ކ. މާލެ
|
2 އޯގަސްޓް 2020 | އާދީއްތަ 18:43
އައިވަރީ ކޯސްޓްގެ ކުރީގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާ
އައިވަރީ ކޯސްޓްގެ ކުރީގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާ
ގެޓީ އިމޭޖަސް
އެފްއޭގެ ރައީސްގެ މަގާމަށް ޑްރޮގްބާ ކުރިމަތިލުން
އައިވަރީ ކޯސްޓް އެފްއޭގެ ރައީސްގެ މަގާމަށް ޑްރޮގްބާ ކުރިމަތިލައިފި
 
ޑްރޮގްބާ ވާދަކުރަން ޖެހޭނީ މިހާރުގެ ރައީސް ސޮރީ ޑައިބޭޓް އާއި ނައިބު ރައީސް އިދްރީސީ ޑިއާޔޯއާ
 
އިންތިޚާބު އަންނަ މަހު ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައި

އައިވަރީ ކޯސްޓްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްގެ މަގާމަށް ފުޓްބޯޅަ ލެޖެންޑް ޑިޑިއޭ ޑްރޮގްބާ ކުރިމަތިލައިފިއެވެ.

އައިވަރީ ކޯސްޓުގެ ގައުމީ ޓީމަށް ކުޅެފައިވާ ޑްރޮގްބާ ވަނީ މީގެ ކުރިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާކަން ހާމަކަޮށްފައެވެ. އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމަށް ޑްރޮގްބާ ކުރިމަތިލިއިރު، އޭނާ ވާދަކުރަން ޖެހޭނީ މިހާރުގެ ރައީސް ސޮރީ ޑައިބޭޓް އާއި މިހާރުގެ ނައިބު ރައީސް އިދްރީސީ ޑިއާޔޯ އާއެވެ.

ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިން އައިވަރީ ކޯސްޓްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިޚާބު ފަސްކޮށްފައިވާއިރު، އިންތިޚާބު އަންނަ މަހު ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

މީގެ ކުރިން ޑްރޮގްބާ އާއެކު އައިވަރީ ކޯސްޓަށް ކުޅުނު ޔާޔާ ޓޫރޭ ވަނީ ޑްރޮގްބާއަށް ތާއީދުކުރާކަން ހާމަކޮަށްފައެވެ. އޭނާ ބުނީ މިއީ އެ ގައުމުގެ ފުޓްބޯޅައަށް ބަދަލެއް ގެންނަންވީ ވަގުތު ކަމަށާއި، އެ އިދާރާގެ ރައީސްގެ މަގާމަށް އެންމެ ގާބިލު މީހަކީ މިހާރު ޑްރޮގްބާ ކަމަށެވެ.

އެކަމަކު އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމަށް ޑްރޮގްބާ ގެންނަން ތާއީދުނުކުރަން އެ ގައުމުގެ ކުޅުންތެރިންގެ ޔޫނިއަނުން ވަނީ ނިންމާފައެވެ. އެއާއެކު އެ ޖަމިއްޔާއާ ދެކޮޅަށް ދުނިޔޭގެ ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަން ފިފްޕްރޯއިން ވަނީ ފިޔަވަޅު އަޅާފައެވެ.

ފިފްޕްރޯއިން އައިވަރީ ކޯސްޓް ފުޓްބޯލާސް އެސޯސިއޭޝަން (އޭއެފްއައި) އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކުޅުންތެރިއެއްގެ ހައްގުގައި ނުކުުންނަން ޖެހުނު ވަގުތެއްގައި އެއްވެސް މަގުބޫލު އުޒުރެއް ދެއްކުމެއްނެތި އޭއެފްއައި އިން އަމަލުކޮށްފައިވަނީ ވަރަށް ދެރަކޮށް ކަމަށާއި، ޑްރޮގްބާއާ މެދު އޭއެފްއައި އިން ކަންތައްތައް ކުރި ގޮތް ކަމުނުދާތީ އެ ޖަމިއްޔާ ސަސްޕެންޑް ކުރަން ފިފްޕްރޯއިން ނިންމާފައިވާ ކަމަށެވެ.

އައިވަރީ ކޯސްޓްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްގެ މަގާމަށް ޑްރޮގްބާ ކުރިމަތިލިއިރު، އޭނާ އަންނަނީ ފުޓްބޯޅައިގެ ބޭރުންވެސް އައިވަރީ ކޯސްޓާއި އެފްރިކާ ބައްރަށް އެހީތެރިވަމުންނެވެ.

އައިވަރީ ކޯސްޓް ގައުމީ ޓީމަށް 2002ން 2014ށް 105 މެޗުން 65 ލަނޑު ޖަހާދީފައިވާ ޑްރޮގްބާ ވަނީ އެ ގައުމަށް ގިނަ މެޗުތަކެއް ކުޅެދީ 2015 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްދީފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
100%
0%
0%
0%
0%
ކޮމެންޓް