ކ. މާލެ
|
4 އޯގަސްޓް 2020 | އަންގާރަ 13:16
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޕާކުކޮށްފައި ހުރި ޖެޓުތަކެއް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޕާކުކޮށްފައި ހުރި ޖެޓުތަކެއް
އެމްއޭސީއެލް
ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރު
2024 ގެ ކުރިން އޭވިއޭޝަން އިންޑަސްޓްރީ ހަމައަކަށް އެޅިދާނެ ކަމަށް ނުބެލެވޭ: އަޔާޓާ
 
އެއަރލައިންތަކަށް 84 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށް އަންދާޒާ ކުރެވޭ
 
ރިކަވަރވާ ދުވެލި މަޑު، ކަސްޓަމަރުންގެ އިތުބާރު ލިބޭނީ ބަލި ކޮންޓްރޯލް ކުރެވިގެން: އަޔާޓާ
 
އަޔާޓާއިން އެންމެ ފުރަތަމަ އަންދާޒާކުރީ 2023 ގައި އިންޑަސްޓްރީ ރިކަވަރ ވާނެ ކަމަށް

ކޮވިޑް ރޯގާގެ ކުރިން ދަތުރުކުރި އަދަދުތަކަށް ފަސިންޖަރުން ދަތުރުކުރަން ފަށާނެ ކަމަށް ބެލެވެނީ 2024 ގައި ކަމަށް އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން ހާމަކޮށްފިއެވެ.

މިއީ އަޔާޓާ އިން ކުރިން އަންދާޒާ ކުރި މުއްދަތަށް ވުރެ އެއް އަހަރު އިތުރު މުއްދަތެކެވެ. އަޔާޓާއިން ކުރިން ލަފާކުރި މުއްދަތު މުރާޖާ ކުރީ، އަންދާޒާކުރި ވަރަށްވުރެ ކޮވިޑް ރޯގާއިން ގައުމުތައް ރިކަވަރވާ ދުވެލި މަޑުޖެހިލުމުންނެވެ.

އަޔާޓާ އިން އިތުރަށް ބުނީ، ނިމިދިޔަ އަހަރާ އަޅާކިޔާއިރު އެއަރލައިންތަކުން ދަތުރުކުރާ ފަސިންޖަރުންގެ އަދަދު 55 އިންސައްތަ ދަށަށް ދާނެ ކަމަށެވެ. މިއީ އެ ޖަމިއްޔާއިން އޭޕްރިލް މަހު ލަފާކުރި 46 އިންސައްތައަށް ވުރެ މަތީ އަދަދެކެވެ.

އޭވިއޭޝަން ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން އަޔާޓާގެ ޗީފް އެގްޒެކެޓިވް އަދި ޑިރެކްޓަރ ޖެނެރަލް އެލެގްޒޯންރާ ޑި ޖުނިއަކް ވިދާޅުވީ، ބައެއް އެއަރަލައިންތަކުން ދަތުރުތައް ފެށިނަމަވެސް ފަސިންޖަރުންގެ އަދަދުތަކަށް ހީކުރިވަރުގެ ކުރިއެރުމެއް އައިސްފައި ނުވާ ކަމަށެވެ.

ޑި ޖުނިއަކް އިތުރަށް ވިދާޅުވީ، ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ބަލި ފެތުރެމުން އަންނަ ރޭޓަށް ބަލާއިރު އަވަސް ރިކަވަރީއަކަށް ދިއުމުގެ ފުރުސަތު ކުޑަ ކަމަށެވެ. މިއާ ވިދިގެން ދުނިޔޭގެ އިގްތިސާދު ރިކަވަރ ވާން ނަގާ މުއްދަތު އިތުރުވެ، އިގްތިސާދަށާއި މުޅި އޭވިއޭޝަން ސިނާއަތަށް ލިބޭ މާލީ ގެއްލުމުގެ އަދަދު ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ދުވަހު ޖެއްސި ފުރަތަމަ ފްލައިޓުން ފަސިންޖަރުން ފައިބަނީ --- ފޮޓޯ: ރާއްޖެއެމްވީ

އަޔާޓާއިން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަރަމުން އަންނަ ގައުމުތަކުގެ ތެރެއިން އޭވިއޭޝަން ސިނާއަތަށް މުހިއްމު ބައެއް ގައުމުތަކުގައި ވައިރަސް ފެތުރުން ކޮންޓްރޯލް ނުވުމަކީ ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ 40 އިންސައްތަ ހިއްސާކުރަނީ މި ގައުމުތަކާއި އެމެރިކާއަށް ވެފައި، މި ތަންތަނުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ރިކަވަރ ވާން ނަގާ މުއްދަތު އިތުރުވާނެ ކަމަށް އަޔާޓާއިން ވަނީ ބުނެފައެވެ.

އަޔާޓާއިން އިތުރަށް ބުނީ، ކަސްޓަމަރުންގެ އިތުބާރު ގެއްލިފައި އޮތުމުގެ ސަބަބުންނާއި ވިޔަފާރީގެ ބޭނުންތަކަށް ކުރާ ދަތުރުތައް މަޑުޖެހިފައި އޮތުމަކީ ވެސް ސިނާއަތުގެ ރިކަވަރީއަށް އޮތް ހުރަހެއް ކަމަށެވެ. އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވިޔަފާރީގެ ބައްދަލުވުންތައް ބޭއްވުމަށް ލިބެމުން އަންނަ ތަރުހީބަށް ބަލައި، ވިޔަފާރީގެ ބޭނުންތަކަށް ކުރާ ދަތުރުތައް އިތުރުވާނެ ކަމަށް ލަފާކުރަން ދަތިކަމަށް ވެސް ބުނެފައި ވެއެވެ.

ކޮވިޑް ރޯގާއާ ގުޅިގެން އޭވިއޭޝަން ސިނާއަތަށް މި އަހަރު އެކަނި، 84 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް އަޔާޓާއިން ވަނީ އަންދާޒާކޮށްފައެވެ. މާލީ ހިސާބުތަކުން އެކަނި ބަލާލިނަމަވެސް، މިއީ މި ސިނާއަތުގެ ތާރީހުގައި ވެސް އެންމެ ބޮޑު ގެއްލުމެއް ވާނެ އަހަރެވެ. ގިނަ އެއަރލައިންތަކަކުން ވަނީ ލިބުނު ގެއްލުންތައް ފޫބެއްދުމަށް ސަރުކާރުތަކާއި މާލީ އިދާރާތަކުގެ އެހީއަށް އެދިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް