބޭފުޅުންގެ ޚިޔާލުފުޅު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައެވެ. ހަމަ އެހެންމެ، މި ކަންކަން އަތޮޅުތަކުގައި އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ.) މެދުވެރިކޮށް ކުރެވިދާނެ މަސައްކަތްތަކާއި، އަދި މާލޭގެ ބައެއް ސަރަޙައްދުތަކާއި ބަނދަރުތަކުގައި މިހާރު އުޅަނދުފަރަހަށް ތެޔޮ އެޅުމުގައި ކަންކުރަމުން ގެންދާ ގޮތާއި، ތެލާއި ގޭސް ފަދަ އަލިފާން ހިފާ ޒާތުގެ ތަކެތި އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުން ފަދަ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ގެނެވެންހުރި ބަދަލުތަކާއި ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި މާލެ ސިޓީ ކައުންސިލާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއާއި، ފެނަކަ ކޯޕަރޭޝަނާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، މޯލްޑިވްސް ގޭސްއާއި، ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަނާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަންގެ އިސްވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމާއި އަޙްމަދު ސަމީރު ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް