އާދީއްތަ 20 ސެޕްޓެންބަރ 2020
14 އުތުރަ
1442 ސަފަރު 02
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
މުންޑޫ އާދަަމް ހަލީމް އަށް ކުރެވޭ ތުހުމަތުތައް

73 ނޫސްވެރިން ސޮއިކޮށް މުންޑޫ އާދަމް ހަލީމްއަށް ކުރެވޭ ތުހުމަތުތައް ބަލައިދިނުމަށް އެދިއްޖެ

  • ދާދި ފަހުން އަންހެން ނޫސްވެރިޔަކު ވަނީ މުންޑޫ ޖިންސީ ފުރުއްސާރަކުރި ކަމަށް ބުނާ ވާހަކަތަކެއް ފެންމަތިކޮށްފައި
  • މައްސަލަ އަވަހަށް ބަލައި ދިނުމަށް ނޫސްވެރިން ވަނީ އެދިފައި
  • "ނޫސްވެރިކަމުގެ ރަންގަލަން" މުންޑޫގެ ކިބައިން އަތުލުމަށްވެސް ޕެޓިޝަނުގައި ގޮވާލި

ކ. މާލެ | 11 އޯގަސްޓް 2020 | އަންގާރަ 23:32 | 12,204

އަވަސް އޮންލައިންގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ހަލީމް - އަވަސް.އެމްވީ

އޮންލައިން ނޫސް، އަވަސް ނޫހުގެ ޗީފް އެޑިޓަރު މުންޑޫ އާދަމް ހަލީމްއަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތައް ބަަލައިދިނުމަށް އެދި, ނޫސްވެރިންތަކެއް އޭނާގެ މައްސަލަ އިދާރާތަކަށް ހުށައަޅައިފިއެވެ.

19 މީޑިއާއެއްގެ 73 ނޫސްވެރިޔަކު ސޮއިކޮށްފައިވާ ޕެޓިޝަން، ހޯމް މިނިސްޓްރީ އަށާއި، ފުލުހުންނަށާއި، ރައީސް އޮފީހުގެ އިތުރުން ޖެންޑަރ މިނިސްޓްރީ އަށް ވަނީ ހުށައަޅާފައެވެ. ނޫސްވެރިކަމުގެ ގައުމީ އިނާމުވެސް ހޯދާފައިވާ މުންޑޫ އާދަމް ހަލީމް އެ ނޫހުގައި މަސައްކަތް ކުރި އަންހެން ނޫސްވެރިންތަކަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ އާއި ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ، އެކަމުގެ ޝިކާރައަކަށްވީ ކަމަށް ބުނާ ފަރާތްތަކުން ވަނީ އެ ވާހަކަތައް ޓްވިޓާގައި އާންމުކޮށް ހާމަކޮށްފައެވެ.

އެ ނޫހުގައި ކުރިން މަސައްކަތްކުރި އަންހެން ނޫސްވެރިޔަކުވެސް ވަނީ، އޭނާއަށް މުންޑޫ ޖިންސީ ފުރުއްސާރަ ކޮށްފައިވާ ވާހަކަތަކެއް ޓްވިޓާގައި ފެންމަތިކޮށްފައެވެ. އެ އަންހެން މުވައްޒަފު ބުނެފައިވާ ގޮތުން އޭނާ ''އަވަސް'' އިން ކެނޑުނީ މުންޑޫގެ ފަރާތުން ލިބުނު ޖިންސީ ފުރުއްސާރަތަކާއި ހެދިއެވެ.

ނޫސްވެެރިންގެ ފަރާތުން އިދާރާތަކައި ހުށައެޅި ޕެޓިޝަން ގައި ބުނީ، ނޫހެއްގެ އިތުބާރު ކުރެވޭ އިސް މަގާގެއްގައި ހުރި ފަރާތަކާ މެދު އެކަކަށް ވުރެ ގިނަ ފަރާތުން އެ ފަދަ ތުހުމަތުތަކެއް ކުރުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި މިއީ "އަވަސް އޮންލައިން" ގައި މަސައްކަތް ކުރާ އަންހެން ނޫސްވެރިންނަށް ވެސް އަދި މި ދާއިރާގައި ކުރިއަށް ދިޔުމުގެ ހުވަފެން ދެކެމުން އަންނަ ނޫސްވެރިންނަށް ވެސް ބިރެއް ކަމުގައި އަޅުގަނޑުމެން ދެކެމެވެ. އަދި މިއީ ނޫސްވެރިން ކުރާ މަސައްކަތްތަކާއި މި ދާއިރާއާ މެދު ރައްޔިތުންގެ މެދުގައި ސުވާލުތައް ފެންމަތިވެ، އިތުބާރު ގެއްލޭނެ ފަދަ އަމަލުތަކެއް ކަމަށް ވެސް އަޅުގަނޑުމެން ގަބޫލުކުރަން

އޭނާގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކުރެވެނީ، ކުރިން ވީޓީވީގައި މަސައްކަތް ކުރަމުން ދިޔައިރު، އެ ޓީވީގެ އަންހެން މުވައްޒަފެއްގެ ގަޔަށް އަތްލައި، އަނިޔާ ކުރާ ވީޑިއޯއެއްވެސް މީގެ ކުރިން އާންމުވެފައި ވަނިކޮށެވެ.

ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހުންގެ މައްސަލަތައް ބަލައި ކުށްވެރިވާ ނަމަ ހައްގު އަދަބު ދިނުމަށް ނޫސްވެރިން ހުށައެޅި ޕެޓިޝަނުގައި ގޮވައިލިއެވެ. އަދި މީގެ އިތުރުން އެފަދަ ތުހުމަތުތައް ކުރެވޭ ފަރާތްތަކަށް މީގެ ކުރިން ދައުލަތުންނާއި އެކިއެކި އިދާރާތަކުން ދީފައިވާ އެވޯޑްތަކާއި "ގަލަންތަކާއި" ޝަރަފުތައް އަނބުރާ ގެނައުމާ މެދު ދެވަނަ ވިސްނުމަކަށް ދިޔުމަށް ނޫސްވެރިން ވަނީ އެދިފައެވެ.

އެގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ދީފައިވާ އާންމު ހިދުމަތުގެ ގައުމީ އިނާމާއި މީޑިއާ ކައުންސިލުން 2019 ވަނަ އަހަރު ދީފައިވާ "ނޫސްވެރިކަމުގެ ރަންގަލަން" މުންޑޫގެ ކިބައިން އަތުލުމަށްވެސް ޕެޓިޝަނުގައި ވަނީ އެދިފައެވެ.

އޭގެ އިތުރުން މުސްތަގުބަލުގައި އިދާރާތަކުން މިފަދަ އެވޯޑްތަކެއް ދޭއިރު މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހުންނަށް އެފަދަ އެވޯޑްތައް ނުލިބޭނެ ފަދަ ގޮތަކަށް އުސޫލުތައް އެކަށައަޅައި ތަންފީޒުކުރުމަށާއި މިފަދަ އެވޯޑެއް ލިބިފައިވާ ފަރާތްތަކަށް ފަހުން ވެސް އެފަދަ ތުހުމަތެއް ކުރެވޭނަމަ، އެ އެވޯޑެއް އަތުލެވޭނެ ގޮތުގެ އުސޫލެއް އެކުލަވާލައި، އާންމުކޮށް އަދި އެ އުސޫލު ތަންފީޒުކުރަން ވެސް ޕެޓިޝަންގައި އެދިފައިވެއެވެ.

މިއީ މި ދާއިރާގެ އަގު ހިފެހެއްޓުމަށާއި މި ދާއިރާއަށް ރައްޔިތުންގެ އިތުބާރު އުފައްދައި އަންހެނުންނާއި ޒުވާނުން މި ދާއިރާއަށް ނެރުމަށް ކޮންމެހެން ކުރަން ޖެހިފައި އޮތްކަމެއް ކަމަށް ވެސް ނޫސްވެރިން ބުންޏެވެ. އަދި ނޫސްވެރިކަމާއި މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް އެ މީހުންގެ ހައްގުގައި މަސައްކަތްކޮށް ދިނުމަށް ދިވެހި ދައުލަތުގެ އެންމެންހާ މުއައްސަސާތަކުގެ ކިބައިން އާދޭހާ އެކު ނޫސްްވެރިންނަށް ވަނީ ގޮވާލާފައެވެ.

މުންޑޫ ހާލީމްއަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ތިން ފަހަރެއްގެ މަތިން ގުޅާލުމުންވެސް ފޯނަށް ޖަވާބެއް ދީފައިނުވާތީ އޭނާގެ ބަހެއް ހަބަރުގައި ހިމެނޭ ގޮތެއް ވަނީ ނުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.