ކ. މާލެ
|
9 ޖުލައި 2020 | ބުރާސްފަތި 19:14
މާލޭގެ ވިޔަފާރި ބަނދަރުގައި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ އެމްވީ އައިބީރިއަން އަޅާފައި
މާލޭގެ ވިޔަފާރި ބަނދަރުގައި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ އެމްވީ އައިބީރިއަން އަޅާފައި
ޔޫސުފް ސޮފްވާން ރަޝީދު
އިމްޕޯޓް އެކްސްޕޯޓް ގާނޫނު
ޕްރެޝަރު ބޮޑުވެ، ދުންފަތާއި ރަލުން ޑިއުޓީ ކުޑަނުކުރަން އިސްލާހު ހުށައަޅައިފި
 
އާ އިސްލާހުގައި ވަނީ ދުންފަތާއި ރަލުގެ ބާވަތްތަކުން ޑިއުޓީ ކުޑަނުކުރުމަށް
 
ފާސްވި އިސްލާހު ބަދަލުކުރަން އާ އިސްލާހެއް އިއްޔެ ވަނީ މަޖިލީހަށް ހުށަހަޅާފައި
 
އެ އިސްލާހު ފާސްވީ އެކައްޗެއްގެ ތެރޭގައި ދުންފަތާއި ރަލުގެ ބާވަތްތަކުގެ ވާހަކަ ހިމެނިފައިވުމުން

ރާއްޖެ އެތެރެކުރާ ދުންފަތާއި ރަލުގެ ބާވަތްތަކުން ޑިއުޓީ ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް މުޅި މަޖިލިހުގެ ކޮމިޓީން ފާސްކުރި އިސްލާހު ބަދަލުކުރުމަށް ހުށަހަޅައިފިއެވެ.

އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ގާއިމު ކޮށްފައިވާ ޕޯޓުތަކަށް އެތެރެކުރާ ގިނަ ބާވަތުގެ މުދަލުގެ ޑިއުޓީއިން 50 އިންސައްތަ ކުޑަކުރުމަށް އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހުތައް ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.

އިމްޕޯޓު އެކްސްޕޯޓް ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެމްބަރ މުހައްމަދު ވިސާމްއެވެ. މި އިސްލާހުތައް ދިރާސާކުރުމަށް ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި އިސްލާހު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ.

އަހުމަދު ރަޝީދު ހުށަހެޅުއްވި އިސްލާހުގައި މި ދެ ޕޯޓަށް ގެންނަ މުދަލުގެ ތެރެއިން 50 އިންސައްތަ ކަނޑާލަން ގިނަ ޗެޕްޓަރުތަކެއް ހުށަހެޅުއްވިއެވެ. މިއިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 54 މެމްބަރުންގެ ވޯޓުންނެވެ.

އަހުމަދު ރަޝީދު ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި އުތުރާއި ދެކުނުގެ ބަނދަރުން ޑިއުޓީ ކަނޑާލާ ތަކެތީގެ ތެރޭގައި ކެއުން ބުއިމަށް ބޭނުން ކުރާ ތައްޔާރީ ތަކެތި ހިމެނެއެވެ. އަންނައުނު އުފައްދަން ބޭނުން ކުރާ ކަފަ، އުއި، ރޮދި، އަދި ބަރަންޏާއި ފޮތި ފަދަ ތަކެތި ވެސް މީގެތެރޭގައި ހިމެނެއެވެ.

ނަމަވެސް މި ދެ ބަނދަރަށް ގެނެވޭ ދުންފަތާއި ރަލުގެ ބާވަތްތަކުން 50 އިންސައްތަ ޑިއުޓީ އުނިކުރަން ނިންމު ނިންމުން ބަދަލުކޮށް އާ އިސްލާހެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. މި އިސްލާހު ހުށަހެޅުއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމެވެ.

އިސްލާހާ ގުޅޭގޮތުން ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން ހައިތަމް ވިދާޅުވީ އަންގާރަ ދުވަހު ފާސްކުރި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ގާނޫނަށް ހުށަހެޅުނު އިސްލާހުތަކުގެ ތެރޭގައި ޑިއުޓީ އުނިކުރާ ބައިގައި އެ ބާވަތްތައް ހިމެނިފައިވުމުން ކަމަށާއި، އެ އިސްލާހު ތަޅުމުން ފަސްކުރުމާއެކީ އެކަން ބަދަލު ކުރުމަށް އިސްލާހު ހުށަހަޅާފައިވާނެ ކަމަށެވެ.

ހައިތަމް ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕުގައި ވެސް ދުންފަތާއި ރަލުގެ ބާވަތްތަކުން ޑިއުޓީ ކުޑަކުރުމަށް މަޝްވަރާ ނުކުރާ ކަމަށާއި، 50 އިންސައްތަ ކަނޑާލާ ތަކެތީގެ ތެރެއިން ސިނގިރެޓާއި އެނަރޖީ ޑްރިންކްސް އަދި ރަލުގެ ބާވަތްތަކުން ޑިއުޓީ ކުޑަނުކުރަން ވާހަކަ ދައްކާފައިވާނެ ކަމަށެވެ.

ކުރިން އިސްލާހު އޮތް ގޮތުން ސިނގިރެޓަށް ވެސް އެބަ އާދޭ 50 އިންސައްތައިގެ ލުޔެއް، ނަމަވެސް އެއީ ރަނގަޅުކަމެއް ނޫން. ދެން އެ ދުވަހު މަޖިލީހުގެ ތަޅުމުން އެގޮތަށް ފާސްވި ނަމަވެސް އެއީ މުޅި ރިޕޯޓު ފާސްކުރަން ނިންމީ. އަދި އެ ބާވަތްތަކުން ޑިއުޓީ ކުޑަ ނުކުރަން އިސްލާހު ހުށަހަޅާނެ ކަމަށް ބުނެފައިވާނެ. އިސްލާހު މިހާރު އޮތްގޮތުން ދުންފަތުގެ އެއްވެސް ބާވަތެއް މާލޭގެ ބަނދަރަކަށް ނުބާލާނެ. ހުރިހާ އެއްޗެއް ބާލާނީ އަނެއް ދެ ބަނދަރަށް،
މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް

ދުންފަތާއި ރަލުގެ ބާވަތްތަކުން 50 އިންސައްތަ ޑިއުޓީ މާފުވާ ގޮތަށް އޮތް އިސްލާހު ބަދަލުކުރުމަށް ހައިތަމް ވަނީ ބުދަ ދުވަހު މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފައެވެ.

ހައިތަމް ހުށަހެޅުއްވި އިސްލާހުތަކަކީ، ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް ހިމެނޭ ބަވާތްތައްކުން ޑިއުޓީ ކުޑަ ނުކުރުމަށެވެ. އަދި ވޭޕާއި އީ-ސިނގިރެޓުން ވެސް ޑީއުޓީ ކުޑަ ނުކުރުމަށް އަލުން ހުށަހެޅި އިސްލާހުގައިވެއެވެ.

އޭގެ އިތުރުން، ބަނގުރަލާއި ބަނގުރާ އެކުލެވޭ އެހެނިހެން ބާވަތްތަކާއި، ބަނގުރާ އެކުލެވޭ ވިނިގާއާއި 0.5 އިންސައްތައަށްވުރެ މަދު މިންވަރަކަށް ބަނގުރާ އެކުލެވޭ ބުއިންތަކާއި، ބިއަރާއި، އެނާޖީ ޑްރިންކްސް، ނޮން ސްޕާކްލިންގ ވައިން އިން ވެސް ޑިއުޓީ ކަނޑާނުލުމަށް ހައިތަމް އިސްލާހު ހުށަހަޅާފައިވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
29%
14%
14%
43%
0%
0%
ކޮމެންޓް