ބުރާސްފަތި 01 އޮކްޓޯބަރ 2020
11 އަތަ
1442 ސަފަރު 13
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:08
އިރުއޮއްސޭ 18:00
އިޝާ 19:11
ބޮޑުފިނޮޅުގެ ބިދޭސީންގެ މައްސަލަ

ބޮޑުފިނޮޅު މައްސަލަ: ބިދޭސީން ދޫކޮށްލުމަށް ހޭބިއަސް ކޯޕަސް އަމުރަކަށް އެދިއްޖެ

  • ފުލުހުން ބުނީ އެމީހުން ބަންދުން ދޫކޮށްލުމަށްފަހު، އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް
  • ބިދޭސީންގެ ގާނޫނީ ވަކީލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އެމީހުން ބައިތިއްބާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް

ކ. މާލެ | 4 އޯގަސްޓް 2020 | އަންގާރަ 13:13 | 2,483

ބ. ބޮޑުފިނޮޅު ގައި ހިނގާދިޔަ ހަމަނުޖެހުމުގެ ތެރެއިން ބިދޭސީންތަކެއް ކައިރީ ފުލުހުންގެ ބަޔަކު - ރާއްޖެއެމްވީ

ބ. ބޮޑުފިނޮޅުން ހައްޔަރުކޮށްފައިވާ ބިދޭސީ މަސައްކަތްތެރިން ބަންދުން ދޫކޮށްލުމަށް އެދި ކްރިމިނަލް ކޯޓުގައި ހޭބިއަސް ކޯޕަސްގެ އަމުރަކަށް އެދިއްޖެ އެވެ.

ހޭބިއަސް ކޯޕަސްގެ މައްސަލައަކީ ގާނޫނާ ޚިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ބަންދުން ދޫކޮށްލުމުގެ އަމުރަކަށް އެދި ހުށަހަޅާ މައްސަލަތަކެވެ.

ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ވަކާލާތު ކުރައްވާ ގާނޫނީ ޓީމުން އަންގާރަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ބޮޑުފިނޮޅުން ހައްޔަރުކުރެވުނު 19 ބިދޭސީން ބަންދުން ދޫކޮށްލުމަށްފަހުވެސް، އެބިދޭސީ މަސައްކަތްތެރިން މިނިވަންކަން އެހެންގޮތަކަށް ހިފެހެއްޓުމުގެ ބޭނުމުގައި އެ ބިދޭސީ މަސައްކަތްތެރިން އިމިގްރޭޝަންގެ ޑިޓެންޝަނަށް ބަދަލުކުރުމަކީ އެންޓިޓޯޗާގެ އަމަލެއް ކަމަށެވެ. އަދި ފުލުހުންގެ މިއަމަލަކީ ބިދޭސީ މަސައްކަތްތެރިން ނިޒާމުގެ ތެރެއިން ގެއްލުވާލުމުގެ ބޭނުމުގައި ހިންގާފައިވާ ގާނޫނާ ހިލާފު ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

މީގެއިތުރުން ބަޔާނުގައި ބުނެފައިވަނީ، މި މަހުގެ ތިން ވަނަ ދުވަހު ބިދޭސީން މަސައްކަތްތެރިން ދަންވަރުގެ ވަގުތެއްގައި އިމިގްރޭޝަންގެ ޑިޓެންޝަނަށް ބަދަލު ކުރުމުގެ ބޭނުމަކީ ބިދޭސީ މަސައްކަތްތެރިންގެ ނުރުހުމުގައި ރާއްޖެއިން ބޭރަށް ގަދަކަމުން ފުރުވާލުން ކަމުގައި ގަބޫލު ކުރެވޭ ކަމަށެވެ. އަދި އިމިގްރޭޝަންގެ ބަންދަށް ގެންދިއުމަށްފަހު ބިދޭސީންނާ ބައްދަލުކުރުމަށް ކުރެވުނު މަސައްކަތަށް އިމިގްރޭޝަނުން ހުރަސްއަޅާފައިވުމަކީ އެކަމަށް އިތުރަށް ބާރުލިބޭ ކަމެއްކަމަށްވެސް ބިދޭސީ މަސައްކަތްތެރިންގެ ގާނޫނީ ވަކީލުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން އިމިގްރޭޝަނާއި ފުލުހުންގެ އެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރުމާއެކު، ބަޔާނުގައި ބުނެފައިވަނީ، ގާނޫނާ ހިލާފަށް އިމިގްރޭޝަންގެ ބަންދުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ މައްސަލަ އަންގާރަ ދުވަހު (މިއަދު) ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ހޭބިއަސް ކޯޕަސް އަމުރެއްގެ ދަށުން ބިދޭސީ މަސައްކަތްތެރިން ވަގުތުން ދޫކޮށްލުމަށް މޯލްޑިވްސް އިމިގްރޭޝަންގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދިފައިވާ ކަމަށްވެސް ބިދޭސީ މަސައްކަތްތެރިންގެ ގާނޫނީ ޓީމުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބޮޑުފިނޮޅުގައި މުސާރައިގެ މައްސަލާގައި ހައްޔަރުކުރި ބިދޭސީން ދޫކޮށްލާފައިވާ ކަމަށް ހޯމަ ދުވަހު ފުލުހުން ވަނީ ބުނެފަ އެވެ.

ބޮޑުފިނޮޅުގައި މަސައްކަތަކުރަމުން ދިޔަ ބިދޭސީންނަށް މުސާރަ ނުދޭތީ އެ މީހުން ވަނީ އެ ރަށުގައި މުޒާހަރާކޮށް އެތަނުގައި ތިބި ދިވެހިން ރަހީނުކޮށްފައެވެ. އެ މައްސަލާގައި ހިމެނޭ 19 ބިދޭސީންގެ ބަންދުގެ މުއްދަތު ފުރަތަމަ ޖަހާފައިވަނީ ޖުލައި މަހުގެ 15 ދުވަހުއެވެ. އޭގެ ފަހުން އެ މީހުންގެ ބަންދަށް އިތުރު 15 ދުވަސް ވަނީ ޖަހާފައެވެ.

ހޯމަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ބޮޑުފިނޮޅުން ހައްޔަރުކުރި މީހުން އާދިއްތަ ދުވަހު ފުލުހުންގެ ބަންދުން ދޫކޮށްލުމަށް ފަހު އެ މީހުން އިމިގްރޭޝަންއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.