ކ. މާލެ
|
12 އޯގަސްޓް 2020 | ބުދަ 15:01
އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޕީއެސްޖީން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން އެމްބާޕޭ އާއި ނޭމާ
އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޕީއެސްޖީން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން އެމްބާޕޭ އާއި ނޭމާ
ގެޓީ އިމޭޖަސް
އެމްބާޕޭ އަނިޔާއިން ރަނގަޅުވުން
ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލް މެޗުގައި އެމްބާޕޭ ފެންނާނެ: ޓުޗެލް
 
"އާދަޔާ ޚިލާފު ކަމެއް ނުވާހާ ހިނދަކު އެމްބާޕޭ އެޓަލަންޓާއާ ދެކޮޅަށް ކުޅޭނެ"
 
އެމްބާޕޭގެ ފައިގެ ކުޑަހުޅަށް އަނިޔާވީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލްގައި އެޓަލަންޓާއާ ދެކޮޅަށް ކުޅޭ މެޗުގައި ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ފެންނާނެ ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

އެމްބާޕޭއަށް އަނިޔާވީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ކުޅުނު ފްރެންޗް ކަޕްގެ ފައިނަލް މެޗުގައި ސެއިންޓް އެޓިއެން އަތުން 1-0 ން ޕީއެސްޖީ މޮޅުވި މެޗުގައެވެ. މި މެޗުގެ 30 ވަނަ މިނެޓުގައި ސެއިންޓް އެޓިއެންގެ ލޮއިކް ޕެރީން އެމްބާޕޭއަށް ނުރައްކާތެރި ފައުލެއް ކުރިއިރު، އެމްބާޕޭ ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފައެވެ.

ޕީއެސްޖީން މީގެ ކުރިން ބުނީ އެމްބާޕޭގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާ ސީރިއަސް ކަމަށާއި، އެމްބާޕޭއަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ ތިން ހަފުތާ ނުވަތަ ހަތަރު ހަފުތާ ފަހުން ކަމަށެވެ.

އެކަމަކު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓުޗެލް ބުނީ ކަންތައްތައް ދިޔައީ ހީކުރި ގޮތަށް ކަމަށާއި، މެޗުގެ ކުރިން އާދަޔާ ޚިލާފު ކަމެއް ނުވާހާ ހިނދަކު އެމްބާޕޭ އެޓަލަންޓާއާ ދެކޮޅަށް ކުޅޭނެ ކަމަށެވެ. އެކަމަކު މި މެޗަށް ނެރޭ ފުރަތަމަ އެގާރައިގައި އެމްބާޕޭ ހިމެނުމާ މެދު ޓުޗެލް ވަކިގޮތެއް ނިންމާފައެއް ނުވެއެވެ. އޭނާ ބުނީ ޓީމު ނެގުމަކީ ވަރަށް ވިސްނުންތެރިކަމާއެކު ކުރަން ޖެހޭ ކަމެއް ކަމަށާއި، މީގައި އެންމެ މުހިންމީ ޓީމު މޮޅުވުން ކަމަށެވެ.

ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން އެމްބާޕޭއަށް ވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ފްރެންޗް ލީގު ކަޕްގެ ފައިނަލްގައި ލިޔޯނާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗު ގެއްލިފައެވެ.

ޕީއެސްޖީއާއެކު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމްބާޕޭ ވަނީ މި ސީޒަނުގައި މިހާތަނަށް ޕީއެސްޖީއަށް ކުޅެދިން 34 މެޗުގައި 30 ލަނޑު ޖަހާފައެވެ. އަދި ވަނީ މި ސީޒަނުގެ ފްރެންޗް ލީގާއި، ފްރެންޗް ކަޕްގެ އިތުރުން ފްރެންޗް ލީގު ކަޕްވެސް ކާމިޔާބުކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ޗެމްޕިއަންސް ލީގުގެ ކުއާޓާއިން ފެށިގެން މެޗުތައް ކުރިއަށް ގެންފިޔުމަށް ނިންމާފައިވަނީ ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައެވެ. އެގޮތުން ކުއާޓާގެ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައި ޕީއެސްޖީން އެޓާލާންޓާއާ ދެކޮޅަށް ނުކުންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް