ކ. މާލެ
|
9 ޖުލައި 2020 | ބުރާސްފަތި 16:59
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި އދގެ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވޯލް
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި އދގެ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވޯލް
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
28.3 މިލިއަން ރުފިޔާގެ 2 ޕްރޮޖެކްޓްގައި ސަރުކާރާއި އދ. އިން ސޮއިކޮށްފި
 
ދެވަނަ ޕްރޮޖެކްޓަކީ ކޮވިޑް-19 ގެ ނުރައްކާ އޮތް އާބާދީއަށް ސައިކޯ-ސޯޝަލް ސަޕޯޓް ދިނުމުގެ ނިޒާމް ހަރުދަނާކުރުމަށް ހިންގާ ޕްރޮޖެކްޓެއް
 
ފުރަތަމަ ޕްރޮޖެކްޓަކީ ޖޮއިންޓް އެސް.ޑީ.ޖީ ފަންޑުން ޚަރަދުކުރާ ޕްރޮޖެކްޓެއް

ދެ މަޝްރޫއެއްގެ ޕްރޮޖެކްޓް ޑޮކިއުމެންޓްގައި ދިވެހި ސަރުކާރާއި މާލޭގައި ހުންނަ އދ. ގެ އޮފީހުން ސޮއިކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހެނދުނު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި ޑޮކިއުމެންޓްތަކުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. އަދި އދ. ގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ އދގެ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވޯލް އެވެ.

މީގެ ތެރެއިން ފުރަތަމަ މަޝްރޫއަކީ ޖޮއިންޓް އެސް.ޑީ.ޖީ ފަންޑުން ޚަރަދުކުރާ ޕްރޮޖެކްޓެކެވެ. މިއީ އިންޓަގްރޭޓެޑް ނޭޝަނަލް ފައިނޭންސް ފްރޭމްވަރކެއް އޮޕަރޭޝަނަލައިޒް ކުރުމަށް ދެ އަހަރު ދުވަހުގެ މުއްދަތަށް ސަރުކާރާއި، އދ. ގެ އެޖެންސީތަކާ އަދި މަދަނީ ޖަމްއިއްޔާތައް ގުޅިގެން ހިންގާ މަޝްރޫޢެކެވެ.

މި ޕްރޮޖެކްޓަށް 21.6 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެއެވެ. މިއީ މޫސުމީ ބަދަލުތަކާއި، އިޖްތިމާޢީ މުހިއްމު ކަންކަމަށް ފައިސާ ހަމަޖެއްސުމުގައި މާލީ ރޭވުންތެރިކަން އިތުރަށް ހަރުދަނާކުރުމަށް ހިންގާ ޕްރޮޖެކްޓެކެވެ. މި މަޝްރޫއަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ސަރުކާރުން ކުރަމުންދާ ދުރުރާސްތާ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު އެހީއެކެވެ.

ދެވަނަ މަޝްރޫއަކީ ކޮވިޑް-19ގެ ނުރައްކާ އޮތް އާބާދީއަށް ސައިކޯ-ސޯޝަލް ސަޕޯޓް ދިނުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އދ. އާއި ދިވެހި ސަރުކާރުން ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޔޫއެން ކޮވިޑް ރެސްޕޯންސް އެންޑް ރިކަވަރީ މަލްޓި-ޕާޓްނަރ ޓްރަސްޓް ފަންޑުންނެވެ.

ކުރިއަށް އޮތް ފަސް މަސް ދުވަހުގެ މުއްދަތަށް، ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގައި އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުގަޔާއި، ވަލްނަރަބަލް ކޮމިއުނިޓީއަށް ސައިކޯ-ސޯޝަލް ސަޕޯޓް ދިނުން އިތުރަށް ހަރުދަނާކުރެވޭނެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި އދ. ގެ ފަރާތުން ފޯރުކޮށްދިން މި އެހީތެރިކަމަށް އެޖަމާޢަތަށް ޝުކުރު އަދާކުރައްވާފައެވެ.

އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރ ވަނީ ކޮވިޑް އިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގަޔާއި، 2030 އެޖެންޑާ ހާސިލްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އިތުރަށް ހަލުވިކުރުމަށް އދ. ގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް