ބުދަ 12 އޯގަސްޓު 2020
02 މާ
1441 ޒުލްޙައްޖު 22
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:15
އަސްރު 15:30
އިރުއޮއްސޭ 18:21
އިޝާ 19:35
ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުން

އަމާޒަކީ 20،000 ބިދޭސީން މި އަހަރު ތެރޭ ގައުމަށް ފޮނުވާލުން: ފައްޔާޒު

  • ބިދޭސީން ރަޖިސްޓްރީ ކުރުމަށް ހުޅުވާލި ފުރުސަތުގައި ސާޅީސް ތިން ހާސް މީހުން ރަޖިސްޓްރީކޮށްފައިވޭ
  • މިހާތަނަށް އައިއިރު ހަތަރުހާހެއްހާ މީހުން ވަނީ އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލާފައި

ކ. މާލެ | 13 ޖުލައި 2020 | ހޯމަ 18:26 | 3,223

ފުރަބަންދުގެ ހާލަތުގައި ރާއްޖެއިން ދާން ބޭނުން ވެގެން ފުރުވާލި ބިދޭސީންތަކެއް ބަހެއްގައި މަޑުކޮށްލައިގެން - އެމްޕީއެލް

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް، ލިޔެކިޔުމެއްނެތި ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 20،000 މީހުން އަނބުރާ ގައުމަށް ފޮނުވާލުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ފައްޔާޒް ވިދާޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 19 ވަނަ ދުވަހު ފެށި މި މަސައްކަތުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ ރައްޔިތުން ގިނަވުމުގެ މައްސަލަ ކަމަށެވެ. އެއްވެސް ލިޔެކިޔުމެއްނެތި އުޅޭ ބިދޭސީންގެ ގާތްގަޑަކަށް 95 އިންސައްތައަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މިކަން ހައްލުކުރުމަށް ކުރެވޭނެ އެންމެ ރަނގަޅު އެއް ކަމެއްގެ ގޮތުގައި މިކަން ހައްލު ވަންދެން ކުރަން ފެނިވަޑައިގެންނެވި ކަމަކީ ބަންގްލަދޭޝްގެ އާދައިގެ މަސައްކަތްތެރިން ރާއްޖެ ގެނައުން މަނާކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އިމިގްރޭޝަނަށް އަންދާޒާކުރެވެނީ 62،000 ބިދޭސީ މަސައްކަތެރިން އެއްވެސް ޑޮކިޔުމެންޓެއް ރާއްޖޭގައި އުޅޭކަމަށެވެ.

ދެން މީގައިހަމަ ސާފުކޮށްލަދޭނަން އަންޑޮކިޔުމަންޓަޑް ތެރޭގައި އެބަވޭ ބިދޭސީ ވަގުފާރި ތެރެއިން ގެނެސްފައި ތިބި މީހުން، އެއީ ކޮންމެސް ކުންފުންޏެއް ޖަހައިގެން ކޯޓާއެއް ހޯދާލާފައި ޑިޕޮސިޓް ފައިސާވެސް ބަހައްޓާފައި ގެންނަނީ، ގެނެސްފައި އެމީހުން މަގުމައްޗަށް ދޫކޮށްލަނީ. އެއަންނަ މީހާއަކަށް ނޭންގޭ އެއަންނަ މީހާ ގަބޫލުކުރަނީ އޭނާއަށް ހަމަ ރަނގަޅު ވަޒީފާއެއް ލިބިގެން އަންނަނީ ކަމަށް. އަނެއްބައި ފަހަރު އެބަތިބޭ ޓޫރިސްޓް ވިސާގައި ގެނެސްފައި. މަދުންނަމަވެސް މިކަން އެބަ ފާހަގަވޭ. ޓޫރިސްޓް ވިސާގައި ގެނެސްފައި އޭގައި އެބަތިބޭ އެނގިގެން އަންނަ މީހުންނާއި، ހަމަ ވަޒީފާ ލިބިގެން އަންނަކަމަށް ހީކޮށް އަންނަ މީހުންވެސް.

~ ފައްޔާޒު އިސްމާއީލް/ އިކޮނޮމިކް މިނިސްޓަރ

މީގެ އިތުރުން ވިޔަފާރިއެއް ކުރަމުންދާ ބަޔަކު އެމީހުންގެ ވިސާ ފީ ނުދެއްކުމުން އެމީހުންގެ ވިޔަފާރި ބަންގްރޫޓްވެގެން ނަމަވެސް ކޮންމެސް ސަބަބަކާ ހެދި އެ ފައިސާ ނުދެއްކުމުގެ ސަބަބުން އެމީހުން ލިޔެކިޔުމެއްނެތް ބަޔަކަށް ބަދަލުވެގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހުރިހާ ކަމެއް މިކަމުގައި ހިމެނޭތީ، ރާއްޖޭގައި ގަވާއިދާ ޙިލާފަށް އުޅޭނީ 62،000 ބިދޭސީން ކަމަށް އިމިގްރޭޝަނުން ލަފާކުރިއަސް، އެ އަދަދު އުޅޭނީ 80،000 އާއި 100،000 އާ ދެމެދުގައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ ޕިޗޯރީން ފޮނުވާލި ގޮތަކަށް ބޯޓަކަށް ލާފައި އެމީހުން ފޮނުވާލެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ.

ހަމަ ސަފުކޮށް މިދަންނަވަނީ އެނގޭތޯ. ބައިނަލްއަގްވާމީ އޮބްލިގޭޝަންތަކެއް އަޅުގަނޑުމެންގެ މައްޗަށް މީގައި އެބަހުރި. އަޅުގަނޑުމެން މިހުރިހާ ސަކަރާތެއް ޖަހާފައި އެހެން ގައުމަކަށް މިގޮތަށް ހެދޭކަން ނޯންނާނެ އަޅުގަނޑުމެން ކިތަންމެ ބޭނުންވި ކަމުގައި ވިޔަސް. އިންޓަރނޭޝަނަލް އޮތް ގުޅުންތަކާއި އެކު މީގެތެރެއިން މިކަން ކުރެވެނީ. އަޅުގަނޑު މި ވޮލަންޓަރީ ރިޕިޓްއޭޝަނެއްގެ ގޮތުގައި އަދި ވޮލަންޓްރީކޮށް ރަޖިސްޓްރީ ކޮށްގެން މިނިޒާމު ގެ ތެރެއަށް ވަނުމަށް ހުޅުވާލީ. ހުޅުވާލުމުގެ ސަބަބުން ހަތަރުހާހެއްހާ މީހުން ފޮނުވާލެވުނީ. ބަންގްލަދޭޝް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އެކަމުގައި އަޅުގަނޑުމެންނަށް މިހާރު ލިބެނީ. ގަދަކަމުން އަޅުގަނޑުމެން ފުރުވާލަން އުޅޭނަމަ އެމީހުންގެ އެ ފުރަން ބޭނުންވާ ޑޮކިޔުމަންޓްތައް ނުލިބޭނެކަން އަޅުގަނޑަށް އެއްވެސް ޝައްކެތް ނެތި ޔަގީންވޭ. އެހެންވީމާ މިކަމަކީ އުނދަގޫ ކަމެއް. މިކަން ހައްލުކުރަން ވަގުތު ނަގާނެ.

~ ފައްޔާޒު އިސްމާއީލް/ އިކޮނޮމިކް މިނިސްޓަރ

މިނިސްޓަރ ވިދާޅުވީ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށުމުން އެނގިގެންދިޔަ ކަމަކީ އެތައް ބަޔަކު އެމީހުންގެ ގައުމަށްދާން ބޭނުންވެފައި ދެވޭނެ ގޮތެއް ނެތިފައި ތިބިކަން ކަމަށެވެ.

އެބަތިބި ދާން ބޭނުންވާ ދެވޭނެ ގޮތެއް ނެތިފައި. ދާނެތަނެއް ނޭންގިފައި. އެމީހުން ދާން އަންނައިރު އެމީހުން ހައްޔަރުކުރާނީތޯ ބަންދުކުރާނެތޯ ޖަލަށް ލާނީތޯ ނޭންގިފައި. އެކަމުގެ ބިރުވެރިކަމުގައި އެމީހުން ފިލާވެސް އެބަތިބި. އެހެންވީމާ އަޅުގަނޑުމެން ހުޅުވާލި ހުޅުވާލުމާއި ގުޅިގެން ވަރަށް ބޮޑު ތަރުޚީބެއް ލިބިގެން ކޮވިޑްގެ މަރުހަލާ އަންނަންދެން ސާޅީސް ތިން ހާސް މީހުން އެބައޮތޭ ކައިރިއަށް އައިސް ރަޖިސްޓްރީވެފައި އެމީހުން ރެގިޔުލަރައިޒްވާން ބޭނުންވާ ވާހަކަ ބުނެފައި އޭގެތެރެއިން ބައެއް މީހުން ދާންބޭނުންވާ ވާހަކަ ބުނެފައި. ކޮވިޑް ގެ ހާލަތު ނައިނަމަ އެމީހުންގެ ތެރެއިން ބޮޑުބައެއް ފޯމަލީ ރަޖިސްޓްރީ ކުރެވި ފިންގަރޕްރިންޓް ނެގި ބަންގްލަދޭޝް ސަރުކާރުގެ އެހީތެރިކަމާއެކު ޑޮކިޔުމަންޓްތައް ހެދި ވިސާޖެހިގައި މިހާރު ހުންނާނީ.

~ ފައްޔާޒު އިސްމާއީލް/ އިކޮނޮމިކް މިނިސްޓަރ

ނުރުހުމުގައި ފޮނުވާލަން ބޭނުމެއް ނުވޭ: ފައްޔާޒް

މިނިސްޓަރ ވިދާޅުވީ ބިދޭސީންގެ ނުރުހުމުގައި އެމީހުންގެ ގައުމަށް ފޮނުވާލުމަށް ގަސްތު ނުކުރައްވާ ކަމަށެވެ. އެ ފުރުސަތު އޮތް ނަމަވެސް، ރާއްޖެއިން މިހާތަނަށް ވެސް ބިދޭސީންނާ ދޭތެރޭ ކަންތައްތައް ކޮށްފައިވާގޮތުން މި ކަމުގައި ދިވެއްސެއްގެ ހައިސިއްޔަތުން އެ މީހުންގެ ނުރުހުމުގައި އެކަން ކުރުމަށް ބޭނުންވެނުލައްވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، މިކަން ހިނގައިދިޔައީ އިންސާފުވެރި ކަމާއެކުކަން ދިވެހި ތާރީޚުގައި ލިޔެވިގެންދާ ގޮތަށް އެކަން ކުރައްވަން ބޭނުންވެލައްވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.