ކ. މާލެ
|
2 އޯގަސްޓް 2020 | އާދީއްތަ 14:39
ބޯންމަތުގެ ކޯޗު އެޑީ ހޯވް: އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުގައި ބޯންމަތުގައި 25 އަހަރު ހޭދަކޮށްފައި
ބޯންމަތުގެ ކޯޗު އެޑީ ހޯވް: އޭނާ ވަނީ ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުގައި ބޯންމަތުގައި 25 އަހަރު ހޭދަކޮށްފައި
ގެޓީ އިމޭޖަސް
ހޯވް ބޯންމަތު ދޫކޮށްލުން
ބޯންމަތުގެ ކޯޗުގެ މަގާމުން އެޑީ ހޯވް ވަކިވެއްޖެ
 
ހޯވް މަގާމުން ވަކިވީ ދެ ފަރާތް އެއްބަސްވެގެން
 
ބޯންމަތު ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައި

ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ބޯންމަތުގެ ކޯޗުގެ މަގާމުން އެޑީ ހޯވް ވަކިވެއްޖެއެވެ.

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ބޯންމަތުން ނިންމާލީ ތާވަލުގެ 18 ވަނައިގައި އޮވެގެންނެވެ. އެޓީމަށް 34 ޕޮއިންޓު ލިބުނުއިރު، ކުޅުނު 38 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ނުވަ މެޗުންނެވެ. މިއީ 2015 ވަނަ އަހަރު މުޅިން އަލަށް ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ބޯންމަތު ދެވަނަ ޑިވިޝަނަށް ރެލިގޭޓްވި ފުރަތަމަ ފަހަރެވެ.

ދެވަނަ ޑިވިޝަނަށް ރެލިގޭޓްވުމާއެކު އުމުރުން 42 އަހަރުގެ ހޯވް ވަނީ ދެ ފަރާތް އެއްބަސްވެގެން ބޯންމަތުގެ ކޯޗުގެ މަގާމުން ވަކިވެފައެވެ.

މަގާމުން ވަކިވުމަށްފަހު ހޯވް ބުނީ ކުޅުންތެރިއެއްގެ ގޮތުންނާއި ކޯޗެއްގެ ގޮތުުގައި ބޯންމަތުގައި 25 އަހަރު ހޭދަކުރުމަށްފަހު ކްލަބު ދޫކޮށްލަން ނިންމި ނިންމުމަކީ އޭނާގެ ކެރިއަރުގައި ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށެވެ. އަދި މި ދިގު މުއްދަތުގައި ބޯންމަތުގެ ވެރިންނާއި ސަޕޯޓަރުން އޭނާއަށް ދިން އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

ބޯންމަތަށް 300 މެޗު ކުޅެދީފައިވާ ހޯވް އެންމެ ފުރަތަމަ ބޯންމަތުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ 2008-2011 ގެ ނިޔަލަށެވެ. އޭގެ ފަހުން ބާންލީއަށް އޭނާ އިރުޝާދު ދިންއިރު، އަލުން އަނބުރާ ބޯންމަތާ ހަވާލުވީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ހޯވް އާއެކު ބޯންމަތުން ރަނގަޅު ނަތީޖާތަކެއް މީގެ ކުރިން ނެރުނުއިރު، 2015 ވަނަ އަހަރު ބޯންމަތު މުޅިން އަލަށް ޕްރިމިއާ ލީގަށް ޕްރޮމޯޓް ވުމުގައިވެސް ހޯވްގެ ދައުރު ބޮދެވެ. އެގޮތުން 2014-2015 ވަނަ އަހަރުގެ ސީޒަނުގެ ބޯންމަތުން ވަނީ ހޯވްގެ އިރުޝާދުގެ ދަށުން ދެވަނަ ޑިވިޝަން (އީއެފްއެލް ޗެމްޕިއަންޝިޕް) ގެ ޗެމްޕިއަންކަން ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް