ކ. މާލެ
|
12 އޯގަސްޓް 2020 | ބުދަ 12:39
އޭއެފްސީ ކަޕްގެ ކޮލިފިކޭޝަނުގައި ރާއްޖޭގައި މާޒިޔާއިން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
އޭއެފްސީ ކަޕްގެ ކޮލިފިކޭޝަނުގައި ރާއްޖޭގައި މާޒިޔާއިން ބެންގަލޫރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
މާޒިޔާ ސްޕޯރޓްސް ކްލަބް
އޭއެފްސީ ކަޕް ރާއްޖޭގައި ބޭއްވުން
އޭއެފްސީ ކަޕްގެ ހުރިހާ މެޗެއް ގައުމީ ފުޓްބޯޅަ ދަނޑުގައި
 
އޮކްޓޯބަރު މަހުގެ 23ން ނޮވެމްބަރު ހަތަރަކާ ދެމެދު މެޗުތައް ކުރިއަށްދާނެ
 
މާލޭގައި މެޗުތައް ކުޅެން ހަމަޖެހިފައިވާ ދެ ގަޑި އަކީ 15:30 އާއި 21:30

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާއަށް ހާއްސަ ގްރޫޕްގެ ހުރިހާ މެޗެއް ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވަން ނިންމައި، މެޗު ޝެޑިއުލް އާންމުކޮށްފިއެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް އީގެ މެޗުތައް ބޭއްވުމުގެ ބިޑް ރާއްޖެއިން ކާމިޔާބުކުރިއިރު، ފަހު ބުރުގެ ދެ މެޗު އެއް ގަޑިއެއްގައި ކުޅެން އޮތުމުން ކުރިން ބެލެވިފައި އޮތީ ގައުމީ ފުޓްބޯޅަ ދަނޑުގެ އިތުރުން އައްޑޫ ސިޓީ ޒޯން ސްޓޭޑިއަމް ބޭނުންކުރަން ޖެހޭނެ ކަމަށެވެ.

އެކަމަކު ހޯމަ ދުވަހު އޭއެފްސީން އާންމުކުރި އައު ޝެޑިއުލްގައިވާ ގޮތުން އެއް ގަޑިއެއްގައި މެޗުތައް ކުޅޭކަށް ނުޖެހޭނެއެވެ. އެގޮތުން އަންނަ އޮކްޓޯބަރު މަހުގެ 23ން ނޮވެމްބަރު ހަތަރަކާ ދެމެދު މެޗުތައް ކުރިއަށްދާއިރު، މާލޭގައި މެޗުތައް ކުޅެން ހަމަޖެހިފައިވާ ދެ ގަޑި އަކީ 15:30 އާއި 21:30 އެވެ. އެހެންކަމުން ހުރިހާ މެޗެއް ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު ވަނީ ނިންމާފައެވެ.

އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވީ ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުތަކާ ގުޅިގެން ޓީމުތަކުގެ ފަރިތަކުރުންތައް އަދި ފެށޭ ގޮތެއް ނުވެއެވެ. އެކަމަކު މެޗުތައް ބޭއްވުމުގައި އަމަލު ކުރަންވީ ގޮތުގެ ލަފާ ހޯދުމަށް އެފްއޭއެމް އާއި ކުޅިވަރާ ބެހޭ ވުޒާރާއިން މީގެ ކުރިން ވަނީ އެޗްޕީއޭއާ ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ އޭއެފްސީ ކަޕްގެ މެޗުތައް އޮކްޓޯބަރު މަހު އަލުން ފަށާއިރު، 13 ދުވަހު ތެރޭގައި ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް ކުޅެ ނިމޭނެއެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގައި މިފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރެއެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން ޓީސީ ސްޕޯޓްސް ކްލަބެވެ. ދެން މި ގްރޫޕްގައި ހިމެނެނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީއެވެ.

މީގެ ކުރިން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ވަނީ މާޗު މަހު 12 ވަނަ ދުވަހު ވާދަކޮށްފައެވެ. އެ ދުވަހު ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ޓީސީ ކުޅުނު މެޗުން އެޓީމު ވަނީ 5-1 ން ބަލިވެފައެވެ. އަދި އިންޑިއާގައި މާޒިޔާ ވަނީ އެ ގައުމުގެ ޗެންނާއީ ސިޓީ އެފްސީއާ 2-2 ން އެއްވަރުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް