ކ. މާލެ
|
9 އޯގަސްޓް 2020 | އާދީއްތަ 07:18
ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާން
ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާން
ރާއްޖެ އެމްވީ
ރިލްވާން ގެއްލުނު މައްސަލަ
ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގު އަވަސްކޮށް ފިޔަވަޅު އެޅުމަށް މީޑިއާ ކައުންސިލުން ގޮވާލައިފި
 
މައްސަލައިގެ އިންސާފަށް ހުރަސްއެޅޭނެ ފަދަ މައުލޫމާތުތަކެއް އާންމުވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން
 
މިއަދާ ހަމައަށް ވެސް އެދެވޭ ގޮތެއްގައި އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަނަމަ އިންސާފު ގާއިމު ކުރެވޭނެ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުނުތާ ހަ އަހަރު ފުރިފައިވާއިރު މި މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތް ކޮށްފައިނުވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފިއެވެ.

މީޑިއާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާ ހިނގި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެދެވޭ ގޮތެއްގައި އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔަނަމަ އެކަމުގެ ފުރިހަމަ ހަގީގަތް އެނގި، މިހާރު އޮންނާނީ އިންސާފު ގާއިމުކުރެވިފައި ކަމަށެވެ. މީގެއިތުރުން ރިލްވާން ގެއްލުނު މައްސަލަ އާ ގުޅޭ ސިއްރު މައުލޫމާތުތަކެއް ވެސް ހިމެނޭ ގޮތަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ދައުލަތުގެ ބައެއް މުއައްސަސާތަކަށް ފޮނުވާފައިވަނިކޮށް ސިއްރު މައުލޫމާތުތައް އާންމުވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިކަމުގެ ސަބަބުން އެ މައްސަލައިގައި އިންސާފަށް ވާސިލްވުމަށް ހުރަސްތަކެއް ކުރިމަތިވި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވިދާޅުވެފައިވާ ކަމަށް މީޑިއާ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ. ދައުލަތުގެ މުއައްސަސާއެއްގެ އިހުމާލުން ނުވަތަ ފަރުވާ ކުޑަކަމުގެ ސަބަބުން އެ މައްސަލައިގެ އިންސާފަށް ހުރަސް އެޅޭނެ ފަދަ މައުލޫމާތުތަކެއް އާންމުވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ޚަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ އެންމެހޭ މުއައްސަސާތަކަށް ކައުންސިލުން ގޮވާލާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން މި މައްސަލަ ތަހުގީގުގައި އިތުރަށް ކުރަން ހުރި ކަންކަން ކުރުމަށް ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރަކު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމެވި ނިންމެވުމަށް ކައުންސިލުން މަރުޚަބާ ކިޔާ ކަަމަށާއި އެކަން ވީއެންމެ އަވަހަށް ކުރެވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ގޮވާލާފައިވެއެވެ. އަދި ވީހާވެސް އަވަހަށް ތަހުގީގު އިތުރަށް ފުރިހަމަކޮށް ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މީޑިއާ ކައުންސިލުން ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
50%
0%
50%
0%
0%
ކޮމެންޓް