ކ. މާލެ
|
12 ޖުލައި 2020 | އާދީއްތަ 16:35
ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީހެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީހެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވާހަކަދައްކަވަނީ
ރައީސް އޮފީސް
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ސައްހަ މައުލޫމާތު ނުދޭތީ އެމަސައްކަތް ކުރުމަށް ވަރަށް ބޮޑަށް އުނދަގޫވޭ: ޑރ. ނަޒްލާ
 
ކޮންޓެކްޓުންނަކީ 14 ދުވަހު ކަރަންޓީންގައި ތިބެން ޖެހޭ ބައެއް
 
މައުލޫމާތު ސިއްރު ކުރާކަން ފާހަގަކުރެވޭ
 
ޚާއްސަ ސަމާލުކަމެއްދީގެން ކުރާ މަސައްކަތަކީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ސައްހަ މައުލޫމާތު ނުދޭތީ އެމަސައްކަތް ކުރުމަށް ވަރަށް ބޮޑަށް އުދަނގޫކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ރާއްޖެއިން ކޮވިޑް-19ގެ ކޭސްތައް ފެނަން ފެށުމާއެކު ޚާއްސަ ސަމާލުކަމެއްދީގެން ކުރާ މަސައްކަތަކީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވާ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގައި ސައްހަ މައުލޫމާތު ނުދީ އަދި މައުލޫމާތު ސިއްރުކުރާކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން ކޮންޓެކްޓް ޓްރޭސިން ހެދުމަށް މަސައްކަތްތައް ކުރުމަށް ވަރަށް ދަތިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެގޮތުން އާއިލާތަކާއި، ރައްޓެހިންނާއި، މަސައްކަތް ކުރާ އޮފީސްތަކުން ވެސް މިފަދަ މައްސަލަތައް ފާހަގަކުރެވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައެއް މީހުން ޕޮޒިޓިވްވުމުން އެމީހުންނާ ކޮންޓެކްޓްވި މީހުންގެ މައުލޫމާތު ނުދީ އޮއްވައި އެހެން ގޮތް ގޮތުން އެނގޭ ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވާ ބައެއް މީހުން، އެމީހުން ދިޔަ ތަންތަނުގެ މައުލޫމާތު ނުދޭއިރު، ހައިރިސްކް މީހުންނާ ކޮންޓެކްޓްވުމަށްފަހުވެސް އެމައުލޫމާތުވެސް ނުދީ ސިއްރު ކުރާ ކަމަށެވެ. އެގޮތަށް ކަންތައް ކުރާ ނަމަ އެ ކުރެވޭ ކަމަކީ އެހެން ބަޔަކަށް ބަލިޖެހުމަށް މަގުފަހިކުރުން ކަމަށް ޑރ.ނަޒްލާ ވިިދާޅުވިއެވެ.

ކަރަންޓީން ކުރާ ގޮތަށް އަލިއަޅުއްވާލައްވާ ޑރ. ނަޒްލާ ވިދާޅުވީ ކޮންޓެކްޓުންނަކީ 14 ދުވަހު ކަރަންޓީންގައި ތިބެން ޖެހޭ މީހުން ކަމަށާއި، އެމީހުން ދާންވީ އަވަހަށް ޓެސްޓު ހަދަން ނޫން ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޮންޓެކްޓްވާ މީހުން 14 ދުވަސް ފެށޭ ދުވަހަކީ އެންމެ ފަހުން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި ދުވަސް ކަމަށާއި، ކޮންޓެކްޓްވި ދުވަސް ނޫނީ އަނެއް ދުވަހު ގޮސް ޓެސްޓު ހަދާ ނެގެޓިވްވީ ނަމަވެސް އެމީހަކަށް ބޭރަށް ނުކުމެ ނޫޅެވޭނެ ކަމަށެވެ. އަދި ޓެސްޓު ހަދަން ޖެހޭނީ ކަރަންޓީންގައި 14 ދުވަސް ހުރުމަށްފަހު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ބައެއް ފަހަރު ކޭސް ޕޮޒިޓިވްވެގެން އަޅުގަނޑުމެން އެފަރާތަށް އެންގީމަ އަދި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް އެބަ އަންގާ. އަދި އަޅުގަނޑުމެން އެތަނަކުން އޭނައާ ކޮންޓެކްޓްވީ ކަމަށް ފެންނަ މީހުން އެބަ ކަރަންޓީން ކުރަން. މިހެން ކަރަންޓީން ކުރަން ފެށުމާއެކު ބައެއް ބޭފުޅުންނަށް އެބަ ހީވޭ ކަރަންޓީން ކުރާ މީހުން ވެސް އަވަހަށް ގެންގޮސް މަގުމަތިން ގެންގޮސް ރެމްޑަމް ސާންޕަލް ނަގާ ތަންތަނުން ސާންޕަލް ނަގާ ޓެސްޓު ކޮށްފައި ނެގެޓިވް ވެއްޖެއްޔާ އެމީހުން ދެން އަބުރާ ވަޒީފާއަށް ނެރެވިދާނެ. އެހެންވީމަ ވަރަށް ގިނަ ފަހަރު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ މިހާރަކަށް އައިސް މީހަކު މަސައްކަތުގެ މާހައުލުގައި ޕޮޒިޓިވްވެއްޖެއްޔާ އޭނައާއެކު މަސައްކަތް ކުރި މީހުން އަވަހަށް ޓެސްޓު ކޮށްލަން އެބަ މުވައްޒަފުން ފޮނުވާނެ އެބޭފުޅުން އަމިއްލައަށް ޓެސްޓު ކޮށްލަން އެބަދޭ.
ޑރ. ނަޒްލާ ރަފީގް

ޑރ. ނަޒްލާ ވިދާޅުވީ ކަރަންޓީންގައި ތިބެންޖެހޭ މީހުން ޓެސްޓު ކުރުމުގެ ބޭނުމުގައި ވިޔަސް މަގުމައްޗަށް ބޭރަށް ނުނިކުމެވޭނެ ކަމަށާއި، ހަމައެކަނި ބޭރަށް ނުކުމެވޭނީ ކުއްލިއަކަށް ސިއްހީ ފަރުވާއެއް ބޭނުންވާ ހާލަތުގައި ކަމަށެވެ. އަދި ރެމްޑަމް ސާންޕަލް މަގުމަތިން ނަގަނީ އެއްވެސް ކޭސްއާ ގުޅުން ނެތް ފަރާތްތައް ޓެސްޓުކޮށް މީހުންގެ ތެރޭގައި ބަލި ހުރި ބަލަން ކަމަށާއި، ކޮންޓެކްޓުން ގޮސްގެން އެތަންތަނުން ސާންޕަލް ނެގުމުން މަގުސަދު ހާސިލް ނުވާކަން ވެސް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހުރިހާ ފަރާތްތަކުންގެ އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ ކޮންޓެކްޓުންގެ މައުލޫމާތު އެންމެ ރަނގަޅަށް އެއްކުރުމަށް "ޓްރޭސް އެކީ" އެޕްލިކޭޝަން ފޯނަށް އަޅައި ބޭނުން ކުރުމަށް އެދިފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް