ކ. މާލެ
|
7 އޯގަސްޓް 2020 | ހުކުރު 13:50
ވުލްވްސް އާއި އޮލިމްޕިއާކޯސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވުލްވްސް މޮޅުވީ 1-0 ން
ވުލްވްސް އާއި އޮލިމްޕިއާކޯސް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ވުލްވްސް މޮޅުވީ 1-0 ން
ގެޓީ އިމޭޖަސް
ޔުއެފާ ޔޫރޮޕާ ލީގު
48 އަހަރަށްފަހު ވުލްވްސް ޔޫރޮޕާ ލީގުގެ ކުއާޓާއަށް
 
ރޯމާ އަތުން ސެވިއްޔާ މޮޅުވީ 2-0 ން
 
އޮލިމްޕިއާކޯސް އަތުން ވުލްވްސް މޮޅުވީ 1-0 ން

އޮލިމްޕިއާކޯސް އަތުން މޮޅުވެ 48 އަހަރަށް ފަހު ވުލްވްސް ފުރަތަމަ ފަހަރަށް ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ބުރާސްފަތި ދުވަހުގެރޭ އޮލިމްޕިއާކޯސް އަތުން 1-0 އިން ވުލްވްސް މޮޅުވިއުރު، ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 ން ދެ ޓީމު އެއްވަރުވެގެންނެވެ. އެހެންކަމުން ވުލްވްސްއަށް ކުރިލިބުނީ 2-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

48 އަހަރަށްފަހު ވުލްވްސް ކުއާޓާއަށް ދަތުރުކުރިއިރު، ވުލްވްސް އެންމެ ފަހުން މި މުބާރާތުގެ ކުއާޓާގައި ކުޅުނީ 1972 ވަނަ އަހަރުއެވެ. އޭރު ޔުއެފާ ކަޕްގެ ނަމުގައި މި މުބާރާތް ކުޅުނުއިރު، ފައިނަލުގައި ވުލްވްސް ބަލިވީ ޓޮޓެންހަމް ހޮޓްސްޕާއާ ވާދަކޮށްގެންނެވެ.

ވުލްވްސްގެ ދަނޑުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ވުލްވްސްއަށް ކާމިޔާބުކޮށްދިނީ ރައުލް ހިމެނޭޒްއެވެ.

އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓުގައި އޮލިމްޕިއާކޯސްގެ މެޑީ ކަމާރާ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި ނަމަވެސް، އެޓީމުގެ ފޯވާޑް ޔޫސުފް އެލްއަރާބީ އޮފްސައިޑްގައި ހުރުމާއެކު ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެ ލަނޑު ކެންސަލް ކޮށްފައެވެ.

ސެވިއްޔާ އާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ސެވިއްޔާ މޮޅުވީ 2-0 ން

މި މެޗުން މޮޅުވެ ކުއާޓާ ފައިނަލަށް ވުލްވްސް ދަތުރުކުރިއިރު، ކުއާޓާގައި ވުލްވްސް ބައްދަލުކުރާނީ ސެވިއްޔާ އާއެވެ. ސެވިއްޔާ ކުއާޓާއަށް ދަތުރުކުރީ ބުރާސްފަތި ދުވަހުގެރޭ ރޯމާގެ މައްޗަށް 2-0 ން ކުރިހޯދައިގެންނެވެ.

މި މެޗުގައި ރޯމާ ކޮޅަށް ސެވިއްޔާއިން ދެ ލަނޑުވެސް ޖެހީ ވެސް ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި ސާޖިއޯ ރެގީލޯން ސެވިއްޔާއަށް ލީޑު ނަގައިދިންއިރު، މެޗުގެ 44 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ ޔޫސުފް އެން-ނަސްރީއެވެ.

ޔޫރޮޕާ ލީގުގެ ކުއާޓާއަށް ޓީމުތައް ދަތުރުކުރިއިރު، ކުއާޓާ މެޗުތައް ކުޅޭނީ ޖަރުމަންގެ ހަތަރު ސިޓީއެއްގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް