ކ. މާލެ
|
10 ޖުލައި 2020 | ހުކުރު 20:45
ސަރުކާރުގެ އޮފީސްތައް ހުޅުވުމާއެކު އެކި އިދާރާތަކުގެ މުއައްޒަފުން ވެސް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައި
ސަރުކާރުގެ އޮފީސްތައް ހުޅުވުމާއެކު އެކި އިދާރާތަކުގެ މުއައްޒަފުން ވެސް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައި
ރާއްޖެއެމްވީ
ކޮވިޑް-19 އިން ރައްކާތެރިވުން
ދެވުނު ލުއިތަކާއެކު ދިވެހިން ބަސް އަހާނީ ކިހާވަރަކަށް؟
 
ވަރަށް ފަރުވާ ކުޑަކޮށް މަގުމަތީގައި އުޅެމުންދާކަން ފާހަގަކުރެވޭ
 
އާންމު ރައްޔިތުން ސަމާލުވާން ޖެހޭ
 
އިންޑިޕެންޑެންޓް ކޭސްތައް ދަނީ އިތުރުވަމުން

މުޅި ދުނިޔޭގައި ހަލުވި މިނެއްގައި ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ރާއްޖެ ވެސް މިހާރު ދަނީ ގިނަ ތަޖުރިބާތަކެއް ކުރަމުންނެވެ. ކުރަންޖެހޭ ހުރިހާ ތަޖުރިބާތަކާއި ރައްޔިތުންގެ އަމަލުތަކާ ވަރަށް ބޮޑަށް ގުޅިފައިވާކަން މީގެ ކުރިން ހިނގާދިޔަ ކަންކަމުން ސާފުކޮށްދެއެވެ.

ރިސޯޓުތަކުން ފެނުނު ކޭސްތަކާ ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައި، ސަމާލުވުމަށް އެތައް އިލްތިމާސްއެއް ކުރަމުންދަނިކޮށް މާލެ ސިޓީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ކޮވިޑް-19ގެ ފުރަތަމަ ކޭސް ފެނިގެން ދިޔައެވެ. މިހާދިސާއާ ގުޅިގެން ވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑޮކްޓަރުން އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެގެންދިޔައީ ކޮންޓެކްޓުންގެ ގޮތުގައި ގިނަ ބަޔަކު ހުށަހެޅިގެން ދިއުމާ ގުޅިގެންނެވެ. ފުރަތަމަ ކޭސްއާއެކު ވެސް ކޮންޓެކްޓުންގެ ގޮތުގައި 400 އަށް ވުރެ ގިނަ މީހުން ފާހަގަކުރެވިގެން ދިޔަ ކަމަށް ޑޮކްޓަރުންގެ ޓީމުން ވިދާޅުވެއެވެ.

ފުރަތަމަ ކޭސްއާއެކު އެހާ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިގެން ދިއުމާއެކު ރައްޔިތުން ބަސް އެހި މިންވަރާ، ދެމުންދިޔަ އިރުޝާދުތަކަށް ބޯލެބި މިންވަރު ވަރަށް ރަނގަޅަށް އަންދާޒާ އެބަކުރެއެވެ. މިކޭސްއާއެކު މުޅި މާލެ ސިޓީ ފުލްލޮކްޑައުންއަކަށް ދިޔައީ ވެސް އެނޫން ގޮތެއް ނެތިގެންނޭ ބުނެވިދާނެއެވެ. އެހާލަތުގައި ކޮވިޑް-19 މާލެ ސިޓީގައި ފެތުރިފައިވާ މިންވަރު ވެސް ނޭނގެއެވެ. ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން އިސްކޮށް، ފިޔަވަޅުތައް އަޅަމުންދިޔައިރު ވެސް އެޗްޕީއޭ އޭރު ވެސް ދެމުން ދިޔަ ނަސޭހަތަކީ''ހަރުދަނާ ފިޔަވަޅުތައް އެޅި ނަމަވެސް ރައްޔިތުން އަމަލު ނުކުރާ ކަމުގައިވާނަމަ ނަތިޖާއެއް ނުފެންނާނެ''ކަމަށެވެ.

މާގިނަ ދުވަހެއް ނުނެގިއެވެ. ރައްޔިތުންގެ އެއްބާރުމާއެކު ފުލް ލޮކްޑައުން އުވާލެވި، މިހާރު ތިންވަނަ ފޭސްގައި ބޮޑެތި ލުއިތަކެއް މިވަނީ ލިބިފައެވެ. ޖުލައި އެއްވަނަ ދުވަހު ލިބުނު ލުއިތަކާއެކު ގިނަ ބަޔަކު ތިބީ އުފަލުންނެވެ. ރޭގަނޑު 11:00 އަށް ހުއްދައާ ނުލާ ބޭރުގައި އުޅެވޭއިރު، ހޮޓާ ރެސްޓައުރެންޓްތައް މިވަނީ ހުޅުވާފައެވެ. މިސްކިތްތައް ހުޅުވާލާ ޖަމައާތުގައި މިހާރު ނަމާދު ކުރަން ވެސް ފަށާފިއެވެ.

ނިއު ނޯމަލްއާއެކު ރައްޔިތުން ބޭނުންވާ ގިނަ ޚިދުމަތްތައް ލިބުނު ކަމުގައި ވިޔަސް ހިތް ނުތަނަވަސް ކުރުވީ މިމަހުގެ 09 ވަނަ ދުވަހުގެ ރޭ ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިޕެންޑެންޓް ކޭސްތައް އިތުރުވަމުންދާ ކަމަށް ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވުމާ ގުޅިގެންނެވެ.

އެޗްއީއޯސީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވާހަކަދައްކަވަނީ

އެއްވެސް ކުލަސްޓަރއަކާ ގުޅުމެއް ނެތް އައު ކޭސްތަކެއް ފެންނަ ކަމުގައިވާނަމަ މިއީ ނުރައްކަލުގެ ރަނގަބީލެކެވެ. އިންޑިޕެންޑެންޓްގެ ކޭސްތަކާއެކު އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިގެން ދަނީ ވެސް ހައި ރިސްކް ކެޓަގަރީގެ ގުރޫޕްތަކެވެ. މިކަމަށް ގިނަ ރައްޔިތުން ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވާން ޖެހެއެވެ.

ރާއްޖޭގެ ހާލަތާ ބެހޭ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދެވުނު ލުއިތަކާއެކު ބައެއް އާންމުން ކަންކަން މަތިން ހަނދާން ނެތޭކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ވަރަށް ފަރުވާ ކުޑަކޮށް މަގުމަތީގައި އުޅެމުންދާކަން ވެސް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.

އެގޮތުން މިހާރު ލިބޭ ޑޭޓާތަކަށް ބަލާއިރު، ކޮންޓެކްޓް އިތުރުވަމުންދާކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ހަރަކާތްތައް މިހާރު ލުއި ދިނީމާ ވަރަށް ގިނަ ބަޔަކު އެކަން ހަނދާން ނެތޭ. މިހާރު އަނެއްކާ ވެސް އިހު އޮތް ގޮތަށް ދިޔައީ ކަމަށް ހިތާ އެބޭފުޅުންގެ ހަރަކާތްތަކުން ފެންނަނީ އެއްވެސް ވަރަކަށް ބަލާލުމެއްނެތި އުޅޭތަން. އެހެން ދާން ފަށާފިއްޔާ މިފަދަ މަންޒަރުތައް ފެންނާނެ. މިހާރު އަޅުގަނޑުމެންގެ ކޮންޓެކްޓްތައް ދަނީ އިތުރުވަމުން. އަނެއްކާ ވެސް އެކަކާ ވިދިގެން އެއްކްލަސްޓަރއަކަށް ބަލާފިއްޔާ 30 ކޮންޓެކްޓް ހުއްޓަ. އަނެއް މީހަކު 23 ކޮންޓެކްޓް. އަނެއް މީހެއްގެ އެބަހުރި 74 ކޮންޓެކްޓް މިކަހަލަ މަންޒަރުތަކެއް މިފެނިގެން މިދަނީ.
އެޗްޕީއޭގެ އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް

ތެދެކެވެ! މާލެ ސިޓީ މަގުމަތިންނާއި، ކޮފީ ޝޮޕްތަކުގެ ބޭރުން އިޖްތިމާއީ ގައިދުރުކަމެއް ނުފެނެއެވެ. ތިބެނީ ތޮށް ޖެހިގެންނެވެ. މާސްކް ނާޅައެވެ. މިއީ ހައްތާވެސް ކޮވިޑް-19 ފެތުރެން މެދުވެރިވާ ސަބަބުތަކެވެ.

އިޖްތިމާއީ ގައިދުރުކަމެއް ނެތި ގިނަބަޔަކު ހަރަކާތްތެރިވޭ

ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ހަނގުރާމަ ކުރަމުންދާއިރު ބޭރުގެ ގައުމުތަކަށް ވެސް ވަމުންދާ ގޮތް ބަލަންޖެހެއެވެ. ދެވުނު ލުއިތަކާއެކު ބައެއް ގައުމުތަކުގައި ކޭސްތައް އިތުރުވެ ދެވަނަ ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ދީފައިވެއެވެ. އަދި ބައެއް ގައުމުތަކުގެ ވަކިވަކި ސިޓީތައް ދެވަނަ ލޮކްޑައުންއަކަށް ގޮސްފައިވެއެވެ. އެގޮތުން ޗައިނާގެ ބެއިޖިންގ ފާހަގަކޮށްލެވެއެވެ.

ދެވަނަ ލޮކްޑައުންއަށް ދާން ބޭނުން ނުވާނަމަ މިހާރު ޑޮކްޓަރުންގެ ޓީމުންދޭ އިރުޝާދުތަކުގައި ހިފާ އެއާ އެއްގޮތަށް އަމަލުކުރަން ޖެހެއެވެ. ބޭރު ތެރޭގައި އުޅޭ ވަގުތު މަދުކުރަން ޖެހެއެވެ.

ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތް ނަމަވެސް އިޖްތިމާއީ ގައިދުރުކަން ބަހައްޓާ، މާސްކް އަޅަން ޖެހެއެވެ. ރައްޓެހިންނާ ބައްދަލުކުރުމާއި، ''ގެޓްޓު ގެދަރ'' ޕްލޭން ކުރުން އަދި މަޑުކުރަން ޖެހެއެވެ. އާއިލާ މީހުންގެ ގެތަކަށް ދިއުން މަދުކުރަންޖެހެއެވެ. މިހާރު ދަތުރުކުރަމުންދާ މިސްރާބު ބަދަލު ކުރުމުގައި އާންމު ރައްޔިތުންގެ ދައުރު ވަރަށް ބޮޑެވެ. ބަސް އެހި ވަރަކަށް ނަތިޖާ ރަނގަޅުވާނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
80%
0%
0%
20%
0%
0%
ކޮމެންޓް