ކ. މާލެ
|
12 އޯގަސްޓް 2020 | ބުދަ 15:05
ޖަރުމަނުގެ ހެލްތު މިނިސްޓަރ ޔެން ސްފެން
ޖަރުމަނުގެ ހެލްތު މިނިސްޓަރ ޔެން ސްފެން
ރޮއިޓަރސް
ކޮވިޑް ވެކްސިން
ރަޝިޔާއިން އުފެއްދި ވެކްސިން ރަނގަޅަށް ޓެސްޓް ނުކުރާކަމަށް ބުނެ ޖަރުމަނުން ކަންބޮޑުވުން ފާޅުކޮށްފި
 
މުޅި ރަޝިއާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް އޮކްޓޯބަރު މަހު ފަށާނެ
 
ޔެން ވިދާޅުވީ ވެކްސިނާއި ގުޅޭގޮތުން ރަޝިޔާއިން މިހާތަނަށް ދައްކާފައިހުރި ވާހަކަތަކުން ސާފުނުވާ ކަންތައްތަކެއް އެބަހުރިކަމަށް
 
މިވެކްސިން ބޭނުންކުރުމުގެ ހުއްދަ ވެކްސިންގެ އެންމެ ފަހު ޓްރައަލް ނުނިމެނީސް ދީފައިވާތީ އެކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުން

ރަޝިޔާއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ޓެސްޓް ކުރުމުގެ މަރުހަލާ ރަނގަޅަށް ގޮސްފައިނުވާ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ޖަރުމަނުގެ ހެލްތު މިނިސްޓަރ ޔެން ސްފެން ފާޅުކުރައްވައިފިއެވެ.

ޔެން ވިދާޅުވީ ވެކްސިންގެ ބޭނުމަކަށްވާނީ އޭގެ އަސަރު ރަނގަޅަށްކުރާ ރައްކާތެރި ވެކްސިނަކަށްވުން ކަމަށާއި ކޮންމެހެން އަވަހަށް ވެކްސިން މީހުން ގަޔަށް ޖެހުން ނޫންކަމަށެވެ.

އަންގާރަ ދުވަހު ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވަނީ ކޮވިޑް-19 އަށް އުފެއްދި ވެކްސިން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ގައުމަކަށް އެ ގައުމު ވެފައިވާކަން އިއުލާންކުރައްވާފައެވެ. އެ ގައުމުން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ރަޖިސްޓްރީކޮށް އިންސާނުން ގަޔަށް ޖަހަން ފަށާފައިވަނީ ވެކްސިން ޓެސްޓްކުރުމަށް އިންސާނުން ގަޔަށް ޖަހައިގެން ވެކްސިން ރަނގަޅުތޯ ބެލުމުގެ މަސައްކަތް ފެށިތާ ދެ މަސްދުވަސްވެސް ނުވަނީސްއެވެ.

މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ވެކްސިންގެ އެންމެ ފަހު ޓްރައަލް ނުނިމެނީސް ދީފައިވާތީ އެކަމުގެ ކަންބޮޑުވުން ކަމާބެހޭ މާހިރުންވެސް ގެންދަވަނީ ފާޅުކުރައްވަމުންނެވެ.

މިއީ ވަރަށް ނުރައްކާތެރި ކަމަކަށްވެދާނެ ކަމެއް، އެތައް މިލިއަން ބިލިއަން މީހުންނަށް ވެކްސިން ދީގެން ބޭނުންކުރަން ފަށަން އަދި މިއީ ވަރަށް ވެކްސިންގެ ފުރަތަމަ ދުވަސްވަރު. ވެކްސިންގެ އަސަރުނުކޮށް ގޯހުން ގޮސްފިނަމަ އެކަމުގެ ނުރައްކާތެރިކަން ވަރަށް ބޮޑުވެގެން ހިނގައިދާނެ. އެހެންކަމުން ވެކްސިނާއި ގުޅޭގޮތުން ރަޝިޔާގައި ހިނގަމުންދާ ކަންތައްތަކަކީ ވަރަށް ޔަގީން ނުކުރެވޭ ކަހަލަ ކަންތައްތައްތަކެއް
ޖަރުމަނުގެ ހެލްތު މިނިސްޓަރ ޔެން ސްފެން

ޔެން ވިދާޅުވީ ވެކްސިނާއި ގުޅޭގޮތުން ރަޝިޔާއިން މިހާތަނަށް ދައްކާފައިހުރި ވާހަކަތަކުން ސާފުނުވާ ކަންތައްތަކެއް އެބަހުރިކަމަށެވެ. އެގޮތުން ވެކްސިން ރަނގަޅުތޯ ރަނގަޅު ފެންވަރެއްގައި ޓެސްޓް ނުކުރެވިވާކަން ފާހަގަކޮށްލެވޭ ކަމަށް ޔެން ވިދާޅުވިއެވެ.

އަދި ޕެންޑަމިކްގެ ތެރޭގައި ވައިރަހާއި ވެކްސިންއާ ގުޅޭގޮތުން ރަނގަޅު ދިރާސާތަކެއް ކުރެވި ޓެސްޓްތަކެއް ކުރެވި ވެކްސިނާމެދު މީހުންގެ މެދުގައި އިތުބާރު އުފެއްދުމަކީ މުހިންމު ކަމެއްކަމަށް ޔެން ވިދާޅުވިއެވެ.

ވެކްސިންގެ ކްލިނިކަލް ޓްރެއަލްތަކުގައި ކާމިޔާބުވެފައިވަނީ 10 އިންސައްތަކަމަށްވާއިރު ސައިންސްވެރިން އަންނަނީ ރަޝިޔާއިން އެގައުމުގެ ގައުމިއްޔަތު ކުރިޔަށް ނެރެ މިކަމުގައި ހުރި ނުރައްކާތެރިކަމާމެދު އެހާބޮޑަށް ނުވިސްނާކަމަށް ބުނަމުންނެވެ.

ޕުޓިންގެ އިތުރުން ރަޝިޔާގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން އަންނަނީ ވެކްސިނަކީ ބޭނުންކުރަން ރަނގަޅު ގެއްލުމެއް ކުރިމަތިނުވާނެ ވެކްސިނެއް ކަމަށެވެ. ރަޝިޔާގެ ސަރުކާރުން ބުނާގޮތުގައި ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށެވެ. ދެން ޓީޗަރުންނަށެވެ.

މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ވެކްސިން ދިނުމުގެ މަސައްކަތް ކުރާނެކަމަށް ރަޝިޔާގެ ސަރުކާރުން ބުނެއެވެ. އަދި މުޅި ރަޝިއާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް އޮކްޓޯބަރު މަހު ފަށާނެކަމަށް އެ ގައުމުން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް