ކ. މާލެ
|
7 އޯގަސްޓް 2020 | ހުކުރު 00:38
ސްރިލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ
ސްރިލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ
ޓްވިޓަރ
ސްރިލަންކާގެ އާންމު އިންތިޚާބު
42 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ރަނިލް، މަޖިލިސް އިންތިޙާބުން ނާކާމިޔާބުވެއްޖެ
 
ރަނިލް ވަނީ މަޖިލީހުގެ މީގެ ކުރީގެ 8 ދައުރުގައިވެސް ތަމްސީލު ކުރައްވާފަ
 
ޔޫއެންޕީއަށް ބޮޑެތި ނާކާމިޔާބުތަކެއް ވަނީ ލިބިފަ
 
އެއްވަނައިގައި އޮތް އެސްއެސްއެލްޕީ ވަނީ 146 ގޮނޑި ކާމިޔާބު ކޮށްފަ

42 އަހަރުގެ ދިގު ސިޔާސީ ޙަޔާތުގައި ސްރިލަންކާގެ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ އެ ޤައުމުގެ މަޖިލިސް އިންތިޚާބަކުން ނާކާމިޔާބު ވެވަޑައިގެންފިއެވެ.

ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ލީޑަރުކަންވެސް ކުރައްވާ ރަނިލްއަށް ސްރީލަންކާގައި ކުރިއަށްދިޔަ އާންމު އިންތިޚާބުގައި ގޮނޑިއެއް ކާމިޔާބު ކުރެއްވިފައި ނުވާއިރު، މިއީ ރަނިލްގެ 42 އަހަރުވީ ދިގު ސިޔާސީ ޙަޔާތުގައި މަޖިލީހުގެ ގޮނޑިއެއް ކަށަވަރު ނުކުރެވިދިޔަ ފުރަތަމަ ފަހަރުކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރު އެ ޤައުމުގައި ބޭއްވުނު އާންމު އިންތިޚާބުގައި ރަނިލް ވަނީ ރެކޯޑް އަދަދަކަށް ވޯޓު ހޯއްދަވައި ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

އޭގެ އިތުރުން، މިއަހަރުގެ އާންމު އިންތިޚާބުގައި ރަނިލް ނިސްބަތްވެވަޑައިގަންނަވާ ޔޫއެންޕީއަށް ބޮޑެތި ނާކާމިޔާބުތަކެއް ވަނީ ލިބިފައެވެ. އެގޮތުން މިވަގުތު ޔޫއެންޕީ އުޅެނީ ވޯޓު ލިބުނު ނިސްބަތަށް ބަލާއިރު 4 ވަނައިގައެވެ. އިންތިޚާބުގެ ފަހުގެ ނަތީޖާތައް ދައްކާގޮތުން ޔޫއެންޕީއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ގޮނޑިއެކެވެ.

އެއްވަނައިގައި އޮތް އެސްއެސްއެލްޕީ ވަނީ 146 ގޮނޑި ކާމިޔާބު ކޮށްފައެވެ. އަދި އެސްޖީބީ ޕާޓީން 54 ގޮނޑި ކާމިޔާބުކޮށް ލިސްޓުގެ ދެވަނައިގައި އޮތްއިރު، 3 ވަނައަށް އޮތީ ޖޭޖޭބީއެވެ. އެއީ މަޖިލީހުގެ 3 ގޮނޑި ކާމިޔާބު ކޮށްގެންނެވެ.

ރިޕޯޓްތައް ބުނާގޮތުން ރަނިލް ވަނީ މަޖިލީހުގެ މީގެ ކުރީގެ 8 ދައުރުގައިވެސް ތަމްސީލު ކުރައްވާފައެވެ. އެގޮތުން 1978 ގައި މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި ފަހުން ރަނިލް ވަނީ މިއަދާ ހަމައަށްވެސް އިންތިޚާބުތަކުން ކާމިޔާބު ވެވަޑައިގެން ގޮނޑި ކަށަވަރު ކުރައްވާފައެވެ.

އޭގެ އިތުރުން، ރަނިލް ވަނީ 3 ފަހަރެއްގެ މަތިން އެ ޤައުމުގެ ބޮޑުވަޒީރުކަންވެސް ކުރައްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް