ބުދަ 12 އޯގަސްޓު 2020
02 މާ
1441 ޒުލްޙައްޖު 22
ފަތިސް 04:47
އިރުއަރާ 06:02
މެންދުރު 12:15
އަސްރު 15:30
އިރުއޮއްސޭ 18:21
އިޝާ 19:35
ޖަމާއަތުގައި ނަމާދުކުރަން ހުޅުވާލުން

ޖަމާއަތުގައި ސަފު ހެދުމާއި ގުޅޭގޮތުން، ޑރ. އިޔާޒާއި ރައީސް މައުމޫންގެ ހިޔާލު ތަފާތު

  • ޑރ. އިޔާޒު ވިދާޅުވީ ނަމާދަށް ސަފު ހެދުމުގައި އިޖްތިމާއި ގައިދުރުކަން ބަހައްޓަންވީ ސަބަބެއް ނެތްކަމަށް
  • ޑރ. އިޔާޒު ވިދާޅުވީ ނަމާދަށް ސަފު ހަދަންވީ ގޮތް ސުންނަތުގައި ވަރަށް ސާފުކޮށް އެބައޮތް ކަމަށް
  • ރައީސް މައުމޫން ވިދާޅުވީ، އެކަށީގެންވާ ސަބަބަކަށް ޓަކާ ދުރު ދުރުގައި ތިއްބަސް ނަމާދު ޞައްޙަ ވާނެކަމަށާއި ރާއްޖޭގައި މިއޮތީ އެފަދަ ހާލަތެއް ކަމަށް

ކ. މާލެ | 11 ޖުލައި 2020 | ހޮނިހިރު 12:54 | 13,759

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ޑރ އިޔާޒް - ރާއްޖެއެމްވީ

ޖަމާއަތުގައި ނަމާދު ކުރާއިރު، ސަފު ހަދާނެ އެންމެ ރަނގަޅު ގޮތާއި ގުޅޭގޮތުން ޑރ. އިޔާޒާއި ރައީސް މައުމޫންގެ ހިޔާލު ތަފާތުވެއްޖެއެވެ.

ކޮވިޑް-19ގެ ކޭސްއެއް މާލެސިޓީން ފެނުމާއި އެކު ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމަށް ފަހު، މި ހިނގާ ޖުލައި މަހުގެ 1 ވަނަ ދުވަހު އަނެއްކާވެސް ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ދީފައިވާއިރު ޖަމާއަތުގައި ސަފު ހަދާނެ ގޮތްތަކާއި މެދު އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.

ހާއްސަކޮށް، މާލެ ސަރަހައްދުން ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދުތައް އިތުރުވުމާއި ގުޅިގެން ޖަމާއަތުގައި ނަމާދު ކުރާއިރު، އިޖުތިމާއީ ގައިދުރުކަން ބަހައްޓައިގެން ޖަމާއަތުގެ ސަފުތައް ހެދުމަށް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. އިސްލާމީ ބައެއް ގައުމުތަކުގައި މިހާރު ވެސް އަންނަނީ ގައިދުރުކަން ބަހައްޓައިގެން ޖަމާއަތުގައި ސަފުތައް ހަދަމުންނެވެ.

މިކަމާއި ގުޅިގެން، ޑރ. އިޔާޒު ކުރެއްވި ޓުވީޓެއްގައި ވަަނީ، ހަމައެކަނި ނަމާދު ކުރާ އިރު އިޖްތިމާއީ ގައިދުރުކަން ބަހައްޓައިގެން ނުފުދޭނެ ކަމަށާއި، ނަމާދަށް ސަފު ހަދަންވީ ގޮތް ސުންނަތުގައި ވަރަށް ސާފުކޮށް އެބައޮތް ކަމަށެވެ. އަދި ނަމާދަށް ސަފު ހެދުމުގައި އިޖްތިމާއި ގައިދުރުކަން ބަހައްޓަންވީ ސަބަބެއް ނެތްކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ޑރ. އިޔާޒަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ، ޖަމާޢަތުގައި ނަމާދު ކުރާއިރު ސަފު ހެދުމުގައި އެންމެ ރަނގަޅު ގޮތަކީ ކައިރި ކައިރީގައި ތިބުން ކަމުގައި ވިޔަސް، އެކަށީގެންވާ ސަބަބަކަށްޓަކާ ދުރު ދުރުގައި ތިއްބަސް ނަމާދު ޞައްޙަ ވާނެކަމަށެވެ. އަދި މިހާރު ދިމާވެގެން މިއުޅެނީ އެފަދަ ސަބަބެއް ކަމަށާއި ދުނިޔޭގެ އެހެން އިސްލާމީ ގައުމު ތަކުގައި ވެސް މިދުވަސް ކޮޅު ޖަމާޢަތުގައި ސަފު ހަދަނީ ގައިދުރުކުރުމުގެ އުޞޫލާ އެއްގޮތްވާ ގޮތުމުގެ މަތިން ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

ޖަމާއަތް ހެދުމަށް މިސްކިތްތައް ހުޅުވާލާފައިވާއިރު، މިސްކިތް ބެލެހެއްޓުމަށާއި، މިސްކިތައް ދާ މީހުން، ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ސަމާލުވާން ޖެހޭ ކަންތައްތަކެއް، އިސްލާމިކް މިނިސްޓްރީންނާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ކަނޑައަޅައި އާންމު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.