އާދީއްތަ 20 ސެޕްޓެންބަރ 2020
14 އުތުރަ
1442 ސަފަރު 02
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
ކޮވިޑް-19 ވެކްސިން

ކޮވިޑް ވެކްސިން ލިބޭ ލިސްޓްގައި ރާއްޖެ ހިމެނޭ: މިނިސްޓަރ އަމީން

  • ދުނިޔޭގެ ގައުމުތަކަށް ވެކްސިން ޑިސްޓްރިބިއުޓް ކުރާނީ ޑަބްލިޔުއެޗްއޯއިން
  • ވެކްސިން ގައުމުތަކަށް ދޫކުރުމުގައި ޑަބްލިޔުއެޗްއޯއިން ވަކި ހަމަތަކެއް ގެންގުޅޭ
  • މިހާރު ގިނަ ވެކްސިންތަކެއް އުފެއްދުމުގެ މަސައްކަތް ވަނީ އެންމެ ފަހު މަރުހަލާގައި

ކ. މާލެ | 10 އޯގަސްޓް 2020 | ހޯމަ 13:10 | 75,205

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް އެތައް ޕްރޮގްރާމެއް އަންނަނީ ހިންގަމުން - ރޮއިޓަރސް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ކޮވިޑް-19 ގެ ވެކްސިން ދޫކުރާ ފުރަތަމަ ގައުމުތަގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ މަސައްކަތް ރާއްޖެއިން ކުރަމުންދާ ކަމަށާއި، އެގޮތުން ޑަބްލިއުއެޗްއޯއާއި މަޝްވަރާތައް ވެސް ކުރެވެމުންދާ ކަމަށެވެ.

ވެކްސިންގެ ކަންކަމުގައި ޑަބްލިއުއެޗްއޯގެ ބެއްލެވުމުގެ ދަށުން ވެކްސިން ޑިސްޓްރިބިއުޓް ކުރުމުގެ ކަންކަން ދާނީ، އެގޮތުން އަޅުގަނޑުމެންގެ ރާއްޖެ މިހާރުވެސް ލިސްޓް ކުރެވިފައިވަނީ. ވެކްސިނެއް ލިބި ދުނިޔޭގެ ގައުމުތަކަށް ވެކްސިން ޑިސްޓްރިބިއުޓް ކުރުމުގެ ނިޒާމުގެ ތެރެއިން އެކަމުގައި ރާއްޖެ ބައިވެރިވެފައިވާނެ. ރާއްޖެއަށް އިރާދާކުރެއްވިއްޔާ ވެކްސިން އަވަހަށް ލިބޭ ގައުމުތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ،

~ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

ނަމަވެސް ވެކްސިން ލިބޭނެ ވަކި ދުވަހެއް ކަނޑައެޅިގެން ދަންވަން ނޭނގޭކަމަށް އަމީން ވިދާޅުވިއެވެ. ކޮވިޑް-19 ގެ ވެކްސިން އުފައްދާ ގައުމުތަކުގެ ނުވަތަ ކުންފުނިތަކުގެ މަސައްކަތް ފައިނަލް ސްޓޭޖަށް ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް-19 ވެކްސިން އުފައްދަމުންދާއިރު، ރާއްޖެއިން މަސައްކަތް ކުރަމުންދަނީ ޑަބްލިޔުއެޗްއޯ މެދުވެރިކޮށް ވެކްސިން ހޯދުމަށެވެ. އަދި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށްގެންދާނީ ޑަބްލިޔުއެޗްއޯއިން ކަމަށާއި ޑަބްލިޔުއެޗްއޯއިން ގައުމުތަކަށް ވެކްސިން ފޯރުކޮށްދިމުގައި ވެސް ވަކި ހަމަތަކެއް ގެންގުޅުންވާ ކަމަށާއި އެގޮތުގެ މަތިން ފުރަތަމަ ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ލިސްޓްގައި ރާއްޖެ ހިމެނޭ ކަމަށް އަމީން ވިދާޅުވިއެވެ.

ރަޝިއާއިން ވަނީ އެގައުމުން އުފައްދާ ކޮވިޑް-19 ވެކްސިން އޮކްޓޯބަރު މަހުގެ ތެރޭގައި ނެރޭނެ ކަމަށް ބުނެފައެވެ. އަދި އޮކްސްފޯޑް ޔުނިވަރސީޓީން އުފައްދާ ވެކްސިންވެސް އޮތީ ފައިނަލް ސްޓޭޖްގައެވެ. އޭގެ އިތުރުން، އިންޑިއާއިންނާއި އިތުރު ބައެއް ގައުމުތަކުން ވެސް ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުން ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.