ކ. މާލެ
|
26 ޖުލައި 2020 | އާދީއްތަ 22:22
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް
އެމްއެންޑީއެފް
މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް
ޔުނިފޯމްގައި ހުންނަވައިގެން، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރާނަން: ޝަމާލް
 
ޔުނިފޯމްގައި ހުންނަވައިގެން، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރައްވާނަން
 
ސިފައިންގެ އެއްވެސް މަސައްކަތެއް ނެތިވެ ކަމާ ކަންފަށާފައި ގޭގައި ވެސް ހޭދަކޮށްނުލެވޭ
 
ގަދަ ކަމުން ސިފައިންގެ އަށް ވެއްދުމަކީ އޭރު ގެންގުޅުއްވި ރަނގަޅު ސިޔާސަތެއް

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އަކީ ނެޝަނަލް ސެކުއިރިޓީ ސާވިސަސް (އެންއެސްއެސް)ގެ މިއުޒިކް ބޭންޑްގެ ތެރެއިން އުފެދިގެން އައި މަޝްހޫރު "ކޮޕްސް" ބޭންޑުގެ ގިޓަރިސްޓެއެވެ. ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ލިބުނު މި ބޭންޑުގެ ތެރެއިން ހުނަރުވެރި އެތައް ފަންނާނުން ތަކެއް ފެނިގެން ދިއައެވެ.

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ރާއްޖެޓީވީން ގެނެސްދިން މިނިވަންދުވަހުގެ ޚާއްސަ ކަވަރޭޖްގެ "ފަށާއިރު" ޕްރޮގްރާމުގައި، މޭޖަރ ޖެނެރަލް ޝަމާލް ވަނީ އޭރުގެ ހަނދާންތައް ހިއްސާކޮށްފައެވެ. މިގޮތުން ކޮޕްސް ބޭންޑު އުފެދެން ދިމާވި ސަބަބު ޝަމާލު ކިޔާދެއްވިއެވެ.

"އެންއެސްއެސްގައި އޮތް ބޮޑު ބޭންޑު ގައި މަސައްކަތް ކުރަމުން އައީ. އަނީސް، ފެންތަށި ޚަލީލު މައްސޫދު މޫސާދީދީ ފަދަ ބޭކަލުންނާ އެކީ މަސައްކަތް ކުރެއްވީ. މިހާރު މަޝްހޫރުވެގެން އުޅޭ ކުދި ޖަޒީރާ، ބުލް ބުލް އެހީދޭނުހޭ، ލަވަތައް ތައްޔާރުކުރުމުގައި އޭރު އުޅުނީ. އެހެންނަމަވެސް އަޅުގަނޑުމެން އޭރު ވަރަށް ޒުވާން. މިއުޒިކްގެ އެކި ކަންކަމުގައި އެބޭކަލުންނާއި އަޅުގަނޑުމެންނާ ހިޔާލު ތަފާތުވުން އައިސްގެން އެންމެން ނިންމީ ބޭންޑުން ވަކިވާން. އޭރު ހުންނެވި ޗީފް އޮސް ސްޓާފް މުހައްމަދު ޒާހިރު އަޅުގަނޑުމެންނާ ބައްދަލުކުރައްވާ ވިދާޅުވި، ކޮންކަމެއްހޭ ކުރަން ބޭނުންވަނީ. މިއުޒިކް ކިހިނެއްހޭ ކުރިއަރުވަން ބޭނުންވަނީ، ދެން އަޅުގަނޑުމެން ޕްލޭނެއް ހަދާފައި، މި އެރުވީ، އެރުވީމަ ވަކިން އާގްރޫޕެއް އުފައްދާ ދެއްވި. އެ ބޭންޑު އެއީ ކޮޕްސް ބޭންޑު. އަޅުގަނޑާ ސުހޭލް އާއި އާތިފް އާއި ތިން މީހުން އިސްނަގައިގެން އުޅުނީ"
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

ޝަމާލް ވިދާޅުވީ ކޮޕްސް ބޭންޑާ ދިމާލުން ދުރަށް ދާން ޖެހުނީ އަސްކަރީ ދާއިރާއިން ކޮމިޓްވެ ޓްރެއިންގއަށް ދާން ފެށި ހިސާބުން ކަމަށެއެވެ. ހަޔާތުގެ އެންމެ ދެރަވި އެއް ދުވަހެއްގެ ގޮތުގައި ޝަމާލު ފާހަގަކުރައްވާ އެއް ދުވަހަކީ ކޮޕްސް ބޭންޑުގެ މައި އެއް ތަނބު، އަލްމަރުހޫމް މޭޖަރ އަހްމަދު އާތިފް ދުނިޔެ ދޫކުރެއްވި ދުވަހެއެވެ.

ގަބޫލު ކުރަން ކިތައްމެ ދަތިވި ނަމަވެސް، އާތިފް މި ދުނިޔެ ދޫކުރުން ވެގެން ދިއައީ މުޅި ސިފައިންގެ ޚިދުމަތަށް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމަކަށެވެ. ހުރިހާ ހަނދާންތަކެއްގައިވާ ބޭފުޅެއް ކަމުން އެ ހަނދާންތައް އަބަދުވެސް އާވާކަމަށް ޝަމާލް ވިދާޅުވިއެވެ. އާތިފް ވަކިވެގެން ދިއުމުން އެ ޖޯޝު ވެސް ނެތް ކަމަށް ވިދާޅުވެ އޭރުގެ ހަނދާންތައް އާކުރެއްވިއެވެ. ހުސްވަގުތު ކޮޅެއް ލިބިއްޖެނަމަ މިހާރު ވެސް ގޭގަ ގިޓާ ހިފައިގެން ވަގުތު ކޮޅެއް ހޭދަކޮށްލައްވާ ކަމަށާއި، އެހެން ނޫނީ ދެން އެމަސައްކަތުގައި އުޅުއްވުމަށް ވަގުތު ނޯންނަކަމަށް ވިދާޅުވިއެވެ.

ޝަމާލް ކޮޕްސް ބޭންޑުގައި އުޅުއްވި ދުވަސްވަރު ގިޓާ ކުޅުއްވަނީ

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލްއަކީ ސްކޫލް ދައުރުގައި ވަރަށް ހަރާކާތްތެރި ހާއްސަކޮށް މިއުޒިކް ފަދަ ކަން ކަމުގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެއެވެ. މިއުޒިކް ވެގެން ދިއައީ ޝަމާލް ވަރަށް ގަޔާވެގެން ކުރެއްވި މަސައްކަތަކަށެވެ. ސިފައިންގެއަށް ކުދިން ވެއްދުމުގައި ވެސް އެކި ކަހަލަ ހުނަރުތަކަށް ބައްލަވާ ކަމަށް ވިދާޅުވެ، ޝަމާލް ވަނީ ސިފައިންގެ ތެރެއަށް ވަދެވުނު ގޮތުގެ ވާހަކަތަކާއި، އޭރު ދިމާވި ބައެއް ކަންތައްތައް ވެސް ހިއްސާ ކުރައްވާފައެވެ. އޭރު ސްކޫލް ނިމޭތަނުން ކުދިން ސިފައިން ގެއަށް ވައްދަ އެވެ. ވަންނަން ބޭނުން ނުވި ނަމަ ވެސް އެ ޚިދުމަތަށް ވަނުމަކީ އޭރު މަޖުބޫރު ކަމަކަށް ވަނީ ވެފައެވެ.

ސްކޫލް ނިމިގެން ސިފައިންގެ އަށް ވަނީ. އެ ޒަމާނުގައި އަޅުގަނޑުމެން ކިޔާ އުޅެނީ، ގަދަ ކަމުންވެއްދުން، ބޮންޑުގެ ތެރެއިން. ސްކޫލްގައި ވެސް އިސްކޮށް ޕްރިފެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވީ. ރެކްރިއޭޝަން އެކްޓިވިޓީތަކާއި މިއުޒިކްގެ ކަން ކަމުގައި ވަރަށް އެކްޓިވްކޮށް މަސައްކަތް ކުރީ. މިއުޒިކް ވެގެން ދިއައީ ވަރަށް ގަޔާވެގެން ވަރަށް ބޮޑަށް ކުރި ކަމަކަށް. އޭރުގައި ސިފައިން ގެއަށް ކުދިން ވައްދާއިރު، އެކި ކަހަލަ ޓެލެންޓްތަކަށް ވަރަށް ބޮޑަށް ބަލާ. އޭރުގައި އެކީގައި އުޅުއްވި ބައެއް ބޭފުޅުން (ސުހޭލް)، ސުހޭލްއަކީ އޭރު ވަރަށް މޮޅަށް ޑްރަމް ޖަހާ ކުއްޖެއް. އަޅުގަނޑު ބޮޑަށް ކުޅުނީ ގިޓާ. ފަހުން އަޅުގަނޑުމެންނާއި ބައިވެރިވި އެއް ބޭކަލެއް ކަމަށްވާ އަލްމަރުހޫމު މުހައްމަދު އާތިފް. އާތިފް އަޅުގަނޑުމެންނަށް ވުރެ ކުރިން ސިފައިންގެ އަށް ވަންނަވާފަ ވީ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

އާއްމު ބަހުރުވައިން ނަމަ "ގަދަ" ކަމުން ސިފައިންގެ ތެރެއަށް ވެންނެވި މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ސިފަކުރައްވާ ގޮތުގައި، އޭރުގެ އެ ސިޔާސަތަކީ މިހާރަށް ވިސްނާނަމަ ވަރަށް ރަނގަޅު ސިޔާސަތެކެވެ. އެހެން ކަމުން ޝަމާލު ވަނީ އޭރު އިސްކޮށް އެ ސިޔާސަތު ދެމެހެއްޓެވުމަށް މަސައްކަތް ކުރެއްވި ޖެނެރަލް އަންބަރީ އަބްދުއް ސައްތާރާއި، މުހައްމަދު ޒާހިރު (ޓޫޓޫ ޒާހިރު) މެން ފަދަ ބޭފުޅުންގެ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. ޝަމާލު ދެކިވަޑައިގަންނަވާ ގޮތުގައި އެ ސިޔާސަތު އެގޮތަށް ގެންދެވުމަކީ ކުރެއްވި ވަރަށް ރަނގަޅު ކަމެކެވެ.

ސިފައިންގެ މަސައްކަތް އޭރު އެހާ ބޮޑަށް އެކްސްޕޯސް ވެފައި ނެތުމާއި އެކު، ސިފައިންގެ މަސައްކަތެއް ގިނަ މީހުންނަކަށް ނޭނގެއެވެ. އެހެންވުމުގެ ސަބަބުން ސިފައިންގެ ޚިދުމަތަށް ވަން ގިނަ ކުދިން ބޭނުންވީ އެހެން ދާއިރާތަކުން ކުރިއަށްދާށެވެ. ނަމަވެސް ސިފައިންގެ ތެރެއިން ވަރަށް ކާމިޔާބު ކުދިންތަކެއް އުފެދިގެން ދިއަ ކަމަށް ޝަމާލު ފާހަގަކުރެއްވިއެވެ. ގައުމީ ދިފާއީ ބާރަކީ މިހާރު ވަރަށް ފުޅާ ދާއިރާއެއްގައި ވަޒީފާގެ އެކި ފުރުސަތުތަކެއް އޮތް ތަނެއްގެ ގޮތުގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށްވީ ގޮތަކީ ކުރީކޮޅު ވަރަށް ބޮޑަށް މަސައްކަތް ކުރެވުނު. ދެ ފަހަރެއްގެ މަތިން ވަކިވާން ވެސް ސިޓީ ވެސް ލިން. އެހެންނަމަވެސް ބޮންޑު އޮތީމައާއި އެކީގައި ވަކިވެވޭ ގޮތެއް ނުވި. ސިފައިންގެ މަސައްކަތަށް ވުރެ ބޮޑަށް ފުރަތަމަ ދުވަސްކޮޅު ދިއައީ މިއުޒިކް ކުޅުމުގެ ކަންތައްގަނޑުގެ ތެރޭގައި. ރެކްރޫޓް ޓްރޭނިންގައި ދިމާވި އެހެން ކަހަލަ އިންސިޑެންޓެއް ވެސް. ގިރިފުއްޓަށް ގޮސް ފުރަތަމަ ވެސް ލީ ޔުނިފޯމް. އޭރު މިލިޓަރީ އެއް ވެސް ބެކްގްރައުންޑެއް ނެތް. ދެން ޔުނިފޯމް ލުމާއެކު، އޭރު އިންޗާޖުބުނީ މިރޭ ޑިއުޓީ އޮންނާނެއޭ ދަންވަރު. ދެން އަޅުގަނޑު ބުނިން އެހެންހޭ، ކޮންތާކުހޭ. ދެން ބުނި ތުނޑީ ކޮޅު ހުންނަ ޓަވަރެއްގައޭ. ދެން އަޅުގަނޑު ހިތަކަށް ނާރާ ގޮވާނެ ކަމަކަށް. ދެން ކޮންމެ އަކަސް ގާތްގަނޑަކަށް 3 ޖަހަން އުޅެނިކޮށް ގޮވައިފި ޑިއުޓީއަށް. ދެން ތައްޔާރުވެގެން ޔުނިފޯމް އަޅައިފިން. އޭރު އަޅުގަނޑު އުމުރުން ވީ ހަމަ އަށާރަ. ތުނޑީގައި ދަންވަރު ޑިއުޓީ އަށް ހުންނަން ޖެހުމުން ހިތަށް އެރި ވަރަށް ތަފާތު ތަޖްރިބާއެކޭ. ދެން އެހިސާބުން ޓްރެއިނިންގ ތެރެއަށް ވަދެ "ގޭނެން" ޖެހުނީ." ޝަމާލް ވިދާޅުވި އެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

ސިފައިންގެ ޚިދުމަތުގައި މި ފާއިތުވި ދުވަސްތަކުގައި، އެކި ތަމްރީނުތައް ފުރިހަމަކުރައްވާ ތައުލީމީ ގޮތުން ދާއިރާގެ ފުންނާބު އުސް ބޭފުޅަކަށް ވެވަޑައިގެންނެވިއެވެ. ސިފައިންގެ ޚިދުމަތާއި ގުޅުނުތާ ގާތްގަޑަކަށް ހަމަސް ދުވަހުގެ ތެރޭ ތަޖްރިބާ ކުރައްވަން ޖެހިވަޑައިގަތީ ރާއްޖެ އަށްދިމާވި އެންމެ ބޮޑު އުދުވާނީ ހަމަލާއެވެ.

އުމުރުން އެންމެ 18 އަހަރުގައި އެ ތަޖްރިބާ ކުރައްވާ، އެކީގައި މަސައްކަތް ކުރެއްވި ގިނަ ބޭފުޅުން ޝަހީދުވެގެން ދިއަ ދިއުމަކީ ޚިދުމަތުގައި ދެމި ހުންނެވުމަށް ލިބުނު ބާރަކަށް ވެގެންދިއައެވެ. ޝަމާލް ވިދާޅުވާ ގޮތުގައި، ދުވަހަކު ވެސް ނުކުރައްވާނެ ކަމަކީ ޔުނިފޯމްގައި ހުންނަވައިގެން، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރެވުމާއި، ސިފައިންގެ ހުވައާއި ޚިލާފު ނުވުމެވެ.

ދިރިއުޅުމުގެ ވައްޓަފާޅި އާއި ބައެއް މަޖާވާހަކަތައް ހިއްސާ ކުރައްވަމުން ޝަމާލު ވިދާޅުވީ، ސިފައިންނަކީ އަބަދުވެސް ފިޒިކަލީ ފިޓްކޮށް ތިބެންޖެހޭ ބައެއް ކަމަށެވެ. އެއީ ސިފައިންގެ އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ބިއެފްޓީ އަކީ ހުރިހާ ސިފައިންނަށް ލާޒިމް ކަމަކަށް ވީ ނަމަވެސް ޖެނެރަލުންނަށް ކޮންމެ ވެސް ވަރެއްގެ ލުއިތަކެއް އޮވެއެވެ. އެކަން ޝަމާލް ވެސް ފާހަގަކުރެއްވިއެވެ. ނަމަވެސް ޝަމާލް އަކީ ފިޓްނަސްއަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަށް ޖިމް ޖައްސަވަން ވަގުތު ނުވި ނަމަވެސް ކޮންމެ ދުވަހަކު ވެސް ދުވުމުގެ މަސައްކަތް ކުރައްވައެވެ. ދެން ކުރައްވާ ކަމަކީ ކެއުމަށް ބެއްލެވުމެއެވެ.

"ކެއުމަށް ވަރަށް ބޮޑަށް ބަލަން، ކާ އެއްޗިއްސާ ދިމާލަށް ބަލާ ވާހަކަ ނޫން. ހަކުރާއި ދޯޅު މީހެއް ނަމަވެސް ކެއުމުގައި ވަރަށް ބޮޑަށް ބަލަން." ހިނިގަނޑެއް ޖެއްސެވުމަށްފަހު ޝަމާލް ވިދާޅުވިއެވެ.

ދިވެހި ކެއުން ވަރަށް ކަމުދާ ކަމަށް ވިދާޅުވެ، ހިނިގަނޑެއް ޖެއްސެވުމަށްފަހު، ޝަމާލު ވިދާޅުވީ ހަދިޔާއަކަށް އެންމެ ބޭނުންވަނީ ދިވެހި ކެއުމެއް ކަމަށެއެވެ. ނަމަވެސް އެ ޕާރުސަލް ކޮށްނުލެވޭނެ ކަމަށް ސަމާސާ ގޮތަކަށް ވިދާޅުވިއެވެ.

ރައީސް ސޯލިހާއި، ދިފާއީ ވަޒީރު މާރިޔާ ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް - ޔުނިފޯމްގައި ހުންނަވައިގެން، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވި

ސިފައިންގެ ޚިދުމަތަކީ ބުރަ މަސައްކަތެކެއެވެ. ދިމާވާ ކޮންމެ ހާދިސާއެއްގެ އެންމެ ކުރީ ސަފުގައި ދިވެހިންގެ ދިފާއުގައި ތިއްބަވާ އެއްބައަކީ ގައުމީ ދިފާއީ ބާރެއެވެ. އަމިއްލާ އާއިލާއާއި ދުރުގައި އެތައް ދުވަހެއް ހޭދަކުރައްވާ ބައެކެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ވަޑައިގެންނެވި ފަހުން މަގާމުގެ މަސްއޫލިއްޔަތު އިތުރަށް ބުރަވެގެން ދިއަ ނަމަވެސް ޚިދުމަތް ކުރައްވަނީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރެއްވުމުގެ ކަމަށް ޝަމާލު ފާހަގަކުރައްވައެވެ.

"ފަހަކަށް އައިސް ޗުއްޓީ ނުނެގޭ، ސިފައިންގެ އެއްވެސް މަސައްކަތެއް ނެތިވެ ކަމާ ކަންފަށާފައި ގޭގައި ވެސް ހޭދަކޮށްނުލެވޭ. އަޅުގަނޑު އެކަންޏެއް ނޫން ސިފައިންގެ ޖެނެރަލް އޮފިސަރުން ވެސް. ދިފާއީ ވަޒީރު ވެސް އެ ގޮނޑީގައި އިށީންނެވި ފަހުން ވެސް އަޅުގަނޑުމެންނާ ނުގުޅި ނުދޭ. ޗުއްޓީއެއްގައި ހުންނެވި ހެނެއް ހިޔެއް ނުވޭ. އަޅުގަނޑަށް ހީވަނީ މިއީ އަޅުގަނޑުމެންގެ ދާއިރާއަށް މިވަގުތު އޮތް ގޮތް ހެން"
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

ޗުއްޓީއަކަށް ދާން ވަގުތު ލިބިއްޖެނަމަ ދާން އެންމެ ބޭނުންވަނީ ކޮންތަނަކަށްތޯ އެއްސެވުމުން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ވެސް އާއިލާގެ ބޭފުޅުން އެބަތިއްބެވި ކަމަށާއި، އެހެންނަމަ ވެސް ވަޑައިގެންނެވޭނީ ސިފައިން ތިބި ކޮންމެ ވެސް ރަށަކަށް ކަމަށެވެ.

ސިފައިންނަކީ އެހާމެ ބުރަ ގައުމީ ޚިދުމަތެއް ކުރައްވާ ބޭޅުން ކަމުން އެހެން ދާއިރާތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކާއި ޚިލާފަށް ރަހުމަތްތެރިންނާއި އާއިލާއާއި އެކު ވަގުތު ހޭދަކުރެވޭ މިންވަރު މަދެވެ. ބައެއް ބޭފުޅުންނަކީ މަސައްކަތް ހުންނަ ގޮތުން ރައްޓެހިންނާއެކު ކޮފީއަށް ދިއުމުގެ ފުރުސަތު ލިބޭ ބައެއް ނޫނެވެ. ޝަމާލް އަކީ އޭގެ ތެރެއިން ބޭފުޅެކެވެ. ކިރިޔާ ވެސް ވަގުތު ކޮޅެއް ލިބިއްޖެ ނަމަ ވަގުތު ހޭދަކުރައްވަނީ އާއިލާ އާއި ކުޑަދަރިފުޅާ އެކުގައި ކަމަށް ވިދާޅުވިއެވެ. ސޯޝަލް މީޑިއާގައި ވެސް ޝަމާލް އަކީ ހަރަކާތްތެރި ބޭފުޅެކެވެ. އިންސްޓަރގްރާމުގައި އެހާ ބޮޑަށް އެކްޓިވް ނުވިނަމަވެސް ޝަމާލް އަކީ ފޭސްބުކު ބޭނުން ކުރައްވާ ބޭފުޅެކެއެވެ. އާއްމުކޮށް އެކީގައި އުޅުއްވާ ގިނަ އޮފިސަރުންނާއި އެކު ސެލްފީ ނެންގެވުން ވެސް އެއީ މަސައްކަތުގެ މާހައުލުގައި ޝަމާލް ކުރައްވާ ކަމެކެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު - އެކީގައި އުޅުއްވާ ގިނަ އޮފިސަރުންނާއި އެކު ސެލްފީ ނެންގެވުން އެއީ ޝަމާލު ކުރައްވާ ކަމެއް
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
8%
46%
5%
19%
11%
11%
ކޮމެންޓް
27 ޖުލައި 2020 | ހޯމަ 09:28
ޖަވާން
ޚާއިނުން.ގައުމައް ގައްދާރު ވެފައި ތިބި އިންޑިއާ ގެ އަޅުން