ހުކުރު 02 އޮކްޓޯބަރ 2020
12 އަތަ
1442 ސަފަރު 14
ފަތިސް 04:41
އިރުއަރާ 05:52
މެންދުރު 12:00
އަސްރު 15:09
އިރުއޮއްސޭ 18:00
އިޝާ 19:11
ކޮވިޑް ބަލީީގެ ހާލަތު

ކޮވިޑްގެ ހިޔަނިން ދުނިޔެ ނެއްޓޭނެ ދުވަހެއްގެ އިންތިޒާރު ދިގުލަނީ....

  • ޑަބްލިއުއެޗްއޯ އިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިތާ 6 މަސް ފުރިއްޖެ
  • 17.5 މިލިއަން މީހުންނަށް ބަލި ޖެހިއްޖެ
  • 680،000 މީހުން ބަލީގައި މަރުވެއްޖެ

ކ. މާލެ | 2 އޯގަސްޓް 2020 | އާދީއްތަ 15:32 | 8,439

އިޓަލީގެ ހޮސްޕިޓަލެއްގައި ކޮވިޑް ބަލި ޖެހިފައިވާ މީހަކަށް ޑޮކްޓަރުން ފަރުވާ ދެނީ - ރޮއިޓަރސް

ކޮވިޑްގެ ނުރައްކާ ކުޑަވަމުން އަންނަ ތަނެއް ދުނިޔޭގެ އެއްވެސް ދިމާލަކުން ނުފެނެއެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ހާލަތު ވަޒަންކޮށް ގަވައިދުން ނެރެމުންދާ ރިޕޯޓުތަކަށް ބަލާލުމުން ކޮވިޑްގެ ހާލަތު ކައިރި މުސްތަގްބަލެއްގައި ރަނގަޅުވެދާނެ ކަމުގެ މާ ބޮޑު އުއްމީދެއް ނެތެވެ.

މީގެ އެއް ހެއްކަކީ ކޮވިޑްގެ ހާލަތު ވަޒަން ކޮށް އެ ޖަމްއިއްޔާއިން ހޮނިހިރު ދުވަހު ނެރުނު ރިޕޯޓެވެ. އެ ރިޕޯޓުގައި ދިގު މުއްދަތެއްގައި ކޮރޯނާވައިރަހުގެ ނުރައްކަލުގައި ގައުމުތައް އުޅެން ޖެހިދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކޮވިޑްގެ ސަބަބުން ދުނިޔޭގައި އިމަންޖެންސީ އިއުލާން ކުރިތާ ހަމަސް ދުވަސް ފާއިތުވެ ހިނގައްޖެއެވެ. ހަ މަސް ދުވަސް ފާއިތުވެ ދިޔައިރު، ކޮވިޑް ބަލީގައި 680,000 މީހުން ދުނިޔެ ދޫކޮށްފިއެވެ. 17.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިއްޖެއެވެ. ގައުމުތަކުގެ އިގްތިސާދު ހަލާކުވެ، ސިއްހީ ނިޒާމްތައް ކަފާސްވެގެން ހިނގައްޖެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެކި ގައުމުތަކުން ބައްޔާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެއްވެސް ގައުމަކަށް މިހާތަނަށް ފުރިހަމަ ކާމިޔާބެއް ހޯދުނު މަންޒަރެއް ނުފެނެއެވެ. އޭގެ ބަދަލުގައި ފެންނަމުން ދަނީ ބަލީގެ ރެކޯޑު އެއް ގައުމުން އަނެއް ގައުމަށް ބަދަލު ވަމުން ދާ މަންޒަރެވެ. ކުރިން ބަލީގެ ނުރައްކާ އެހާ ބޮޑު ނޫން ގައުމުތައް މިއަދު ފެންނަނީ އިންތިހާއަށް ބަލީގެ ނުރައްކާ ބޮޑުވެފައިވާ މަންޒަރެވެ. ކޮރޯނާ ވައިރަސް ޖެހިގެން މެކްސިކޯގައި މަރުވި މީހުންގެ އަދަދު އިނގިރޭސި ވިލާތައް ވުރެ އިތުރުވީ ޚަބަރު މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ބްރެޒިލް އާ އެމެރިކާ އަށް ފަހު، އެންމެ ގިނަ މީހުން ބަލީގައި މަރުވި ގައުމަކަށް މިހާރު އޮތީ މެކްސިކޯއެވެ. އެ ގައުމުން 46,000 މީހުން ހޮނިހިރު ދުވަހުގެ ނިޔަލަށް ވަނީ މަރުވެފައެވެ.

ހާލަތު ވަޒަން ކުރުމަށްފަހު އެންމެ ފަހުން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް-19 ގެ ރިސްކް އޮތީ ވަރަށް މަތީ ލެވެލެއްގައި ކަމުގައެވެ.

ބަލީގެ ހާލަތު ރަނގަޅު ވެގެން ފުރަބަންދު ދޫކޮށްލި ވިލާތުގެ ބައެއް ގައުމުތަކުން އަލުން އަނެއްކާ ފުރަބަންދު އިއުލާނު ކޮށްފިއެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ދެކޭ ގޮތުގައި މި ހާލަތުން އެއް އަހަރުން ދެ އަހަރުން ކީއްކުރަންތޯއެވެ، ދިހަ އަހަރުން ވެސް އަރައިގަތުން އުނދަގޫވާނެއެވެ.

އޭޝިއާގެ މަންޒަރު ބަނަ

ބަލީގެ ހާލަތައް ބަލާއިރު އޭޝިއާ ބައްރުންވެސް ފެންނަމުން ދަނީ އުއްމީދީ މަންޒަރެއް ނޫނެވެ. ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅާފައި އޮއްވާ ވެސް، އިންޑިއާ އާއި ފިލިޕީންސްގައި ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު ދަނީ މައްޗަށެވެ. އިންޑިއާ އިން އަލަށް 57000 މީހުންނަށް ބަލި ޖެހުނު އިރު ފިލިޕީންސްގައި އަލަށް 5000 މީހުންނަށް ބަލި ޖެހުނު ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. ފިލިފީންސްގައި ބަލި ޖެހުނު މީހުންގެ އަދަދު ލައްކަ އަކަށް ވުރެ މައްޗަށް ހިނގައްޖެ ކަމަށް އާދިއްތަ ދުވަހު އެ ގައުމުން ވަނީ ބުނެފައެވެ.

ކުއްލިއަކަށް ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު މައްޗަށް ދިއުމާ ގުޅިގެން ޖަޕާނުގެ އޮކިނާވާ އިން ވަނީ ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކޮށްފައެވެ.

ހޮންކޮންގައި ކޮވިޑް ބަލި މީހުންގެ އަދަދު މައްޗަށް ދިއުމާ ގުޅިގެން ސިއްހީ ޚިދުމަތްދޭ ތަންތަނަށް ބުރަ ބޮޑުވެ ވަގުތީ ހޮސްޕިޓަލެއް ގާއިމްކޮށް ޚިދުމަތްދޭން ފަށައިފި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވިލާތުގެ ހާލަތު ގޯސް

ފަރަންސޭސި ވިލާތާއި، ސްޕެއިން، ޕޯޗުގަލް އަދި އިޓަލީގެ އިގްތިސާދު ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށް އެ ގައުމުތަކުން ވަނީ ހާމަކޮށްފައެވެ. އޭޕްރީލް-ޖޫން ކުއަރޓާގައި މުޅި ވިލާތުގެ ޖީޑީޕީ 12.1 އިން ސައްތަ ވަނީ ދަށަށް ގޮސްފައެވެ.

ބަލީގެ ހާލަތު ގޯސް ވަމުން ދާތީ ނޮދާން އިންގްލޭންޑްގައި ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް ހުކުރު ދުވަހު ވަނީ އަޅާފައެވެ.

ނޯވޭގައި ބަލީގެ އަދަދުތައް މި ފާއިތުވެ ދިޔަ ދެތިން ދުވަހު މައްޗަށް ދަމުން ދާކަން ފާހަގަ ކުރެވެއެވެ. ބަލީގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ކޮންޓްރޯލް ވެފައި އޮތް ނޯވޭއިން މިދިޔަ ދެ ހަފްތާގެ ތެރޭގައި ފުރަތަމަ ފަހަރަށް މީހަކު މަރުވިކަން ނޯވޭ ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ. މިކަން މިހެން އޮއްވާ ނޯވޭގެ ކްރޫސް ބޯޓެއްގައި މަދުވެގެން 36 މީހުން ކޮވިޑަށް ފައްސިވެ ބޯޓުގައި ތާށިވެފައި ތިބި ކަމަށް ބޯޓު އޮޕަރޭޓް ކުރާ ކުންފުނިން ހޮނިހިރު ދުވަހު ބުނެފައިވެއެވެ.

ވައިގެ ދަތުރު ތަކަށް ބޮޑު ގޮންޖެހުމެއް

ކޮވިޑްގެ ސަބަބުން ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރުމާއި، ރައްޔިތުން ދަތުރު ފަތުރުކުރުން ސަރުކާރުތަކުން މަނާ ކުރުމާއި، އަދި ދަތުރު ކުރަން މިފަދަ ދަނޑިވަޅެއްގައި ބޭނުންނުވާ މީހުން ގިނަވުން ފަދަ އެތައް ސަބަބުތަކާ ހެދި ވައި ދަތުރުފަތުރު ކުރުމުގެ ކަންކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

އެތައް އެއަރލައިންތަކެއްގެ މަސައްކަތް މުޅިން ހުއްޓާލުމަށް މަޖުބޫރު ވުމާ ގުޅިގެން އެ ސިނާއަތުގައި މަސައްކަތް ކުރާ އެތައް ބައެއްގެ ވަޒީފާ ގެއްލިއްޖެއެވެ.

ލެޓިން އެމެރިކާގެ އެންމެ ބޮޑު އެއަރލައިން ލަޓަމް އިން 2700 މީހުން ވަޒީފާއިން ވަކި ކުރަން ނިންމާފައިވާ ކަން ވަނީ އިއުލާން ކޮށްފައެވެ.

ކެންޔާގެ ގައުމީ އެއަރލައިން ޓެންޒޭނިއާ އަށް ހޮނިހިރު ދުވަހުން ފެށިގެން ދަތުރު ކުރުން ވަނީ ހުއްޓާލާފައެވެ.

ހޮނިހިރު ދުވަހު ކުވޭތުން ވަނީ، ކޮވިޑްގެ ނުރައްކާ ބޮޑުކަމަށް ފާހަގަ ކުރެވޭ 31 ގައުމަކަށް ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރުން ހުއްޓާލާފައެވެ.

އިތުރު ގޮތެއް ނެތުމުން ބްރިޓިޝް އެއަރވޭޒްގެ ޕައިލެޓުން ވަނީ މުސާރައިގެ 20 އިންސައްތަ އުނި ކުރުން އެންމެ ރަނގަޅު ކަމަށް އެއްބަސްވެފައެވެ. އަނެއް ކޮޅުން އެއަރލައިން އިން މިހާތަނަށް 270ށް ވުރެ ގިނަ މީހުން ވަޒީފާއިން ވަކިކޮށްފައެވެ.

ވެކްސިން ރޭސް

ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ބަލިން އަރައިގަތުމަށް އޮތް އެންމެ އެކަށީގެންވާ ހައްލަކީ ވެކްސިން ކަމަށް ވުމާއެކު، ކޮވިޑަށް ވެކްސިނެއް އުފެއްދުމުގެ ރޭސް ބާރަށް ކުރިއަށްދާކަން ފާހަގަ ކުރެވެއެވެ. ރޭހުގެ އެންމެ ކުރީގައި ޗައިނާގެ ކުންފުނިތަކެއް އުޅޭކަން ފާހަގަ ކުރެވޭއިރު، ސެޕްޓެމްބަރު މަހުގެ ތެރޭގައި ރަޝިއާއިން، އެ ގައުމުން އަމިއްލަ އަށް އުފެއްދި ވެކްސިން ރަޝިއާ ރައްޔިތުންނަށް ދޭން ފަށާނެ ކަމަށް އެ ގަމުން ވަނީ ބުނެފައެވެ.

އެހެން ނަމަވެސް، އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިސީސް ކޮންޓްރޯލްގެ ވެރިޔާ އެންތަނީ ފައުޗީ މިރޮނގުން ޗައިނާ އާއި ރަޝިއާ އިން ކުރަމުންދާ މަސައްކަތް ދެކެވަޑައިގަންނަވަނީ ޝައްކުގެ ނަޒަރަކުންނެވެ. އޭނާ ވަރަށް ސާފުކޮށް ވިދާޅުވެފައިވާ ގޮތުގައި، އެ ދެގައުމުގައި އުފައްދާ ވެކްސިނެއް އެމެރިކާގައި ބޭނުމެއް ނުކުރާނެއެވެ. އެއީ ވެކްސިން އުފެއްދާ ބޭނުން ކުރުމުގައި އެމެރިކާގައި އަމަލު ކުރާ ގަވައިދުތައް އެ ދެގައުމާ ވަރަށް ބޮޑަށް ތަފާތު ވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފައުޗީ ވިދާޅުވީ، ރަޝިއާ އާއި ޗައިނާގައި އުފައްދާ ވެކްސިން އިންސާނުންނަށް ދިނުމުގެ ކުރިން ރަނގަޅަށް ޓެސްޓް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައެވެ.

ވެކްސިން އުފެއްދުމުގެ ރޭހުގައި "އޮޕަރޭޝަން ވޯރޕް ސްޕީޑް" ގެ ނަމުގައި އެމެރިކާ އިން ވެސް ގެންދަނީ ހަލުއި ކަމާއެކު މަސައްކަތް ކުރަމުންނެވެ. އެމެރިކާގައި ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރާ ދެ ކުންފުންޏެއް ކަމަށްވާ ސަނޯފީ އާއި ޖީއެސްކޭ އަށް 2.1 ބިލިއަން ޑޮލަރު އެމެރިކާ ސަރުކާރުން ޚަރަދު ކުރާގޮތައް ހަމަޖެހިފައިވާ ކަމަށް އެ ދެކުންފުނިން ބުނެފައިވެއެވެ.

ކޮރޯނާ ވައިރަސްގެ އަސަރު މުޅިން ފިލައިގެން ދާނެ ދުވަހެއް ސައިންސްވެރިންނަށް ވެސް ބުނާކަށް ނޭގެއެވެ. ބައެއް މާހިރުންގެ ނަޒަރުގައި މިއީ މުޅިން ފިލައިގެން ދާނެ ވައިރަހެއް ނޫނެވެ. ނަމަވެސް ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުވެ، ދުނިޔޭގެ ގިނަ ބަޔަކަށް ވެކްސިން ލިބޭނެ ގޮތް ވުމީ، އާއްމު ދިރިއުޅުމަކަށް ވާސިލް ވުމަށް ކުރެވޭ އުއްމީދަށް އަލިކަމެއް ލިބިގެންދާނެ ކަމެއްކަން ޔަގީނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.