ކ. މާލެ
|
7 އޯގަސްޓް 2020 | ހުކުރު 13:37
އައު ޤާނޫނު އަސާސީ ތަސްދީޤްކުރެއްވުމަށް 7 އޮގަސްޓް 2008 ގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އައު ޤާނޫނު އަސާސީ ތަސްދީޤްކުރެއްވުމަށް 7 އޮގަސްޓް 2008 ގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
އައު ޤާނޫނު އަސާސީއަށް 12 އަހަރު
އައު ޤާނޫނު އަސާސީއަށް 12 އަހަރު، ބޭނުންވި ގިނަ ބަދަލުތަކެއް ނުފެނުނު!
 
އެ ދުވަހު ތަސްދީޤު ކުރެވުނު ރާއްޖޭގެ 7 ވަނަ ޤާނޫނު އަސާސީ ހެދުމުގެ މަސައްކަތް ފެށުނީ 19 ޖުލައި 2004 ގައި
 
އެ ޤާނޫނު އަސާސީއަކީ ރާއްޖޭގެ ތާރީޚްގައި އެކުލަވާލެވުނު 7 ވަނަ ޤާނޫނު އަސާސީ
 
އައު ޤާނޫނު އަސާސީ ތަސްދީޤްކުރެވުނީ 2008 ވަނަ އަހަރުގެ އޮގަސްޓަ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 10:32 ގައި

2008 ވަނަ އަހަރުގެ އޮގަސްޓަ މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 10:32 ގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމް ތަސްދީޤް ކުރެއްވިި ޤާނޫނު އަސާސީއަކީ ރާއްޖޭގެ ތާރީޚްގައި އެކުލަވާލެވުނު 7 ވަނަ ޤާނޫނު އަސާސީއެވެ. އެ ދުވަހު ތަސްދީޤު ކުރެވުނު ރާއްޖޭގެ 7 ވަނަ ޤާނޫނު އަސާސީ ހެދުމުގެ މަސައްކަތް ފެށުނީ 19 ޖުލައި 2004 ގައެވެ. އެއީ ޤާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޤާނޫނު އަސާސީ އިސްލާޙް ކުރެއްވުމަށް ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރެއްވުމުންނެވެ. މި ޤާނޫނު އަސާސީ ރައްޔިތުންގެ ޚާއްޞަ މަޖިލިހުން ފާސްކުރައްވާފައިވަނީ 26 ޖޫން 2008 ގައެވެ. ޤާނޫނު އަސާސީ ތަސްދީޤު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވަނީ 30 ޖޫން 2008 ގައެވެ.

ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައި އިސްލާހަށް އެކި ފަރާތްތަކުން ފެއްޓެވި މަސައްކަތްތަކާއެކު، މަޖުބޫރު ހާލަތެއްގައި އިސްލާހީ އެޖެންޑާއެއް އިއުލާންކުރައްވާ އޭގެ ދަށުން، އައު ޤާނޫނު އަސާސީ އެއް އެކުލަވާލެވުނީ ގިނަ ބަހުސްތަކަކާއި، އަރާރުންވުންތަކަށް ފަހުގައެވެ. ބޮޑެތި ބަދަލުތަކެއް އަންނާނެކަމުގެ ފޮނި ހުވަފެންތަށްވެސް ދެކެމުންނެވެ. ހުދުމުހުތާރު ވެރިކަމުގެ ނިޒާމަކުން ނެއްޓި، ގިނަ ޕާޓީތަށް އެކުލެވޭ ފުރިހަމަ ސިޔާސީ ވެއްޓެއް ފެންނާނެކަމުގެވެސް ހުވަފެންތަށް ދެކެމުންނެވެ. 3 ބާރު އެކުވެފައިވާ ނިޒާމަކުން ނެއްޓި، 3 ބާރު ވަކިވެފައިވާ މިނިވަން ވެއްޓަކަށް އެދެމުންނެވެ. ހައްޤުތަށް ކަށަވަރުވެފައިިވާ ވެއްޓަކަށް ކުރި އުއްމީދުތަކާއެކުއެވެ.

އައު ޤާނޫނު އަސާސީ ތަސްދީޤްކުރެއްވުމަށް 7 އޮގަސްޓް 2008 ގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

އައު ޤާނޫނު އަސާސީއާއެކު ފެށި ދަތުރަށް 12 އަހަރު ފުރުނުއިރު އެންމެ ބޮޑު ސުވާލަކީ ދިވެހިން އެ ދުވަހު ދުށް ހުވަފެންތަށް ހަޤީޤަތަކަށްވެއްޖެތޯއެވެ. ދިވެހިން އެ ދުވަހު ފެންނަނާނެކަމަށް ގަބޫލުކުރި ބަދަލުތައް ފެންނަމުންދޭތޯއެވެ.

ތެދެކެވެ. އައު ޤާނޫނު އަސާސީއާއެކު ދައުލަތުގެ މުޅި ނިޒާމް ބަދަލުވިއެވެ. ވެރިޔަކު އިންތިހާބުކުރާ ގޮތުން ފެށިގެންގޮސް، ހުރިހާ ކަމެއްވެސް ބަދަލުވި އެވެ. ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ވާދަވެރި ވެއްޓެއް ފެނިގެންދިޔަ އެވެ. ޤާނޫނު އަސާސީން ތިން ބާރު ވަކިކޮށްލަދިންނެވެ. ހަމަ އެ ޤާނޫނު އަސާސީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްވެސް ލާޒިމްކުރިއެވެ. އެއްވެސް މީހަކާއިމެދު ތަފާތުކުރުން ގެންގުޅެގެން ނުވާނެކަމާއި، އެންމެންނަށް އެއް ހަމައެއްގައި ހައްޤުތައް ލިބިގެންވާކަން ޤާނޫނު އަސާސީގައި ލިޔެވިފައިވިއެވެ. ބަސް ބުނުމާއި، އެއްވެ އުޅުމާއި ހަޅުތާލުކުރުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަން އޭގެ އެންމެ ފުޅާ މިނުގައި ބޭނުންކުރެވޭނެކަމަށްވެސް އެ ޤާނޫނު އަސާސީގައި ބަޔާންކުރެވުނުއެވެ.

ނަމަވެސް ޤާނޫނު އަސާސީ ތަސްދީޤްކުރެވުނު ތާރީހަށް 12 އަހަރު ފުރި، މާޒީއަށް ނަޒަރު ހިންގާލާއިރު ފެންނަން އޮތީ ރައްޔިތުން ބެނުންވި ބަދަލުތަކޭ ބުނެވޭކަށް ނެތެވެ. ހުރިހާ ދިމާލަކަށް ބަލާލިނަމަވެސް އަދިވެސް ފެންނަން އޮތީ އިސްލާހްކުރަންޖެހިފައިވާ ކަންކަމެވެ. ޤާނޫނު އަސާސީ އާއިއެކު ތަސައްވަރުކުރި މިސްރާބަށް ނުދެވިވާތަނެވެ.

އައު ޤާނޫނު އަސާސީ ތަސްދީޤްކުރެއްވުމަށް 7 އޮގަސްޓް 2008 ގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ޤާނޫނު އަސާސީއަށް 12 އަހަރު ފުރުނުއިރު އަދިވެސް ދިވެހިން ތިބީ ޤާނޫނު އަސާސީގައި ލާޒިމްކުރި، ލާމަރުކަޒީ ނިޒާމަށް ނުދެވި، މަރުކަޒީ ވެރިކަމުގެ ވަކިތައް ދަށުގަ އެވެ. ރައްޔިތުން އަދިވެސް ކަންކަމުގައި އާދޭސްކުރަންޖެހެނީ މަރުކަޒީ ސަރުކާރަށެވެ. ނަމެއްގައި ކައުންސިލްތަކެއް އުފެދުނެއް ކަމަކު، އެޔަކީ އެއްވެސް އެއްޗަކަށް ނުވި އެވެ.

ވެރިކަމުގެ ނިޒާމް އޮންނަންޖެހޭނީ 3 ބަރު ވަކިވެފައިކަމަށް ޤާނޫނު އަސާސީގައި ލިޔެފައި ބޭއްވުން ފިޔަވައި އިތުރު އެއްކަމެއްވެސް 12 އަހަރު ދުވަހުގެ ތެރޭގައި ހާސިލްވިޔެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. ފެނުނީ ވެރިކަމުގައި ހުންނަވާ ބޭފުޅަކު ބެނުންވެވަޑައިގަންނަވާގޮތަކަށް ނިޒާމް ގަޔަށް ހެޔޮޮވަރުކޮށްލައްވަމުންގެންދެވި މަންޒަރުއެވެ. ވެރިކަމަށް ހުންނަވާ ބޭފުޅަކު ދެކިވަޑައިގަންނަވާގޮތަކާއި ހިލާފަށް ޤާނޫނު ހަދާ މަޖިލީހުން ނިންމުމެއް ނިންމާ ހިސާބު ޤައުމުގެ އަސްކަރިއްޔާ ނެރި، ޤާނޫނު ހަދާ މަޖިލީހުގައި ތަޅު އެޅުވި މަންޒަރެވެ. ހިތްޕުޅާ ނުވާގޮތަކަށް ސުޕްރީމް ކޯޓުން ހުކުމެއް ކުރުމުން، ކޯޓުގެ ފުރާޅުގެ ޓިނު ނަގައި، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއެކު ކޯޓުގެ ފަނޑިޔާރުން ހައްޔަކުރި މަންޒަރެވެ. ވެރިކަމާއެކު، ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، ބޭނުންގޮތަކަށް ކުޅިބައި ރާވާލާ، މުޅި ނިޒާމް މަސްހުނިކުރި މަންޒަރެވެ.

ހަމަ މި 12 އަހަރު ދުވަހުގެ ތެރޭގައި، ޤައުމުގެ އަސްކަރިއްޔާ އާއި ފުލުހުން ނިކުމެ ވެރިކަމެއްވެސް ވައްޓާލިއެވެ. ޤާނޫނު އަސާސީގައި ލިޔެވުނު ހުރިހާކަމެއް އެ ފުށް މިފުށަށްޖެހި އެވެ. ވެރިކަމުގެ ދައުރަކީ 5 އަހަރުކަމަށް ލިޔެފައި އޮތް އޮތުން، އެއް ފަރާތްކޮށްލުމަށްފަހު، 5 އަހަރަށްވުރެ ދިގު މުއްދަތަކަށް ވެރިޔަކު ވެރިކަމުގައި ހުންނެވިއެވެ.

ހައްޤުތަކާއި، ބަސްބުނުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބެލިކަމުގައިވިނަމަވެސް ކަންކަން އޮތީ އައު ޤާނޫނު އަސާސީއާއެކު ރައްޔިތުން ތަސައްވަރުކުރި ހިސާބާ ގާތްކުރާ ހިސާބެއްގަ އެއްވެސް ނޫނެވެ. ހައްޤުތައް ހިފެހެއްޓި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓި، ނޫސްވެރިންނާއި، ރައްޔިތުން އުޅެންޖެހުނީ ބޮޑު ބިރެއްގައެވެ. ލިޔާ ލިޔުމަކުން، ޓީވީއެއްގައި ދައްކާ ވާހަކައަކުން ޖަލުގައި ދުވަސްތައް ހޭދަކުރަންޖެހުނު އެވެ. ހަައްޤަކީ ހަމައެކަނި ވެރިކަމުގައި ހުންނަވާ ބޭފުޅަކު ރުއްސެވީމަ ލިބޭ އެއްޗަކަށް ބަދަލުވެ، ނިކަމެތި އެތަކެއް ރައްޔިތުންނެއް މި ދުނިޔެ ދޫކުރިއެވެ.

އައު ޤާނޫނު އަސާސީ ތަސްދީޤްކުރެއްވުމަށް 7 އޮގަސްޓް 2008 ގައި ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ތެދެކެވެ. އައު ޤާނޫނު އަސާސީ އާއިއެކު ރަނގަޅު ގިނަ ބަދަލުތަކެއް ފެނުނު ނަމަވެސް މުޅި ޖުމްލަ ރައްޔިތުން ތަސައްވަރުކުރި މަންޒަރެއް ނުފެނުނު އެވެ. އައު ޤާނޫނު އަސާސީ އާއިއެކު އަދިވެސް ތިބެންޖެހިފައި ތިބީ ކަންކަން ދަަސްކުރުމުގެ މަރުހަލާގަ އެވެ. ގޯސްތައް ހަދާ، ގޯސްތައް އިސްލާހްކުރުމުގެ މަރުހަލާގައެވެ.

ފަހަރުގައި ރައްޔިތުން ބޭނުންވި ބަދަލުތައް ނުފެނުނީ، ނިޒާމު އެކުލަވާލެވުނު ގޮތުގެ ސަބަބުންނޭވެސް ބުނެވިދާނެއެވެ. އެހެނީ ރިޔާސީ ނިޒާމަކާއެކު، ފެނުނީ ވެރިންނަށް ވެރިކަން ނުކުރެއްވިގެން އުޅުއްވަން ޖެހިވަޑައިގެންނެވި މަންޒަރެވެ. ޤާނޫނު އަސާސީއަށް 12 އަހަރު ފުރި، ޤާނޫނު އަސާސީން ގެނުވި ބަދަލުތަކާއިމެދު ވިސްނާލާއިރު، މިއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދުވެސް ރައްޔިތުން ވިސްނާލުން ބުއްދިވެރި ވަގުތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
100%
0%
ކޮމެންޓް