ކ. މާލެ
|
23 ޖުލައި 2020 | ބުރާސްފަތި 19:10
ބްރަޒިލްގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ އިރު އެގައުމުގެ ބްރަޒިލްގެ މަނައުސް ސަރަހައްދުގައި ދިރިއުޅޭ އަންހެނެއް ކޮވިޑަށް ޓެސްޓް ކުރުމުގެ ކުރިން އޭނާގެ މައުލޫމާތު ހެލްތް ވޯކަރެއް ނޯޓް ކު
ބްރަޒިލްގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ އިރު އެގައުމުގެ ބްރަޒިލްގެ މަނައުސް ސަރަހައްދުގައި ދިރިއުޅޭ އަންހެނެއް ކޮވިޑަށް ޓެސްޓް ކުރުމުގެ ކުރިން އޭނާގެ މައުލޫމާތު ހެލްތް ވޯކަރެއް ނޯޓް ކު
ރޮއިޓަރސް
ކޮވިޑް-19 ބްރަޒިލްގެ ހާލަތު
ބްރަޒިލްގައި ކޮވިޑްގެ ހާލަތު އޮތީ ކޮންޓްރޯލްކޮށް: ހެލްތް މިނިސްޓްރީ
 
ކޭސްތައް އިތުރުވާތީ އެކަމުގެ ބަހަނާއެއްގެ ގޮތަށް ހެލްތް މިނިސްޓްރީން ދެއްކީ ފިނި މޫސުން
 
ބުދަ ދުވަހު އެކަނިވެސް 1200ށް ވުރެ ގިނަ މީހުން މަރުވެފައިވޭ
 
ބުދަ ދުވަހަކީ ބަލިމަޑުކަން ފެތުރެން ފެށިފަހުން އެންމެ ގިނަ އަދަދަކަށް އެގައުމުގައި މީހުން ޕޮޒިޓިވްވި ދުވަސް

ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނަ ލެޓިން އެމެރިކާގެ ގައުމެއް ކަމަށްވާ ބްރަޒިލްގައި ކޮވިޑް-19ގެ ހާލަތު އޮތީ ކޮންޓްރޯލްގައި ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ބްރެޒިލްގެ ވަގުތީ ހެލްތް މިނިސްޓަރ އެޑްވަރޑޯ ޕަޒްވެލޯ ބުދަ ދުވަހު ވިދާޅުވީ އެގައުމުގައި ކޮވިޑްގެ ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެގައުމުން ވަނީ ބުދަ ދުވަހު ވެސް ރެކޯޑް އަދަދަކަށް ކޮވިޑްގެ ކޭސްތަކެއް ރިޕޯޓްކޮށްފައެވެ.

އެޑްވަރޑޯ ވިދާޅުވީ ކޮވިޑްގެ ސިނާރިއޯ ކޮންޓްރޯލް ހާލަތެއްގައި އޮތް ނަމަވެސް، ކޭސްތައް އިތުރުވަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބަކީ މޫސުން ގޯސްވުން ކަމަށެވެ. އޭނާ ވިދާޅުވީ ފިނި މޫސުމުގެ ސަބަބުން ކޭސްތައް އިތުރުވަމުން އަންނަ ކަމަށެވެ.

މީގެކުރިން ހޯދިފައިވާ ހޯދުންތަކުން ދައްކާގޮތުން ހޫނު މޫސުމުގައި ވައިރަސް ފެތުރޭ މިންވަރު މަދުކަމަށް ދައްކައެވެ. ނަމަވެސް ކަމުގެ މާހިރުން ހާމަކޮށްފައިވާ ގޮތުގައި ހޫނު މޫސުމުގައި ކޮވިޑް-19 ފެތުރުން ނުހުއްޓުވޭނެ ކަމަށެވެ. ހޫނު ތަންތަނުގައި ކޮވިޑް ފެތުރޭ މިންވަރު މަދުކަމަށް ބައެއް ފަރާތްތަކުން ބުނެފައިވީ ނަމަވެސް އަދިވެސް މިކަމަށް ބާރުދޭ ހެއްކެއް ހޯދިފައެއް ނުވެއެވެ.

އެޑްވަރޑޯ ވިދާޅުވީ ޕެންޑަމިކާއެކު ސިއްހީ ނިޒާމުގެ ހާލަތު ވަރަށް ބޮޑަށް އެނގިގެން ގޮސްފައިވާ ކަމަށާއި، ނިޒާމާ މެދު މިހާރު އުއްމީދު އެބައޮތް ކަމަށެވެ. އެގައުމުގެ ސިއްހީ ނިޒާމާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުން އަންނަ އިރު އެގައުމުގެ ރައީސް ޖެއި ބޮލްސޮނާރޯގެ ސިޔާސަތުތަކާއި ދެކޮޅުވެގެން މި ބަލިމަޑުކަމުގެ ތެރޭގައި ހެލްތް މިނިސްޓަރުކަމުގެ މަގާމުން ދެ މީހަކު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ކޮވިޑް-19ގެ ބްރަޒިލްގެ އެންމެ ފަހުގެ މައުލޫމާތަކަށް ބަލާއިރު، ބްރެޒިލްގެ ރައީސް ޖައި ބޮލްސޮނާރޯ ތިންވަނަ ފަހަރަށް ޓެސްޓު ކުރުމުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ރައީސް ބޮލްސޮނާރޯ ހުން ގަދަވެ، ކޮވިޑް-19 ގެ އަލާމާތްތައް ފެނުމާ ގުޅިގެން ކޮވިޑަށް ޕޮޒިޓިވްވިކަން ފުރަތަމަ ހާމަކުރައްވާފައިވަނީ 07 ޖުލައި ގައެވެ. އަދި ދެވަނަ ފަހަރަށް ހެދި ޓެސްޓްގެ ނަތީޖާ ވެސް ޕޮޒިޓިވް ވެފައިވާކަން ހާމަކުރައްވާފައިވަނީ 16 ޖުލައި ގައެވެ.

ތިން ވަނަ ފަހަރަށް ހެއްދެވި ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާކަން ބުރާސްފަތި ދުވަހު ހާމަކުރައްވާފައިވާއިރު ބޮލްސޮނާރޯ އަކީ ތަކުރާރުކޮށް މިއީ އާދައިގެ ރޯގާއެއްގެ ގޮތުގައި ސިފަކުރައްވާ، ވާހަކަ ދައްކަވާފައިވާ ބޭފުޅެކެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން އެޅުން މުހިންމު ފިޔަވަޅުތަކަށް ބޯ ނުލަނބާ ލީޑަރުންގެ ތެރޭގައި ހިމެނޭ އެއް ލީޑަރެވެ.

އޭޕްރީލް މަހު ބޮލްސޮނާރޯ ވިދާޅުވީ އެމަނިކުފާނަށް ކޮވިޑް-19 ޖެހުނު ކަމުގައި ވިޔަސް މާބޮޑަށް ބިރު ނުގަންނާނެ ކަމަށާއި، ކަންބޮޑު ނުވާނެ ކަމަށެވެ. މާބޮޑު ސަމާލުކަމެއް ނުދެއްވާ މޭރުމަކުން ރައީސް ބޮލްސޮނާރޯ ވަނީ އެކި ސިޓީތައް ވެސް ލޮކްޑައުން އަކަށް ދިޔަ ނަމަވެސް ހާލަތު ރަނގަޅުނުވާނެ ކަމަށާއި، ކަންކަން ފަސޭހަކޮށްލާ ދޫކޮށްލުމަށް ހިތްވަރު ދެއްވާ ގަވަރުނަރުންނާއި މަޝްވަރާ ކުރައްވާފައެވެ.

ބްރެޒިލްގައި ހަލުވިކަމާއެކު ކޮވިޑް ރޯގާ ފެތުރެމުން ދާއިރު، އެ ގައުމުގެ ގިނަ ރައްޔިތުންތަކެއް ވަނީ ބޮލްސޮނާރޯގެ ނިންމެވުންތަކަށް ފާޑު ކިޔާފައެވެ.

ބްރަޒިލްގެ ހެލްތް މިނިސްޓްރީން ބުދަ ދުވަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ ދުވަހު އެކަނި ވެސް 67،860 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެފައިވެއެވެ. އަދި މިއީ އައުޓް ބްރޭކްގެ ފަހުން އެގައުމުގައި އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ. ބުދަ ދުވަހު އެކަނި ވެސް އެގައުމުން ވަނީ 1284 މީހަކު މަރުވެގެން ރިޕޯޓްކޮށްފައެވެ.

ބްރަޒިލްގައި މިހާތަނަށް އައި އިރު 2.2 މިލިއަން މީހުން ވަނީ ކޮވިޑް-19ށް ޕޮޒިޓިވްވެފައެވެ. 82،000ށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު އެގައުމުގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1.5 މިލިއަނަށް އަރާފައެވެ. ބްރަޒިލްގެ ޖުމްލަ އާބާދީ އަކީ 212 މިލިއަނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް