ކ. މާލެ
|
1 އޯގަސްޓް 2020 | ހޮނިހިރު 20:20
މަހިބަދޫ ވެޓެރަންސް ފުޓްބޯޅަ މުބާރާތް އަސަދުﷲ އަބްދުﷲ ފައްޓަވައިދެއްވަނީ
މަހިބަދޫ ވެޓެރަންސް ފުޓްބޯޅަ މުބާރާތް އަސަދުﷲ އަބްދުﷲ ފައްޓަވައިދެއްވަނީ
ސޯޝަލް މީޑިއާ
މަހިބަދޫ ވެޓެރަންސް ފުޓްބޯޅަ މުބާރާތް
މަހިބަދޫ ވެޓެރަންސް ފުޓްބޯޅަ މުބާރާތް ފަށައިފި
 
މުބާރާތަށް ކޮންމެ އަހަހަރަކު ވެސް ބޮޑު ތަރުހީބެއް ލިބެމުންދޭ
 
އީދާ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގައި ހަތަރު ޓީމު ވާދަކުރޭ

އދ. މަހިބަދޫ ކައުންސިލުން އިންތިޒާމިުކޮށްގެން ބާއްވާ ދެވަނަ ވެޓެރަންސް ފުޓްބޯޅަ މުބާރާތް ފަށައިފިއެވެ.

އަޟްހާ އީދާ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތުގައި ހަތަރު ޓީމު ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ އޭފްސީ ލެޖެންޑާއި، ލަޔަންސް އާއި، ވާނުވާ އަދި ދަ ޖޯލިއެވެ.

މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގައި 2006 ވަނަ އަހަރު މަހިބަދޫއަށް ޒޯން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ޓީމުގެ ގިނަ ކުޅުންތެރިންނާއި، ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކުޅެފައިވާ ބައެއް ކުޅުންތެރިންވެސް ހިމެނެއެވެ.

މަހިބަދޫ ކައުންސިލްގެ ރައީސް އަޙްމަދު ހަލީލު ވިދާޅުވީ މި މުބާރާތަކީ މަހިބަދޫގައި ފުޓްބޯޅަ ކުޅެފައިވާ ފަރާތްތަކުގެ މެދުގައި ވަރަށް މަގުބޫލު މުބާރާތެއް ކަމަށާއި، މުބާރާތަށް ކޮންމެ އަހަހަރަކު ވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އެގޮތުން މިއަހަރުވެސް ކުރީގެ މަޝްހޫރު ކުޅުންތެރިންނާއި މިހާރުގެ ކުޅުންތެރިން މުބާރާތުގައި ކުޅޭކަން ހަލީލު ފާހަގަކުރެއްވިއެވެ.

80 ގެ އަހަރުގެ އަހަރުތަކުގައި މަހިބަދޫ ޓީމު ވަނީ މާލެ އައިސް ފުޓްބޯޅައަށް ބޮޑު ބަދަލެއް ގެނެސް ވާދަވެރި ގޮތެއްގައި މާލޭގެ ޓީމުތަކާއި ވާދަކޮށްފައެވެ.

35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަ މި މުބާރާތް ފައްޓަވައި ދެއްވީ މަހިބަދޫއަށް ނިސްބަތްވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲއެވެ.

ދިވެހި ފުޓްބޯޅައިގެ ލެޖެންޑުންގެ ތެރޭގައި މަހިބަދޫއަށް ނިސްބަތްވާ ގިނަ ކުޅުންތެރިން ހިމެނޭއިރު، ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރޭނަރުގެ ގޮތުގައި ހިމެނޭ ރާއްޖޭގައި އުފެދުނު މަޝްހޫރު ގޯލްކީޕަރު އިމްރާން މުޙައްމަދާއި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙްމަދު ތޯރިގު (ޓޮމް) އާއި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ހުސެއިން ނިޔާޒު އަދި އައްސަދުﷲ ފާހަގަކުރެވެއެވެ.

މިދިޔަ އަހަރުން ފެށިގެން އީދު ބަންދާ ދިމާކޮށް ކޮންމެ އަހަރަކު ކުރިއަށްގެންދާ މަހިބަދޫގެ ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަށް ފުރަތަަމަ އަހަރު ފައިސާގެ އިނާމު ދިން ނަމަވެސް، މިހާރުގެ ހާލަތާ ގުޅިގެން ޗެމްޕިއަން ޓީމަށް ދިނުމަށް ނިންމާފައި ވަނީ މިލްކުވާ ތައްޓެއް ކަމަށް މުބާރާތް އިންތިޒާމުކުރާ މަހިބަދޫ ކައުންސިލުން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް