ކ. މާލެ
|
1 އޯގަސްޓް 2020 | ހޮނިހިރު 12:03
އިންޑިޔާގެ ކޮލްކަތާގައި ކޮވިޑް-19 އަށް މީހަކު ޓެސްޓް ކުރަނީ
އިންޑިޔާގެ ކޮލްކަތާގައި ކޮވިޑް-19 އަށް މީހަކު ޓެސްޓް ކުރަނީ
ރޮއިޓަރސް
ކޮވިޑް-19 ދުނިޔޭގެ ހާލަތު
އަނެއްކާވެސް ރިކޯޑެއް، ހުކުރު ދުވަހު އެކަނި 292,000 މީހުންނަށް ކޮވިޑް-19 ޖެހުނު
 
ހުކުރު ދުވަހު ވައިރަސް ޖެހިގެން މަރުވެފައިވަނީ 6812 މީހުން
 
އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައިވަނީ އެމެރިކާ، ބްރެޒިލް، އިންޑިޔާ އަދި ސައުތު އެފްރިކާ އިން
 
ޖުލައި މަހުގެ 31 ގައި 292,527 މީހުންނަށް ވަނީ ވައިރަސް ޖެހިފައި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 މިހާތަނަށް އައިއިރު 17 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ޖެހިފަ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއިން އެކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އަށް އެންގި ފަހުން މިއަދާ ހަމައަށް ވައިރަސް ޖެހިގެން ހަ ލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަހަރު ދެބައިވެ އަށްވަނަ މަސް ފެށިފައިވާއިރު އަދިވެސް ވައިރަސް އަންނަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ބުނެފައިވާ ގޮތުގައި ޖުލައި މަހުގެ 31 ވަނަ ދުވަހު އަނެއްކާވެސް ދުނިޔެ މިވަނީ ކޮވިޑް-19 ގައި އައު ރިކޯޑެއް ދެކެފަ އެވެ. އެދުވަހު އެކަނި 292,527 (ދެ ލައްކަ ނުވަދިހަ ދެހާސް ފައްސަތޭކަ ހަތާވީސް) މީހުންނަށް ވައިރަސް ޖެހުނެވެ.

ހުކުރު ދުވަހު އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓް ކޮށްފައިވަނީ އެމެރިކާ، ބްރެޒިލް، އިންޑިޔާ އަދި ސައުތު އެފްރިކާ އިންނެވެ. މި ހަތަރު ގައުމަކީ މިވަގުތު އެންމެ ހަލުވިމިނުގައި އަދި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ. ހުކުރު ދުވަހު ވައިރަސް ޖެހިގެން މަރުވެފައިވަނީ 6812 މީހުންނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އެންމެ ފަހުން ދުނިޔެއިން ރިކޯޑް އަދަދު ފެނިފައިވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު އެވެ. އެއީ 284,196 މީހުންނެވެ. އެދުވަހު 9,753 މީހުން މަރުވި އެވެ. އެދުވަހަކީ މިހާތަނަށް އައިއިރު ދެ ވަނަ ފަހަރަށް ރިކޯޑް އަދަދަކަށް މީހުން އެއްދުވަހާ މަރުވެގެން ރިޕޯޓްކުރި ދުވަސްވެސް މެއެވެ. ޖުލައި މަސް ތެރޭގައި އާންމުގޮތެއްގައި ދުވާލަކު މަރުވެފައިވަނީ 5200 މީހުންނެވެ. އެއަދަދު ޖޫން މަހު އުޅުނީ 4600 ގައެވެ.

ޖުލައި މަހުގެ 24 ގެ ކުރިން ޖުލައި 18 އަދި ޖުލައި 19 ގައިވެސް ވަނީ ދުނިޔެއިން ރިކޯޑް އަދަދަކަށް މީހުންނަށް ވައިރަސް ޖެހިފައެވެ. އެއީ ޖުލައި މަހުގެ 18 ވަނަ ދުވަހު ވަނީ މުޅި ދުނިޔެއިން 237،743 (ދެ ލައްކަ ތިރީސް ހަތް ހާސް ހަތްސަތޭކަ ސާޅީސް ތިން) މީހުންނަށެވެ. އަދި ޖުލައި މަހުގެ 19 ވަނަ ދުވަހު 259،848 (ދެ ލައްކަ ފަންސާސް ނުވަ ހާސް އަށް ސަތޭކަ ސާޅީސް އަށް) މީހުންނެވެ.

އޭގެކުރިން ދުނިޔޭގައި ރިކޯޑް އަދަދަކަށް މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރީ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ. އެއީ 230،370 (ދެ ލައްކަ ތިރީސް ހާސް ތިން ސަތޭކަ ހަތްދިހަ) މީހުންނެވެ. އަދި ޖުލައި މަހުގެ 10 ވަނަ ދުވަހު 228،102 (ދެ ލައްކަ އަށާވީސް ހާސް ސަތޭކަ ދެ) މީހުންނަށް ވައިރަސް ޖެހިގެން ރިކޯޑް ކޮށްފައިވެ އެވެ. ޖުލައި މަހުގެ 5 ވަނަ ދުވަހު 212,326 (ދެ ލައްކަ ބާރަހާސް ތިން ސަތޭކަ ސައްބީސް) މީހުންނަށް އެއްދުވަހާ ވައިރަސް ޖެހިގެން ވަނީ ރިޕޯޓްކޮށްފަ އެވެ.

މިހާރު ދުނިޔޭގައި ވައިރަސް ފެތުރެމުންދާ ގޮތަށް ބަލާއިރު ފާއިތުވި ހަފްތާގައި 40 ގައުމެއްގައި ވަނީ ދުވާލަކު ފެންނަ ކޭސްތަކުގެ އަދަދު މައްޗަށް ގޮސްފައެވެ. އެއީ އޭގެ ކުރީ ހަފްތާއަށް ވުރެ ދެ ގުނަ އިތުރު އަދަދެވެ. ދުނިޔޭގެ ހުރިހާ ހިސާބުތަކެއްގައިވެސް މިހާރު ކޭސްތައް އަންނަނީ އިތުރުވަމުން ކަމަށް ރޮއިޓަރސް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެގޮތުން އޮސްޓްރޭލިއާ، ޖަޕާން، ހޮންގ ކޮންގް، ބޮލީވިއާ، ސޫދާން، އިތިއޯޕިއާ، ބަލްގޭރިއާ، ބެލްޖިއަމް، އުޒްބެކިސްތާން އަދި އިސްރާއީލް ގައި ކޭސްތައް ފެންނަ މިންވަރު މަތިވެފައިވާކަމަށް ރޮއިޓަރސް އިން ބުނެއެވެ.

ދުނިޔޭގައި މިވަގުތު އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަނީ އެމެރިކާ އެވެ. އެއީ 4.7 މިލިއަން މީހުންނެވެ. ދެވަނައިގައި ބްރެޒިލް އުޅެނީ 2.6 މިލިއަން މީހުންނަށް ވައިރަސް ޖެހިގެންނެވެ. ތިން ވަނައިގައި އިންޑިޔާ އުޅެނީ 1.6 މިލިއަން މީހުންނަށް ވައިރަސް ޖެހިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
100%
0%
0%
0%
ކޮމެންޓް