ކ. މާލެ
|
5 އޯގަސްޓް 2020 | ބުދަ 17:12
ބެއިރޫތް ހިނގި ބާރުގަދަ ގޮވުންތަކަށް ފަހު އެސަރަހައްދު އޮތްގޮތް
ބެއިރޫތް ހިނގި ބާރުގަދަ ގޮވުންތަކަށް ފަހު އެސަރަހައްދު އޮތްގޮތް
ރޮއިޓަރސް
ބޭރޫތުގައި ގޮވި ބާރުގަދަ ގޮވުން
ބޭރޫތުގެ ގޮވުން: "އަހަރެން ހީކުރީ މަރުވަނީ ކަމަށް"
 
ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދާނެ ކަަމަށް އޮފިޝަލުން ބުނޭ
 
ހަތަރުހާހެއްހާ މީހުން ވަނީ ޒަޚަމްވެފައި
 
މިހާތަނަށް އައިއިރު 100 މީހުން ވަނީ މަރުވެފައި

ލުބުނާނުގެ ވެރިރަށް ބޭރޫތުގައި އަންގާރަ ދުވަހުގެ ރޭ އިރާކޮޅު ގޮވިގޮވުމަކީ މި ފަހުގެ ތާރީޚުގައި ދުނިޔެ ދެކުނު އެންމެ ނުރައްކާތެރި ، އެންމެ ބާރުގަދަ ގޮވުމެވެ. ބޭރޫތެގެ ބަނދަރުމަތީ ސަރަހައްދުގައި ހުރި ކެމިކަލް ގުދަން ގޮވުމާއެކު މުޅި އެހިސާބު ވަނީ އަނދާ އަޅިއަށްވެފައެވެ. ބާރުގަދަ ގޮވުމާއެކު މުޅި ސިޓީއަށް ލޮޅުން ގެނުވިއިރު މިހާތަނަށް މި ހާދިސާގައި 100 މީހުން ވަނީ މަރުވެފައެވެ. އަދި 4000 މީހުން ވަނީ ޒަޚަމްވެފައެވެ.

ބާރުގަދަ ގޮވުމާއެކު "މަޝްރޫމް ކްލައުޑް" ވަނީ ބޭރޫތްގެ ބަނދަރުމަތީ ސަރަހައްދަށް ފެތުރިފައެވެ. ގޮވުން ގޮވަންޖެހުނު ސީދާ ސަބަބު އަދި މިހާތަނަށް އައިއިރު ރަސްމީކޮށް ހާމަކޮށްފައި ނުވިނަމަވެސް ލުބުނާންގެ ރައީސް މައިކަލް އައުން ވިދާޅުވީ ގޮވުން ގޮވާފައިވަނީ ގުދަނެއްގައި ރައްކާކޮށްފައި ހުރި 2750 ޓަނުގެ އެމޯނިއަމް ނައިޓްރޭޓްގައި ކަމަށެވެ. މިއީ ދަނޑުވެރިކަމުގައި ގަސްކާ ނާގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ.

ހާދިސާ ތަޖުރިބާ ކުރި މީހުންގެ ދުލުން:

ގޮވުން ގޮވާފައިވަނީ އަންގާރަ ދުވަހުގެ ރޭ އިރާކޮޅު ބަނދަރުމަތީ ސަރަހައްދުގައި އަލިފާން ރޯވުމަށްފަހު އެވެ. އެތަން ފެނުނު ހާދީ ނަސްރުﷲ ބުނީ އެންމެ ފުރަތަމަ އަލިފާންގަނޑު ފެނުނު އިރުވެސް އެހާބޮޑު ގޮވުމެއް ގޮވާފާނެ ކަމަށް އޭނާ އަށް ލަފާ ނުކުރެވޭ ކަމަށެވެ. ގޮވުން ގޮވިއިރު އޭނާ އަށް އިނދެވުނީ ޓެކްސީއެއްގައި ކަމަށް ހާދީ ބުންޏެވެ.

ބެއިރޫތް ހިނގި ބާރުގަދަ ގޮވުންތަކަށް ފަހު
އަހަރެންގެ އަޑުއިވުން ކުޑަވަގުތު ކޮޅަކަށް ހުއްޓުމަކަށް އައި. އަހަންނަށް އެނގުނު ކޮންމެސް ކަމެއް ގޯސްވެއްޖެކަން. ކުއްލިއަކަށް ކާރުތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސް، އިމާރާތްތަކާއި ފިހާރަތަކާއި، ސްޓޯރުތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސް، މުޅި ހިސާބަށް ފައިބާން ފަށައިފި. ހުރިހާ ތާކުން ވެސް ބިއްލޫރިތައް ފައިބަނީ.
ހާދީ ނަސްރުﷲ

ހާދީ ބުނީ އޭނާ މިހާރު ދިރިއުޅެމުންދާ ސަރަހައްދަކީ 2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ދެމެދު ބޮމުގެ އެތައް ހާދިސާތަކެއް ހިނގާފައިވާ ސަރަހައްދެއް ކަމަށެވެ. އެހެންކަމުން އެ މަންޒަރު ފެނުމުން އެންމެ ފުރަތަމަ ހަނދާނަށް އައީ އެދުވަސްވަރު ހިނގައިދިޔަ ކަންތައްތައް ކަމަށް ހާދީ ބުންޏެވެ. އަނެއްކާވެސް ބޮން ގޮއްވުމުގެ ކަންކަން އައީ ކަމަށް ހީކުރެވުނުކަމަށް ހާދީ ބުންޏެވެ. އެ ދުވަސްވަރު ހިނގާ ދިޔަ ބޮންގޮއްވުމާއި ހަނގުރާމައިގެ ކަންތައްތަކަކީ ހަނދާނުން ފުހެލަން ބޭނުންވާ ކަންތައްތަކެއް ކަމަށާއި އެހެންކަމުން މި ހާދިސާއާއެކު ވަރަށް ބޮޑަށް ބިރުގަތް ކަމަށް ހާދީ ބުންޏެވެ.

ބެއިރޫތްގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މުހައްމަދު ނަޖީމް ބުނީ ހާދިސާ ހިނގިއިރު އޭނާ ހުރީ 11 ވަނަ ފަންގިފިލާގައި ކަމަށެވެ. ގޮވުން ގޮވުމާއެކު އިމާރާތުގެ ބިއްލޫރިތައް ތަޅައިގެން ދިޔަ ކަމަށާއި ބޮޑު ދެ ގޮވުމެއްގެ އަޑު އިވުނު ކަމަށް ނަޖީމް ބުންޏެވެ. ނަޖީމް ބުނީ ހީކުރީ އިމާރާތް ވެއްޓެން އުޅޭ ކަމަށް ކަމަށާއި އެހެންކަމުން އެކަމުން ސަލާމަތްވާނެ ތަނެއް ހޯދުމަށް ވަގުތުން އުޅެވުނު ކަމަށް ނަޖީމް ބުންޏެވެ.

އިމާރާތަށް އެރި ގުޑުމާއެކު އަހަންނަށްވެސް ކޮންމެސް ވަރަކަށް އަނިޔާވި. ފައިން ކޮންމެސް ވަރަކަށް ލޭ އައި ނަމަވެސް މިހާރު ރަނގަޅު. އެހެންނަމަވެސް މި ހާދިސާއާއެކު ހަނދާނަށް އައީ 2006 ވަނަ އަހަރު އިސްރާޢީލުން ލުބްނާނަށް ބޮން އެޅި ދުވަސްތައް. އަހަރެން ހީކުރީ އަހަރެން މަރުވާނެ ކަމަށް. އެދުވަސްވަރު ކުރެވުނު ކަހަލަ އިހުސާސެއް މިއަދު ކުރެވެނީ.
މުހައްމަދު ނަޖީމް

ގޮވުން ގޮވިއިރު މޯލެއްގެ ތެރޭގައި ހުރި ލައިތް ބެލައުތް ބުނީ ހުރިހާ މީހުންވެސް ބޭރަށް ނިކުތުމަށް އަވަސްވެ ގަންކަމަށާއި ލޯ ހުޅުވާލިއިރު މުޅި ހިސާބުން ފެންނަނީ ދުމާއި އިމާރާތްތަކުގެ ބައިތައް ކަމަށެވެ. އަދި މޯލްގެ ބިއްލޫރިތައް ތަޅައިގެންގޮސް މުޅި މޯލްގެ ތަޅުންމަތީގައި ލޭ ހުރިތަން ފެނުނު ކަމަށް ބެލައުތް ބުންޏެވެ.

މޯލްގައި ތެރޭގައި ތިބި ހުރިހާ އެންމެން ބޭރަށް ނެރުނުއިރު ޕާކިން ލޮޓް ކައިރީގައި އަންހެނަކު ހުރި. އޭނާ ހުރީ އަހަރުމެންނަށް ވުރެ މާބޮޑަށް ވެސް ހާމަ ތަނެއްގައި. ބެލެވޭ ގޮތުގައި ގޮވުމާއެކު އައި ގުޑުންތަކާއެކު އެމީހާ އެތައް މީޓަރެއް ދުރަށް ދިޔައީ.
ލައިތް ބެލައުތް
ބެއިރޫތް ހިނގި ބާރުގަދަ ގޮވުންތަކަށް ފަހު އެސަރަހައްދު އޮތްގޮތް

ގޮވުމަށްފަހު މުޅި ހިސާބު އެއްކޮށް ހަލާކުވި

ގޮވުމުގެ އަސަރު މެޑިޓެރޭނިއަންގެ އިރުމަތީގައި 240 ކިލޯ މީޓަރު (150 މޭލު) ދުރުގައި އޮންނަ ސައިޕްރަސްގެ ނިކޯސިއާއާ ހަމައަށް ކުރިކަމަށް އެމީހުން ބުނެއެވެ. ސައިޕްރަސްގެ މީހުން ބުނާ ގޮތުގައި އެމީހުން ހީކުރީ ބިން ހެލުމެއް އައީ ކަމަށެވެ.

ބީބީސީގެ ނޫސްވެރިއެއް ކަމުގައިވާ ރަމީ ރުހައިމް ބުނީ ގޮވުމަށްފަހު މުޅި ހިސާބު އެމްބިޔުލަންސްގެ ސައިރެން އަޑުން ގުގުމާލިއެވެ. ބާރުބޮޑު ޓްރެފިކްގެ ތެރެއިންނާއި ވެއްޓިފައިވާ އިމާރާތްތަކުގެ ބައިތަކުގެ ތެރެއިން އެމްބިޔުލަންސްތައް ހާދިސާ ހިނގި ސަރަހައްދަށް ދިޔުމަށް މަސައްކަތް ކުރަމުންދިޔަ ކަމަށް ރަމީ ބުންޏެވެ. ލުބުނާންގެ މީޑިއާއިން ފެންނަމުންދިޔަ މަންޒަރުތަކަށް ބަލާއިރު ވެއްޓިފައިވާ އިމާރާތްތަކާއި އިމާރާތްތަކުގެ ބައިތަކުގެ ދަށުންނާއި ކާރުތަކާއި އެހެނިހެން އުޅަނދުތައް ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތްތައް ދިޔައީ ކުރަމުންނެވެ. ހޮސްޕިޓަލްތައް ވަނީ ޒަޚަމްވެފައިވާ މީހުން ނައިގެން ފުރިފައެވެ.

ލުބުނާންގެ ރެޑް ކްރޮސް ހެޑް ޖޯރޖް ކެޓާނީ ވިދާޅުވީ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ. އުންމީދު ކުރަނީ މިހާރު ހުރިހާ އެންމެން ފެނިފައިވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރެޑް ކްރޮސް އިން އަންނަނީ އެގައުމުގެ ހެލްތު މިނިސްޓްރީއާ ގުޅިގެން ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ޓެންޓްތަކެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ މިވަގުތު ބޭރޫތްގެ ހޮސްޕިޓަލްތައް ޒަޚަމްވެފައިވާ މީހުންނައިގެން ފުރިފައިވާތީއެވެ.

އެ ސަރަހައްދުގެ ކަންކަން ކަވަރުކުރަމުންދާ ނޫސްވެރިން ބުނާ ގޮތުގައި އަދިވެސް އެސަރަހައްދުން ދުންތައް ދަނީ އަރަމުންނެވެ. މުޅި ސިޓީ އަނދިރިވެފައިވާއިރު މީހުންތައް ވަނީ ލެއިން ތަތްތެޅިފައެވެ.

ލުބުނާންގައި ގޮވި ބާރުގަދަ ގޮވުމަށްފަހު ދުންގަނޑު އަރައިގެންދަނީ

އެހާ ބާރަށް ގޮވީ ކޯއްޗެއް؟

ލުބުނާންގެ ކަމާބެހޭ އޮފިޝަލުން ބުނާ ގޮތުގައި ގޮވުން ގޮވަން މެދުވެރިވި ސަބަބު ހޯދުމަށް އެކަން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެމޯނިއަމް ނައިޓްރޭޓް ގޮވަން ދިމާވި ސަބަބު އަދި ނޭނގުނު ނަމަވެސް 2750 ޓަނުގެ އެމޯނިއަމް ބެއިރޫތްގެ ބަނދަރުގައި ގުދަން ކޮށްފައިވަނީ 2013 ވަނަ އަހަރުއްސުރެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިނގިރޭސިވިލާތުގެ ކުރީގެ އިންޓަލިޖެންސް އޮފިސަރ ފިލިޕް އިންގްރަމް ބުނެފައިވަނީ އެމޯނިއަމް ނައިޓްރޭޓް ގޮވުމަށް ތަފާތު އެކި ސަބަބުތައް މެދުވެރިވާ ކަމަށެވެ. އެމޯނިއަމް ނައިޓްރޭޓުން ކުރެވޭ އެކިކަހަލަ ބޭނުންތައް ހުރިނަމަވެސް މައިގަނޑު ގޮތެއްގައި މިކެމިކަލް ބޭނުން ކުރަނީ ދަނޑުވެރިކަމަށް ގަސް ކާނާގެ ގޮތުގައެވެ.

އެމޯނިއަމް ނައިޓްރޭޓަކީ އަލިފާން ޖެހިއްޖެނަމަ ވަރަށް ބާރަށް ގޮވާޒާތުގެ ކެމިކަލެކެވެ. އަދި މިގޮވުމާއެކު ނުރައްކާތެރި ނައިޓްރޮޖެން އޮކްސައިޑް އާއި އެމޯނިއާ ގޭސް ދޫކުރެއެވެ. އެހެންކަމުން އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ބެހެއްޓުމަށް ހަރުކަށި ގަވާއިދުތަކެއް ހެދިފައި ހުރެއެވެ. އޭގެތެރޭގައި އަލިފާން ނުހިފާ ޒާތުގެ ތަނަކަށްވުމާއި އެއްވެސް ގޮތަކަށް އެމޯނިއަމް ނައިޓްރޭޓް ބޭރުވެ އިތުރުއެއްޗަކާ އެއްވުމުގެ ފުރުސަތު އެތަނެއްގައި ހުރެގެން ނުވާނެ އެވެ.

އިންގްރަމް ބުނީ އެމޯނިއަމް ނައިޓްރޭޓަށް ތެލުގެ އަސަރުކުރާ ފަދަ ކަމެއް ދިމާވުމުން ގަދަޔަށް އަލިފާން ހިފާ އެއްޗަކަށް ބަދަލުވެދާނެ ކަމަށެވެ.

މި ހާދިސާ އާ ގުޅިގެން ލުބުނާންގެ ސްޕްރީމް ޑިފެންސް ކައުންސިލުން ވަނީ މިގޮވުން ގޮވަން ދިމާވި ސަބަބު ހޯދާ އެކަމަށް ޒިންމާވާންޖެހޭ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
91%
9%
0%
0%
ކޮމެންޓް