ކ. މާލެ
|
8 އޯގަސްޓް 2020 | ހޮނިހިރު 16:31
ޝަހީދު ހުސެއިން އާދަމްގެ މަހާނަ ގާކޮޅު
ޝަހީދު ހުސެއިން އާދަމްގެ މަހާނަ ގާކޮޅު
ރާއްޖެ އޮންލައިން
ޝަހީދުން ފަސްދާނުލެވިފައިވާ ސަރަހައްދުތައް ވީރާނާވ
ޝަރަފުވެރި ބަތޮލުންނަށް "ކޮންފަދަ އިހުމާލެއް"!
 
ވަޠަނީ ލޯބި ދަރީންގެ ހިތްތަކުގައި އުފައްދާ ބިންވަޅު ނަގާން އެދޭނަމަ، މިފަދަ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކޮށް ބަލަހައްޓާން ޖެހޭ
 
ނޮވެމްބަރ 3 ގައި ޝަހީދުވީ ފަރާތްތައް ފަސްތާނު ލެވިފައިވާ ހެންވޭރު ސަހަރާގައި އެ ބަޠަލުންގެ ކަށްތައް ފާހަގަ ކުރެވިފައި ވީ ނަމަވެސް އެތަންވެސް އެހެރެ ވީރާނާވެގެން ދަނީ
 
މި ފަސްގަނޑުގެ މިނިވަން ނިދާ މެރުނަ ނުދީ ޝަހީދުވެދިޔަ އަބުތޯލުންނަށް ތައުރީފުކޮށް ކޮޅުން ނުލާނެކަން ކަށަވަރު

މީގެ 31 އަހަރު ކުރިއެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ކީ ދިވެހި އެއްވެސް ރައްޔިތެއްގެ ހަނދާނުން ފިލައިގެން ނުދާނެ ދުވަހެއްކަން ކަށަވަރެވެ. ކަންވާނީވެސް އެހެންތާއެވެ. އެއީ ހަމަޔަގީނުން ވެސް މިފަހުގެ ތާރީހުގައި ދިވެހިން ދުށް އެންމެ ކަޅު ދުވަސްކަން ކަށަވަރެވެ. ދިވެހި ގައުމަށް ޣައްދާރުވި ދިވެހި ބަޔަކާއި ގުޅިގެން ސިލޯނު ޓެރެރިސްޓު ޖަމާއަތެއް ކަމުގައިވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އިލާމް (ޕްލޮޓް) ނަމަކަށް ކިޔާ ބަޔަކު ދިވެހި މި ބިން ހިފަން ހަމަލާދިން ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ނުވަތަ ބަޑި ބުރާސްފަތީގެ ނަމުން މަޝްހޫރު ދުވަހެވެ.

ދިވެހި މި ބިން މިއަދާއި ހަމައަށް މިނިވަންކަން މަތީ 55 އަހަރު މިހޭދަކުރީ އެދުވަހު ދިވެހިން މި ބިރުވެރިކަމުން ސަލާމަތްކޮށްދިން އަބްޠާލުންގެ މަސައްކަތުންކަން ކަށަވަރެވެ. ސިލޯނު ޓެރަރިސްޓުން ރާއްޖެއަށްދިން އުދުވާނީ ހަމަލާގައި ސިފައިންގެ 8 ބޭކަލަކާއި އާންމުންގެ 11 ފަރާތެއް ވަނީ ޝަހީދުވެފައެވެ.

ކޮންމެއަކަސް އަޅުގަނޑު މި ރިޕޯޓުގައި އަލި އަޅުވައިލާނީ އެ ދުވަހު މިގައުމު ސަލާމަތް ކޮށްދިން ޝަހީދުންނަށް ތަޢުރީފުގެ އެދުވަހު މި ފަސްގަނޑުގެ މިނިވަން ނިދާ މެރުނަ ނުދީ ޝަހީދުވެދިޔަ އަބުތޯލުންނަށް ތައުރީފުކޮށް ކޮޅުން ނުލާނެކަން ކަށަވަރެވެ.

ގައުމަށްޓަކައި ޝަހީދުވާ ފަރާތްތަކުގެ އަގު ގައުމުގެ ރައްޔިތުން އަދާކުރަމުން އަންނަނީ ނުހަނު ލޯބިންނެވެ. ގައުމަށްޓަކައި ހަނގުރާމަކުރާ ފަރާތްތަކުގެ ބިނާތަކަކީ ރައްޔިތުން ގަދަރު ކުރާ ތަންތަނެވެ. މިކަން މިހެން އޮތީ ހަމައެކަނި ރާއްޖެއަކު ނޫނެވެ. ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ވެސް މިކަން އޮތީ މިދެންނެވި ބީދައިންނެވެ.

ނޮވެމްބަރު 3 ގައި ޝަހީދުން ހެންވޭރު ސަހަރާގައި ފަސްދާނުލެވިފައިވާ ސަރަހައްދު

ރާއްޖެއިން ފެންނަން ހުރި މިފަދަ މިސާލަކަށް ބަލައިލަމާ ހެއްޔެވެ؟ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތް ކޮށްދެއްވި ބަޠަލް މުހައްމަދު ތަކުރުފާނުގެ ގަނޑުވަރު ހއ. އުތީމުގައި ހުންނައިރު އެތަނަކީ ދިވެހި ދައުލަތުން ބޮޑު ޚަރަދު ކުރައްވައިގެން ބަލަހައްޓަމުން ގެންދާ ތަނެކެވެ. އެތަން ބަލަހަށްޓަމުން ގެންދަވަނީ އެތައް ގޮތަކުން އެތަން މުހިންމުވާތީކަން ކަށަވަރެވެ. މިއަދުގެ ޙަޤީޤަތަކީ ފަތުރު ވެރިކަމަށް ބަރޯސާވެފައިވާ މިރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރީންވެސް ބޮޑުތަކުރުފާނުގެ ގަނޑުވަރު ދެކިލުމަށް އެތަނަށް ޒިޔާރަތް ކުރާކަމެވެ.

އެކަމަކުވެސް ހިތާމައިގެ ކޮޅެއް ނެތެވެ. ފުރަ މާލޭގައި އަތްފޯރާ ހިސާބުގައި ހުރި މިފަދަ މުހިންމު ތަންތަނުގެ މިއަދުގެ ޙާލަތާމެދު ފުންކޮށް ވިސްނައިލަމާ ތޯއެވެ؟

ހަވަނަ ޢަލީ ރަސްގެ ފާނުގެ ޒިޔާރަތް ފެނި ލޮލުން ކަރުނަ ހިލެއެވެ. ނޮވެމްބަރ 3 ގައި ޝަހީދުވީ ފަރާތްތައް ފަސްތާނު ލެވިފައިވާ ހެންވޭރު ސަހަރާގައި އެ ބަޠަލުންގެ ކަށްތައް ފާހަގަ ކުރެވިފައި ވީ ނަމަވެސް އެތަންވެސް އެހެރެ ވީރާނާވެގެން ދަނީއެވެ. މިއިންތަނެއް ފެންނަ، މިއިންކަމެއް ބޮޑުވާ ބަޔަކު ނެތް ކަހަލައެވެ. އެތަންތަނަށް ދޭންޖެހޭ އަހަންމިއްޔަތު ދެވުނު ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މިއީ، ފަހަރެއްގައި ވެސް ބަލައި ގަނެވޭނެ ކަމެއް ނޫނެވެ.

ހިތާމަޔަކީ، ދިވެހި ދައުލަތުން ބޮޑު ޚަރަދު ކޮށްފައި މިކަމަށް ވެސް ވަކި ޚާއްޞަ މިނިސްޓްރީއެއް އެބަހުރި ކަމެވެ. މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ ކިހާވަރެއްގެ ކަމެއްކަން އެ މިނިސްޓްރީގެ އިސްވެރީންނަށް ނޭގޭނަމަ، މާދަމާގެ މިގައުމުގެ ހާލަތަކީ ކޮބައި ހެއްޔެވެ؟ ސަރުކާރުގެ ފަރާތުން އަހަންމިއްޔަތުކަން ދެއްވާކަން ހާމަވާ ކަމަކީ މިބާވަތުގެ ކަންކަމަށް ވަކި ވުޒާރާއެއް ޤާއިމު ކުރެވިފައިވުމެވެ.

ނޮވެމްބަރު 3 ގައި ޝަހީދުން ހެންވޭރު ސަހަރާގައި ފަސްދާނުލެވިފައިވާ ސަރަހައްދު

އަޅުގަނޑު ހިތުން މިއަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަސް ވެސް ފާހަގަ ކުރާނެއެވެ. ސަނާ އާއި ތަޢުރީފުގެ ބަސްތަކުން ޝަހީދު ވީ ބަޠަލުންނަށް މާފަތި ގަތާނެއެވެ. މި ދައްކަނީ އެއަށްވުރެ މާ މުހިންމު ކަމެއްގެ ވާހަކައެވެ. ހަމައެކަނި ލަފުޒުތަކަކުން ނުފުދޭ ވާހަކައެވެ. އަންނަނިވި ޖީލުތަކަށް މިޒިކުރާ އާކުރާން އެދޭނަމަ، ވަޠަނީ ލޯބި ދަރީންގެ ހިތްތަކުގައި އުފައްދާ ބިންވަޅު ނަގާން އެދޭނަމަ، މިފަދަ ތަންތަން ހިމާޔަތްކޮށް ރައްކާތެރިކޮށް ބަލަހައްޓާން ޖެހޭ ވާހަކައެވެ. އަދި އެތަންތަނާ ބޭހޭ މަޢުލޫމާތު ފަތުރާ އެކަމަށް ސަރުކާރުތަކުން އަހަންމިއްޔަތުކަން ދޭކަން ދައްކައިދޭން ޖެހޭ ވާހަކައެވެ.

ހިތާމަޔާއެކު ދަންނަވަން ޖެހެނީ ނިމިދިޔަ އެއްވެސް ސަރުކާރަކުން މިކަންކަމަށް ދޭންވީ ޚާއްޞަ އަހަންމިއްޔަތުކަން ދެވިފައި ނުވާ ކަމަށެވެ. ޝަހީދުންގެ ދުވަސް ޤައުމު ފާހަގަ ކުރަމުން ދާއިރު، ހެންވޭރު ޝަހަރާގައި ފަސްދާނު ލެވިފައިވާ އަގުހުރި ޝަހީދުންގެ މަގުބަރާއަށް އަޅައި ނުލެވި ވީރާނާ ވާން ދޫކޮށްލައިފައި ވުމަކީ ލަދުވެތި ކަމަކަށް ނުވޭތޯއެވެ؟ ހަވަނަ ޢަލީ ރަސްގެ ފާނުގެ ޒިޔާރަތް އެހެން އޮވެ ވާ ވާން ދޫކޮށްލައިފައި ވުމަކީ ހަމަ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެނީތޯއެވެ. ބަހުން ޝަރަފު ދީފައި ޢަމަލުން މި ވެވެނީ ކޮންފަދަ އިހުމާލެއްތޯއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
75%
13%
0%
13%
ކޮމެންޓް