ކ. މާލެ
|
12 އޯގަސްޓް 2020 | ބުދަ 18:42
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮވިޑް-19 އަކީ ރަށްރަށުގެ ސިއްހީ ނިޒާމު ރަނގަޅުކުރުމަށް ލިބިގެންދިޔަ ފުރުސަތެއް: ނަޝީދު
 
މެމްބަރުން ފްރޮންޓްލައިން ވޯރކަރުންގެ ގޮތުގައި މަސައްކަތްކުރައްވަމުން ނުގެންދެވިނަމަ ނިޒާމު ހިންގުމަށް ބޭނުންވާ ކަންކަން ކުރަމުންނުދާނެ
 
ސިއްހަތަށް ޚަރަދުކުރުމަށް މަޖިލީހުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހުރަހެއް އަޅާފައިނުވޭ

ސަރުކާރުގެ އެހެން ޚަރަދުތައް ކުޑަކުރުމަށްފަހު ސިއްހީ ދާއިރާއަށް ކުރާ ހޭދަތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަމަށާއި އެ މަގުން މަޖިލީހުން ކަންކަން ފަހިކޮށްދެމުން ދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ދަށުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އާ ވަނީ މެމްބަރުން ސުވާލުކުރައްވާފައެވެ. މެމްބަރުން ސުވާލުކުރައްވަމުން ގެންދެވިއިރު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ އެކިފަހަރު މަތިން މެމްބަރުން ކުރައްވަމުން ގެންދެވި ސުވާލުތަކާއި ގުޅުވައި ވާހަކަދައްކަވާފައެވެ. އެގޮތުން ދެއްކެވި ވާހަކަފުޅެއްގައި ރައީސް ނަޝީދު ވިދާޅުވީ ސިއްހަތަށް ޚަރަދުކުރުމަށް މަޖިލީހުން މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހުރަހެއްވެސް އަޅުއްވާފައިނުވާ ކަމަށެވެ.

މީގެއިތުރުން ފިނޭންސް މިނިސްޓަރގައި އެދިވަޑައިގަތުމަށް މަޖިލީހުން އޯވަރޑްރޯ ކުރުމުގެ ފެސިލިޓީވެސް ބޮޑުކޮށްދީފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މެމްބަރުން ދެކެވަޑައިގަންނަވާ ކޮވިޑަކީ ރަށްރަށުގެ ސިއްހީ ޚިދުމަތް ރަނގަޅުކުރުމަށް ލިބުނު ފުރުސަތެކޭ. މާލެ ސަރަހައްދުގައި އެކަނި ނުވަތަ ބައެއް ތަންތަނުގައި އެކަނި ކޮންމެސް ވަރަކަށް ދެވިފައި އެހެންތަންތަނާއި ބައެއް ތަންތަނާއި ގުޅުންނެތިފައި ދެ އަހަރު ވެގެން ދާއިރުގައި މިނޫންގޮތަކަށް މިކަން ދާންޖެހޭނެކަމަށް މެމްބަރުން ދެކެވަޑައިގަންނަވާ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް/ ރައީސް މުހައްމަދު ނަޝީދު

މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ ލޮކްޑައުންކޮށް ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނާއި ޚިދުމަތްތައް ރަނގަޅުކުރުމަށް ވަގުތުތަކެއް ލިބިގެންދިޔަ ކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައިވެސް ކޮވިޑުން ރައްކާތެރިވުމަށް ނުވަތަ ސިއްހީ ނިޒާމަށް ބޭނުންވާ ސާމާނު ރާއްޖެގެނެސް އެމަގުން ކަންކަން ކުރުމަކީ މުހިންމު ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިވާހަކަތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަމައެކަނި ދިމާވާ ދައްޗަކީ ބަޖެޓް ނޫންކަމަށެވެ. ޚިދުމަތްތައް ގާއިމުކުރުމަށް ހަވާލުކުރާ ފަރާތްތަކަށް ދިމާވާ ދަތިތަކެއްވެސް ހުންނަކަމަށާއި މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ދިމާވާ ދަތިތަކެއްވެސް ހުންނަކަމަށެވެ. އެހެންނަމަވެސް މަސައްކަތްކުރައްވަނީ ވީ އެންމެ އަވަހަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށްކަމަށް އަމީން ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ލޮކްޑައުން ދުވަސްވަރުވެސް މެމްބަރުން މުހިންމު މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ގަބޫލުފުޅު ކުރައްވާގޮތުގައި މެމްބަރުން ފްރޮންޓްލައިން ވޯރކަރުންގެ ގޮތުގައި މަސައްކަތްކުރައްވަމުން ނުގެންދެވިނަމަ ނިޒާމު ހިންގުމަށް ބޭނުންވާ ކަންކަން ކުރަމުންނުދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޚާއްސަކޮށް ފައިސާގެ ކަންކަން އަދި އެހެންވެސް އިޖުރާއަތުތައް ކޮވިޑްގެ ފްރޮންޓްލައިން ވޯރކަރުންގެ ގޮތުގައި ހަމަކަށަވަރުންވެސް އަޅުގަނޑު ތިމެމްބަރުން ބަލައިގަންނަން. އަދި ތިބޭފުޅުން ފްރޮންޓްލައިން ވޯރކަރުންގެ އެލަވަންސެއް ނޫން ހޯއްދެވީ އޭގެ މުސާރައިން ބައެއް މަދުކުރެއްވީ. އެހެންވީމާ އަދި ތިބޭފުޅުންނަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު

ކޮވިޑް-19 ގެ ހާލަތާއެކުވެސް މަޖިލީހުގެ ޖަލްސާތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް، އަދި ގައިދުރުކޮށް މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ކުރިޔަށް ގެންދަވާފައިވާއިރު މިޖަލްސާތަކުގައި މުހިންމު މަސައްކަތްތަކެއް މެމްބަރުން ވަނީ ކުރައްވާފައެވެ.

އޭގެ ތެރޭގައި ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުން ގެންދެވި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރުތައް ދެނެގަތުމަށް މަޖިލީހުގެ ހުރިހާ ކޮމިޓީއަކުން ދިރާސާކުރެއްވި ކަންތައްތައް ފާހަގަކޮށްލެވެއެވެ. އެ ފިޔަވަޅުތަކާއި ގުޅިގެން ރައްޔިތުންނަށް ދިމާވަމުންދާ ކަންތައްތަކާއި އަދި މިކަންކަން ރަނގަޅުކުރުމަށް ސަރުކާރަށް ލަފާތަކެއް ވަނީ މަޖިލީހުން އަރުވާފައެވެ.

މީގެއިތުރުން ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މަޖިލީސް މެދުވެރިކޮށް ޚަރަދު ކުޑަކުރެވެންހުރި ދާއިރާތައް ވަކިން ޚާއްސަކޮށް ސިޔާސީ މީހުންގެ މުސާރަ ކުޑަކުރުންފަދަ ކަންކަން ކުރިޔަށް ގެންދަވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް