ކ. މާލެ
|
9 ޖުލައި 2020 | ބުރާސްފަތި 17:47
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން
ރާއްޖެއެމްވީ
މޫސުމަށް އަންނަ ބަދަލުތައް
ރަށްރަށުގެ ގޮނޑުދޮށްތައް ސަލާމަތްވާނީ ބަނދަރު ހަދާފައި އޮތުމުން: ޑރ. އަބްދުﷲ ނަސީރު
 
މިއަހަރު ތަންކޮޅެއް ބޮޑަށް އަދި ރަށްރަށުގެ އެތެރެއަށް އުދަ އަރާފައިވޭ
 
ތިމާވެއްޓާ އެންމެ ރަށްޓެހި ގޮތެއްގައި އެމަސައްކަތް ކުރަން ޖެހޭ
 
ކޮންމެ ސަރުކާރެއް އޮތްކަމުގައި ވިޔަސް ތަރައްގީގެ މަޝްރޫއުތައް ހިންގަންޖެހޭ

މޫސުމަށް އަންނަ ބައެއް ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ރާއްޖޭގެ ބައެއް ރަށްތައް ސަލާމަތްވާނީ، ބަނދަރު ހަދާފައި އޮތުމުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޑރ. އަބްދުﷲ ނަސީރު ވަނީ ތިމާވެއްޓާ ރައްޓެހި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އެގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެއްޓާ އެންމެ ރަށްޓެހި ގޮތެއްގައި އަދި ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށް އިންފްރާސްޓަކްޗަރ މަޝްރޫއުތައް ހިންގުމަށް މަސައްކަތް ކުރާ ކަން ފާހަގަކުރެއްވިއެވެ.

ރަށެއްގައި ބަނދަރެއް ހިންގުމަށް ހިންގާ މަޝްރޫއަކުން މިސާލެއް ނަންގަވާ މިނިސްޓަރ ވިދާޅުވީ، ކޮންމެ ރަށެއްގައި ވެސް ބަނދަރު ހަދަނީ ގެއްލުވާނެކަން އެނގިތިބެ އެންމެ ގެއްލުން ކުޑަވާނެ ގޮތް ބެލުމަށްފަހު އެގޮތަކަށް ކަމަށެވެ.

އެގޮތުން ބަނދަރެއް ޑިޒައިން ކުރާއިރު ވެސް ޑިޒައިން ކޮށްފައި އޮންނަނީ، އެ އަތޮޅެއްގައި އަދި އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނާއި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، އެ ރަށެއްގެ ބަޔަކު ރަށުން އަރާފައިބަން އާންމުކޮށް ބޭނުންކުރާ ސަރަހައްދުތައް އޮޅުންފިލުވުމަށް ފަހު ކަމަށް ވިދާޅުވިއެވެ.

ބައެއް ރަށްރަށަށް ލަފާފުރަން ވަރަށް ދަތިކަން ފާހަގަކުރައްވާ ޑރ. ނަސީރު ވިދާޅުވީ، އެ ރަށްރަށުގައި ދިރިއުޅުމަށްޓަކައި ބަނދަރު ވަރަށް މުހިންމު ކަމަށެވެ. އަދި މިފަދަ ބައެއް ރަށްތަކުގައި ބަނދަރު ހެދުމުގެ ސަބަބުން، އެހެނިހެން ގުދުރަތީ އާރައްކާތަކުން ރައްކާތެރިކޮށްދޭ ކަމަށް ވެސް ވިދާޅުވިއެވެ.

ބަނދަރު ހަދަން ބަލާއިރު ބައެއް ރަށްރަށުގައި ގުދުރަތީ ގޮތުން ބަނދަރު އުފެދިފައި ހުރެދާނެ ވިލުތަންކޮޅެއް ކައިރީގައި ހުންނަ ތަންތަން ވެސް. އަނެއް ބައި ރަށްރަށަކީ އަރާ ފޭބުމަށް އިންތިހާއަށް ބޮޑުވެފައި އަދި އެތައް ދުވަސްތަކެއްގެ ތެރޭގައި އަޅުގަނޑުމެން ހައްލު ކުރަމުން އަންނަ ކަންކަން. ދެން އަނެއް ގޮތުން ބަލާއިރު ބުނެވިދާނެ ބަނދަރުތައް ރަނގަޅު ގޮތުގައި ހެދިއްޖެއްޔާ މިހާރު މިގޮތަށް އަންނަ ތޫފާނެއްގެ ސަބަބުން އަޅުގަނޑުމެންނަށް ކުރިމަތިވާ ކަމެއް އިދާރާއިން ކަމަށް ވިޔަސް މިކަހަލަ ކަންކަން ދިމާވުމުގައި މޫސުމަށް އަންނަ ބަދަލުތައް ކޮންމެވެސް ރައްކާތެރިވާން ވެސް އޮތްތަނަކީ ބަނދަރު އެނގޭތޯ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަސީރު

މިހާރު ރަށްރަށުގައި ހިންގާ މަޝްރޫއުތައް ނިމުމުން ލިބެނީ ވަގުތީ ހައްލެއް!

ރަށްތައް ގުޅުވުމަށް ގާއިމްކުރެވޭ ކޯސްވޭތަކާ ގުޅޭގޮތުން ޑރ. ނަސީރު ވިދާޅުވީ ބައެއް ކޯސްވޭތައް ގާއިމް ކުރެވުނު ގޮތުން ބޮޑެތި މައްސަލަތައް ފެންމަތިވެ، އެކަމުގެ ގެއްލުންތައް ކުރިމަތިވި ކަމަށެވެ. އެގޮތުން މަޑަވެލި ހޯޑެއްދޫގެ ކޯސްވޭ ޑރ. ނަސީރު ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތަކުގެ ތަޖުރިބާގެ އަލީގައި، މިފަދަ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ކުރިން ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަގޮތެއް ދެނެގަނެ، އެގޮތަކަށް މަސައްކަތްކުރައްވާ ކަމުގެ ޔަގީންކަން ޑރ. ނަޒީރު އެރުވިއެވެ.

ޑރ. ނަސީރު އިތުރަށް ވިދާޅުވީ، ދާއިމީ ހައްލެއް ނުލިބުނު ކަމުގައި ވިޔަސް، މިހާރު ބައެއް ރަށްރަށުގައި ގާއިމް ކުރެވޭ ފެން ހިންދާ ނިޒާމާއި، ފެނާއި ނަރުދަމާގެ ނިޒާމު އަދި މަގު ހެދުމުގެ މަޝްރޫއުތަކުގެ ސަބަބުން ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ރަށްރަށުގެ ގުދަރަތީ ވެށި ދެނެގަތުމުގެ ގޮތުން ދިރާސާތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ވަކިވަކި ރަށްރަށަށް އަމާޒުކޮށްގެން ކުރެވިދާނެ ކަންކަން ކުރެވޭނެ. މިހާރު އަޅުގަނޑުމެންގެ ވިސްނުން މިހުރީ މީހުން އުޅޭ 186 ރަށުގައި ވެސް އަޅުގަނޑުމެން ސަރވޭތައް ކޮށް މިދެންނެވި ގޮތަށް ރާޅު ބާނީ ހުންނަ ގޮތަށް އެރާޅުގެ އަސަރު ހުންނަ ގޮތާއި އެއްޗެހީގެ މައްޗަށް ބިނާކޮށް އެ ރަށްރަށަށް ހިމާޔަތް ކުރުމުގައި ކުރަންޖެހޭ ކަންކަން ކުރުން. ދެން މިހެން ރާޅު ބޮޑުވެ އުދަ އެރީމަ ހަމައެކަނި އަތިރިމަތީގައި ހުންނަ އިންފްރާސްޓަކްޗަރ އަކަށް ވަގުތީ ގެއްލުމެއް ނޫން މިވަނީ އެއް. ފެން ހިނދިގެންދާއިރުގަ ފެން ވެސް ލޮނުވޭ. ފެން ލޮނުވާތީ ވެސް ކަންކަން ކުރަންޖެހޭ. އެހެންވީމަ ރަށްރަށުގައި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ވެސް މިދެނީ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަސީރު

އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު ބައެއް ރަށްރަށަށް އާދަޔާ ޙިލާފަށް އުދަ އެރުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރަށްރަށުގެ ގޮނޑޮދޮށް ގިރައިގެން ދިއުމުގެ ހާދިސާތަކާއި، ފެންބޮޑުވުމުގެ އެތައް ހާދިސާއެއް ވަނީ ފެންމަތިވެފައެވެ.

މިދިއަ މެއި މަހުގެ ތެރޭގައި ގަދަ ވަޔާއެކު ރާއްޖެއަށް ކުރި ވިއްސާރައިގައި ގެއްލުންތައް ކުޑަކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ އެންވަޔަރަމަންޓް ކޮމިޓީން އެކުލަވާލި ރިޕޯޓެއްގައި ވަނީ ރަށްރަށުގެ ވެއްޓަށް ބަދަލު ގެނެވޭއިރު، ގުދުރަތީ މުހިއްމު ސިފަތަކަށް ބަދަލު ނާންނާނެ ގޮތަކަށް ކަންކަން ރޭވުމަށް ހުށައަޅާފައެވެ.

ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ، މިފަދަ ގެއްލުންތަކުން ސަލާމަތްވުމަށް އެކަށީގެންވާ ވަރުގެ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ބަލަންޖެހޭ ވަރަށް ނުބެލި ނުވަތަ ގަސްތުގައި ހިންގާފައި ހުރި ބައެއް ކަހަލަ ނުރަނގަޅު މަޝްރޫއުތަކުގެ ސަބަބުން، އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުން ތިމާވެއްޓަށް ލިބިފައިވާ ކަމަށް ވެސް އެ ޖަމިއްޔާތަކުން ވަނީ ތުހުމަތުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް