ކ. މާލެ
|
9 ޖުލައި 2020 | ބުރާސްފަތި 14:40
ބުދަ ދުވަހު ބޭއްވި އިޖުތިމާޢީ ކޮމިޓީގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
ބުދަ ދުވަހު ބޭއްވި އިޖުތިމާޢީ ކޮމިޓީގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
މަޖިލިސް
އެފްއޭއެމްގެ ކުއްލި މައްސަލަ
އެފްއޭއެމްގައި ކޮރަޕްޝަނުގެ އަމަލުތަކެއް ނުހިނގާ: ބައްސާމް
 
"އެފްއޭއެމަކީ ގަވާއިދުން އޮޑިޓް ހެދެމުންދާ އިދާރާއެއް"
 
އެފްއޭއެމްގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީއަށް ބައްސާމް ހާޒިރުވެވަޑައިގެންނެވީ ބުދަ ދުވަހު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި ކޮރަޕްޝަނުގެ އަމަލުތަކެއް ނުހިނގާ ކަމަށް އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީން އަންނަނީ ބަލަމުންނެވެ. މި މައްސަލައަކީ ކުޅިވަރާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނާއި އެއްގޮތަށް އެފްއޭއެމާ ދޭތެރޭގައި ފިޔަވަޅު އަޅާފައި ނުވާތީ، އެފްއޭއެމްއާ ދޭތެރޭގައި ޤާނޫނުގައިވާ ގޮތަށް ފިޔަވަޅު އަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައެކެވެ.

މި މައްސަލަ އިޖުތިމާޢީ ކޮމިޓީން ބަލަމުން އަންނައިރު، ބުދަ ދުވަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންފައެވެ.

މި ކޮމިޓީގައި ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ތެރޭގައި ހިނގާ ކަމަށް ބުނާ ކޮރަޕްޝަނުގެ އަމަލުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެތަނުގައި ނުރަނގަޅު ކަމެއް ހިނގިޔަ ނުދޭނެ ކަމަށާއި އެފްއޭއެމަކީ ގަވާއިދުން އޮޑިޓް ހެދެމުންދާ އިދާރާއެއް ކަމަށްވެސް ވިދާޅުވިއެވެ.

ކޮރަޕްޝަނުގެ ހަޑި މުޑުދާރު އަމަލުތައް އެތާ ތެރޭގައި ހިނގާ ވާހަކަ، އަޅުގަނޑު ޔަގީންކަން ދެން ކޮންމެ އަހަރަކުވެސް ތިން ފަރާތަކުން އަޅުގަނޑުމެންގެ އޮޑިޓުތައް ހެދިގެންދާނެ. ފީފާގެ ފަރާތުން އޮޑިޓް ހެދޭނެ. އޭއެފްސީގެ ފަރާތުން އޮޑިޓުތައް ހެދިގެން ދާނެ. އަދި އަޅުގަނޑުމެން އައްޔަން ކޮށްފައިވާ އޮޑިޓަރުގެ ފަރާތުން ކޮންމެ އަހަރަކުވެސް ހެދިގެންދާނެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ބައްސާމް އިތުރަށް ވިދާޅުވީ އެފްއޭއެމް ތެރޭގައި ނުރަނގަޅު އެއްވެސް އަމަލެއް ހިންގިޔަކާ ނުދޭނެ ކަމަށާއި، އެ އިދާރާ އަބަދުވެސް މަސައްކަތް ކުރާނީ ފީފާ އާއި އޭއެފްސީގެ ގަވާއިދުތަކާއި ރާއްޖޭގެ ހެދިފައި އޮންނަ ކުޅިވަރުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށެވެ. އަދި އެފްއޭއެމްގެ ހުރިހާ އޮޑިޓެއްވެސް އެ އިދާރައިގެ މެންބަރު ކުލަބުތަކަށާއި، އެ އިދާރައިގެ ބެލެނިވެރި ފަރާތް ކަމަށްވާ ސްޕޯޓްސް ކޮމިޝަނަށް ގަވާއިދުން ހިއްސާ ކުރަމުންދާ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

އެފްއޭއެމް ތެރޭގައި ނުރަނގަޅު އެއްވެސް އަމަލެއް ހިންގިޔަކާ ނުދޭނަން. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ ފީފާ އާއި އޭއެފްސީގެ ސްޓެޓިއުޓްސް އާއި ރާއްޖޭގެ ހެދިފައި އޮންނަ ކުޅިވަރުގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށް.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

އެފްއޭއެމްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަމުން އަންނައިރު، ބުދަ ދުވަހު ބައްސާމް ވަނީ އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ އުސޫލުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް އެއްބާރުލުން ދޭން ތައްޔާރު ކަމަށް ވިދާޅުވެފައެވެ.

އެކަމަކު އޭގެ ކުރިން ބައްސާމް ވަނީ އެފްއޭއެމްގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ނުބެލޭނެ ކަމަށާއި، އެއްވެސް މައްސަލައެއް ބަލާނަމަ ސްޕޯޓްސް ކޮމިޝަން މެދުވެރިކޮށް އެކަކުރަން އެފްއޭއެމުން އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް