ކ. މާލެ
|
20 ޖުލައި 2020 | ހޯމަ 18:30
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން؛ ކޮވިޑަށް ވެކްސިން އުފައްދާ ރޭހުގައި އުތުރު ކޮރެއާއިން ވެސް ވަނީ ބައިވެރިވެފައި
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން؛ ކޮވިޑަށް ވެކްސިން އުފައްދާ ރޭހުގައި އުތުރު ކޮރެއާއިން ވެސް ވަނީ ބައިވެރިވެފައި
ބީބީސީ
އުތުރު ކޮރެއާއިން ވެކްސިން އުފައްދަނީ
އުތުރު ކޮރެއާއިން ކޮވިޑަށް ވެކްސިން އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފި
 
އުތުރު ކޮރެއާއިން ބުނެފައިވަނީ ވެކްސިން ޓެސްޓް ކުރުމުގެ ތިން ވަނަ މަރުހަލާ ފެށުމަށް ތައްޔާރު ކަމަށް
 
އިގްތިސާދީ ގޮތުން ބަލާނަމަ މިއީ އުތުރު ކޮރެއާއަށް ކުރެވޭނެ ވަރުގެ ކަމެއް ނޫން

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދުނިޔެއާއި އެކަހެރިވެގެން ހުދުމުހުތާރު ވެރިކަމެއް ކުރަމުން އަންނަ އުތުރު ކޮރެއާއިން ހާމަކޮށްފިއެވެ.

އުތުރުކޮރެއާގެ ސްޓޭޓް ކޮމިޝަން އޮފް ސައިންސް އެންޑް ޓެކްނޮލަޖީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްލިނިކަލް ޓްރައަލްތައް ކުރިއަށްދާ ކަމަށާއި، މިހާރު ވާހަކަ ދެކެވެމުންދަނީ ވެކްސިން ޓެސްޓް ކުރުމުގެ ތިންވަނަ މަރުހަލާ ކުރިއަށް ގެންދާނެ ގޮތަކާއި މެދުކަމަށެވެ. މި މަރުހަލާގައި އިންސާނުންގެ ގަޔަށް ވެކްސިން ޖަހައިގެން ޓެސްޓް ކުރަން ފަށާނެއެވެ.

ނަމަވެސް ބޭރު ދުނިޔެއަށް މި ވާހަކަތަކަކީ ޝައްކު އުފެދޭ ވަރުގެ ވާހަކަތަކެއް ކަމަށް ބައިނަލް އަގުވާމީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެއީ އުތުރު ކޮރެއާގައި ކޮވިޑްގެ އެއްވެސް ކޭސްއެއް މިހާތަނަށް ފެނިފައި ނުވާކަމަށް އެގައުމުން ހާމަ ކުރުމާއި ބައިނަލްއަގުވާމީ ދުނިޔެއާއި އޮންނަ ގުޅުން ކުޑަވުމަކީ މީގެ ތެރޭގައި ހިމެނޭ ސަބަބުތަކެވެ.

މުޅި ދުނިޔޭގެ 14.5 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި 6 ލައްކައަށްވުރެ ގިނަ މީހުން ބަލީގައި މަރުވެފައިވާ އިރު، މިއީ މި ފަހުން މުޅި ދުނިޔޭގައި ވެސް އެއަށް ފަރުވާއެއް ހޯދުމަށް ޓެކްނޮލަޖީއާއި ސައިންސުގެ ދާއިރާއިގެން ނުކުޅެދިފައިވާ އެއް ކަންތަކެވެ. މި މަސައްކަތް ކުރުމަށް ބޮޑު އަދަދުތަކުން ފައިސާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ އިރު ގައުމުތަކުން އަންނަނީ ކޮވިޑަށް ފަރުވާއެއް ހޯދުމުގެ ރޭހުގައި އެކި މަރުހަލާތަކުގައި ވާދަ ކުރަމުންނެވެ. މި ބައްޔަށް ފަރުވާއެއް ހޯދާ ގައުމެއް ވެގެންދާނީ ފަހުގެ ތާރީހެއްގައި ރަން އަކުރުން ފަވާލެވޭ އަދި މުޅި ދުނިޔޭގެ ފަހުރުގެ ގޮތުގައި ލަގަބު ދެވިގެންދާނެ ގައުމަކަށެވެ.

އުތުރު ކޮރެއާ؛ އެގައުމުން ބުނެފައިވާ ގޮތުގައި ވެކްސިން ޓެސްޓް ކުރުމުގެ ތިން ވަނަ މަރުހަލާއާއި ހަމައަށް މަސައްކަތް ގޮސްފައިވޭ

އުތުރު ކޮރެއާއަކީ މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ބަލިކަށި ސިއްހީ ނިޒާމާއެކު އަދި އެގައުމުގެ ރައްޔިތުންނަށް ބޭނުންވާ ވެކްސިނާއި އެހެނިހެން ފަރުވާތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީއަށް ބަރޯސާވެފައިވާ ގައުމެކެވެ. މީގެ އިތުރުން އެގައުމުގެ ވެރިކަން ކުރާ ރަށް ޕްޔޮންގްޔަންގ އިން މިހާތަނަށް އެގައުމުގައި ކޮވިޑްގެ އަލާމާތެއް ފެނުނު މީހެއް ނެތްކަން ހާމަކޮށްފައިވުމަކީ ވެސް މިކަމަށް ބާރުދޭ ހެއްކެކެވެ.

ކޮވިޑްގެ އެންމެ ކޭސްއެއް އުތުރުކޮރެއާއިން ފެނިފައި ނުވާއިރު އަދި އިގްތިސާދީ ގޮތުން އަޑި އަޅާލާފައިވާއިރު ވެކްސިނެއް އުފައްދަން ވަސީލަތްތަކާއި ފައިސާ އަދި ވަގުތު ހޯދޭނީ ކިހިނެއް ކަން އެއީވެސް ސުވާލު އުފެދޭ އެއްކަންތަކެވެ. މިކަމަށް އަދި ވަކި ޖަވާބެއް ނެތް ނަމަވެސް، މިއީ ވައިރަސްގެ ސަބަބު އުފެދިފައިވާ ބިރުވެރިކަމުން އެގައުމުގެ ރައްޔިތުން ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް އުތުރު ކޮރެއާގެ ހުދުމުހުތާރު ލީޑަރު ކިމް ޖޮންގ އުން ދައްކަވާ ދަޅައެއްކަމަށް މާހިރުން ދަނީ ބުނަމުންނެވެ.

މުޅި ދުނިޔެއަށް ކޮވިޑް-19 ފެތުރެން ފެށުމާއެކު އެ ވައިރަސްގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމަކަށް އުތުރު ކުރެއާ ވެގެންދިޔައެވެ. އަދި މިކަމުގައި ސަބަބުތަކެއް ވެސް އެބަހުއްޓެވެ. ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރާގޮތުގައި ކޮވިޑް-19 ގެ ސަބަބުން އުތުރު ކޮރެއާގެ ސިއްހީ ނިޒާމަށް ނުކަތާވަރަށް ބާރުބޮޑުވެގެންދާނެ އެވެ. އަދި އެގައުމުގެ ގިނަ މެޑިކަލް ފެސިލިޓީތަކަށް އެކަށީގެންވާ މިންވަރަށް ކަރަންޓާއި ފެނެއް ނުލިބެއެވެ. މީގެ އިތުރުން ބޭހާއި އެހެނިހެން ސާމާނު ލިބުމުގައި ދަތިތައް ދިމާވެއެވެ.

މީގެއިތުރުން ޓެސްޓުކުރެވޭ މިންވަރު ދަށްވުމަކީ ވެސް މީގެ ތެރޭގައި ހިމެނޭ އެއްކަމެވެ. ޖުލައި މަހުގެ ކުރީކޮޅާ ހަމައަށް އެގައުމުގެ 25 މިލިއަން މީހުންގެ ތެރެއިން ބައްޔަށް ޓެސްޓް ކުރެވުނީ 922 މީހުންނެވެ. މިއީ އެގައުމުގައި ހުންނަވާ ދުނިޔެގެ ސިއްހަތު ޖަމިއްޔާގެ މަންދޫބު ޑރ. އެޑްވިން ސަލްވޭޑަރ ހާމަކޮށްފައިވާ މައުލޫމާތެވެ.

ސަލްވޭޑަރ ފޮނުއްވި އީމެއިލް އެއްގައި ވިދާޅުވެފައިވަނީ ކޮވިޑް-19 ޕެންޑަމިކް ފެށުނު ހިސާބުން ގާތްގަނޑަކަށް 25،551 މީހަކު ކަރަންޓީން ކުރެވުނު ކަމަށާއި، އަދި އެ ހުރިހާ އެންމެން ވެސް ފަހުން ދޫކޮށްލި ކަމަށެވެ. އަދި މިހާތަނަށް ކަރަންޓީން ކުރެވުނު މީހުންގެ ތެރެއިން 255 މީހަކު ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ވެސް ކަރަންޓީންގައި ބޭތިއްބިފައި ހުރި ކަމަށެވެ.

އުތުރުކޮރެއާގެ ވެރިރަށް ޕްޔޮންގްޔަންގ ގެ ސައިބޯނި ހަދާ ފެކްޓްރީއެއްގައި ޑިސްއިންފެކްޓެންޓް ބަންދު ކުރަނީ

އުތުރު ކޮރެއާގައި ކޮވިޑް-19ގެ އެއްވެސް ކޭސްއެއް މިހާތަނަށް އައިއިރު ފެނިފައިނުވާ ކަމަށް އެގައުމުން ބުނެފައިވާތީ، މިނިވަން ޕަބްލިކް ހެލްތް އެކްސްޕަރޓުން ވަނީ މިކަމާއި މެދު ސުވާލު އުފައްދާފައެވެ. މިއީ ވަރަށް އަވަހަށް ފެތުރޭ ބައްޔަކަށް ވުމުގެ އިތުރުން ބައްޔަށް ޓެސްޓް ނުކުރެވޭނަމަ ކުރު މުއްދަތެއްގެ ތެރޭގައި ގައުމުގެ ތެރެއަށް ފެތުރިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސިއްހީ މާހިރުން ގަބޫލުކުރެއެވެ.

ބައެއް ސޯސްތަކުން ހާމަކުރާ ގޮތުގައި އުތުރު ކޮރެއާގައި ކޮވިޑުގެ އެއްވެސް ކޭސްއެއް ނުފެނެއެވެ. އެގައުމުގެ ލީޑަރު ކިމް މި މަހުގެ ކުރީ ކޮޅުގައި ވިދާޅުވެފައިވަނީ ކުރަމުންދާ މަސައްކަތުގެ ފޮނި ނަތީޖާ ފެންނަމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމާއި އެއްވެސް އޮފިޝަލަކު ހިންދަމާލައިގެން ނުތިއްބެވުމަށް ކިމް ވަނީ އިންޒާރު ދެއްވާފައެވެ.

ވެކްސިންގެ މަސައްކަތް އުތުރު ކޮރެއާއިން ކުރަމުން އަންނަ ކަމަށް ބުނެފައިވާއިރު އެމީހުންގެ މަސައްކަތްތައް ގޮސްފައިވަނީ ކިހާ ހިސާބަކަށް ކަމެއް ސީދާ ސާފެއް ނުވެއެވެ. ސަބަބަކަށް ވަނީ އެގައުމުގައި ހުދު މުހުތާރު ވެރިކަމެއް ކުރަން ޖެހުމާއި، ސިއްރު އެޖެންޑާ ގެންގުޅުމުގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔެއާއި ދުރުވުމެވެ.

އެހެންނަމަވެސް އުތުރު ކޮރެއާއިން ކޮވިޑަށް ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ގައުމު އުޅެނީ ވެކްސިން އުފެއްދުމުގެ ރޭހުގެ ވަރަށް ފަހަތުގައެވެ. މިދިޔަ ހަފްތާގެ ބުދަ ދުވަހާ ހަމައަށް ވެކްސިންއާއި ގުޅޭ ގޮތުން ލިބިފައި ހުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބާލާއިރު 140 ކެންޑިޑޭޓް ވެކްސިންއެއް ވަނީ ކްލިނިކަލް މަރުހަލާގައާއި އިވެލުއޭޝަން މަރުހަލާގައެވެ. މީގެ ތެރެއިން މިހާރު 23 ވެކްސިނެއް ކްލިނިކަލް ޓްރައަލްސްއާ ހަމައަށް ގޮސްފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެންމެ ފަހުގެ މައުލޫމާތުތަކުން ދައްކައެވެ.

ބޮޑެތި ފާމަސޫޓިކަލްތަކުން އުފައްދާ ވެކްސިންގެ އަދަދު މުޅި އުތުރު ކޮރެއާގެ އާބާދީއަށްވުރެ އަދި އިގްތިސާދަށްވުރެ ވެސް ބޮޑެވެ. އެހެންކަމުން އެގައުމުން ވެކްސިން އެއް އުފައްދަން ކުރަމުން އަންނަ މަސައްކަތުގެ ވާހަކައިގެ އެއްވެސް އަސްލެއް ނެތެވެ. އަދި މިއީ އާރާއި ބާރުގައި ކިމް ހުންނަވަން ކުރައްވާ ކަމެއްގެ ގޮތުގައި ބައިނަލްއަގުވާމީ ދުނިޔެއިން އަންނަނީ ސިފަކުރަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް