ކ. މާލެ
|
8 ޖުލައި 2020 | ބުދަ 16:13
މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ ސެކުލޮސްކީ އުފުލާލަނީ
މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ ސެކުލޮސްކީ އުފުލާލަނީ
މާޒިޔާ ސްޕޯރޓްސް ކްލަބް
މާޒިޔާއަށް ކޯޗަކު ހަމަޖެއްސުން
މާޒިޔާއިން ދިވެހި ދެ ކޯޗަކާއެކު މަޝްވަރާ ކުރަނީ
 
މިހާތަނަށް މާޒިޔާއަށް ފުރަތަމަ ޑިވިޝަނުގައި އިރުޝާދު ދީފައި ވަނީ ދިވެހި ދެ ކޯޗުން
 
މަރްޖާން ސެލުކޮސްލީގެ އެއްބަސްވުން ހަމަވުމާއެކު، އޭނާ މިހާރު ވަނީ އެނބުރި ގައުމަށް ގޮސްފައި

މެސެޑޯނިއާގެ މަރްޖާން ސެލުކޮސްލީގެ ބަދަލުގައި ކުރިއަށް އޮތް ސީޒަނުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ބެންޗުން ފެންނާނީ ދިވެހި ކޯޗެއް ކަމަށް އެ ކްލަބުން ބުނެފިއެވެ.

މާޒިޔާއާއެކު ސެކުލޮސްކީ ހަދާފައިވާ އެއްބަސްވުން ހަމަވުމާއެކު، އޭނާ މިހާރު ވަނީ އެނބުރި ގައުމަށް ގޮސްފައެވެ. މި ދަނޑިވަޅުގައި ސެކުލޮސްކީގެ އެއްބަސްވުން އާ ނުކުރަން މާޒިޔާއިން ނިންމީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ކްލަބަކަށް ދިމާވެފައިވާ މާލީ ދަތިތަކާ ގުޅިގެންނެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތު ދެމުން މާޒިޔާގެ އޮފިޝަލަކު ބުނީ ސެލުކޮސްލީގެ ބަދަލުގައި އަންނަ ސީޒަނަށް ދިވެހި ކޯޗަކުގެ މާޒިޔާއަށް ހަމަޖެއްސުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ދެ ކޯޗަކާއެކު މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށްވެސް ވަނީ ބުނެފައެވެ. އެކަމަކު އެއީ ކޮން ކޯޗުންނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އަންނަ ސީޒަނަށް ކޯޗަކު ހަމަޖެއްސުމަށް މާޒިޔާއިން މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމަށް އެންމެ ފުރަތަމަ އޮންނާނީ އޮކްޓޫބަރު މަހު 23 ވަނަ ދުވަހު ފަށާ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުތަކެވެ. ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ން މަސައްކަތްކުރަނީ ޑިސެމްބަރު މަހުގައެވެ.

މާޒިޔާއިން ދިވެހި ކޯޗަކު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނައިރު، މިހާތަނަށް އެ ކްލަބަށް ފުރަތަމަ ޑިވިޝަނުގައި އިރުޝާދު ދީފައި ވަނީ ދިވެހި ދެ ކޯޗުންނެވެ. އެއީ އިސްމާއިލް މަހަފޫޒް (އިންމަ) އާއި އަލީ ސުޒޭނެވެ.

މާޒިޔާއިން ސެކުލޮސްކީ ދޫކޮށްލިއިރު، އެ ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބިދޭސީ ކޯޗަކަށް ގެނައީވެސް ސެކުލޮސްކީއެވެ. 2017 ވަނަ އަހަރު އެންމެ ފުރަތަމަ ސެކުލޮސްކީ މާޒިޔާގެ ކޯޗަކަށް ހަމަޖެއްސިއިރު، އެފަހަރު ސެކުލޮސްކީގެ އިރުޝާދުގެ ދަށުން މާޒިޔާއިން ވަނީ މާލޭ ލީގު ކާމިޔާބުކޮށްފައެވެ. މާޒިޔާއިން ދެވަނަ ފަހަރަށް ސެކުލޮސްކީ ގެނައީ މިދިޔަ ސީޒަނުގައެވެ.

އެގޮތުން މިދިޔަ ސީޒަނުގައި މާޒިޔާއިން ވަނީ ސެކުލޮސްކީގެ އިރުޝާދުގެ ދަށުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން އޭއެފްސީ ކަޕްގެ ކޮލިފައިން ކާމިޔާބުކޮށް ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް