ކ. މާލެ
|
25 ޖުލައި 2020 | ހޮނިހިރު 22:13
އުތީމު ގަނޑުވަރު - އުތީމު ގަނޑުވަރަކީވެސް ދިވެހިންގެ ކާބަފައިންގެ ޒަމާނުގެ އާސާރީ ތަރިކައެއް
އުތީމު ގަނޑުވަރު - އުތީމު ގަނޑުވަރަކީވެސް ދިވެހިންގެ ކާބަފައިންގެ ޒަމާނުގެ އާސާރީ ތަރިކައެއް
ޓްވިޓަރ
މިނިވަން ދުވަސް 2020
މިނިވަންކަމުގެ ތެރެއިން... ތަރިކައާއި ޘަޤާފަތް އަދި ބަސް މިނިވަން ކުރުން
 
ބަހުގެ ހަމަތަކާއި، އަސްލު ގެއްލުވާނުލައި، އޭގެ ގޮތުގައި ދަމަހައްޓަން ޖެހޭ
 
ސަޤާފީ ތަރިކައިގެ ދަފްތަރެއް މިނިސްޓްރީން އެކުލަވާލާފައިވޭ
 
ބައެއް ރަށްރަށުގައި ހުރި އާސާރީ ތަންތަން ނެތި ގޮސްދާނެ ކަމުގެ ބިރު ވަނީ ހީވެފައި

ކޮންމެ ޤައުމެއްގެވެސް ސަޤާފަތާއި ތަރިކައަކީ އެ ޤައުމެއްގެ މިނިވަންކަމާއި ތާރީޚު ދައްކުވައިދޭ ރަމްޒެކެވެ. އެ ޤައުމެއްގެ ކާބަފައިންގެ ދިރިއުޅުމުގެ އާޖުފާޖާއި، ވައްޓަފާޅި ފަހުގެ ޖީލުތަކަށް ދައްކުވައިދެނީ ތާރީޚާއި ތަރިކައިންނެވެ. ރާއްޖޭގައިވެސް މިނިވަންދުވަހުގެ ހަނދާންތައް އައުކޮށް، މިނިވަންކަމަށް ކުރި ދަތުރުގެ ހަނދާންތައް އައުކުރާއިރު، މި ދެންނެވި ތަރިކައާއި ޘަގާފަތްތަކުން ކާބަފައިންގެ ދިރިއުޅުމުގެ އެތައް ވާހަކަތަކެއް ބުނެދެއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ގިނަ ދުވަސްވީ އާސާރީ ތަރިކަތައް ހުރިއިރު، އެތަންތަނަށް އަޅާނުލެވި ދޫކޮށްލެވިފައި ހުރި ކަމުގެ ޝަކުވާ ވަރަށް ގިނަ ބަޔަކު ކުރެއެވެ. ގެޒެޓު ކޮށްފައިވާ ދިވެހިރާއްޖޭގެ އާސާރީ ތަންތަނުގެ ދަފްތަރުގައި ވެސް ހިމަނާފައިވާ މި ތަންތަނަށް ދެވޭ އަޅާލުން ކުޑަވުމުގެ ސަބަބުން، ބައެއް ތަންތަން ނެތި ފަނާވާން ގާތްވަމުންދާ މަންޒަރުވެސް ފެންނަލެއް މަދެއް ނޫނެވެ. ބައެއް ރަށްރަށުގައި ހުރި އާސާރީ ތަންތަން ނެތި ގޮސްދާނެ ކަމުގެ ބިރަށްޓަކައި އެތަންތަނުގެ އާބާތުރަ ފިލުވައި، ދެމެހެއްޓުމަށްވެސް މަސައްކަތްތަކެއް ކޮށްފައިވާކަން ތާރީޚުން ހެކިދެއެވެ.

އާސާރީ ބިނާއެއް ކަމަށްވާ އައްޑޫ މީދޫ ފަނޑިޔާރު ކަލޭގެފާނު މިސްކިތް

ރާއްޖޭގެ ސަޤާފީ ތަރިކަ ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޚާއްސަކޮށް މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު އުފެއްދުން ވެގެން ދިޔައީ ރާއްޖޭގެ ސަޤާފީ ތަރިކަ ދެމެހެއްޓުމަށާއި، ހިމާޔަތް ކުރުމަށް ކުރަމުންދާ މަސައްކަތަށް ދިލުނު އަލި ދަންމަރަކަށެވެ. އެގޮތުން ރާއްޖޭގެ ސަޤާފީ ތަރިކައިގެ ދަފްތަރެއް މިނިސްޓްރީން އެކުލަވާލާފައިވާއިރު، އެ ލިސްޓުގައި 400 އަށްވުރެ ގިނަ އާސާރީ ތަރިކަ ހިމެނެއެވެ. އޭގެ ތެރެއިން ނެތި ފަނާވެދާން ގާތްވެފައިވާ ގިނަ ތަންތަން ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް އެ ތަންތަން ހިމާޔަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންދަންޖެހޭކަމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

އޭގެ އިތުރުން، މިނިވަންކަމުގެ ވާހަކަ ދައްކާއިރު، މިނިވަންކަމުގެ ބަހާއެއް ކަމަށްވާ އެބައެއްގެ އަމިއްލަ ވައްޓަފާޅިއާއި، އަމިއްލަވަންތަ ކަމުގެ ނިޝާންތައް ދައްކުވައިދޭ އެއް ކަމަކަށް އެ ބައެއްގެ މާދަރީ ބަސް ހިމެނޭނެއެވެ. އެގޮތުން ދިވެހިންގެ "އަސަރުގަދަ އަދި އެންމެ ފޮނި" ދިވެހި ބަސް ހިމާޔަތްކޮށް، ބަސް މިނިވަން ކުރުމަކީވެސް ފުރިހަމަ މިނިވަންކަމެއް ލިބިގަތުމުގައި މުހިއްމު ކަމެއްކަން ޔަޤީނެވެ. އެކަމަށްޓަކައި އިހުގެ އެވޭލާ އަކުރާއި، ދިވެސް އަކުރުގެ ލިއުންތަކުން މާޒީގެ ހަނދާންތައް އައު ކުރުވާ ލޯމާފާނުތަކާއި، ރާދަވަޅިތައް ރައްކާތެރި ކުރަން ޖެހެއެވެ.

ދަނބިދޫ ލޯމާފާނުގެ ލިއުމެއް

ބަސް މިނިވަން ކުރުމުގެ ވާހަކަ ދައްކާއިރު، ބަހުގެ ހަމަތަކާއި، އަދަބިއްޔާތު ދިރުވާ އާލާކުރުމަކީ މުހިއްމު ކަމެކެވެ. އެކަމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވާހަކަދައްކާ ބަހުރުވަތައް (ޑައިލެކްޓްސް) ރައްކާތެރި ކުރަންޖެހެއެވެ. އެގޮތުން އެކަމަށް ޚާއްސަ އިސްކަމެއް ދީގެން މިހާރު މަސައްކަތްތަކެއް ކުރެވެމުންދާއިރު، ހުވަދޫ، އައްޑޫ، ފުވައްމުލަކު ފަދަ ބަހުރުވަތައް ދިރުވުމަށް މެނިފެސްޓޯގައި ހިމެނި، ބަހުރުވައިގެ ރަދީފު އެކުލުވާލުމުގެ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ.

ވުމާއެކު، މިނިވަންދުވަސް ފާހަގަކޮށް، މިނިވަންކަމުގެ ވާހަކަ ދައްކާއިރު، ޙަޤީޤީ މިނިވަންކަމަކީ ދިވެހިން ޒަމާނުއްސުރެ ގެންގުޅެފައިވާ "ދިވެހިވަންތަ ކަމުގެ" އުސޫލުތައް ދަމަހައްޓައިގެންނެވެ. ދިވެހިންގެ ތަރިކައާއި ސަޤާފަތް ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށްވެސް އޭގެ ގޮތުގައި ފޯރުކޮށްދެވިގެންނެވެ. ދިވެހި ބަސް މިނިވަންކޮށްގެންނެވެ. ބަހުގެ ހަމަތަކާއި، އަސްލު ގެއްލުވާނުލައި، އޭގެ ގޮތުގައި ދަމަހައްޓައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް