ކ. މާލެ
|
12 އޯގަސްޓް 2020 | ބުދަ 14:00
ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރި މެޗުގެ ތެރެއިން
ކޮލިފައިންގައި ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރި މެޗުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ކޮލިފައިންގ މެޗުތައް ފަސްކުރުން
ވޯލްޑް ކަޕް ކޮލިފައިންގ މެޗުތައް އަންނަ އަހަރަށް ފަސްކޮށްފި
 
އެކަމަކު ދެން މެޗުތައް ކުޅޭނެ ސީދާ ތާރީޚެއް ކަނޑައަޅާފައެއް ނުވޭ
 
އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ކުޅުމަށް ތާވަލުކޮށްފައިހުރި މެޗުތައް ކުޅޭނީ އަންނަ އަހަރު

ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތައް އަންނަ އަހަރަށް ފަސްކުރުމަށް ނިންމައިފިއެވެ.

މީގެ ކުރިން ކޮވިޑް-19 އާ ގުޅިގެން އޭއެފްސީ އާއި ފީފާއިން ވަނީ މާޗު މަހާއި ޖޫން މަހު ކުޅެން ތާވަލުކޮށްފައި ހުރި މެޗުތައް ފަސްކޮށްފައެވެ. އަދި ފަހުން ވަނީ އެ މެޗުތައް އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު ކުޅުމަށް ތާވަލުކޮށްފައެވެ.

އެގޮތުން ރާއްޖެ އާއި ޗައިނާގެ މެޗު އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހަށް ތާވަލުކުރިއެވެ. އަދި ރާއްޖެ އާއި ސީރިއާ ކުޅޭ މެޗު އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހަށް މާލޭގައި ކުޅުމަށް ތާވަލު ކުރިއިރު، ރަށުން ބޭރުގައި ފިލިޕީންސް އާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު އޭރު ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

އެކަމަކު ބުދަ ދުވަހު އޭއެފްސީން ވަނީ މި މެޗުތައް އަންނަ އަހަރަށް ފަސްކުރުމަށް ނިންމިކަން ހާމަކޮށްފައެވެ. އެކަމަކު ދެން މެޗުތައް ކުޅޭނެ ސީދާ ތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ.

ބުދަ ދުވަހު ބޭއްވި ބައްދަލުވުމަށް ފަހު އޭއެފްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ހާލަތު ބަދަލުވަމުންދާ ގޮތް ބެލުމަށް ފަހު މެޗުތަކުގެ ޝެޑިއުލް އާންމުކުރާނެ ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭއެފްސީން މެޗުތައް ފަސްކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ އަދިވެސް ގައުމުތަކަށް ދަތުރުފަތުރު ކޮށްގެން މެޗުތައް ކުޅެވޭނެ މާހައުލެއް ގިނަ ގައުމުތަކުގައި ގާއިމުވެފައި ނެތުމުންނެވެ.

އޮކްޓޯބަރު މަހަށް މީގެ ކުރިން މެޗުތައް ތާވަލުކުރުމް، ކޮވިޑް-19 ގެ ބްރޭކަށްފަހު ގައުމީ ފުޓްބޯޅަ ޓީމުން ޖުލައި މަހުގެ ކުރީކޮޅު ފަރިތަކުރުންތައް ފެށިއެވެ. އެކަމަކު މާލެ ސިޓީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނާތީ، ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ދިން ލަފާޔާ އެއްގޮތަށް މި މަހުގެ ކުރީކޮޅު ފަރިތަކުރުންތައް އަލުން މެދުކަނޑާލިއެވެ.

އޭޝިއާ ސަރަހައްދުން ހަތަރު ގައުމެއް 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓު ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް