ކ. މާލެ
|
6 އޯގަސްޓް 2020 | ބުރާސްފަތި 14:53
ޑރ މައުސޫމާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ޑރ މައުސޫމާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ރައީސް އޮފީސް
ޓޫރިޒަމް މިނިސްޓަރަކަށް މައުސޫމް
އައު ޓުއަރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް
 
މައުސޫމަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރެއް
 
މައުސޫމް ވަނީ ޓުއަރިޒަމް ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފަ
 
މައުސޫމް މިހާތަނަށް ހުންނެވީ ދިވެހި ރާއްޖެއިން ސިންގަޕޫރަށް ކަނޑައެޅުއްވި ސަފީރުކަމުގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޓުއަރިޒަމްގެ މަޤާމަށް ޑރ. ޢަބްދުﷲ މަޢުޞޫމް ޢައްޔަން ކުރައްވައިފިއެވެ.

ޑރ. ޢަބްދުﷲ މަޢުޞޫމް މަޤާމަށް ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޑރ އަބްދުﷲ މައުސޫމް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައިކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައެވެ.

މަޢުޞޫމަކީ އިނގިރޭސިވިލާތުގެ ބަރމިންގހަމް ޔުނިވަރސިޓީއިން ޑޮކްޓަރ އޮފް ފިލޯސޮފީ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. މަޢުޞޫމް ވަނީ ސަރުކާރުގެ މަތީ މަޤާމުތައްވެސް ފުރުއްވާފައެވެ.

އޭގެއިތުރުން ޓުއަރިޒަމް ދާއިރާގައި ގިނަ އަހަރުތަކެއްގައި މައުސޫމް ވަނީ މަސައްކަތްކުރައްވާފަ އެވެ. އެގޮތުން 1985 ވަނަ އަހަރު ޓުއަރިޒަމް ޑިޕާޓްމެންޓްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަޤާމުން މަސައްކަތް ފައްޓަވައި، އޭގެފަހުން ވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާއި ގުޅިގެން ޓުއަރިޒަމަށް އައި ހީނަރުކަމުން އަރައިގަތުމަށް އުފެއްދެވި ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ފެށިގެން، ޓޫރިޒަމް މިނިސްޓްރީގެ ނައިބްކަމުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރުކަންވެސް ކުރައްވާފަ އެވެ. އޭގެއިތުރުން ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެންވަޔަރަމެންޓް މިނިސްޓަރުކަންވެސް މައުސޫމް އަދާކުރައްވާފައިވެއެވެ.

އޭގެފަހުން މައުސޫމް ވަނީ ވިލާ ރިސޯޓްސްގައިވެސް އިސްކޮށް ގިނަ އަހަރުތަކެއް މަސައްކަތް ކުރައްވާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރުކަން ގިނަ އަހަރުތަކެއްގައި ކުރެއްވުމުގެ އިތުރުން މައުސޫމް ވަނީ ޑީއާރުޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުކަންވެސް ކުރައްވާފަ އެވެ. އެންމެފަހުން މައުސޫމް ހުންނެވީ ޖުމްހޫރީ ޕާޓީގެ ނައިބް ރައީސްކަމުގެ މަޤާމުގަ އެވެ. ނަމަވެސް ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މައުސޫމް އައްޔަންކުރެއްވުމާއި ގުޅިގެން މައުސޫމް ވަނީ ޕާޓީގެ ނައިބް ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ.

މައުސޫމަކީ ރައީސް އަބްދުﷲ ޔާމީންގެ ހުދުމުހުތާރު ވެރިކަމުގެ ތެރޭގައި އިސްލާހަށް ކުރެވުނު މަސައްކަތްތަކުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ.

ޓުއަރިޒަމް މިނިސްޓަރުކަމަށް، މައުސޫމް އައްޔަންކުރައްވާފައިމިވަނީ ކުރިން އެ މަޤާމުގައި ހުންނެވި އަލީ ވަހީދު، މަޤާމުން ވަކިކުރެއްވުމާއި ގުޅިގެން މަޤާމު ހުސްވެފައިވާތާ ދުވަސްކޮޅެއް ފަހުންނެވެ. ކުރީގެ މިނިސްޓަރ، އަލީ ވަހީދު ޓުއަރިޒަމް މިނިސްޓްރަަކަމުން ވަކިކޮށްފައި ވަނީ އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުތަކާއި ގުޅިގެންނެވެ. އަލީ ވަހީދަށް ތުހުމަތުތައް ކުރި މުވައްޒަފުން ބުނާ ގޮތުން، އެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެ މައްސަލާގައި އަލީ ވަހީދު ފުލުހަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެއެވެ.

އަލީ ވަހީދު ވަކިކުރެއްވުމާއި ގުޅިގެން، ޓުއަރިޒަމް މިނިސްޓްރީ ހިންގަވަމުންގެންދެވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ ބެއްލެވުމުގެ ދަށުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
9%
82%
0%
0%
9%
0%
ކޮމެންޓް