ކ. މާލެ
|
24 ޖުލައި 2020 | ހުކުރު 23:40
ތުރުކީގެ ރައީސް ރަޖަބް ތައްޔިތު އުރުދުޣާން ހުކުރު ނަމާދުގައި ބައިވެރިވެވަޑައިގަންނަވަނީ
ތުރުކީގެ ރައީސް ރަޖަބް ތައްޔިތު އުރުދުޣާން ހުކުރު ނަމާދުގައި ބައިވެރިވެވަޑައިގަންނަވަނީ
ރޮއިޓަރސް
އަޔާ ސޮފިޔާގެ ފުރަތަމަ ޚުތުބާ
އަޔާ ސޮފިޔާގެ ފުރަތަމަ ޚުތުބާ: މިއީ އިސްލާމީ ދަންމަރު ނުނިއްވޭނެ ކަމުގެ މިސާލެއް
 
އަޔާ ސޮފިއާއަކީ އިލްމާއި ހިލްމުގެ ރިވެތި ތާރީޚުތަކެއް އެކުލެވިގެންވާ ބިނާއެއް
 
އެއްފަހަރާ 1،000 މީހުންނަށް އަޔާ ސޮފިޔާގައި ނަމާދު ކުރެވޭނެ
 
ގިނަ ޢަދަދެއްގެ މީހުން އެއް ދުވަސް ކުރިން މިސްކިތަށް ވަނުމަށް ސަފު ހެދި

ޤަދީމީ ބިނާ އަޔާ ސޮފިޔާގައި 86 އަހަރަށްފަހު ހުކުރު ނަމާދު ކޮށްފައިވާއިރު، މިއީ އިސްލާމީ ދަންމަރު ނުނިއްވޭނެކަން ދައްކުވައިދޭ މިސާލެއް ކަމަށް ޚުތުބާގައި ބުނެފިއެވެ.

1934 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އަޔާ ސޮފިއާގައި ހުކުރު ކޮށްފައިވާއިރު ހުކުރު ނަމާދުގައި ބައިވެރިވުމަށް އެތައް ހާސް ބަޔަކު ވަނީ މިސްކިތަށް ގޮސްފައެވެ. އެގޮތުން 15 ޤަރުނުވީ މި ޤަދީމީ ބިނާގައި 86 އަހަރަށްފަހު ކުރި ފުރަތަމަ ހުކުރު ޚުތުބާގައި ބުނީ، މި ބިނާ އެންމެ ފަހު ދުވަހާއި ހަމައަށްވެސް މިސްކިތެއްގެ ގޮތުގައި ދެމިއޮތުމަށް އެދޭ ކަމަށެވެ. އަދި އަޔާ ސޮފިއާއަކީ އިލްމާއި ހިލްމުގެ ރިވެތި ތާރީޚުތަކެއް އެކުލެވިގެންވާ ބިނާއެއްކަމަށް ބުނެފައިވެއެވެ.

އެޤައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވެސް ހުކުރު ނަމާދުގައި ބައިވެރިވެ ވަޑައިގެންފައިވާއިރު، މި ބިނާއަކީ މުޅި އިސްލާމީ އުއްމަތުގެ ބިނާއެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ، އަޔާ ސޮފިއާ އަލުން ހުޅުވިގެން ދިއުމަކީ އިސްލާމީ ހަޟާރާތާއި ދަންމަރު ނުނިވޭކަން އަންގައިދޭ ކަމެއް ކަަމަށެވެ. އަދި މިއީ މަސްޖިދުއް އަޤްސާ ފަދަ މިސްކިތްތަކަށް އަލުން މުސްލިމުންނަށް ފުރިހަމަ ބާރާއެކު ލިބިގެން ދިއުމުގެ އުއްމީދު އަލިކޮށްދޭ ކަމެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަދިވެސް މިސްކިތްތަކަށް ގެއްލުންދީ، މުސްލިމުންނަށް އެކިކަހަލަ ދުއްތުރާތައް ދެމުންގެންދާއިރު، އެތައް މިލިއަން މުސްލިމުންނެއް އަދިވެސް އަނިޔާވެރިކަން ތަޙައްމަލު ކުރަމުންދާކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން، މުސްލިމުންގެ މިސްކިތްތަކަކީ މުސްލިމުންގެ އެއްބައިވަންތަކަމާއި، އެކަތިގަނޑެއްކަން ދައްކުވައިދޭ ރަމްޒެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އެއްވެސް ތަފާތު ކުރުމެއްނެތި، ހުރިހާ މުއުމިނުންނަށްވެސް މި މިސްކިތް ހުޅުވާލެވިފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިސްތަންބުލްގައި ހުންނަ ޔުނެސްކޯގެ ވޯރލްޑް ސައިޓެއް ކަމަށްވާ 'އަޔާ ސޮފިޔާ' އަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަނެކެވެ. އެންމެ ފުރަތަމަ މިތަން މިސްކިތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 1453 ވަނަ އަހަރެވެ. ނަމަވެސް 1935 ވަނަ އަހަރު ތުރުކީގެ ކުރީގެ ރައީސްގެ ވެރިކަމުގައި އެތަން ދާރުލްއާސާރެއްގެ ގޮތުގައި ކަނޑައެޅުނެވެ.

ފަހުން އެނގުނު ގޮތުގައި އަޔާ ސޮފިޔާ ދާރުލްއާސާރެއްގެ ގޮތުގައި ކަނޑައެޅިކަމުގެ ލިޔެކިއުންތައް ފޯޖުކޮށްފައިވާކަން ހާމަވިއެވެ. އަދި ތުރުކީގެ މަތީ ކޯޓަކުން ވަނީ އަޔާ ސޮފީޔާ އަލުން މިސްކިތެއްގެ ގޮތުގައި ހުޅުވުމަށް ނިންމާފައެވެ. އެގޮތުން ތުރުކީވިލާތުގެ ސަރުކާރުން ބުނީ އެއްފަހަރާ 1،000 މީހުންނަށް އަޔާ ސޮފިޔާގައި ނަމާދު ކުރެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް