ކ. މާލެ
|
24 ޖުލައި 2020 | ހުކުރު 12:37
ކެނެޑާ ޕާރިލިމަންޓް
ކެނެޑާ ޕާރިލިމަންޓް
ބީބީސީ
ޗައިނާ
ޗައިނާއިން އީގަރ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް ކެނެޑާގެ ގާނޫނު ހަދާ މަޖިލީހަށް
 
އީގަރ ދަރިކޮޅުގެ އައިޑެންޓިޓީއާއި، ދީނާއި، ބަހާއި، ސަގާފަތު ނައްތާލަން ޗައިނާ ސަރުކާރުން ދަނީ މަސައްކަތް ކުރަމުން
 
އެމެރިކާއިން ދާދިފަހުންވެސް މިމައްސަލައިގައި ޗައިނާގެ އިސް ބައެއް އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވޭ
 
ނާޒީ ޖަރުމަނުން ޔަހޫދީންނާމެދު އަމަލުކުރި ފަދައިން ޗައިނާއިން ދަނީ އެގައުމުގެ މުސްލިމުންނާމެދު އަމަލު ކުރަމުން

ޗައިނާގެ ޝިންޖިއާން ސަރަހައްދުގައި އުޅޭ އީގަރ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ޗައިނާގެ ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތަކާ ބެހޭ ގޮތުން ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގައި އިންސާނީ ހައްގުތަކާ ބެހޭ މާހިރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކޮމިޓީގައި ވާހަކަދައްކަމުން މާހިރުން ބުނީ އީގަރ ދަރިކޮޅުގެ އައިޑެންޓިޓީއާއި، ދީނާއި، ބަހާއި، ސަގާފަތު ނައްތާލަން ޗައިނާ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބޮޑެތި ޖަލުތަކުގައި އެތައް ލައްކަ މުސްލިމުންނެއް ބަންދުކޮށް، އެމީހުންގެ ދީން ބަދަލުކުރުމަށް މަޖުބޫރުކުރުވައި، އެމީހުންގެ ހަށިގަނޑުގެ ގުނަވަންތައް ވިއްކައި، އެމީހުން ލައްވައި އަޅު މަސައްކަތް ކުރުވާ ކަމަށެވެ. އަދި މުޅި ޝިންޖިއާން ޕްރޮވިންސް ޖަލަކަށް ހަދާފައިވާ ކަމަށް ވެސް އެމީހުން ސިފަކުރެއެވެ.

މީގެ އިތުރުން ޝިންޖިއާން ސަރަހައްދުގެ އާބާދީ އިތުރުވުން ކޮންޓްރޯލް ކުރުމަށް ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކާއި، ހައްޔަރުކޮށްފައިވާ މީހުންނަށް އެމީހުންގެ އާއިލާތަކާ ބައްދަލު ނުކުރެވޭކަން ކެނެޑާގެ މާހިރުން ފާހަގަކުރެއެވެ.

ނާޒީ ޖަރުމަނުން ޔަހޫދީންނާމެދު އަމަލުކުރި ފަދައިން ޗައިނާއިން އެގައުމުގެ މުސްލިމުންނާމެދު އަމަލުކުރަމުންދާކަން ފާހަގަކޮށް، ދުނިޔޭގެ ބޮޑެތި ބާރުތަކުން ޗައިނާގެ އަމަލުތައް ކުށްވެރި ކުރަމުންދާކަން ފާހަގަކުރެއެވެ. އެގޮތުން އެމެރިކާއިން ދާދިފަހުން ވެސް މި މައްސަލައިގައި ޗައިނާގެ އިސް ބައެއް އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، ޗައިނާއާއި ގާތް ބޮޑެތި މުސްލިމު ގައުމުތަކުން މި މައްސަލައިގައި ހަނުތިބޭކަން ފާހަގަކުރެއެވެ. އޭގެ ތެރޭގައި އީރާނާއި ޕާކިސްތާން ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
100%
0%
0%
0%
ކޮމެންޓް