ކ. މާލެ
|
5 އޯގަސްޓް 2020 | ބުދަ 22:55
ފޯވާޑް ގެރެތު ބޭލް އާއި މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް
ފޯވާޑް ގެރެތު ބޭލް އާއި މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް
ގެޓީ އިމޭޖަސް
ރެއާލްގެ ސްކޮޑް އެކުލަވާލުން
ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލުން އެކުލަވާލި ސްކޮޑުން ބޭލް އާއި ހަމޭސް ބާކީކޮށްފި
 
ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރެއާލް ވަނީ އަމިއްލަ ދަނޑުގައި ސިޓީ އަތުން 2-1 ން ބަލިވެފައި
 
މި މެޗަށް ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ ސަސްޕެންޑް ވެފައި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުން ފޯވާޑް ގެރެތު ބޭލް އާއި މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ބާކީކޮށްފިއެވެ.

ރެއާލުން ބުދަ ދުވަހު އިއުލާންކުރި 24 ކުޅުންތެރިންގެ ސްކޮޑުގައި ބޭލް އާއި ހަމޭސް ހިމަނައިފައިނުވާއިރު، މި މެޗަކީ ޗެމްޕިއަންސް ލީގުގައި ރެއާލުން މި ސީޒަނުގައި ކުޅޭނެ އެންމެ މުހިންމު މެޗެވެ.

ރެއާލްގެ ސްކޮޑުން ބޭލް އާއި ހަމޭސް ބޭރުކުރިއިރު، މި މެޗަށް އެޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ ސަސްޕެންޑް ވެފައެވެ. ބޭލް އާއި ހަމޭސް ރެއާލާއެކު އިންގްލެންޑަށް ދަތުރުނުކުރާނެކަން ހާމަކޮށްފައިވީ ނަމަވެސް، ސްކޮޑާއެކު ރާމޯސް ދަތުރުކުރާނެ ކަމަށް އެ ކްލަބުން ވަނީ ހާމަކޮށްފައެވެ. ރެއާލުން ބުނީ ސްކޮޑާއެކު ރާމޯސް ދަތުރުކުރާނީ ކުޅުންތެރިންނަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ.

ސިޓީއާ ދެކޮޅަށް ރެއާލުން ކުޅޭ މެޗަށް އެކުލަވާލި ސްކޮޑުން ބޭލް އާއި ހަމޭސްއަށް ފުރުސަތު ދީފައި ނުވި ނަމަވެސް، މީގެ ކުރިން ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ވަނީ ބޭލް އާއި ހަމޭސް މި މެޗުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ސްކޮޑް އެކުލަވާލާނީ ފަރިތަކުރުންތަކުގައި ކުޅުންތެރިން ދައްކާ ކުޅުމަށް ބެލުމަށްފަހު ކަމަށް ބުނެފައެވެ.

މި ސީޒަނުގެ ގިނަ މެޗުތަކުގައި ބޭލްއަށް ފުރުސަތު ލިބިފައިނުވި ނަމަވެސް، ދާދި ފަހުން ބޭލްގެ އޭޖެންޓް ވަނީ އޭނާ ރެއާލް މެޑްރިޑުގައި މަޑކުރާނެ ކަމަށް ބުނެފައެވެ. އަދި ފަހަކަށް އައިސް ހަމޭސްއަށްވެސް ރެއާލްގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބިފައި ނުވި ނަމަވެސް، އޭނާވެސް އަންނަ ސީޒަނުގައި ރެއާލްގައި މަޑުކުރާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ޗެމްޕިއަންސް ލީގު މެޗުތައް ހުކުރު ދުވަހު އަލުން ފަށާއިރު، ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރެއާލް ވަނީ އަމިއްލަ ދަނޑުގައި ސިޓީ އަތުން 2-1 ން ބަލިވެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
100%
0%
0%
0%
ކޮމެންޓް