ހުކުރު 02 އޮކްޓޯބަރ 2020
12 އަތަ
1442 ސަފަރު 14
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:09
އިރުއޮއްސޭ 18:00
އިޝާ 19:11
ކޮވިޑް-19 ވެކްސިން

ކޮވިޑް ވެކްސިން އޮތީ ކިހާ ގާތެއްގައި؟

  • ސައިންވެރިންގެ 140ށް ވުރެ ގިނަ ޓީމުން ވެކްސިނެއް ހޯދުމުގެ ރޭހުގައި އަވަދިނެތި މަސައްކަތް ކުރަނީ

ކ. މާލެ | 4 އޯގަސްޓް 2020 | އަންގާރަ 19:20 | 19,004

ކޮވިޑް-19ށް ވެކްސިނެއް ހޯދުމަށް ހުއްޓުމެއް ނެތި ދަނީ މަސައްކަތް ކުރަމުން - ރޮއިޓަރސް

ދުނިޔޭ އެކި ކަންކޮޅުތަކުގެ ސައިންވެރިން ގެންދަނީ ކޮވިޑް-19ށް ވެކްސިނެއް ހޯދުމުގެ ރޭހުގައި އަވަދި ނެތި މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ގެންދަނީ 140ށް ވުރެ ގިނަ އަދަދެއްގެ ވެކްސިންއަށް ވަމުންދާ ގޮތް ގަވައިދުން ބަލާ މޮނިޓަރ ކުރަމުންނެވެ.

ސުވާލަކީ މިހުރިހާ މަސައްކަތެއް ކުރެވޭއިރު ކޮވިޑް-19ން އަރައިގަތުމުގެ ހައްލުގެ ގޮތުގައި އުއްމީދު ކުރެވޭ ވެކްސިން ލިބުން އޮތީ ކިހާ ގާތެއްގައި ހެއްޔެވެ؟

އާއްމު ގޮތެއްގައި ވެކްސިނެއް ހޯދުމުގެ މަސައްކަތަކީ އެތައް އަހަރަކަށް ދިގު ދެމިގެންދާ އުނދަގޫ މަސައްކަތެކެވެ. އެހެން ނަމަވެސް މިފަހަރު ތަފާތެވެ. ސައިންސްވެރިން ބުނަނީ 12 މަސް ދުވަހާއި 18 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި ކޮރޯނާވައިރަހަށް ވެކްސިނެއް ހޯދުމުގެ އުއްމީދު ބޮޑުކަމުގައެވެ.

ބޭހެއް އުފެއްދުމުގައި އަމަލު ކުރަން ޖެހޭ މިންގަނޑުތަކަށް ވުރެ ވެކްސިން އުފެއްދުމުގައި އަމަލު ކުރަންޖެހޭ މިންގަނޑުތައް ހަރުކަށިވާ ސަބަބު ކަމަށް ސައިންސްވެރިން ބުނަނީ، ބޭހަކީ ބަލި ހުރި މީހަކަށް ދޭ އެއްޗެއް ކަމުގައި ވެފައި، ވެކްސިން އަކީ އެއާ ޚިލާފަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށްވެސް ދެވިދާނެ އެއްޗެއް ކަމުގައި ވާކަމެވެ.

ވެކްސިންގެ މައިގަނޑު މަސައްކަތަކީ، އަސްލު ވައިރަހުން ދިފާއު ހޯދައިދޭ އެންޓިބޮޑީޒް ހަށިގަނޑުގައި އުފެއްދުމެވެ. އެހެން ކަމުން ވައިރަސް ނުވަތަ ވައިރަހުގެ ބައެއްގެ ގޮތުގައި ހަށިގަނޑުގައި ހަރަކާތްތެރިވާ މާއްދާ އެއް ހަށިގަނޑުގަށް ވާސިލް ކުރުމުގައި ވަރަށް ބޮޑަށް ބަލަން ޖެހޭ ކަންކަން ހުންނަ ކަމަށް ސައިންސްވެރިން ބުނެއެވެ.

ވެކްސިނަކަށް ހުއްދަ ލިބޭ ހިސާބަށް ދަނީ އެތައް މަރުހަލާއެއް ކަޑައްތު ކުރުމަށްފަހުގައެވެ. މިގޮތުން ވެކްސިން ކަޑައްތު ކުރަންޖެހޭ ޕްރީ ކްލިނިކަލް ސްޓޭޖުގެ އިތުރުން އިތުރު 3 ފޭހެއް މީގެ ތެރޭގައި ހިމެނެއެވެ.

ޕްރީ ކްލިނިކަލް ސްޓޭޖް: މިއީ ޖަނަވާރުންނަށް ވެކްސިން ދީ، އޭގެ ހަށިގަނޑުގައި ދިފާއު އުފެދޭތޯ ބެލުމުގެ މަރުހަލާއެވެ. އިންސާނުންގެ ހަށިގަނޑުގައި ވެކްސިނެއް ޓެސްޓް ކުރެވޭނީ މި މަރުހަލާއިން ވެކްސިން ފާސް ވުމުންނެވެ.

ފުރަތަމަ ފޭސް: މަދު އިންސާނުން ތަކަކަށް ވެކްސިން ދިނުމަށްފަހު ވެކްސިންގެ ރައްކާތެރި ކަމާއި، ވެކްސިންގެ ސަބަބުން ދިފާއު އުފެދިގެން އަންނަމުންދާ ގޮތް މި މަރުހަލާގައި ބަލައެވެ.

ދެވަނަ ފޭސް: ދެތިން ސަތޭކަ މީހުންނަށް ވެކްސިން ދިނުމަށްފަހު ވެކްސިންގެ ރައްކާތެރި ކަމާއި، ވެކްސިންގެ ޑޯޒް ހުންނަންވީ ވަރު ސައިންސްވެރިން މި ފޭހުގައި ދެނެގަނެއެވެ.

ތިންވަނަ ފޭސް: އެތައް ހާސް ބަޔަކަށް ވެކްސިން ދިނުމަށްފަހު ވެކްސިންގެ ރައްކާތެރިކަމާއި އެދެވޭ ނަތީޖާ ނުކުންނަކަން ސައިންސްވެރިން މި ފޭހުގައި ކަށަވަރު ކުރެއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި ކުރިއެރުންތައް ހޯދަމުންދާ ގޮތް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ގަވައިދުން ބަލަމުން ގެންދާއިރު، މި ރޭހުގައި މިހާތަނަށް 4 ވެކްސިނެއް އެކަށީގެންވާ ކުރިއެރުން ތަކެއް ހޯދާފައިވާކަން ފާހަގަ ކުރެވެއެވެ.

ޔުނިވަރސިޓީ އޮފް އޮކްސްފޯޑް/އެސްޓްރަޒެނެކާ

ޔުނިވަރސިޓީ އޮފް އޮކްސްފޯޑް އާއި އެސްޓްރަޒެނެކާ ގުޅިގެން އުފައްދާ ވެކްސިން މިހާރު އުޅެނީ، ފޭސް 2 ފުރިހަމަ ކުރުމަށްފަހު ފޭސް 3 ގައެވެ. މިހާތަނަށް ކުރެވިފައިވާ ދިރާސާތަކަށް ބަލާއިރު މި ވެކްސިން އިން އެކަށީގެންވާ ނަތީޖާއެއް ވަނީ ފެނިފައެވެ. އިނގިރޭސި ވިލާތުގައި ވެކްސިންގެ އަޖުމަ ބެލުމަށްފަހު ފޭސް 3 ފުރިހަމަ ކުރުމަށް ދެކުނު އެފްރިކާ އާއި ބްރެޒިލްގައި އިންސާނުންނަށް މި ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މޮޑާނާ/ނިއެއިޑް

މޮޑާނާ އާއި ނިއެއިޑް ގުޅިގެން ވެކްސިނެއް އީޖާދު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ފޭސް 2 ވަނީ ފުރިހަމަ ކޮށްފައެވެ. ނަމަވެސް މޮޑާނާ އަކީ މީގެ ކުރިން ވެކްސިނެއް އުފެއްދި ކުންފުންޏެއް ނޫންކަން ފާހަގަ ކުރެވެއެވެ. އެހެން ނަމަވެސް މޮޑާނާ އިން ކުރަމުންދާ މަސައްކަތް ބައެއް ފަރާތްތަކުން ދެކެމުންދަނީ ވަރަށް އުއްމީދީ ނަޒަރަކުންނެވެ. މޮޑާނާ އިން އުފައްދަން މަސައްކަތް ކުރާ ވެކްސިން ކާމިޔާބު ވެއްޖެ ނަމަ ގިނަ އަދަދަކަށް މި ވެކްސިން އުފެއްދުން ފަސޭހަ ވާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.

ޔުނިވަރސިޓީ އޮފް މެލްބަން

ޔުނިވަރސިޓީ އޮފް މެލްބަން އާއި މާޑޮކް ޗިލްރަންސް ރިސާޗް އިންސްޓިޓިއުޓް އާ ގުޅިގެން ކުރަމުންދާ މަސައްކަތުގައި، 2 ވަނަ ފޭސް ފުރިހަމަ ކުރުމަށްފަހު މިހާރު އުޅެނީ 3 ވަނަ ފޭހުގެ ދިރާސާތަކުގައެވެ. މިއީ ސީދާ ކޮވިޑް-19ން ރައްކާތެރިކޮށްދޭ ވެކްސިނަކަށް ވުރެ ބޮޑަށް މި ވެކްސިންގެ މަސައްކަތަކަށް ވާނީ ޖުމްލަ ގޮތެއްގައި ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަ ކުރުން ކަމަށް ހާމަކޮށްފައިވެއެވެ.

ސިނޮވެކް

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސިނޮވެކް އިން އުފެއްދުމަށް މަސައްކަތް ކުރާ ވެކްސިންގެ ފުރަތަމަ ތަހުލީލު ތަކުން ރަނގަޅު ނަތީޖާއެއް ވަނީ ފެނިފައެވެ. މިހާރު ސޮނޮވެކް އިން ގެންދަނީ ބްރެޒިލްގައި ފޭސް 3 ގެ މަސައްކަތްތައް ކުރަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ރެކޯޑްތަކަށް ބަލާއިރު، ކޮވިޑް-19ށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ހިސާބަށް އައި އިރު، 139 ވެކްސިނެއް އަދި އުޅެނީ އިންސާނުންގެ ހަށިގަނޑުގައި ޓެސްޓް ކުރާ ހިސާބަށް ނުފޯރައެވެ. ފޭސް 1 މިހާތަނަށް 25 ވެކްސިނެއް ދަނީ އަޖުމަ ބަލަމުންނެވެ. ފޭސް 1 ފުރިހަމަ ކޮށް ފޭސް 2 ގައި 17 ވެކްސިނެއް ފާހަގަވާ އިރު، 7 ވެކްސިނެއް ފޭސް 3ށް ވަނީ ވާސިލްވެފައެވެ. ފޭސް 3 ބަރާބަރަށް ފުރިހަމަ ކުރެވުން ދެން އޮންނާނީ އާއްމުކޮށް އެ ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ހޯދުމަށް ކުރަންޖެހޭ މަސައްކަތާއި، ގިނަ އަދަދަކަށް އެ ވެކްސިން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.