ކ. މާލެ
|
5 އޯގަސްޓް 2020 | ބުދަ 07:46
ކޮވިޑު ބަލީގެ ފަރުވާއަށް ހާއްސަކޮށްގެން ތައްޔާރުކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީ
ކޮވިޑު ބަލީގެ ފަރުވާއަށް ހާއްސަކޮށްގެން ތައްޔާރުކުރި ހުޅުމާލެ މެޑިކަލް ފެސިލިޓީ
ރާއްޖެއެމްވީ
ކޮވިޑް-19ށް ފަރުވާ ހޯދަމުންދާ މީހުން
އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކޮވިޑް ބަލި މީހުންގެ އަދަދު 100ން މައްޗަށް
 
އަންގާރަ ދުވަހު 116 ދިވެއްސަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި
 
ފަހަކަށް އައިސް ގިނައިން ޕޮޒިޓިވްވަނީ ދިވެހިން
 
ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައި

ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 100ށް ވުރެ ގިނަ މީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފިއެެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 105 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބަލިޖެހިގެން އެންމެ ގިނަ އަދަދަކަށް ފަރުވާދެމުން އަންނަ ފަހަރެވެ.

އަންގާރަ ދުވަހު އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އިތުރު 153 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ. އެގޮތުން އަންގާރަ ދުވަހު އެކަނިވެސް 116 ދިވެހިން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ބާކި ތިބި 37 މީހުން ނިސްބަށްވަނީ އެކި ގައުމުތަކަށެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ 22 މީހުން އަދި އިންޑިއާގެ 11 މީހަކު ހިމެނެއެވެ. އަދި އިންޑޮނޭޝިއާ، ކެންޔާ، އިންގިރޭސިވިލާތް އަދި މިސްރަށް ނިސްބަތްވާ މީހުން ވެސް ހިމެނެއެވެ.

މިއާއިއެކު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 4446ށް އަރާފައެވެ. މި ފަހަކަށް އައިސް ނިސްބަތުން އެންމެ ގިނައިން ބައްޔަަށް ޕޮޒިޓިވްވަމުން ދަނީ ދިވެހިންނެވެ. ބަލިން ފަސޭހަވި މީހުންގެ އަދަދު އުޅެނީ 2693 ގައެވެ. ކޮވިޑް ބަލިޖެހިގެން މިހާތަނަށް 19 މީހަކު ވަނީ މަރުވެފައެވެ. މި ވަގުތު އައިސޮލޭޝަންގައި 1152 މީހުން އެބަތިބިއެވެ.

ކޮވިޑް ފެތުރޭ މިންވަރު ރާއްޖޭގައި އިތުރުވެފައިވާއިރު މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ގައި ރޭގަނޑު 10:00ން ފަތިހު 5:00ށް މަގުމައްޗަށް ނުކުތުމާއި އެއްގަމު އުޅަނަދު ދުއްވުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މަނާކޮށްފައެވެ.

އެ ގަޑިތަކުގައި ބޭރުގައި މީހުން އުޅޭ ކަމަށްވާނަމަ ފުލުހުން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. އަދި އެ ވަގުތުތަކުގައި ބޭރަށް ނުކުމެވޭނީ ޒަރޫރީ ބޭނުމަކަށް ކޮންމެހެން ނުކުންނަން ޖެހިގެން ފުލުހުންގެ ހުއްދައާއެކު ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ. އަދި ރޭގަނޑު 10 އަކުން ފަތިހު 05:00ށް އެއްގަމު އުޅަނދު ދުއްވުމާއި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދިނުން ވެސް ހުއްޓާލުމަށް ވަނީ އަންގާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް