ކ. މާލެ
|
7 އޯގަސްޓް 2020 | ހުކުރު 23:31
ޖިންޒީއާއި އޭނާގެ ދަރިފުޅު ޖިއާ ޖިއާ- ޖިންޒީ ވަނީ މެދުކެނޑުމެއް ނެތި އޭނާގެ ދަރިފުޅު ހޯދުމުގެ މަސައްކަތް ކޮށްފައި
ޖިންޒީއާއި އޭނާގެ ދަރިފުޅު ޖިއާ ޖިއާ- ޖިންޒީ ވަނީ މެދުކެނޑުމެއް ނެތި އޭނާގެ ދަރިފުޅު ހޯދުމުގެ މަސައްކަތް ކޮށްފައި
ބީބީސީ
ޖިންޒީއާއި އޭނާގެ ފިރިމީހާގެ ވާހަކަ
32 އަހަރު ކުރިން ވަގަށް ނެގި ދަރިފުޅު ފެނުނީ މި އަހަރު މަންމައިންގެ ދުވަހު
 
އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެދާނެކަމަށް ޖިންޒީ ހިއެއް ނުކުރޭ
 
އޭރު ޖިއާއަށް ވާނީ އެންމެ 2 އަހަރާއި 8 މަސް
 
ޖިއާ ގެއްލުނީ 1988 ވަނަ އަހަރުގެ އޮކްޓޯބަރު މަހު

ޗައިނާއަށް ނިސްބަތްވާ ދެމަފިރިން ކަމަށްވާ ޖިންޒީއާއި އޭނާގެ ފިރިމީހާ އުޅެމުންދިޔައީ އާދައިގެ ދިރިއުޅުމެކެވެ. ހުރި ހަމައެކަނި ދަރިފުޅު މައޯ ޔިން ނުވަތަ ލޯބިން އެ ދެމަފިރިން ކިޔާ ގޮތުން ނަމަ ޖިއާ ޖިއާ އަކީ އެ ދެމަފިރިންގެ ލޮލުގެ ނޫރެވެ. އާބާދީ ކޮންޓްރޯލް ކުރުމަށް 1979ން ފެށިގެން ޗައިނާގައި ގެންގުޅޭ "ވަން ޗައިލްޑް ޕޮލިސީ" ގެ ސަބަބުން އިތުރު ދަރިއަކު ހޯދުމުގެ ވިސްނުމެއްވެސް ނެތުމުގެ ނަތީޖާއަކަށްވީ ދެމަފިރިންގެ ހުރިހާ ލޯތްބަކާއި އަޅާލުމެއް ލިބުނު ފިރިހެންދަރި ޖިއާއަށް ދިނުމެވެ.

ދެމަފިރިން ވަޒީފާ އަދާ ކުރާއިރު، އަބަދުވެސް ޖިއާ ހެނދުނު ގަޑީގައި ކިންޑަރގާރޓެންއަށް ލައެވެ. އަދި ވަޒީފާ އަދާކޮށް ނިމުމުން އަނބުރާ ގެއަށް ގެންދެއެވެ. އޭގެ ތެރެއިން ދުވަހެކެވެ. ވަޒީފާގައި ހުއްޓައި ޖިންޒީއަށް ލިބުނު ބިރުވެރި ޚަބަރަކީ އޭނާގެ ލޯބިވާ ދަރިފުޅު ގެއްލިގެން އުޅޭ ޚަބަރެވެ. އެއީ 1988 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މީގެ 32 އަހަރު ކުރިއެވެ. އޭރު ޖިއާއަށް ވާނީ އެންމެ 2 އަހަރާއި 8 މަހެވެ.

ޖިއާގެ ފިރިމީހާ ބުނި ގޮތުގައި ކިންޑަރގާރޓެން އިން ޖިއާ ގޮވައިގެން އެނބުރި އައި މަގުމަތީގައި ގެ ކައިރީގައި އިން އާއިލީ ހޮޓަލަކަށް ވަނީ ޖިއާއަށް ފެންފުޅިއެއް ގަތުމަށެވެ. އަދި 2 މިނެޓު ނުވަނިސް ނުކުތް އިރު ޖިއާ ފެންނަން ނެތް ކަމަށް އޭނާ ބުންޏެވެ. ކޮންމެއަކަސް އެ ހިސާބުން ޖިއާ ހޯދުމުގެ މަސައްކަތް ފެށިއެވެ.

ޖިއާ ހޯދާތާ ހަފްތާއެއް ވެގެން ދިޔައިރުވެސް އޭނާގެ މަންމަ ޖިންޒީގެ އުއްމީދުތަކަކަށް ބަދަލެއް ނާދެއެވެ. ދަރިފުޅުގެ ފޮޓޯއާއި ވަނަވަރު ހިމަނައި ލައްކައެއްހާ ކާޑު ޕްރިންޓްކޮށް، ކައިރި ހޮޓާތަކާއި، ބަސް ސްޓޭޝަންތަކަށް ބެހުމުގެ މަސައްކަތް ފެށިއެވެ. އަދި ލޯކަލް ނޫސްތަކުގައިވެސް ދަރިފުޅުގެ ފޮޓޯ ޖަހައި އާންމުންގެ އެހީތެރިކަމަށް އެދުނެވެ. އެހެން ނަމަވެސް، އޭރުވެސް ދަރިފުޅު ވަގަށް ނަގާނެ ކަމަށް ނުވަތަ އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވެދާނެކަމަށް ޖިންޒީއަށް ކުޑަކޮށްވެސް ހިއެއް ނުވެއެވެ.

ޖިއާ ޖިއާ ( ގެއްލުނު އިރު އުމުރުން 2 އަހަރު)

ދަރިފުޅު ޖިއާ ހޯދުމުގެ މަސައްކަތުގައި 4 އަހަރު ހޭދަވިއިރު، އެ ކުޑަކުޑަ އާއިލާ އޮތީ ވިއްސި ވިހާލިވެފައެވެ. ދެމަފިރިންގެ ކައިވެނިވެސް އޭރު ވަނީ ނިމުމަކަށް އައިސްފައެވެ. އެހެން ނަމަވެސް، ދަރިފުޅު ހޯދުމަށް އެ ދެމަފިރިން ކުރަމުންދިޔަ މަސައްކަތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ކޮންމެ ހަފްތާ ބަންދެއްގައިވެސް ކައިިރި ޕްރޮވިންސްތަކަށްވެސް ގޮސް ދަރިފުޅު ހޯދުމުގެ މަސައްކަތް ކުރެއެވެ. އަދި ޖިއާއާ ވައްތަރު ކުއްޖަކު ފެނިއްޖެކަމަށް ޚަބަރު ލިބިއްޖެނަމަ ވަގުތުން އެ ތަނަކަށް ދަތުރުކޮށް، ބަލައެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކުވެސް ކުރިމަތިލާން ޖެހެނީ ނާކާމިޔާބީއާއެވެ.

ދުވަސްވީ ވަރަކަށް ޖިންޒީގެ ސިއްޙީ ޙާލު ދިޔައީ ދަށްވަމުންނެވެ. ޑޮކްޓަރުންވެސް ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާގެ ހަށިގަނޑަށް ބޭސް ކޮށްދެވުނު ނަމަވެސް، އޭނާގެ ހިތަށް ލިބެމުންދާ އަނިޔާއަށް ދޭނެ ޑޮކްޓަރީ ބޭހެއް ނެތް ކަމަށެވެ. އަދި ދަރިފުޅު ހޯދުމަށް ކުރާ ދިގު ދަތުރުގައި އޭނާ އަމިއްލަ ސިއްޙަތަށް ސަމާލުވާން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނަމުން ދިޔައެވެ. އެހިސާބުން ޖިންޒީވެސް އެ އަޒުމުގައި މަސައްކަތް ފެށިއެވެ. އަދި ހިތާމަ ކުރުމުގެ ބަދަލުގައި، ހުރިހާ ވަގުތެއް ދަރިފުޅު ހޯދުމުގައި އަވަދިނެތި އުޅުމަށް ހުސްކޮށްލިއެވެ. ގެއްލިފައިވާ ކުދިން ހޯދުމުގެ މަސައްކަތް ކުރާ އެންޖީއޯއަކާ ގުޅި، އެ މަސައްކަތުގައި ޝާމިލުވެ އުޅެން ފެށުމުގެ ނަތީޖާއަކަށްވީ، އެތައް އާއިލާއަކަށް ދިމާވެފައިވާ އެފަދަ މައްސަލައަށް ޙައްލު ހޯދައި ދެވުމެވެ. އަމިއްލަ ދަރިފުޅު ނުފެނުނު ކަމުގައި ވިޔަސް، އެތައް އާއިލާއަަކަށް ގެއްލިފައިވާ ދަރިން ހޯދައި ދިނުމުގައި އިސް ރޯލެއް އަދާކުރިއެވެ.

ޖިއާ ޖިއާ- އޭނާ ފެނިފައިވަނީ ގެއްލުނުތާ 32 އަހަރު ފަހުން

އިންތިޒާރަށް ނިމުމެއް އައީ މިއަހަރު މަންމައިންގެ ދުވަހު !

ކޮންމެއަކަސް ޖިންޒީގެ ދިގު އަދި ހިތްދަތި އިންތިޒާރަށް މިހާރު ވަނީ ނިމުމެއް އައިސްފައެވެ. ލޯބިވާ ދަރިފުޅު ޖިއާ ފެނިއްޖެ ކަމުގެ އުފާވެރި ޚަބަރު ޖިންޒީއަށް ލިބުނީ މިއަހަރުގެ މަންމައިންގެ ދުވަހުއެވެ. އޭނާ ދިރިއުޅުނު އަވަށުގެ ޕަބްލިކް ސެކިއުރިޓީ ބިއުރޯއިން ގުޅައި، "މައޯ ޔިން (ޖިއާ ޖިއާ) ފެނިއްޖެ" ކަމުގައި ބުނި ވަގުތުވީ އެ މަންމަގެ ޙަޔާތުގައިވެސް އައި އެންމެ އުފާވެރި ވަގުތަށެވެ.

ފުލުހުންނާ ކަމާބެހޭ މުއައްސަސާތަކުން ގުޅިގެން ކުރި މަސައްކަތުން ޖިއާ ކުޑައިރު ކިޑްނެޕް ކޮށްގެން ގެންގޮސް، އާއިލާއަކަށް ވިއްކާލާފައިވާކަން އެނގުނެވެ. އޭރު ޖިއާ ގެއްލުނުތާ 32 އަހަރުވީއެވެ. ފުލުހުން ޖިއާ ހޯދުމުގައި 300ށް ވުރެ ގިނަ ލީޑް ހޯދައި، އެ މަގުން ތަހުޤީޤުތައް ކުރިއަށް ގެންގޮސް، އެންމެ ފަހުން ޑީއެންއޭ ޓެސްޓުތައްވެސް ހެދިއެވެ. އެއީ ޙަޤީޤަތުގައިވެސް ޖިއާކަން އެ މަންމައަށް ފުރިހަމައަށް ކަށަވަރުވީ އެވަގުތުއެވެ.

އޭރު ޖިއާއަކީ ކައިވެންޏެއް ކޮށްގެން އަމިއްލަ ވިޔަފާރިއެއް ހިންގަމުންދާ ހަރުދަނާ ދަރިއެކެވެ. އޭނާ ބަލައި ބޮޑުކުރި އާއިލާގެ ވާރިސެވެ.

32 އަހަރަށް ފަހު އެ ދެމަފިރިންނާއި ޖިއާގެ "ރީޔޫނިއަން" އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔައެވެ. އެތައް ބައެއްގެ ލޮލުން ކަރުނަ އޮހޮރާލިއެވެ. ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ލިބިގެންދިޔައެވެ. ޗައިނާގެ ސެންޓްރަލް ޓީވީން އެ މަންޒަރުތައް ވަގުތުން ދުރަށް ދެއްކިއެވެ. ރޮމުން މަންމާއޭ ބުނެ ޖިއާ އައިސް އޭނާގެ މަންމައާއި ބައްޕަ ގައިގައި ބައްދާލި ވަގުތު މަންޒަރު ބަލަން ތިބި އެތައް ބައެއްގެ ލޮލުންވެސް ކަރުނަ ހިލުނެވެ.

32 އަހަރަށް ފަހު، ޖިންޒީ އޭނާގެ ދަރިފުޅާ ބައްދަލު ކުރުން

ފަހުން ޖިންޒީއަށް އެނގުނު ގޮތުގައި ޖިއާ ކިޑްނެޕް ކުރި މީހުން އޭނާ ގެންގޮސް 840 އެމެރިކާ ޑޮލަރަށްވާ ޗައިނާ ފައިސާއަށް އޭނާ ވިއްކާލީ ސިޗުއާން ޕްރޮވިންސްގައި ދިރިއުޅެމުން ދިޔަ ދަރިން ނުލިބޭ ދެމަފިރިންނަށެވެ. އެ ދެމަފިރިން ވަނީ އޭނާގެ ނަން ބަދަލުކޮށް، ދެމަފިރިންގެ އަމިއްލަ ދަރިއެއްގެ ގޮތުގައި ޖިއާ ބަލާ ބޮޑުކޮށްފައެވެ.

ޖިއާ ބުނާ ގޮތުގައި އޭނާ ބޮޑުވެގެން އައިއިރު، ޓީވީން މަންމަގެ ވާހަކަތައް ފެނެއެވެ. ނަމަވެސް އޭރު އެފަދަ އެއްވެސް ގުޅުމެއްގެ އިހުސާސެއް ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް، ފޮޓޯއިން ފެންނަ ތުއްތު ކުއްޖާ އޭނާއާ ހާދަ ވައްތަރޭވެސް ބައެއް ފަހަރު ހިތަށް އެރި ނަމަވެސް، އެއީ އޭނާއަށް ވެދާނެ ކަމަށް ހަޤީޤަތުގައި ހީވެފައި ނެތް ކަމަށް އޭނާ ބުންޏެވެ.

ޗައިނާގައި އަމަލު ކުރަމުންދާ ވަން ޗައިލްޑް ޕޮލިސީގެ ސަބަބުން މިފަދަ ހާދިސާތައް ހިނގުމަށް މެދުވެރިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ޚާއްސަކޮށް މި ޙާދިސާއަށްފަހު، އެ ވާހަކަތަކުގެ އަޑު އަނެއްކާވެސް މިވަނީ ގަދަވެފައެވެ. އާބާދީ ކޮންޓްރޯލް ކުރުމަށް ވަން ޗައިލްޑް ޕޮލިސީ ގެންގުޅުމުގެ ނުރަނގަޅު ނަތީޖާތައް ނުކުންނަމުންދާކަމަށް ގިނަ ބަޔަކު ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
13%
73%
7%
0%
7%
0%
ކޮމެންޓް