ކ. މާލެ
|
29 ޖުލައި 2020 | ބުދަ 22:26
2017 ވަނަ އަހަރު އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިއަ ބަޔަކު ހަރަމްފުޅުގައި
2017 ވަނަ އަހަރު އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިއަ ބަޔަކު ހަރަމްފުޅުގައި
ރާއްޖެ އެމްވީ
ހައްޖު 1441
ޙައްޖުގެ އަޅުކަމަކީ އިންސާނީ ނަފުސުތައް ތަރުބިއްޔަތު ކޮށްދޭ ތަރުބަވީ އަޅުކަމެއް
 
ޙައްޖުގެ އަޅުކަމަކީ މުއުމިނުންގެ މެދުގައި އޮންނަ އެއްބަނޑު އެއްބަފާކަމާއި، އުޚުއްވަތްތެރިކަމުގެ ގުޅުމުގެ މަތިވެރިކަން ހިތްތަކަށް ގެނެސްދޭ ކަމެއް
 
ހައްޖުގެ އަޅުކަމަކީ ދުނިޔެއާއި ޢާޚިރަތުގެ މަންފާ ލިބިގެންދާނެ އަޅުކަމެއް

އިންސާނީ ނަފްސުތަކަކީ އަބަދުވެސް އެނަފުސުތައް އިޞްލާޙު ކުރަންޖެހިފައިވާ އެއްޗެކެވެ. އެހެންކަމުން އިންސާނީ ނަފުސުގެ އެންމެހާ އުނިކަންތައްތައް އިސްލާހުކޮށް، ހަމަމަގަށް އެޅުވުމަށްޓަކައި އެންމެ ފައިދާ ކުރަނިވި އެއްފަރުވާއަކީ ޙައްޖުގެ މަތިވެރި އަޅުކަމެވެ. ﷲއާ ވޮޑިގެންވާ ކަމަށް އިންސާނާގެ ހިތުގައި އުފެދޭ ޝައްކުތަކާއި ވަހުމްތައް ދުރުކޮށް އިންސާނާގެ އީމާންތެރިކަން އިތުރުކޮށް ވަރުގަދަކޮށްދޭ ކަމެއް ވެސް މެވެ. އަދި ﷲ އާއި މުއުމިނު އަޅާއާއި ދެމެދުގައިވާ ޢަހުދު އައުކޮށް ވަރުގަދަކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއްވެސް މެއެވެ. ތަފާތު އެކިއެކި ބަލިތަކަށް އެކިއެކި ބާވަތްބާވަތުގެ ފަރުވާ ލައްވާފައިވާއިރު، ޙައްޖުގެ އަޅުކަމަކީ މިއެންމެހާ ބަލިތަކުގެ ޖާމިޢު ފަރުވާއެވެ. ލާބަހުރި މަންފާކުރަނިވި ގޮތެއްގައި މިއަޅުކަން އަދާކުރެވިއްޖެނަމަ މިއިން ފައިދާ ލިބުމީ އޭގައި ޝައްކެއްވާކަމެއް ނޫނެވެ. އިސްލާމްދީނުގައި ކަނޑައަޅާފައިފައިވާ އެންމެހާ އަޅުކަމެއްގެ ރޫޙު މިއަޅުކަމުގައި އެކުލެވިފައިވުމަކީ މީގެ އެންމެ ބޮޑު އެއް ހެއްކެވެ.

މިއަޅުކަމަކީ ދުނިޔެއާއި ޢާޚިރަތުގެ މަންފާ ލިބިގެންދާނެ އަޅުކަމެކެވެ. ޙައްޖު ސޫރަތުގެ ހަތާވީސް ވަނަ އާޔަތާއި އަށާވީސް ވަނަ އާޔަތުގެ މާނާގައިވެއެވެ. "އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވާލައްވާށެވެ! އެއުރެން ފައިމަގުގައި އާއި އަނަރޫފަ ޖަމަލުމަތީގައި ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ. އެއީ އެއުރެންނަށް ހުރި ދީނީ އަދި ދުނިޔަވީ މަންފާތަކެއް ލިބިގަތުމަށްޓަކައިއެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެއުރެން ﷲގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ." މިދެއާޔަތުން އެނގިގެންދާ ގޮތުގައި ޙައްޖުގެ އަޅުކަން އަދާކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި މަންފާ ލިބިގެންދެއެވެ.

ޙައްޖުގެ މަތިވެރިއަޅުކަމުން ލިބިގެންދާ އުޚުރަވީ ފައިދާއަކީ ޙައްޖުގެއަޅުކަން އަދާކުރާ މީހާ ރަނގަޅުގޮތުގައި ޙައްޖުގެ އަޅުކަން އަދާކޮށްފިނަމަ އޭނަޔަށް ހުރީ ސުވަރުގެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅެއްގެ މާނާގައިވެއެވެ. "މަބުރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވައި އެހެން ޖަޒާއެއްނުވެއެވެ." ﷲގެ ރުއްސެވުމާއި ފުއްސެވުން ލިބުމަށްވުރެ ވަކިން އިތުރު މާތް ކަމެއް އެއްވެސް މީހަކަށް ލިބޭނެހެއްޔެވެ.

އަދިވެސް އެހެން ޙަދީޘްއެއްގެ މާނާގައިވެއެވެ. "މީހަކު ޙައްޖުވާއިރު ޙައްޖުގެ ތެރޭގައި ހަޑިހުތުރު ބަސްތަކުންނާއި ޖިމާޢުވުން އަދި ފާސިގު ޢަމަލުތައް ކުރުމުން ދުރުހެލިވެއްޖެނަމަ މީހާ ދަންނާށެވެ. އޭނާ އެނބުރި ދާނީ އޭނަގެ މަންމަގެ ބަނޑުން ވިހޭދުވަސް ފަދައިން ޠާހިރުވެ އޭނަގެ ފާފަފުހެވިގެންނެއެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަކީ މުއުމިނުންގެ މެދުގައި އޮންނަ އެއްބަނޑު އެއްބަފާކަމާއި، އުޚުއްވަތްތެރިކަމުގެ ގުޅުމުގެ މަތިވެރިކަން މުއުމިނުންގެ ހިތްތަކަށް ގެނެސްދޭ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޙައްޖުގެ އަޅުކަން އަދާކުރަން މައްކާގެ ބިމަށްދާ މީސްތަކުންގެ ދިރިއުޅުމާއި އެމީހުންގެ ބަހާއި ޘަގާފަތާއި އެމީހުންނަށް ދީނީގޮތުންނާއި ދުނިޔަވީގޮތުން ދިމާވާ އެކިއެކި ކަންތަކާއި ބެހޭގޮތުން ވާހަކަ ދައްކާ މަޝްވަރާކޮށް ޚިޔާލުބަދަލުކުރުމަށް ފުރުޞަތު ލިބިގެންދާ ވަރަށްމަތިވެރި އަޅުކަމެކެވެ."

ތަރުބަވީގޮތުން ލިބިގެންދާ މަންފާތަކަށް ބަލާއިރު ޙައްޖުވެރިޔާގެ ޢަމަލުތައް ވަކިގޮތަކަށް ބެހެއްޓުމަށާއި އޭނާގެ ބަސްމޮށުންތެރިކަން ރީތިކުރުމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބޭފަދަ ކަމެއް ނުކުރުމަށް ނަފުސުހޭނުން ފަދަ ފައިދާތައް ހިމެނެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށްގޮސް ދެ ތިން މިލިޔަނެއްހާ މީހުންއުޅޭ އިރު (މީހުންގެ ނިސްބަތަށްބަލާއިރު) އެހާ ކުޑަތަނެއްގައި އުޅުނު ކަމުގައިވިޔަސް އެއްވެސް މީހެއްގެ ފަރާތުން އަނިޔާވެރިކަމެއް ނަސްލީ އިމްތިޔާޒެއް ދެކޮޅުވެރިކަމެއް ޖިންސީ ފުރައްސާރައެއް ޖިންސީ ގޯނާކުރުން ފަދަ އެއްވެސް ގޯސް ކަމެއް ފެނިގެން ނުދެއެވެ. ގެފުޅުއަރިހުގައި ޠަވާފުކުރާއިރު އަންހެނުންނާއި ފިރިހެނުން އެކީގައި ޠަވާފު ކުރަމުންދާއިރުވެސް އަދި ސަފާ މަރުވާދެމެދުގައި ހިނގަމުންދާއިރުވެސް މިނާ ޢަރަފާތާއި މުޒުދަލިފާގައި ތިބޭއިރުވެސް ކުރިން ދެންނެވިފަދަ އެއްވެސް ގޯސް އަމަލެއް އެއްވެސް ޙައްޖުވެރިއެއްގެ ފަރާތުން ފެނިގެންނުދެއެވެ. އެހާގިނަޢަދަދެއްގެ ބަޔަކު އެއްތަނަކަށް އެއްވެ އުޅޭއިރު ހިތްހަމަނުޖެހޭފަދަ އެތައްކަމެއް ދިމަވުމަކީ ނުވެ ނުދާނެކަމެކެވެ. އެހެން ނަމަވެސް ޙައްޖުތެރޭގައި ޙައްޖުވެރިންގެ ޢަމަލުތައް ބަހައްޓަން ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވާ އެންގުމަށް އިޖާބަދީ އެމީހުން ދަނީ އެފަދަކަންކަމަށް ކެތްތެރިވެ ނަފުސުގެ ތަރުބިއްޔަތު ލިބިގަންނަމުންނެވެ.

ޙައްޖުތެރޭގައި ފެންނަމުންދަނީ ވަކި ގައުމަކުން އައި ވަކި މީހަކަށް ވަކި ކުލައަކަށް ވަކި ނަސްލަކަށް ބެލުމެއްނެތި އިސްލާމީ އުޚުއްވަތްތެރިކަން ކުރިއަށް ނެރެ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ހަމްދަރުދީވެ އޯގާތެރިކަމާއި އެކު އަޅާލަމުންދާ މަންޒަރުތަކެވެ. ގެފުޅުއަރިހުގައި ކަމުގައިވިޔަސް އަދި އެނޫން އެހެން މަނާސިކުތައް އަދާކުރާއިރުވެސް ނިކަމެތި މީހެއް މޮޅުމީހެއް ދެރަމީހެއް މުއްސަންޖެއް ފަގީރެއް އާދައިގެ މީހެއް ވެރިއެއް އަމީރެއް ފަރަގު ކުރުމެއް ދީނުގައިނުވެއެވެ. އެންމެން ތިބެންޖެހެނީ އެއް ހެދުމެއްގައި އެއް ގޮތަކަށެވެ. މިއިން ދައްކައި ދެނީ އިސްލާމްދީނުގައިވާ ހަމަހަމަކަމެވެ. ﷲގެ ޙަޟްރަތުގައި ތަގުވާވެރިކަމުންނޫން އެހެން ގޮތަކުން އެއްވެސް މީހަކަށް މާތްކަމެއް މަތިވެރިކަމެއް ލިބިގެން ނުވާކަމެވެ. ވަކި ނަސަބަކުން ޙަސަބަކުން ވަކި ޢާއިލާއަކުން ވަކި ގަބީލާއަކުން އައި މީހަކަށްވާތީ އެއްވެސް މީހަކަށް ޚާއްޞަ އިމްތިޔާޒުތަކެއް ލިބިގެން ނުވާކަމެވެ.

އިސްވެ ދެންނެވުނުކަންތަކަށް ފުންކޮށްވިސްނާލާ ނަޒަރު ހިންގާލުމުން "ޙައްޖުގެ އަޅުކަމަކީ އިންސާނީ ނަފުސުތައް ތަރުބިއްޔަތު ކޮށްދޭ ތަރުބަވީ އަޅުކަމެއްކަމުގައި ގަބޫލުކުރެވެއެވެ."

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
100%
0%
0%
0%
0%
ކޮމެންޓް