ކ. މާލެ
|
11 ޖުލައި 2020 | ހޮނިހިރު 18:32
ޑިފެންޑަރު ރަފެއެލް ވަރާން: މި ސީޒަނުގައި ރެއާލްގެ ފަހަތް ބެލެހެއްޓުމުގައި އޭނާ އަންނަނީ މުހިންމު ދައުރެއް އަދާކުރަމުން
ޑިފެންޑަރު ރަފެއެލް ވަރާން: މި ސީޒަނުގައި ރެއާލްގެ ފަހަތް ބެލެހެއްޓުމުގައި އޭނާ އަންނަނީ މުހިންމު ދައުރެއް އަދާކުރަމުން
ގެޓީ އިމޭޖަސް
ވީއޭއާރްއަށް ކިޔާ ފާޑުކިޔުން
ވީއޭއާރް ކޮންޓްރޯލް ކުރަނީ ރެއާލަކުންނެއް ނޫން: ވަރާން
 
ވީއޭއާރް މައްސަލައިގައި ސިމިއޯނީވެސް ވަނީ އާންމުން ދައްކާ ވާހަކަތަކަށް ރައްދު ދީފައި
 
ވީއޭއާރް މައްސަލައިގައި ރެއާލަށް ފާޑުކިޔުން ވަނީ އަމާޒުވެފައި

ވީޑިއޯ އެސިސްޓެންޓް ރެފުރީ (ވީއޭއާރް) ކޮންޓްރޯލް ކުރަނީ ރެއާލް މެޑްރިޑުން ނޫން ކަމަށް އެޓީމުގެ ޑިފެންޑަރު ރަފެއެލް ވަރާން ބުނެފިއެވެ.

މި ފަހަކަށް އައިސް ސްޕެނިޝް ލީގުގައި ވީއޭއާރް ބެލުމަށްފަހު ރެފުރީން ނިންމާ ނިންމުންތަކަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެކަމަށް ރައްދުދެމުން ވަރާން ބުނީ ވީއޭއާރްއަކީ ރެފްރީން ނިންމާ ނިންމުމެއް ކަމަށާއި، އެކަން ނިންމަނީ ރެއާލުން ނޫން ކަމަށެވެ. މީގެ އިތުރުން ވަރާން ބުނީ ވީއޭއާރް މެދުވެރިކޮށް މެޗު ލަސްކުރުން އެއީ ރެއާލުންވެސް ބޭނުންވާ ކަމެއް ނޫން ކަމަށާއި، މެޗުތަކުން ރެއާލް މޮޅުވަނީ ކުޅުންތެރިން ދަނޑު މަތީ ދައްކާ ކުޅުމުން ކަމަށެވެ.

ވަރާން އިތުރަށް ބުނީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ މެދުކެނޑުމަށްފަހު ކުޅުނު ކޮންމެ މެޗަކަށް ރެއާލުން ނުކުތީ އެއީ ފައިނަލެއް ކަމުގައި ދެކިގެން ކަމަށާއި، ސްޕެނިޝް ލީގުގައި ރެއާލަށް ކުރިއަށް އޮތީ ތިން ފައިނަލް މެޗު ކަމަށެވެ. އަދި ރެއާލްގެ އަމާޒަކީ ލީގު ތަށި ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް ތިން މެޗު ކާމިޔާބު ކުރުމަށް ރެއާލަށް މަޖުބޫރު ކަމަށްވެސް ބުންޏެވެ.

މެޗުތަކުން ރެއާލް މޮޅުވަނީ ވީއޭއާރުގެ އެހީގައި ކަމަށް ގިނަ ބަޔަކު ބުނަމުން އަންނައިރު، ދާދި ފަހުން އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވެސް ވަނީ މި ވާހަކަތަކަށް ރައްދުދީފައެވެ. އެގޮތުން ސިމިއޯނީ ބުނީ ރެއާލަށް މެޗުތަކުގައި ޕެނަލްޓީ ލިބެނީ ގިނަ އެޓޭކުތަކެއް ކުރާތީ ކަމަށާއި، ބްރޭކަށް ފަހު ރެއާލުން ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަމަށެވެ.

ސްޕެނިޝް ލީގުގެ ތާވަލުގެ އެއްވަނައިގައި ރެއާލް އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާއެކުއެވެ. ރެއާލަށް ކުޅުނު 35 މެޗުން 80 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް ބާސެލޯނާއަށް ކުޅުނު 35 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. އަދި ތިންވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ ކުޅުނު 35 މެޗުން ލިބުނު 63 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
50%
0%
0%
0%
50%
ކޮމެންޓް