ކ. މާލެ
|
11 އޯގަސްޓް 2020 | އަންގާރަ 17:35
އެމްވީ ސީހޯމް ސަފަޔަރ -- ތިލަފުށި ފަޅުގައި އޮންނަތާ 8 އަހަރު، ތިމާވެއްޓަށް އަންނަނީ ގެއްލުން ލިބެމުން
އެމްވީ ސީހޯމް ސަފަޔަރ -- ތިލަފުށި ފަޅުގައި އޮންނަތާ 8 އަހަރު، ތިމާވެއްޓަށް އަންނަނީ ގެއްލުން ލިބެމުން
ޓްވިޓަރ
އެމްވީ ސީހޯމް ސަފަޔަރ ބޯޓު ނެގުމުގެ މައްސަލަ
ތިލަފުށީ ފަޅުގައި އޮތް ބޯޓު ނެގުމުގެ މަސައްކަތް ޖީއެމްއައިޒެޑުން ކޮށްފައިވަނީ ރަނގަޅަށް!
 
ޖީއެމްއައިޒެޑުން ޕާރކަވަން ކުންފުންޏަށް ގެއްލުމުގެ ބަދަލު ދޭންޖެހޭނެ ކަމަށް ނުބެލެވޭ
 
އޭސީސީން ނިންމާފައިވާނީ އެބޯޓު ނެގުމަށް ޖީއެމްއައިޒެޑުން ޕާކަވަން ކުންފުންޏާ ހަވާލު ކުރުމުގައި ކޮރަޕްޝަނުގެ މައްސަލައެއް ނުހިމެނޭ ކަމަށް
 
ފިނޭންސް މިނިސްޓްރީއާއި ޖީއެމްއައިޒެޑާ ދެމެދު ގިނަ ލިޔެކިޔުންތަކެއް ބަދަލުކޮށްފައިވާއިރު، ޖީއެމްއައިޒެޑުން އަމަލު ކޮށްފައިވަނީ ރަނގަޅަށް ކަމަށް ބެލެވޭ

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) ކުންފުންޏަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާއިރު، އެކުންފުނީގެ ދަށުން ހިންގާ ކ. ތިލަފުށީގެ ފަޅުގައި އޮތް ދަގަނޑު ބޯޓެއް ކަމަށްވާ "އެމްވީ ސީހޯމް ސަފަޔަރ" އެތަނުން ނެގުމުގެ މަސައްކަތުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާކަން ނުވަތަ އެ ބޯޓު ނެގުމުގައި އަމަލު ކޮށްފައިވަނީ ރަނގަޅަށް ކަމަށް "ރާއްޖެއެމްވީ" އަށް ކަށަވަރުވާ ވަރުގެ ހޯދުންތަކެއް ލިބިއްޖެ އެވެ. އެގޮތުން، "ރާއްޖެއެމްވީ" ލިބިފައިވާ މައުލޫމާތުތަކާއި އަދި ހޯދުނު ހޯދުންތަކުން އެނގޭގޮތުގައި، އެމްވީ ސީހޯމް ސަފަޔަރ އާމެދު އަމަލު ކުރަންވީ ގޮތުގެ އިރުޝާދު ހޯދުމަށް ޖީއެމްއައިޒެޑްއިން އެދުމުން އެބޯޓު ތިލަފުށި ފަޅުން ނެގުމާއި ތަޞައްރަފު ކުރުމުގެ ހުއްދަ ނުވަތަ އެބޯޓު އެތަނުން ނެގުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ހުއްދަ ޖީއެމްއައިޒެޑްއަށް ފިނޭންސް މިނިސްޓްރީން ދީފައިވާކަން، އެ ދެ ފަރާތުން ކޮށްފައިވާ މުއާމަލާތްތަކުން އެނގެ އެވެ.

ފިނޭންސް މިނިސްޓްރީއާއި ޖީއެމްއައިޒެޑާ ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކުގެ ތަފްސީލް:

11 ސެޕްޓެމްބަރު 2017 ގައި ތިލަފުށި ކޯޕަރޭޝަނުން ފިނޭންސް މިނިސްޓްރީ ފޮނުވާފައިވާ ސިޓީގައި، ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް 20 ޖުލައި 2017 ގައި ކުރައްވާފައިވާ އަމުރު ތަންފީޒު ކުރުމުގައި ކުރިއަށްގެންދާނެގޮތުގެ އިރުޝާދު ހޯދުމަށް ޖީއެމްއައިޒެޑްއިން އެދިފައި ވެއެވެ. އަދި 4 ޑިސެމްބަރު 2017 ގައި ފިނޭންސް މިނިސްޓްރީން ތިލަފުށި ކޯޕަރޭޝަނަށް ފޮނުވާފައިވާ ސިޓީގައި، އެމްވީ ސީހޯމް ސަފަޔަރގެ ހާލަތު ބަލައި އެ ބޯޓަކީ ތިލަފުށި ކޯޕަރޭޝަންގެ ބޭނުމަށް ބޭނުންކުރެވިދާނެ އެޅަނދެއްތޯ ބަލައި އެ އުޅަނދާމެދު އަމަލުކުރަން ފެންނަ އެންމެ ރަނގަޅު ގޮތް ހުށަހެޅުމަށް އަންގާފައިވާކަން އެނގެއެވެ.

13 ޖޫން 2018 ގައި ޖީއެމްއައިޒެޑްއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި، އެ މިނިސްޓްރީގެ ލަފާގެމަތިން އެމްވީ ސީހޯމް ސަފަޔަރ އަގުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަންގާފައިވާކަން އެނގެއެވެ. އަދި 16 އޮކްޓޯބަރު 2018 ގައި ޖީއެމްއައިޒެޑްއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގައި، އެމްވީ ސީހޯމް ސަފަޔަރ ފުންކޮށް ތިލަފުށި ފަޅުން ނެގުމާއި އަދި އެކަން ކުރުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދެވޭނީ އެމިނިސްޓްރީގެ ހުއްދައާއެކުގައި ކަމަށްވާތީ، އެކަން ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދި ދަންނަވާފައިވެއެވެ.

10 ޖެނުއަރީ 2019 ގައި ޖީއެމްއައިޒެޑްއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީގައި، އެމްވީ ސީހޯމް ސަފަޔަރ ތިލަފުށި ފަޅުން ނެގުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުމުގެ ހުއްދައަކަށް އެދިފައިވާއިރު، މިސިޓީއާއެކު އެ އުޅަނދާމެދު އަމަލުކުރާނެ ގޮތްތައް ހިމަނައިގެން ޖީއެމްއައިޒެޑްގެ މެނޭޖިންގ ޑިރެކްޓަރ ސޮއި ކުރައްވާފައިވާ އެއްބަސްވުމެއް އެމިނިސްޓްރީއަށް ފޮނުވާފައި ވެއެވެ.

މީގެއިތުރުން، 14 ޖެނުއަރީ 2019 ގައި ފިނޭންސް މިނިސްޓްރީން ޖީއެމްއައިޒެޑްއަށް ފޮނުވި ސިޓީގައި، ތިލަފުށި ފަޅުތެރެއިން އެމްވީ ސީހޯމް ސަފަޔަރ ނެގުމުގެ މަސައްކަތް ޖީއެމްއައިޒެޑްއިން ކުރުމާމެދު އެމިނިސްޓްރީގެ އިޢުތިރާޒެއް ނެތް ކަމުގައި އަންގާފައި ވެއެވެ. އަދި 14 އޮކްޓޯބަރ 2019 ގައި ޖީއެމްއައިޒެޑްއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީގައި، 14 ޖެނުއަރީ 2014 ގައި ފިނޭންސް މިނިސްޓްރީން ޖީއެމްއައިޒެޑްއަށް ފޮނުވި ސިޓީގައި ބޯޓު ތިލަފުށި ފަޅުތެރެއިން ނެގުމުގެ ހުއްދަ ދީފައިވަނީ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ވަކި ހާއްސަ ބަޔަކަށްތޯ ނުވަތަ މުޅި ހުކުމަށްތޯ ސާފުކޮށްދިނުމަށް އެދިފައި ވެއެވެ. އެގޮތުން، 27 އޮކްޓޯބަރު 2019 ގައި ފިނޭންސް މިނިސްޓްރީން ޖީއެމްއައިޒެޑްއަށް ފޮނުވި ސިޓީގައި، 14 ޖެނުއަރީ 2014 ގައި އެމިނިސްޓްރީން ޖީއެމްއައިޒެޑްއަށް ފޮނުވާފައިވާ ސިޓީގައި ބޯޓު ފަޅުތެރެއިން ނެގުމުގެ ހުއްދަ ދީފައިވަނީ ސިވިލް ކޯޓުގެ ޤަޟިއްޔާގެ މުޅި ޙުކުމަށް ކަމުގައި އަންގާފައިވެއެވެ.

ފިނޭންސް މިނިސްޓްރީއާއި ޖީއެމްއައިޒެޑާ ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، އެމްވީ ސީހޯމް ސަފަޔަރ އާމެދު އަމަލު ކުރަންވީ ގޮތެއް އޮޅުން ފިލުވުމަށް ޖީއެމްއައިޒެޑްއިން ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވަނީ އެބޯޓު ފުންކޮށް، ތިލަފުށި ފަޅުން ނެގުމާއި ތަސައްރަފު ކުރުމުގެ ހުއްދަ ނުވަތަ އެކަން ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމުގެ ހުއްދަ ހޯދުމަށެވެ. އަދި ޖީއެމްއައިޒެޑްއިން ހުށަހެޅި ހުށަހެޅުންތަކަށް ފިނޭންސް މިނިސްޓްރީން އިންކާރުކޮށްފައިވެސް ނުވެއެވެ.

ތިލަފުށި ފަޅުން އެމްވީ ސީހޯމް ސަފަޔަރ ނެގުމުގެ މަސައްކަތް ޖީއެމްއައިޒެޑުން ކުރުމާމެދު ފިނޭންސް މިނިސްޓްރީގެ އިޢުތިރާޒެއް ނެތް ކަމަށް 14 ޖެނުއަރީ 2019 ގައި އަންގާފައިވާކަން ވެސް ލިޔެކިޔުންތަކުން އެނގެއެވެ. އެހެންކަމުން، ފިނޭންސް މިނިސްޓްރީން ޖީއެމްއައިޒެޑަށް ދީފައިވާ ހުއްދައިގެ ތެރޭގައި އެބޯޓު ފުންކޮށް، ތިލަފުށި ފަޅުން ނަގައި ތަސައްރަފް ކުރުމުގެ ބާރު ހިމެނޭކަން ލިޔެކިޔުންތަކަށް ބެލުމުން އެނގެއެވެ. އަދި 16 އޭޕްރީލް 2019 ގައި ޖީއެމްއައިޒެޑާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ، ޕާރކަވަން އާދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން، އެމްވީ ސީހޯމް ސަފަޔަރ ތިލަފުށި ފަޅުން ނެގުމުގެ މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ، އެބޯޓު ތިލަފުށި ފަޅުން ނެގުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ޖީއެމްއައިޒެޑަށް ދިނުމުންކަން ފާހަގަ ކުރެވެއެވެ.

އެމްވީ ސީހޯމް ސަފަޔަރ ރޫޅައި، ކެފުމުގެ މަސައްކަތް ހުއްޓުވުމުން، އެމަސައްކަތްކުރި ޕާރކަވަން ކުންފުނިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް ހުށަހަޅާފައިވާ މައްސަލަ:

މިމަސައްލައަށް ބަލާއިރު، އެމްވީ ސީހޯމް ސަފަޔަރ ތިލަފުށި ފަޅުން ނެގުމުގެ މަސައްކަތުގެ ތެރެއިން ޕާރކަވަންއިން ވަނީ، އެ ބޯޓު އެހެން ސަރަހައްދަކަށް ގެންގޮސް އެ ބޯޓު ބާ ދަނގަޑަށް ވިއްކުމަށް ކެފުމުގެ މަސައްކަތް ކޮށްފަ އެވެ. އެކުންފުނިން އެމަސައްކަތް ކުރަމުންދަނިކޮށް، އެމަސައްކަތް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ފުލުހުންގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި، 30 މެއި 2019 ގައި އަމިއްލަ ކުންފުންޏެއް ކަމަށްވާ މޯލް ލިންކްސްގެ ފަރާތުން ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން، އެކޯޓުން ވަނީ، އެބޯޓު ބާ ދަގަނޑަށް ކެފުމުގެ މަސައްކަތް އެއްވެސް ފަރާތަކުން ކުރާނަމަ، އެމަސައްކަތް ހުއްޓުވުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލް ލިންކްސް ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ މަސްލަހަތު އޮތް ކުންފުންޏެކެވެ. އެނގިފައިވާ ގޮތުގައި އެބޯޓުގެ ރާއްޖޭގެ އެޖޭންޓަކީ މޯލް ލިންކްސް ކުންފުންޏެވެ. އެގޮތުން، އެމްވީ ސީހޯމް ސަފަޔަރ ބޯޓުގެ ވެރިފަރާތުން މޯލް ލިންކްސް ކުންފުންޏަށް ދައްކަންޖެހޭ 1.28 މިލިއަން ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން 2012 ވަނަ ހުކުމެއް ކޮށްފައި ވެއެވެ. އެހެންކަމުން އެފައިސާ މޯލް ލިންކްސް ކުންފުންޏަށް ލިބިފައިނުވާތީ، އެ ބޯޓު ކަފާލައި ނައްތާލުމަށް ކުރަމުން ދިޔަ މަސައްކަތް ހުއްޓުވުމުގެ އަމުރަކަށް އެކުންފުނިން އެދުނީ އެވެ.

އެ އަމުރާއެކު އެމަސައްކަތް ހުއްޓުވުމާ ގުޅިގެން، ޕާރކަވަން ކުންފުނިން ވަނީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި، 708،511 ޑޮލަރު (ހަތްލައްކަ އަށްހާސް ފަސްސަތޭކަ އެގާރަ ޑޮލަރު) ދެއްކުމަށް ޖީއެމްއައިޒެޑްއަށް ހުށަހަޅާފަ އެވެ. އަދި އެމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނިންމުން:

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 29 އޭޕްރީލް 2019 ގައި ނިންމާފައވާ ނިންމުމެއްގައި ބުނެފައިވަނީ، އެމްވީ ސީހޯމް ސަފަޔަރ ތިލަފުށި ފަޅުން ނެގުމުގެ ހުއްދަ ދައުލަތަށް ސިވިލް ކޯޓުން ދީފައިވާއިރު، އެ އުޅަނދު ނުނެގި އެތަނުގައި ގިނަ ދުވަސްތަކެއް ވާނަމަ، އޭޑީބީގެ އެހީގެ ދަށުން ހިންގަން ފަންޑް ލިބިފައިވާ ތިމާވެށީގެ މަޝްރޫއުތަކުގެ ފައިސާ ކެންސަލް ވުމުގެ ބިރުހީވާތީ، އެ އުޅަނދު އެތަނުން ނެގުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ޖީއެމްއައިޒެޑަށް ސިޓީ ފޮނުވާ ކަމަށެވެ. އަދި އެ އުޅަނދު އެތަނުން ނަގައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އާންމުކޮށް ޖީއެމްއައިޒެޑުން އިއުލާން ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅޭ މައުލޫމާތު 24 ފަރާތަކުން ސާފުކޮށްފައި ވީނަމަވެސް ބިޑް ހުށަހަޅާފައިވަނީ ޕާރކަވަން ކުންފުނި އެކަނި ކަމަށެވެ. އަދި މިމަސައްކަތަކީ ދައުލަތުގެ ބަޖެޓުން އެއްވެސް ފައިސާއެއް ޚަރަދު ކޮށްގެން ކުރާ މަސައްކަތަކަށް ނުވާތީއާއި އެ އުޅަނދު އެތަނުން ނެގުމުގެ މަސައްކަތް ވަކި ފަރާތަކާ ހަވާލުކުރުމުގައި، ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން ބެލެވެން ނެތް ކަމަށް އޭސީސީން ނިންމާފައި ވެއެވެ.

ކަންހިނގާފައިވާ ގޮތަށްބަލާއިރު، އެމްވީ ސީހޯމް ސަފަޔަރ ބާ ދަގަނޑަށް ކެފުމުގެ މަސައްކަތް ހުއްޓާލަންޖެހުނީ އަމިއްލަ އެހެން ފަރާތަކުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންކަމާއި އެކަމުގައި ޖީއެމްއައިޒެޑްގެ އެއްވެސް ބައިވެރިވުމެއް އަދި ޒިންމާއެއް ނެތްކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން އެމްވީ ސީހޯމް ސަފަޔަރ ބާ ދަގަނޑަށް ކެފުމުގެ މަސައްކަތް ހުއްޓާލަން ޖެހުމުން، އެމަސައްކަތް ކުރަމުންދިޔަ ޕާރކަވަން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ޖީއެމްއައިޒެޑުން ދޭން ޖެހޭކަމަކަށް ނުފެނެއެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީންވެސް ބަލާފައި ވެއެވެ. އަދި އެކޮމެޓީއަށް ފިނޭންސް މިނިސްޓްރީން ދީފައިވާ މައުލޫމާތުތަކާއި ދައްކާފައިވާ ވާހަކަތަކަށްބަލާއިރު، ފިނޭންސް މިނިސްޓްރީއާއި ޖީއެމްއައިޒެޑާ ދެމެދު ބަދަލު ކުރެވިފައިވާ ލިޔެކިޔުންތަކާ ތަފާތުތަކެއް ހުރުމުން ދިމާވި މައްސަލައެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ.

އެމްވީ ސީހޯމް ސަފަޔަރ ބޯޓަކީ މީގެ 8 އަހަރު ކުރިން، ހުއްދަ ނުހޯދާ ތިލަފުށި ފަޅުތެރޭގައި އެންކަރުކުރި ބޯޓެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް