ކ. މާލެ
|
12 ޖުލައި 2020 | އާދީއްތަ 08:39
އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
އެންއީއޯސީ
ޖަމާއަތުގައި ނަމާދުކުރުމުގެ ގައިޑްލައިން
ޖަމާޢަތުގައި ނަމާދު ކުރުމަށް އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް އާންމުން އަމަލެއް ނުކުރޭ: އިސްލާމިކް މިނިސްޓަރ
 
ސިޓީ ކައުންސިލާއި ވާހަކަ ދައްކައިގެން ކޮންމެސް ވަރަކަށް މީހުންނަށް ނަސޭހަތް ދިނުމުގެ ޕްލޭންތަކެއް އަންނަނީ ރާވަމުން
 
އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރަންވީ ގޮތުގެ އުސޫލުގެ ރިކޯޑިންގ އެއް ދެ ބަހުން މިސްކިތްތަކުގައި ޖަހާނެ

މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިން އާ އެއްގޮތަށް މިސްކިތަށް އަންނަ މީހުން އަމަލު ނުކުރާކަން ފާހަގަކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ނިއު ނޯމަލްގައި ޖަމާޢަތުގައި ނަމާދު ކުރުމަށް އެކުލަވާލާފައިވާ އުސޫލަށް އާންމުން އަމަލު ކުރަނީ ކިހާ މިންވަރަކަށްތޯ ދެންނެވުނު ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިސްކިތްތަކުގައި އަމަލު ކުރުމަށް މިނިސްޓްރީން ޚާއްސަ އުސޫލެއް އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން އިމާމުން އަމަލު ކުރާނެ އުސޫލަކާއި، ކައުންސިލުން އަމަލު ކުރާނެ އުސޫލެއް އަދި މިސްކިތަށް ނަމާދަށް އަންނަ މީހުން އަމަލު ކުރާނެ އުސޫލެއް އެކުލަވާލާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންނަމަވެސް މިސްކިތަށް އަންނަ މީހާ އެކަންކަމަށް ސަމާލުކަމެއް ނުދޭކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ މިސްކިތުގެ އިމާމުން ލައްވާ ނަމާދު ފެށުމުގެ ކުރިން މިހާރު ވެސް އެ އުސޫލު އިއުލާން ކުރާ ކަމަށެވެ. އެގޮތުން ގެއިން އަންނަ އިރު މުސައްލަ ހިފައިގެން އައުމަށާއި މާސްކު އެޅުމަށް އަންގަމުންދާއިރު މިސްކިތްތަކުގައި ވެސް މި އުސޫލު އާންމުންނަށް ފެންނަހެން ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.

މިކަންކަމުގައި ތަޖުރިބާ ކުރެވުނީ އާންމު ރައްޔިތުން މިކަންކަމަށް ސަމާލުކަން ނުދޭކަމަށް. އެހެންކަމުން މިހާރު މިއަދު (އާދިއްތަ ދުވަހު )ހެނދުނުން ފެށިގެން ރިކޯޑިންގ އެއް ޖަހަން ދެ ބަހުން ،ދިވެހި ބަހުންނާއި ބަންގްލަދޭޝް ބަހުން އިލްތިމާސްކުރަން އެ ގައިޑް ލައިނަށް އަމަލުކުރުމަށް. މިސްކިތަށް އަންނައިރު މިނިސްޓްރީން ދީފައިވާ އިރުޝާދަށް އަމަލެއް ނުކުރޭ. އެކަން ފާހަގަކުރެވޭ. އަޅުގަނޑުމެން އިމާމުން ލައްވާ އަނެއްކާވެސް އެބަބަލަން ކަމާބެހޭ ފަރާތްތަކާއެކުވެސް އެބަ ވާހަކަދައްކަން ކިހިނެއްތޯ އެކަން އިންތިޒާމުކުރަނީ. ސުޕަވައިޒަރުން ހުރިހާ މިސްކިތަކަށް ފޮނުވޭ ވަރަކަށް ނެތް. ސިޓީ ކައުންސިލާއި ވާހަކަ ދައްކައިގެން ކޮންމެސް ވަރަކަށް މީހުންނަށް ނަސޭހަތް ދިނުމުގެ ކަންތައްތަކެއް ޕްލޭނެއް އެބަ ރާވަން.
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު

މިނިސްޓަރ ވިދާޅުވީ މިސްކިތަށް އަންނަ މީހާއި މުޞައްލަ ނުލާ މާސްކު ނާޅާ އައުމުން އެމީހާ އަލުން އަނބުރާ ފޮނުވާލުމަކީ ކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެހެންނަމަވެސް ކޮންމެ މީހަކު ވެސް މިކަމުގައި ފަރުދީ ޒިންމާ ނަގަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އަމިއްލަ ނަފުސާއި އެހެން މީހުން ވެސް މިބަލި މަޑުކަމުން ރައްކާތެރި ކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ޖަމާޢަތުގައި ނަމާދުކުރުމަށް ވަކި އުސޫލުތަކެއް އެކުލަވާލާފައިވަނީ ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށާއި ސަރުކާރުން އެންމެ އިސްކަމެއް ދެނީ އާންމު މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަންތަކަށް ހައްލެއް ހޯދާނެ ގޮތްތަކެއް ހޯދުމަށް ކުރިޔަށް އޮތްތަނުގައި އަދިވެސް ސިޓީ ކައުންސިލާ ވެސް އިމާމުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ނަމާދު ކުރުން ތިން މަސް ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށްފަހު މިސްކިތްތައް ހުޅުވާލާފައިވަނީ ވަކި އުސޫލެއްގެ މަތިން ޖަމާޢަތުގައި ނަމާދުކުރުމަށް އެންގުމަށްފަހު އެވެ. އޭގެތެރޭގައި ހިމެނެނީ ގެއިން އަންނައިރު މުޞައްލަ ގެނައުމާއި، ކޮންމެ މީހަކު ވެސް އެމީހެއްގެ މުޞައްލާގައި ނަމާދު ކުރުމާއި، މާސްކު އެޅުމާއި އެކަކު އަނެކަކާއި ސަލާން ނުކުރުމެވެ. އަދި ގެއިން އަންނައިރު ވުޟޫކޮށްގެން އައުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
50%
50%
0%
0%
ކޮމެންޓް
12 ޖުލައި 2020 | އާދީއްތަ 12:59
އަލިފުލައިލާ
މިނިސްޓްރީގެ ޒިންމާއެއް ފިޔަވަޅު އަޅައިގެން ވިޔަސް ގައިޑްލައިން އާއި އެއްގޮތައް އަމަލްކުރުވުން މިސްކިތްތަކުގަ!